Skip to main content

ވެރިއެއްގެ ނިމުން



މުހަންމަދު ނަޝީދު (އަންނި)
ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތެކޭ، އޭގެ ކުރީގައި ހިނގަމުން އައި ރަސްކަމެކޭ ދާދި އެއްގޮތެވެ. އެހެންކަމުން، ވެރިކަމުގައި ހަރަކާތްތެރިވާ ބޭފުޅުން ބަދަލުކުރުން އޮންނަނީ ސިޔާސީ ހިކުމަތަކުން ނޫނީ ނުކުރެވޭ ކަމަކަށް ވެފައެވެ. އެއީއަކީ ވޯޓެއް ނަގައިގެން އިންސާނީ ސިފައެއްގައި ކުރެވެން އޮންނަ ކަމަކަށް ނުވެއެވެ. ބޮޑަކު ބަދަލު ކުރަން ވެއްޖެނަމަ އެމީހެއްގެ މައްޗަށް އެތައް ތުހުމަތެއްކޮށް އެމީހެއްގެ އަބުރު ނަގާލާ އެމީހާ ރަށުން ބޭރަށް އަރުވާލާ މުޅިން އަވަދި ކުރުމަށްފަހުގައި ނޫނީ އެކަން ކުރެވޭކަށް ނޯވެއެވެ. އެހެން ކަމުން މުހަންމަދު އަމީނުގެ ވެރިކަމުގައި ހިމެނޭ ބޭފުޅުންނަށް ބަދަލެއް ގެންނާން މުހަންމަދު އަމީނަށް ފެނިވަޑައިގަތްނަމަވެސް، އެމަނިކުފާނުވެސް އެކަން ކުރައްވާން ނިންމަވާނީ ޒަމާންވީ ބޯދާ ހަމައިގައެވެ. ކަން ކުރެވެން އޮތް ހަމައެކަނި ގޮތަކީ އެއީކަމުންވެސް މެއެވެ.
މުހަންމަދު އަމީނަށްފަހުގައި ދިވެހިރާއްޖޭގެ ވެރިކަމާއި މެދުގައި މުހަންމަދު އަމީނު ވިސްނާ ވަޑައިގަންނަވާ އިރުގައި އެވިސްނުމުގެ ލޮންސި އެނބުރިހުރީ ވެލާނާގޭ އިބްރާހިމް މުހަންމަދު ދީދީ އާއި ދިމާލަށްތޯ ބަލާ، ބުއްދީގެ ހަމަތަކުން ކިރާލާއިރު، މުހަންމަދު އަމީނާއި ވެލާނާގޭ އިބްރާހިމް މުހަންމަދު ދީދީ އާއި ދެމެދުގެ އެންމެހާ ގުޅުންތަކަށް ވިސްނަން ޖެހެއެވެ. ތާރިޚީ ނަޒަރަކުން ދިވެހިރާއްޖޭގެ ވެރިކަމުގެ ކަންކަމާއި މެދުގައި ވިސްނުން ހިންގަނީނަމަ، އަމީން ދީދިއާއި އިބްރާހިމް ދީދީގެ ގުޅުމުގެ މައްޗަށް ކުރެވޭ ދިރާސާއެއް ފެށެން ޖެހޭނީ އަތިރީގެއާއި ވެލާނާގޭގެ އެންމެހާ ގުޅުންތަކުގެ ތެރެއިންނެވެ.

އަތިރީގެއަކީވެސް، އަދި ވެލާނާގެއަކީވެސް، ދިވެހިރާއްޖޭގެ ޒަމާންވީ އާއިލާތަކުގެ ތެރެއިން ދުވަސްވީ ދެ އާއިލާއެވެ. މީލާދީ ކަލަންޑަރުން 1700ގެ ދުވަސްވަރުން ފެށުނީއްސުރެން ދިވެހި ވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވަމުން އައި ދެ އާއިލާއެވެ. އެހެންނަމަވެސް އެއީ 1950ގެ ދުވަސްވަރުގެވެސް މާ ކުރިއެވެ.

ހަސަން ވެލާނާ މަނިކުފާނުގެ ވެލާނާގޭ މުހަންމަދު ދީދިއާއި އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ ތުއްތު ދޮންދީދީ ގުޅިވަޑައިގަތީ ނަވާރަސަތޭކައިގެ އަހަރުތަކުގެ ވަރަށް ކުރީކޮޅުގައެވެ. މި ގުޅުމުން ތުއްތު ދޮންދީދީއަށް ލިބިވަޑައިގަތީ ފަސްބެފުޅުންނެވެ. ވެލާނާގޭ އިބްރާހިމް މުހަންމަދު ދީދި އާއި އަހުމަދު ދީދި އާއި މެއްދީދި އާއި ޅަދީދިއެވެ. އާމިނަތު މުހަންމަދު ދީދި އަކީ ވެލާނާގޭ މެއްދީދިގެ ބޭފުޅެކެވެ. އެބޭފުޅާ ފުރާވަރަށް އަރާ އިވަޑައިގެންއިރު އަތިރީގޭ އެންމެ އިސްބޭފުޅަކީ ހަސަން ފަރީދެވެ. ހަސަން ފަރީދު އައިމިނަތު މުހަންމަދު ދީދި އާއި ކައިވެނި ބައްލަވައިގެންނެވިއިރު ހަސަން ފަރީދުއާއި މުހަންމަދު އަމީނުގެ އަރިހުގައި އެންމެ ނަގާ ކިޔާ އުޅުއްވަނީ ވެލާނާގޭ އިބްރާހިމް މުހަންމަދު ދީދިއެވެ.

މުހަންމަދު އަމީނުއާއި ވެލާނާގޭ އިބްރާހިމް މުހަންމަދު ދީދި އާއި އެވާ ގުޅުމަކީ، ހަގީގަތުގައި ހަސަން ފަރީދުގެ ޒަމާނުގައި އުފެދިފައި އޮތް ގުޅުމެކެވެ. ހަސަން ފަރީދު ސަރުކާރުގެ އެންމެހާ ކަންތައްތަކުގައި އެންމެ އިސްކޮށް އުޅުއްވި އިރު ހަސަން ފަރީދުގެ ނައިބަކީ ވެލާނާގޭ އިބްރާހިމް މުހަންމަދު ދީދިގެ ބައްޕާފުޅު ވެލާނާގޭ މުހަންމަދު ދީދިއެވެ. ހަސަން ފަރީދު އެ ގެއްލިވަޑައިގަތް ގޮތަކަށް ގެއްލިވަޑައިގަނެ، މުހަންމަދު އަމީނުގެ އަތްޕުޅަށް ވެރިކަން ހިންގެވުމުގެ އެންމެހާ ބާރުތައް ލިބިވަޑައިގެން ހިނދު ވެލާނާގޭ އިބްރާހިމް މުހަންމަދު ދީދި ވެސް ހުންނެވީ ނައިބަކަށް ވެވަޑައިގަންނަވާން “ފައްކާވެފައެވެ.”

ކަން ހިނގީވެސް އެފަދައިންނެވެ. މުހަންމަދު އަމީނުގެ ނައިބަކަށް ވެލާނާގޭ އިބްރާހިމް މުހަންމަދު ދީދި ވެވަޑައިގަތީއެވެ.

މުހަންމަދު އަމީނުގެ ނައިބު ވެލާނާގޭ އިބްރާހިމް ދީދި އަކީ މުހަންމަދު އަމީނުގެ ފަހަށް ދިވެހިރާއްޖޭގެ ވެރިކަން ކުރައްވަފާނެ ބޭފުޅެއްކަމަށް މުހަންމަދު އަމީނު ލަފާފުޅު ކުރައްވާފަކައެއް ނުވެއެވެ. 1950 ވަނަ އަހަރުގެ މުތަޤައްދިމު ޕާޓީގެ އަހަރީ ޖަލްސާގައި މުހަންމަދު އަމީނު ވިދާޅުވަނީ:

“އަޅުގަނޑުމެންގެ އިސް ނައިބު ރައީސްކަން އޭނާ (ވެލާނާގޭ އިބްރާހިމް ދީދި) ޤަބޫލް ފުޅު ކުރެއްވީ ވަރަށްވެސް ބާރުންނެވެ. ސަބަބަކީ ތަބީޢީގޮތުން އޭނާއަކީ ކުރީ ސަފުގައި އުޅުއްވާ ހިތްޕުޅުވާ ބޭފުޅެއް ކަމުގައި ނުވާކަމުންނެވެ. އަޅުގަނޑުމެންގެ ދެންނެވުންތަކަށް ޖަވާބު ދެއްވުމުގެގޮތުން އަޅުގަނޑުމެންނަށް އޭނާ ޔަޤީން ކޮށްދެއްވީ ‘އަޅުގަނޑު ނެތިއްޖެ ދުވަހަކުވެސް، ދައްލަތް ހިންގުމުގެ އިސް މަޤާމު ޤަބޫލުފުޅު ކުރެއްވުމީ ފަހަރެއްގައިވެސް އޭނާއަށް ވެވަޑައިގެންނެވޭނެ ކަމެއް ނޫންކަމެވެ.’ “

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން މުހަންމަދު އަމީނު ވިދާޅުވަނީ އިބްރާހިމް ދީދި ހުންނަވާނީ ޕާޓީގެ ޗެއަރމަން އަކަށް ވެވަޑައިގަންނަވާން ތައްޔާރަށް ކަމުގައި ކަމަށެވެ. ސަރުކާރުގެ ވެރިކަމުގައި ހުރުމަކަށް ނޫނެވެ.

އަތިރީގެއާއި ވެލާނާގެއާއި ގުޅުން އެފަދަ ގޮތަކަށް ވަނިކޮށް މުހައްމަދު އަމީނުގެ އާ ޖުމްހޫރިއްޔަތަށްފަހު މުހަންމަދު އަމީނަށް ވިސްނިވަޑައިގެންފައި އޮންނާނެ އެއް ކަމަކީ ޖުމްހޫރިއްޔަތުގައި އެ ހިނދުގައި ދިވެހިރާއްޖޭގައި ތިބި ތައްލީމީ ތަންދޮރު އެނގޭ އެތައް ބައެއް ނުހިމެނޭ ކަމެވެ. އަބަދުވެސް ހިމެނިފައި މި އޮންނަނީ ވެލާނާގެއަށް ނިސްބަތްވާ ބޭފުޅުން ކަމެވެ.

އެއިރު އެހިނގަމުން އައި ސިފަނޫން އެހެން ސިފައަކަށް ވެރިކަމުގެ ކަންތައްތައް އެނބުރުމަށް މުހަންމަދު އަމީނަށް ފެނިވަޑައިގެންފިނަމަ، ދެން ކަންކުރައްވާން ޖެހިވަޑައިގަންވާން ޖެހިވަޑައިގެންފާ އޮންނާނީ އެންމެ އުނދަގޫ ސިޔާސީ ހިކުމަތްތައް ބޭނުންކުރައްވައިގެން ކަންކުރާ ހަމައިގާ ކަންތައްތައް ކުރައްވަމުން ގެންދެވުމަށެވެ. މި އުނދަގޫ ހަމައިގެ ތެރެއިން، މުހަންމަދު އަމީނުގެ ވެރިކަމުގެ ތެރޭގެ ބައެއް ކަންތައްތައް ބަދަލުވާން ފެށުމުން ވެލާނާގޭ ބޭފުޅުންނަށް އެބޭފުޅުން ބާކީ ވަމުން އަންނަތަން ފެނިވަޑައިގަންނަވާން ފައްޓަވައިފިއެވެ. މިކަން ހައްތަހާ ގޯސްވަމުން ދިޔައީ އެދުވަސްވަރުގެ ތެރޭގައި މުހަންމަދު އަމީން ކުރެއްވި ބައެއް ކަންތައްތަކުންނެވެ.

ވެލާނޭގޭ ޅަދީދިގެ މުހަންމަދު ޒަކީ އާއި މުހަންމަދު އަމީންއާއި ދެމެދުގައި އުފެދުނު މައްސަލައަކީ އަންހެން ބޭފުޅެއްގެ މައްސަލަކަމަށް ކިތަންމެ ބަޔަކު ބުނެއެވެ. ހަމަ މިމޭރުމުން، ބޮޑެތި އެހެން ބޭފުޅުންނާއި ދެމެދުވެސް ތަފާތު ވާހަކަ ދައްކާ އުޅެތެވެ. ކޮންމެއަކަސް ނަތީޖާއަކަށްވީ، މުހަންމަދު ޒަކީގެ ކިބައިގައި އޮތް އެންމެހާ ވަޒީފާތަކުން މުހަންމަދު ޒަކީ ދުރު ކުރުމެވެ. މުހަންމަދު ޒަކީއަށްފަހުގައި އަހުމަދު ޒަކީއާއި މާޖެހިގޭ މުހަންމަދު ދީދިއެވެ. މި ދެބޭފުޅުންނަށް ދިމާވި މައްސަލައެއްގައި އެބޭފުޅުން ގޭގައި ބަންދުވެއްޖެއެވެ. އަދި ހަމަ އެހެންމެ ވެލާނާގޭ އަހުމަދު ދީދިގެ އިބްރާހިމް ނާސިރުވެސް އެބޭފުޅާ ހުންނެވި، ސިފައިންގޭގެ މަތީ މަޤާމަކުން ދުރު ކުރައްވާ އިންޖީނުގޭގެ ލައިންސް މަނަކަށް ބަދަލު ކުރެވިއްޖެއެވެ.

މި ދެންނެވި ބޭފުޅުންނަކީ އިބްރާހިމް ދީދީގެ އަމިއްލަ ނަފްސުފަދަ ބޭފުޅުންނެވެ. އެބޭފުޅުންނަށް ރައްދުވާ ކޮންމެ ދެރައެއް ނުވަތަ ހިތާމައަކީ އިބްރާހިމް ދީދިއަށް ރައްދުވާނެ ދެރައާއި ހިތާމަކަން އޮޅިވަޑައިގަންނަވާނެ އެއްވެސް ބޭފުޅެއް ވާނަމަ، އެބޭފުޅަކަށް އެދުވަހުގެ ރާއްޖެ އޮޅިވަޑައިގަތިއެވެ.
މުހަންމަދު ޒަކީގެ މަންމައަކީ އިބްރާހިމް ދީދިއާއި އެއްބަނޑު އެއްބަފާ ވެލާނާގޭ ޅަދީދީއެވެ. މުހައްމަދު ޒަކީ ތުއްޕުޅު އިރުގައި އެބޭފުޅާގެ މަންމާފުޅު އަވަހާރަވުމުން މުހައްމަދު ޒަކީ ބައްލަވާ ބޮޑުކުރެއްވީ ވެލާނާގޭ އިބްރާހިމް މުހަންމަދު ދީދީއެވެ. ބުނާ މީހުން ބުނަނީ ވެލާނާގޭ އިބްރާހީމް ދީދީ އެބޭފުޅާގެ އަމިއްލަ ދަރިކަލުން މާޖެހިގޭ މުހަންމަދު ދީދީއަށް ވުރެވެސް ލޯބިފުޅު ވަނީ މުހައްމަދު ޒަކީ ދެކެއެވެ. ވެލާނާގޭ އަހުމަދު ދީދީގެ އިބްރާހިމް ނާސިރާއި އިބްރާހިމް ދީދީ އާއި ދެމެދުގައި އޮތް ގުޅުމަކީވެސް ހަމަ އެހާމެ ގާތް ގުޅުމެކެވެ. އެހެންކަމުން އެފަދަ ބޭފުޅުންނަށް ހެއްދެވޭ ދެރަ ގޮތްގޮތުގެ ސަބަބުން އިބްރާހީމް ދީދީގެ ފަރާތުން މުހައްމަދު އަމީނުގެ ކިބަޔަށް އޮތް ވަފާތެރިކަމަށް ބުރޫ ނާރާނެ ކަމަށް މުހައްމަދު އަމީން ދެކެވަޑައިގަންނަވާންވީ އެއްވެސް ސަބަބެއް ނެތެވެ.

އިބްރާހީމް ދީދީ ރުހިވަޑައިނުގަންނަވާނޭ ގޮތްގޮތް ވަމުން ދިޔަ ހިނދުގައި ވެލާނާގެއާއި އަތިރީގޭގެ ގުޅުމުގެ އެންމެ އުޖާލާ ދުވަސްވަރުގައި އެދެގޭގެ ދެމެދުގައި އުފެދިފައި ހުރި ކައިވެނީގެ ގުޅުންތަކަށްވެސް މުޅިން އެހެން ގޮތްގޮތް ވާންފަށައިފިއެވެ.

މުހަންމަދު އަމީނުގެ ކޮއްކޮ މަރިޔަމް އަމީން، ވެލާނާގޭ ޅަދީދިގެ ގިރީތެރޭގޭ އަހުމަދު ކަމާލު އާއި ދެމެދު ވެވުނު ކައިވެނިވެސް ރޫޅިއްޖެއެވެ. މަރިޔަމް އަމީން ދެން ކައިވެނި ބައްލަވައިގަތީ ކަކާގޭ އަހުމަދު ހިލްމީ އާއެވެ. މުހަންމަދު އަމީނުގެ އަމީނާ މުހަންމަދު އަމީން ކަކާގޭ ޝަމްސުއްދީން ހިލްމީއާއި ކައިވެނި ބައްލަވައިގަތުމަށްތައްޔާރުވަމުންދާން ފެށި ފެށުމަކީވެސް އިބްރާހިމް ދީދިއަށް ނުތަނަވަސްކަން ލިބިވަޑައިގަންނަވާނެ ހަރަކާތެކެވެ. އަހުމަދު ހިލްމީއާއި މަރިޔަމް އަމީންގެ ކައިވެނި ފުޅަކީ އެދެ އާއިލާގެ އެންމެ ބޭފުޅުން މާ ރުހިވަޑައިގަންނަވާ ކައިވެނިފުޅެއްކަމުގެ ވާހަކަ ތަކަކީވެސް މިޒާތުގެ ވާހަކަ ދައްކާ އުޅޭ ބޭފުޅުންގެ ތެރޭގައި އާންމު ވާހަކައަކަށް ވެގެން ހިނގައްޖެއެވެ. އެ ކައިވެނީގެ ސަޔަށް އެހިނދު މާލޭގައި އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ހުންނެވީތީވެ އެކިލެގެފާނުވެސް ވަޑައިގަތްކަމީ ގިނަ ބަޔަކު ދުށްގޮތުގައި މި ދެންނެވި ކައިވެންޏަށް އަތިރީގޭ ބޭފުޅުންގެ ރުހުން އޮތް ދަރަޖަ ދޭހަވާ ކަމެކެވެ.

މުހަންމަދު އަމީނަށް ފަހުގައި ދިވެހިރާއްޖޭގެ ވެރިކަން އިބްރާހިމް ދީދީއަށް ފުރޮޅާލުމަށް މުހަންމަދު އަމީން ފިސާރި އިންކާރު ކުރެއްވި ނަމަވެސް އެވާހަކައަކީ އެއްގޮތަކަށްވެސް މުހަންމަދު އަމީނަށް ދެއްކެވެން އޮންނާނެ ވާހަކައެއް ނޫނެވެ. 1953ވަނަ އަހަރާއި ހަމައަށް ކަންތައް އައި ހިނދު އިބްރާހިމް ދީދީއާއި މުހައްމަދު އަމީން އާއި ދެބޭފުޅުން އޮތީ އެތައް ކަމެއްގައި އެތައް ގޮތަކަށް ގުޅިވަޑައިގެންފައި ކަމުން އިބްރާހިމް ދީދި އެއްލައިލުމަކީ ފަސޭހައިން ކުރެވިދާނެ ކަމެއް ނޫން ކަމުންނެވެ.

އިބްރާހީމް ދީދީ ދުރުކުރެއްވުމަށް މުހަންމަދު އަމީންގެ ހިޔާލުފުޅުގައި ނެތްނަމަ އިބްރާހީމް ދީދީ އެދިވަޑައިނުގަންނަވާ ގޮތްގޮތަށް މުހަންމަދު އަމީން ކަންތައް ކުރައްވާފައެއް ނުހުންނާނެއެވެ. މުހައްމަދު ޒަކީއާއި އިބްރާހިމް ނާސިރު އަކީ އިބްރީމް ދީދީ، އެދީދީގެ އަމިއްލަ ދަރިކަލުންނަށް ވުރެން ލޯބިފުޅުވާ ބޭފުޅުންކަން މުހަންމަދު އަމީނަށް އޮޅިވަޑައިގެންފައެއް ނޯންނާނެއެވެ. އެހެން ނަމަވެސް މުހަންމަދު އަމީން، ޒަކީ އެއިރު އަދާ ކުރެއްވި ހުރިހާ މަޤާމަކުން ވަކި ކުރެއްވިއެވެ. އަދި އިބްރާހިމް ނާސިރުވެސް ދަށު ދަރަޖައަކަށް ބަދަލު ކުރެއްވިއެވެ.

ވާހަކަތަކާއި އަމަލުތައް މިހެން ހުރި އިރެއްގައި ވެލާނާގޭ އިބްރާހިމް ދީދީގެ ބޭވަފާތެރިކަމުގެ ވާހަކަތައް އެކި ގޮތްގޮތަށް މުހަންމަދު އަމީނަށް އިވިވަޑައިގަންނަވާއިރު، މުހަންމަދު އަމީނަކީ ރާއްޖެ ވަރަށް މަދުން ނޫނީ ނުދެކޭފަދަ ވިސްނުން ތޫނު ސިޔާސީ ހިކުމަތްތެރިއެއްކަން އެމަނިކުފާނުގެ ކިތަންމެ ހަރަކާތްތަކަކުން އޮތީ މާ ރަނގަޅަށް އެނގޭށެވެ.

ސިޔާސީ ބައެއް ޙިކްމަތްތެރިން ގެންގުޅުއްވާ އެއް އުކުޅަކީ އެބޭފުޅުންނަށް މީހަކު ނުވަތަ ބަޔަކު ބޭވަފާތެރިވާކަން އެނގިވަޑައިގެންފިނަމަ އެ ބޭވަފާތެރިވާ ބޭފުޅެއްގެ ވަފާތެރިކަމާއި މޮޅުކަމުގެ ވާހަކަ އިންތިހާއަށް ދެއްކެވުމެވެ. “ދިވެހި ޖުމްހޫރިއްޔަތަށް މަރުހަބާ” މިފޮތުގައި މުހަންމަދު އަމީން އިބްރާހިމް ދީދީއާއި މެދުގައި ލިޔުއްވާފައިވާ މަޒުމޫނު ލިޔުއްވާފައި އެވަނީ މިފަދަ ހަމައެއްގައިކަމަށް އަޅުގަނޑަށް ބެލެވެއެވެ.

މުހަންމަދު އަމީންގެ ވެރިކަން ވެއްޓުނީ 21 އޯގަސްޓް 1953 ވީ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު މާލޭ ގުޅަކުޅޭ ފަސްގަނޑަށް އެއްވި މާލޭގެ ބޮޑެތި ފިރިހެނުންނާއި މާލޭ ފަޅު އޮޑި ފަހަރުގެ ބޮޑެތި ފިރިހެނުންގެ އެއްބަސްވުމަކަށެވެ. އެދުވަހު ގުޅަކުޅޭ ފަސްގަނޑަށް މީހުން އެއްވީ އެގޮތަށް އެކަން ކުރަން ބޮޑުންގެ ތެރޭގައި ރޭވި އެއްބަސް ވެވިފައި އޮތީތީއެވެ.

އެކަން ހިނގި އިރު މުހަންމަދު އަމީން މާލެއަކު ވަޑައިގެން ނުއުޅުއްވައެވެ. ހުންނެވީ ކޮޅުނބުގައެވެ. އަމީން ދީދީ ރަށުގައި ވަޑައިގެން ނެތް ހިނދު ވެރިކަމުގެ ހުރިހާ ބާރެއް ދެއްވާފައިވަނީ ވެލާނާގޭ އިބްރާހިމް ދީދީ އަށެވެ. އެދަތުރުފުޅަށްޓަކައި އަމީން ދީދީ މާލެއިން ފުރާވަޑައިގަތީ 1953ވަނަ އަހަރު މެދެއްހާ ތަނުގައެވެ. ވަރަށް ގިނަ ބަޔަކު ދެކޭގޮތުގައި އަމީން ދީދީ އެދަތުރުފުޅުގައި މާލެއިން ފުރާވަޑައިގެންނެވި ހިނދުވެސް އެމަނިކުފާނަށް ފެނިވަޑައިގެންފާއޮތީ އިބްރާހިމް ދީދީ އެއީ އެމަނިކުފާނުގެ “ކަނާތް” ކަމަށެވެ. އެހެންނަމަވެސް މިއީ މިހާރު އަޅުގަނޑަށް ޤަބޫލުކުރަން ވަރަށް ދަތި ނަޒަރިއްޔާތެކެވެ.

ކިތަންމެ ސަބަބުތަކަށްޓަކައެވެ. މުހަންމަދު އަމީނުގެ އަމިއްލަ އަމަލު ފުޅުތަކަށް ވިސްނަވާށެވެ. ޚާއްޞަގޮތެއްގައި އަޅުގަނޑު މި އިޝާރާތް ކުރަނީ މުހަންމަދު އަމީނު ކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި އިބްރާހީމް ދީދީ ނުރުހުން ވެވަޑައިގަންނަވާނެ ކަމަށް މުހައްމަދު އަމީންއަށް ކަށަވަރު ކުރެއްވެވޭނެ އަމަލު ފުޅުތަކެވެ.

އެތައް ގޮތަކަށް ވެލާނާގޭ އިބްރާހީމް މުހައްމަދު ދީދީގެ ބޭވަފާތެރިކަމުގެ ވާހަކަތައް މުހަންމަދު އަމީން އަރިހުގައި ވަނީ ދަންނަވާފައެވެ. އެހެންނަމަވެސް އިބްރާހީމް ދީދީއާ ބެހޭ ވާހަކަތަކުގެ މައްޗަށް މުހަންމަދު އަމީނު އަމަލުފުޅު ކުރައްވާފައި ހުރި ތަނެއް އަދި ފެންނާކަށް ނެތެވެ. އަޑު އިވޭ ވާހަކަތަކާއި މެދުގައި އިބްރާހިމް ދީދީގެ އަރިހުގައި އެއްވެސް ވާހަކައެއް ދައްކަވާފައިވާ ކަމެއްވެސް އަދި އެނގޭކަށް ނެތެވެ. ގިނަ މީހުން ބުނާގޮތުގައި ހައްތަހާވެސް ވިދާޅުވެފައި އޮންނަނީ އިބްރާހިމް ބެއަކީ ‘ޖަވާހިރެއް” ކަމަށެވެ.

އަޅުގަނޑު މި ބަޔާންކުރާ ގޮތް އެއީ ވެފައި އޮތް ގޮތް ކަމަށް ވަނީނަމަ މުހަންމަދު އަމީނު ވިދާޅުވާނީ އިބްރާހިމް ދީދީ އަކީ ޖަވާހިރެއް ކަމަށެވެ.

1953ވަނަ އަހަރުގައި މުހަންމަދު އަމީނުގެ ޢުމުރު ފުޅުން އަދި ސާޅީސް ތިން އަހަރު ހަމައެއް ނުވެއެވެ. ފިސާރި ޒުވާން ޢުމުރެކެވެ. އެހެންނަމަވެސް އަމީނު ދީދީގެ ސިއްޙީ ހާލުކޮޅު ވަރަށްވެސް ދެރައެވެ. މުހަންމަދު އަމީނު ބައެއް ފަހަރަށް އެމަނިކުފާނު މާ ގިނަ ދުވަހު ދުނިޔޭގައި ނުހުންނަވާނެ ކަމށް ދެކެވަޑައިގެން ހުންނެވި ޒާތަކަށް މާނަކުރެވޭ ވާހަކަ ފުޅުތައް ދައްކަވައެވެ.

މުތަޤައްދިމް ޕާޓީގެ އަހަރީ ޖަލްސާގެ ވާހަކަތައް އޮތީ މިދެންނެވި ޒާތުގެ ވާހަކައިން ފުރިފައެވެ. މުހަންމަދު އަމީނު ނެތިވަޑައިގަތުމަށްފަހުގައި ކަންތައް ވުމަށް އެދިވަޑައިގަންނަވާ ގޮތުގެ ވާހަކަތައް ވަރަށް ގިނައެވެ. މުހަންމަދު އަމީނަށް ފަހުގައި، ވެލާނާގޭ އިބްރާހިމް މުހަންމަދު ދީދި ދިވެހި ދަޢުލަތުގެ ވެރިއަކަށް ވެވަޑަގެންފާނެ ކަމަށް މުހަންމަދު އަމީނު ހީފުޅެއް ނުކުރައްވައެވެ. އަތިރީގެ ‘ހުލި’ ވުމަށް ފަހުގައި ވެލާނާގޭ ފަރާތަށް ރާއްޖޭގެ ވެރިކަން ހިނގައިދާނެ ކަމަށް މުހަންމަދު އަމީނެއް ދެކިވަޑައެއް ނުގަންނަވައެވެ. އެހެންނަމަވެސް ވިދާޅުވިއެވެ. “(މިވާހަކަ އަޅުގަނޑަށް ކުރުކޮށްލެވެން އަންނަނީ) އެ ޢާއިލާއެއްގެ ލެއި، އަޅުގަނޑުގެ ނާރުތަކުގައި، ހިނގާފައިވުމަކީ އުފަލެއް ކަމުގައި އަޅުގަނޑު ދެކޭ ކަކާގޭ އާއިލާގެ މެމްބަރުންނާއިމެދު އެއްޗެއް ދަންނަވާލާފައެވެ. ….އަޅުގަނޑު ކެރި ހުރެގެން ޔަޤީންކަން އަރުވަމެވެ. މިއަދު ފާމުދޭރިގޭ (ކަކާގޭ) ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންގެ ފަރާތްޕުޅުން ދިވެހި ދަޢްލަތަށާއި ރައްޔިތުންނަށް ސާބިތު ވަމުން ދަނީ ތެދުވެރި ވަފާތެރި ކަމެވެ.”

މުހަންމަދު އަމީނުގެ ފިކުރު ފުޅުގައި ކަކާގޭ ކޮޅަށް ދިވެހި ވެރިކަން އެނބުރުއްވުމުގެ ކުޑަ ނަމަވެސް ޚިޔާލެއް ނެތް ހިނދެއްގައި މުހަންމަދު އަމީނުގެ ޢަމަލު ފުޅުތައް އެހުރި ގޮތަކަށް ނެތުނީހެވެ. އެހެންނަމަވެސް އެކަން ކުރެއްވުމަށް މުހަންމަދު އަމީން ޙަރަކާތްތެރި ވެވަޑައިގަންނަވަނީނަމަ ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ މުހަންމަދު އަމީނުގެ ނައިބުގެ މަޤާމުން ދުރު ކުރައްވާން ޖެހިވަޑައިގަންނަވާނެތާއެވެ. އަދި މުހަންމަދު އަމީނަށް އިވި ވަޑައިގަންނަވާނެއެވެ. ވެލާނާގެ އިބްރާހިމް މުހަންމަދު ދީދީއަކީ މުހަންމަދު ޒަކީ ނޫންކަމެވެ. ވެލާނާގޭ އިބްރާހިމް މުހައްމަދު ދީދީ އެ ދީދީގެ ވަޒީފާތަކުން ދުރުކުރައްވާން މުހައްމަދު އަމީނަށް އޭރު ދަތިފުޅުވާނެކަމީ ޝައްކެތް ހިނގާނެ ކަމެއް ނޫނެވެ.

އަޅުގަނޑު މިދަންނަވާ މިސްރާބުން ކަން ހިނގާފަ އޮތްނަމަ ދެން ދެންނެވޭނެ ވާހަކައަކީ މުހައްމަދު އަމީން ބޭނުން ވެވަޑައިގަތީ ވެލާނާގޭ އިބްރާހިމް މުހަންމަދު ދީދީ ފަސްގަނޑަށް ނެރުއްވާށެވެ. އެއަށްފަހު އެބޭފުޅާ ހައްޔަރު ކުރައްވާށެވެ. މިކަން އިބްރާހިމް މުހަންމަދު ދީދީ ލައްވާ ކުރެއްވުމަށްޓަކައި އިބްރާހިމް ދީދީ ކޯފާ އިސްކުރައްވާނެހާ ކަންތައްތައް މުހަންމަދު އަމީން ކުރެއްވިއެވެ. ދެން މުހަންމަދު އަމީނަށް އިވިވަޑައިގެންފައި އޮންނާނީ އިބްރާހިމް ދީދީ ނުރުހުންވެ ވަޑައިގެން ހުންނަވާ ކަމުގެ އެތައް ވާހަކައެކެވެ. އެވަރުންވެސް އިބްރާހިމް މުހަންމަދު ދީދީ ފަސްގަނޑަށް ނުކުމެ ވަޑައި ނުގަތީމާ ދެން އެންމެ ފަހުން އިބްރާހިމް ދީދީ ނުކުންނަވާނޭ އެންމެ ފަހު ކަންތައްވެސް މުހަންމަދު އަމީނު ކުރެއްވީއެވެ. އިބްރާހިމް ދީދީއަށް ހުރިހާ ބާރެއް ދެއްވާފާ މާލެއިން ފުރާވަޑައިގަތީއެވެ.

މިމޭރުމުން ދެކޭއިރުގައި މުހަންމަދު އަމީނު ދެކެވަޑައިގަނެފައި އޮންނާނީ އެމަނިކުފާނު މާލެ ވަޑައިގަތުމަށް ފަހުގައި އިބްރާހިމް މުހައްމަދު ދީދީ ހައްޔަރު ކުރައްވާށެވެ. މުހަންމަދު އަމީނުގެ ވެއްޓުމާއި ދިމާވީ މި ދެންނެވި ރޭވުން ނާކާމިޔާބު ވީތީއެވެ. އެތައް ކަމެއް މުހަންމަދު އަމީނު އުއްމީދު ކުރެއްވި ގޮތަށް ނުހިނގީމައެވެ.

މުހަންމަދު އަމީން ދެކެވަޑައިގެންފައި އޮންނާނީ ވެލާނާގޭ ބޭފުޅުން މުހަންމަދު އަމީނުގެ ވެރިކަން ބަދަލުކުރައްވާން ހިއްޕަވާއިރު އެކަމުގައި ވާގިވެރި ވެވޭނެ ދަރަޖައެއްގައި ދެން ތިއްބެވި ކަކާގޭ ބޭފުޅުން ވެލާނާގޭ ބޭފުޅުންނާއި އެއްބައި ނުވާނޭ ކަމަށެވެ. އެހެން ކަމުން ވެލާނާގެއަށް ކުޅިފަސް ލިބިވަޑައިނުގަންނަވާނޭ ކަމަށެވެ.

މުހަންމަދު އަމީނު ކަކާގޭ ބޭފުޅުންގެ ފަރާތަށް ދިވެހިރާއްޖޭގެ ވެރިކަން ފުރޮޅުއްވާން ވިސްނެވި ހިނދު ކަކާގެ އާއި ވެލާނާގޭ ފިޔަވާ އަދިވެސް މާލޭގައި ނަގާކިޔާ އެތައް ބަޔަކު ތިއްބެވެ. އަދި ހަރުކުލައިގެ ގޭގެ ތެރެއިން އެއްގަމުގެ ފަދަ ބައެއް ގޭގޭގެ ބޭފުޅުންވެސް ތިއްބެވީ މުހަންމަދު އަމީނާއި އެއްކޮޅަކަށް ނޫނެވެ. އެހެން ކަމުން ވެލާނާގޭ ބޭފުޅުންނާއި ބައިވެރިވި އެތައް ބައެއްގެ މަސައްކަތުން މުހަންމަދު އަމީނުގެ ވެރިކަން ވައްޓާލެވުނީއެވެ.

ކޮންމެ ސިފައެއްގައި ކަން ހިނގާފައިވީނަމަވެސް އެއީ މުހަންމަދު އަމީނުގެ ވެރިކަން ވެއްޓުނީ މުހަންމަދު އަމީނު ކުރައްވަން އުޅުއްވި ކަމެއް ނާކާމިޔާބު ވެގެންގޮސް އެކަން ނުވަތަށް ޖެހުމުގެ ސަބަބުންކަމުގައި ވީނަމަވެސް ނުވަތަ އެކަން ހިނގާފައިވަނީ ސީދާ މުހަންމަދު އަމީނުއަށް އެއްގޮތަކަށްވެސް އެނގިވަޑައިގެންފައި ނެތިސް ހަމަ ކުއްލި ގޮތަކަށް ކަމަށް ނަމަވެސް ނަތީޖާއަކީ އެކައްޗެކެވެ. މުހަންމަދު އަމީނުގެ ވެރިކަން ވެއްޓުނީއެވެ.

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.