Skip to main content

6-ވެރިއެއްގެ ނިމުން
މުހައްމަދު ނަޝީދު އަންނި
ތުއްތީދިބެއަކީ (ދަނޑިކޮށީގެ ހަސަން ފާމުލަދޭރި ތަކުރުފާނުގެ އިބްރާހިމް ޒަކީ) މުހަންމަދު ޒަކީއާއި އަހްމަދު ޒަކީގެ ބައްޕައެވެ. މާލޭގައި ނަގާކިޔާ މަތީ މެދު ފަންތީގެ މީހެކެވެ. މާލެ ނޫނަސް އަތޮޅުތަކުގެ ތެރޭގައިވެސް ތުއްތީދިބޭގެ ރަޙްމަތްތެރިން ބައިވަރެވެ. ދަނޑިކޮށީގެއަކީވެސް މެމްބަރުން ގިނަ، ބޮޑު އާއިލާއެކެވެ. ތުއްތީދިބޭގެ ކުދިންނަށް އަންނާން އޮތް ވެރިކަން ކަކާގޭ ފަރާތަށް އެނބުރި، ތުއްތީދިބޭގެ ކުދިންނަށް ދެރަގޮތްވެ، މިކަންކަން މިމަގުން ހިނގާން ފެށުމުން، އެންމެ ފުރަތަމަ ޙަރަކާތްތެރިވާން ފެށީ ތުއްތީދިބެ އެވެ. އެއަށްފަހު ތުއްތީދިބޭގެ ބޭފުޅުންނެވެ. އެއަށްފަހު އެބޭފުޅުންގެ ތިމާގެ ބޭފުޅުންނެވެ.
ވެރިކަމުގެ ފަރާތަށް ހަޖޫޖަހާ ފާޑުކިޔާ ހެދުމަކީ ބޮޑުންގެ އާދައެކެވެ. އެހެންނަމަވެސް، މިއާ ޚިލާފަށް، ވެރިކަމެއް ވައްޓާލަން ރޭވުމަކީ، އެހެން ޒާތެއްގެ ކަމެކެވެ. ބުނާމީހުން ބުނަނީ، ތުއްތީދިބެ، ވެލާނާގޭ އިބްރާހިމް މުހަންމަދު ދީދީ އަރިހުގައި، މުހަންމަދު އަމީނު ވެރިކަމުން ދުރުކުރުމުގެ ވާހަކަ، އެންމެ ފުރަތަމައަށް ދެކެވުމުން، އެކަމާ ވެލާނާގޭ އިބްރާހިމް ދީދީ ފިސާރި ކޯފާ އިސްކުރެއްވި ކަމަށެވެ. މުހަންމަދު އަމީން ވެރިކަން ކުރައްވާގޮތަށް އެހެން މީހުންނަށް ވެރިކަން ނުކުރެވޭނެ ކަމަށް ވިދާޅުވިކަމަށް ވެއެވެ. އެއީ ވެލާނާގޭ އިބްރާހިމް ދީދީގެ ފުރަތަމަ ރިއެކްޝަނެވެ. އެހެންނަމަވެސް، ކަންވަމުންދާ ގޮތާއިމެދުގައި ހިތްޕުޅު ހަލާލު ކުރައްވައިގެން ހުންނެވެން ނެތްކަން އިބްރާހިމް ދީދީއަށްވެސް އެނގިވަޑައިގަންނަވައެވެ.
ތުއްތީދިބޭގެ ހުށަހެޅުންތައް ގިނަވާން ފެށުމުން، އިބްރާހިމް ދީދީވެސް، ތުއްތީދިބޭގެ ފަރާތަށް ލެނބިވަޑައިގަންނަވާން ފެއްޓެވިއެވެ. އެއަށްފަހު، ސައްލާވެރިންގެ ބައި ވަރަށް ބޮޑުވެއްޖެއެވެ. ފުރަތަމަ އިސްކޮށް، އިބްރާހިމް ދީދީއާއި ވާހަކަ ދެއްކެވީ ތުއްތީދިބެއެވެ. އެއަށްފަހު ދެ ޒަކީއާއި، އިބްރާހިމް ނާސިރުއާއި، ހުސެން ހަބީބުއާއި ގިރީތެރޭގެ އަހްމަދު ކަމާލު ފަދަ ޒުވާން ޕާޓީއެއް، މިރޭވުމުގެ ތެރެއަށް ވަދެވަޑައިގެންފިއެވެ. މި އިސްބޭފުޅުންގެ އިތުރުން، ދަށުދަރަޖައިގެ އެތައް ބައެއް، އެޕާޓީ ތެރެއަށް ވަދެއްޖެއެވެ. ކުޑަހުއްތު މުހަންމަދު ދީދިއާއި ބަނޑުފަޑިއްގޭ އިބްރާހިމް މަނިކު ފަދަ ބޭކަލުންނެވެ. މީގެ ތެރޭގައި ގުޅީ އީސަ ކަލޭފާނު، ޑާޑާ ޤާސިމް، ޖާރިޔާ މޫސާ ކަލޭފާނު، ފެހި އިބްރާހިމް ކަލޭފާނު، ޒަކަރިއްޔާ ހަސަން ކަލޭފާނު، ހީނާޑި އިދުރީސް، އަދި ރަންވިއްކާ އަބްދުﷲ ފަދަ މީސްމީހުންވެސް ހިމެނެއެވެ.މާޖެހިގޭގެ އިތުރުން، ޚާއްޞަކޮށް މާފަންނުގެ އެކިއެކި ގޭގޭގައި، މުހަންމަދު އަމީނުގެ ވެރިކަން ބަދަލު ކޮށްލުމުގެ ސައްލާތައް ވެވެން ފަށައިފިއެވެ. ދުވަހެއް ދުވަހަކަށް މިޕާޓީ ދިޔައީ ބޮޑުވަމުންނެވެ. އެންމެފަހުން، އެއްގަމުގޭ އިބްރާހިމް ފާމުލަދޭރި ކިލެގެފާނު އާއި، ބަގީޗާގޭ އިބްރާހިމް ޝިހާބު ފަދަ ބޭފުޅުންވެސް މުހަންމަދު އަމީނުގެ ވެރިކަން ބަދަލުކުރުމާއިމެދު އެއްބަސް ވެވަޑައިގަތީއެވެ.
މުހަންމަދު އަމީނުގެ ވެރިކަން ބަދަލުކުރުމަށް ރޭވި ބޭފުޅުންގެ އެންމެ އިސް އެއް ރޭވުމަކަށްވެފާ އޮތީ ފުރަތަމައަށް ގަޑުބަޑު ފެށުމަށްފަހުގައި މުހަންމަދު އަމީނަށް އެގަޑުބަޑުގެ އެއްވެސް ޚަބަރެއް ނުދާނެ ގޮތަކަށް ކަންތައް ރޭވުމެވެ. އެހެންކަމުން ވަޔަރލެސް އޮފީހުގެ ތަޅުދަނޑި އިބްރާހިމް ދީދީގެ ބެލުމުގެ ދަށަށް ނުގެނެސް، އެއްވެސް ޙަރަކާތެއް ހިންގޭކަށް ނޯންނާނެއެވެ. އެ ތަޅުދަނޑި ބާއްވާފައި އޮންނަނީ، މާލޭ ކަސްޓަމުގައެވެ. ވަޔަރލަސް އޮފީސް ހިންގަވަނީ، ވުޒާރަތުލް މުވާޞަލާތުގެ ދަށުންނެވެ. ވަޒީރަކީ ޙަސަން އަލި ދީދީއެވެ.
21 އޯގްސްޓް 1953 ވީ ހުކުރު ދުވަހު ހެނދުނު ދިހައެއް ޖެހިއިރު، ވެލާނާގޭ އިބްރާހިމް ދީދީ އެ ތަޅުދަނޑި ގެއަށް ގެންދަވައިފިއެވެ. ދެން އެމަންޒަރު ދުށް ލިޔުން ތެރިއެއް، ސަރުކާރުގެ ޚަބަރުގައި ލިޔުއްވަނީ، އެދުވަހަކީ:
“މޫސުމުގެ ގޮތުން ބަލާއިރު، ވަރަށްވެސް އާދައިގެ ދުވަހެކެވެ. ވައިރޯޅި ހެޔޮވަރަށް ޖެހެއެވެ. ޖައްވަކީ، ފުރަމާލެއަށް ކޮންމެ ދުވަހެންމެ ދައްކާ އާދައިގެ ޖައްވެކެވެ.

“އިރުއަރާ ދެގަޑިއެއްހާއިރު ވެއަތުވެގެންގޮސް، ތިންވަނަ ގަޑީގެ ތެރެއަށް އެޅެމުން ދެއެވެ. މާލޭގެ މަގުތައް މަތީން ފެންނަނީ، އެފަދަ ކޮންމެ ހުކުރު ދުވަހެއްގެމެ، އެފަދަ ވަގުތަކަށް ވެރިވެފައި އޮންނަ ބޭހަރަކާތްތެރި ކަމެވެ….. ނަމަވެސް، ކަންކަމާއިމެދު އަބަދުވެސް ވަސްވާހުގެ ލޮލުން ބެލުމުގެ އައުޝާބް ލިބިފައިވާ މީހަކަށްނަމަ، ޖައްވުގެ ތެރޭގައި، އަތުވެދާނޭ އާސިފައެއްގެ އިންޒާރީ ނިޝާންތައް އުޅޭ ކަންވިސްނޭ ފަދަ މަނާލިރް ފެނެއެވެ.

“އާދޭހެވެ! ކަންވީވެސް އެހެންނެވެ. ދުވަހުގެ އިރު މެންދުރާއި ކައިރުވަމުން ދިޔަދިޔަހެން މިދެންނެވި ނިޝާންތައް ދިޔައީ ފެތުރެމުންނެވެ. އަޑުތައް ވަރަށް ހިމަހިމަ ގޮތެއްގައި ނަމަވެސް ފޫދި، އިވެމުންނެވެ. އާދައިގެ ގޮތެއްގައި ތުންގުޅާލާފައި ތިއްބާ ނުފެންނާނޭ ވައްތަރެއްގެ ދޭދޭ މީހުން ބައެއް މަގުމަގުން ފެނެއެވެ. ރައްޓެހީން، އެކުވެރީން، ސިއްރުވެރީން، ވައި އަޑުން “މިއަދު ހުކުރުގެ ފަހުގައި… ؟!”

“ޞަލަވާތް ކިޔުއްވާ ދުޢާ ކުރައްވާ، އަލްފާތިޙާ! ‘އާދޭހެވެ! ހުކުރު ނަމާދަށްފަހު، ކިޔުން އާދަވެފައިވާ ތާނިޔާއާއި ވިދިގެން ކުރެވުނު ދުޢާގެ ޙަމްދު އިމާމު އަޅުއްވައިފިއެވެ. އެންމެ ފުރަތަމަ މަޑުމަޑުންނެވެ. ހީއެއްގެ ގޮތުގައެވެ. އެއަށްފަހު ޝައްކެއް، ވަސްވާހެއް ނެތް ގޮތުގައި، އިވުނު އަޑު، ގަދަވެ އެކުލަވައިފިއެވެ. ކޮން އަޑެއްތޯއެވެ؟ ކޮންމެވެސް ތަނަކަށް ބަޔަކު އެއްވެ، އާދައާއި ޚިލާފަށް ގަދަވަމުންދާ އަޑެކެވެ.

“ގިނަ މީސްތަކުންނެކޭ އެއްފަދައިން، އަވަސްއަވަހަށް، ހުކުރު މިސްކިތުން ފައިބައިގެން އަޅުގަނޑުވެސް މިސްރާބް ޖެހީ، އިވޭ އަޑާއި ދިމާއަށެވެ. އަޑު އަންނަ ފަރާތަކީ، ޒަމާނުއްސުރެ، އެފަދަ އަޑުތައް އެހުން އާދަވެފައިވާ، ފުރަމާލޭގެ ގުޅަކުޅޭ ފަސްގަނޑެވެ.
“ވަރަށް ހަރުކޮށް ހިނގަމުން އައިސް ގުޅަކުޅޭ ފަސްގަނޑު ތެރެއަށް ވަތްއިރު، ދިވެހި ރައްޔިތުންގެ ވަރަށް ގިނަ ބައަކު، ސިފައިންގޭގެ ކުރިމަތީގައި އެއްވެ ތިބޫއެވެ. ކިޔާ އެއްޗެއް ސާފުކޮށް އެނގޭ ވަރަށްވުރެ، އަޑުތައް ތަފާތުވެފައި ގަދައެވެ. ފޫދެމުން ކަހަލަ ގޮތަކަށް، ތަންކޮޅެއް ކައިރި ކޮއްލިއިރު، ސިފައިންގެ ދޮރުމަތީގައި، ދަޢުލަތް ހިންގެވުމާއި އެހިނދު ޙަވާލުވެ ހުންނެވި، ވެލާނާގޭ ސާޙިބުލް މަޢާލީ އިބްރާހިމް މުހަންމަދު ދީދީއާއި، އަދިވެސް، ދަޢުލަތުގައި ކުރިއަށް ތިއްބެވި ބައެއް ބޭފުޅުން ތިއްބެވިއެވެ.

“މިހާރު ގުޅަކުޅޭ ފަސްގަނޑު ފުރި ބާރުވެއްޖެއެވެ. އަޑުތައް ގަދަ ނަމަވެސް، އެއް އަޑަކަށް ވެއްޖެއެވެ. އަނެއްކާވެސް އަޑަކީ ތޯއެވެ؟ އާދޭހެވެ!… ދިވެހި އުއްމަތުގެ އިއުތިބާރު ޖުމްހޫރިއްޔަތުގެ ރައީސް އަލްއަމީރު މުހަންމަދު އަމީންގެ މައްޗަށް، މުޅިން ނެތި ހިނގައްޖެއެވެ. މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކާއި އަދުލު އިންސާފާއި، ޤައުމުގެ މިންވަރާއި އޭނާ ޚިލާފްވެ ވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ދިވެހި ރައްޔެތުން އެ ރައީސްގެ ވެރިކަމެއް ބޭނުމެއް ނޫނެވެ. ދިވެހި ޤައުމު، ޖުމްހޫރިއްޔަތެއް ނޭދެއެވެ. އެއާއެކު، ޖުމްހޫރިއްޔަތުގެ ވެރިކަމުގައި، ދައުލަތުގައި ކުރިއަށްތިބި ބައެއް މީހުންނާއި، ރައްޔިތުން ވަކިވެއްޖެއެވެ… ރައްޔިތުން އެދެނީ، އެކި ރޮނގުން އެކި ސިފަ ސިފައިގައި، މުހަންމަދު އަމީންގެ ވެރިކަމުގައި ޤައުމަށް ލިބުނު އަނިޔާއާއި، ދުއްތުރާތަކުން ރާއްޖެ ސަލާމަތް ކޮށްދެއްވުމަށް، އެއްގަމުގޭ ސުމުއްވުލް އަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި، ވެލާނާގޭ އަލްފާޟިލް އިބްރާހިމް މުހަންމަދު ދީދީ، ދައުލަތުގެ ވެރިކަން ސަމާލު ކުރެއްވުމަށެވެ.

“ދުވަހުގެ އިރު، އޭގެ ތަބީޢީ ޤާނޫނުގެ މަތިން ތިރިވަމުން ދެއެވެ. ލަސްތަކެއް ނުވެ އިވޭން ފެށީ، ރައްޔިތުން ނުރުހޭ، ރައްޔިތުންނާއި ވަކިކޮށް ދެއްވުން އެދޭ ބައެއްގެ ނަންތައް އެކުލެވިގެންވާ ލިސްޓެކެވެ.
“އާދޭހެވެ! އެހިނދު ރާޢްޖޭގެ ފަނޑިޔާރަކު ކަމުގައި ހުންނެވި އައްޝައިޚް އަބްދުﷲ ޖަލާލުއްދީން އޭރުގެ ވަޒީރުލް ތިޖާރާ އަލްފާޟިލް ކުޑަ ދަހަރާގޭ އިބްރާހިމް ދީދީ، އެއިރުގެ ވަޒީރުލް މުވާޞިލާތު އަންނަބީލް ހަސަން އަލި ދީދީ، ހެންވޭރު އަވަށު ވެރިކަމުގައި ހުރި އަލް މުހްތަރަމް ހަސަން ރަނަހަމާންތި ކަލޭގެފާނު، ކެރަފާ މުހަންމަދު ކަލޭގެފާނު، މައިޒާންދޮށުގޭ މުހައްމަދު މަނިކު، ސިފައިންގެ ސަރުދާރަކު ކަމުގައި ހުރި ބަންދު މުހަންމަދު ކަލޭގެފާނު، އޭނާގެ ކޮއްކޮ ބަންދު މޫސާ ކަލޭގެފާނު، ބޮޑު އިސްޓޯރުގެ މެނޭޖަރު، ކުޑަ އިބްރާހިމް މަނިކު، ބަންޑާރަ ނާޢިބުގެ ދެ މުޢާވިން އަކު ކަމުގައިވާ ފާމުދޭރިގޭ އަހުމަދު އަލި ދީދީ އާއި އުގުލު މޫސާ ކަލޭގެފާނު، މިދެންނެވި ލިސްޓްގައި ހިމެނިގެންވެއެވެ.

“އަޅުގަނޑުމެންނަށް ފެންނަނީ، ރައްޔިތުން ކުރީގައި ދެންނެވި މުތާލިބް އުފައްދައި ދެއްވުން އެދި ފަށް ފަށުން ދެންނެވެމުން ދާތަނާއި، އަލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި، އަލްފާޟިލް އިބްރާހިމް މުހައްމަދު ދީދީ، އެކަން ހަމަޖެއްސެވުމަށް، މަސައްކަތް ކުރައްވާ ތަނެވެ. މިދެންނެވި ގޮތުގެ މަތީން ހިނގަމުން ދިޔަ ހަރަކާތުގެ ތެރޭގައި، ބުޗާ ހަސަން ކަލޭފާނުވެސް ކުރީގެ ލިސްޓަށް އަރައްޖެއެވެ. މިހާރު އެނަން ނަމުގެ އަހުލުވެރީންކުރެ، ގިނަ މީހުން ތިބީ ސިފައިންގެ ގޭގައި ބަންދުވެފައެވެ.

“ހިނދުކޮޅަކަށްފަހު، އަޅުގަނޑުމެންނަށް އިވުނީ، ރައްޔިތުން، ދިވެހި ދަޢްލަތް ހިންގެވުމަށް އިސްކުރި އަލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު، އަލްފާޟިލް އިބްރާޙިމް މުހައްމަދު ދީދީއަށް، ހުރިހާ ގޮތަކުން އެހީތެރިވެ، ރައްޔިތުންގެ އެދުންތައް އެބޭފުޅުންގެ އަރިހަށް ހުށަހަޅައި މަޝްވަރާ ދެންނެވުމަށް ޚާއްޞަ ކޮމިޓީއެއް، ރައްޔިތުން އިންތިޚާބު ކުރި އަޑެވެ. މިދެންނެވި ކޮމިޓީގައި ތިއްބެވީ އަލްއަމީރު ފާމުލަދޭރި ކިލެގެފާނު، އަލްފާޟިލް ގަސްދޮށުގޭ އަހްމަދު ދީދީ، އައްޝައިޚް އިބްރާހިމް ރުޝްދީ، އަލްފާޟިލް އިބްރާހިމް ނާސިރު އަދި އަލްމުހްތަރަމް ޖާރިޔާ މޫސާ ފުޅެވެ. މާފަންނުގެ ފަރާތުން އައްނަބީލް އިބްރާހިމް ފަރީދު ދީދީ، އަލްފާޟިލް އިބްރާހިމް ޝިހާބް، އަލްފާޟިލް އިބްރާހިމް ޒަކީ އަދި އަލްފާޟިލް މުހައްމަދު ޒަކީއެވެ. ގަލޮޅުގެ ފަރާތުން، އަލްފާޟިލް އިބްރާހިމް މުހައްމަދު ދީދީ އެވެ. މައްޗަންގޮޅީގެ ފަރާތުން، އައްނަބީލް އިސްމާއިލް މުހައްމަދު ދީދީ، އަލްމުހްތަރަމް ޒަކަރިއްޔާ ހަސަން ކިލެގެފާނު، އަލްމުހްތަރަމް ބަޑުފަޑިއްގޭ އިބްރާހިމް މަނިކު، އަލްމުހްތަރަމް މަލިން އިބްރާހިމް ކިލެގެފާނެވެ.

“(މިދެންނެވި މަޝްވަރާ ކޮމެޓީއަށް، ފަހުން އަލްފާޟިލް އިބްރާހިމް ހަސަން ދީދީ، އަލްފާޟިލް އަހުމަދު ކާމިލް ދީދި، އަލްފާޟިލް ކޮލިގޭ ޢުމަރު މަނިކު، އައްނަބީލް އަބްދުލް ވައްހާބް، އަލްއުސްތާޒް މުހައްމަދު ޖަމީލް، އަލްފާޟިލް މަލިން މުހަންމަދު ދީދީ، އަލްމުޙްތަރަމް ފަހާގޭ މުހައްމަދު މަނިކު، އެކި ދުވަސް ދުވަހުގެ މަތިން އިތުރު ކުރެވުނެވެ.)
ވަރަށްވެސް އާދަޔާޢި ޚިލާފް މަންލުރުތަކެއް، ފުރަމާލޭގައި ހިނގާތަން ދުށުމަށްފަހު ދުވަހުގެ އިރު އިންސާނީ ބޮޑާ ކަމުގެ މައްޗަށް މަލާމާތުގެ ހިނިތުންވުމަކުން، ހިނިތުންވެފައިވާ ހާލެއްގައި މަޣްރިބްގެ އުދަރެހާއި ނިވާވެގެން ހިނގައްޖެއެވެ. ބުނާ ކަހަލައެވެ. ‘ޤުދުރަތީ ޤާނޫނެވެ. ތާރީޚް ފަށްފަށްކުރާ ތަމްޘީލެއް އިއާދަވީއެވެ. ބައަކާޢި ހަވާލު ކުރެވުނު އަމާނާތަކަށް ޚިޔާނާތްތެރި ވެއްޖެނަމަ ވާންވީ ގޮތް ވަނީއެވެ.’

އިރުއޮއްސި ކުޑައިރުކޮޅެއް ވީތަނާ، އަނެއްކާވެސް ރައްޔިތުންގެ ޙަރަކާތްތަކަށް ހޫނުކަމެއް އަންނާން ފަށައިފިއެވެ. އެދުމެއް ކަމުގައިވީ ރައްޔިތުން ނުރުހޭ ކުށްވެރީން ފުރަމާލޭގެ ފަސްގަނޑުން ވަކި ކޮށްދެއްވުމެވެ. ވަގުތުކޮޅެއް ހޭދަވުމަށްފަހު، ކުރީގާ ނަންގަތް ލިސްޓުގައިވާ މީހުންގެ ތެރެއިން އައްޝައިޚް އަބްދުﷲ ފަހުމީ ދީދީ ނޫން އެހެން އެންމެން ބިޑި އަޅައި އޮޑި އޮޑި ފަހަރަށް ލައްވައިފޫއެވެ. ބަނޑޭރިގޭ ދޮރޯށި ދޮށަށް އެއްވެ ފުރި ބާރުވެފައިވާ ރައްޔިތެއްގެ، އާދެ!، އެމީހުންގެ މައްޗަށް ނިހާޔަތަށް ނުރުހުން ގޮސްފައިވާ ރައްޔިތެއްގެ ތެރެއިން ލައިފައެވެ. ނަމަވެސް ރައްޔިތުންގެ ރުޅިވެރިކަމަށްވުރެ ކިޔަމަންތެރިކަން އަދާކުރުމުގެ މަތިވެރި ހަމައަށެވެ. (އައްޝައިޚް އަބްދުﷲ ފަހުމީ ދީދީ އެދުވަހު ރަށުގައި ނެތް ކަމުން އޭނާ ހުންނެވި، ކ.ތުލުސްދޫން ސީދާ ތޮއްޑުއަށް ފޮނުވީއެވެ.)

އާދޭހެވެ! 1372ޙ ވަނަ އަހަރުގެ ޒުލްޙައްޖު މަހުގެ 11 (21 އޯގަސްޓް 1953 ވީ ހުކުރު) ވަނަ ދުވަހުން ފެށިގެން، ސުމުއްވުލް އަމީރް އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި، އަލްފާޟިލް އިބްރާހިމް މުހައްމަދު ދީދީ، ދިވެހި ދަޢްލަތް ހިންގެވުމުގެ މަސްއޫލިއްޔަތު އިޙްލާޞްތެރި ކަމާއެކު އަދާކުރައްވާން ފައްޓަވައިފިއެވެ. ރައްޔިތުންގެ މަޝްވަރާ ކޮމިޓީ، އެހެން އިބާރާތަކުން ދަންނަވަނީނަމަ އިންޤިލާބު ކޮމިޓީގެ މަޝްވަރާއާ އެކުގައެވެ. ދިވެހި އުއްމަތުގެ ސިޔާސީ ޙަޔާތުގެ މިއައު ދައުރު ފެށުމާއެކު ފުރަމާލޭގައި މި ހިނގި ހާދިސާއާ މެދު ރާއްޖެތެރޭގެ ރައްޔިތުން ތިބީ ކިހިނަކުންތޯ ބެލުމަށް ދެ ވަފުދު ފޮނުވުނެވެ. ނަތީޖާއޭ ތޯއެވެ؟ ނަތީޖާއަކީ މާލޭގެ ރައްޔިތުންނެކޭ އެއްފަދައިން ނުވަތަ އެއަށްވުރެންވެސް ބޮޑަށް ރާއްޖެތެރޭގެ ރައްޔިތުން ތިބީ މިއައި ބަދަލަށް އެދިއެދިއެވެ. ހިތުގެ އަޑީން ދުޢާ ކޮށްކޮށެވެ.” (ނިމުނީ

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.