Skip to main content

ވެރިއެއްގެ ނިމުން
މުހަންމަދު ނަޝީދު (އަންނި)
2003 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތު އުފެދުނުތާ 50 އަހަރު ފުރޭ އަހަރެވެ. މިފުރަތަމަ ޖުމްހޫރިއްޔަތަކީ ވަރަށް ކުރު މުއްދަތަކަށް ދެމިއޮތް ޖުމްހޫރިއްޔަތެކެވެ. އެ ޖުމްހޫރިއްޔާ ނިމިދިޔައީ އެ ޖުމްހޫރިއްޔާގެ ރައީސް މަޤާމުން ދުރުކުރުމާ ގުޅިގެންނެވެ. 21 އޯގަސްޓް 1953 ވީ ހުކުރު ދުވަހުއެވެ. އެދުވަހަށް ފަހުގައި، އެދުވަހު އެ ހިނގި ކަންތަކާމެދު އެކިގޮތް ގޮތަށް ތާރީޚްގައި ލިޔެވެމުން އެބައާދެއެވެ. “ވެރިއެއްގެ ނިމުން” މި މަޒްމޫނުގައި މުހަންމަދު ނަޝީދު (އަންނި) “އެބަދަލުގެ ސިއްރާއި” މެދު މުޅީން އެހެން ދުރުމިޔަކުން އެބަ ބަލައެވެ.
އެއްވެސް ކަމަކީ ހަމަ އެންމެ ސަބަބަކާއި ހުރެ ހިނގާނެ ކަންކަމެއް ނޫނެވެ. ކޮންމެ ކަމެއްވެސް މެދުވެރިވަނީ އެތައް ކަމެއް ގުޅުނީމައެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތުގެ ރައީސްއާއެކު އެޖުމްހޫރިއްޔަތު ވެ ނިމިދިޔަގޮތާއިމެދު ހިންގާ ވިސްނުމެއްވެސް ހިންގާންވާނީ މި ދެންނެވި ހަމައިގެ ބާރުގައެވެ.

ތާރީޚީ ނަޒަރަކުން ދެކޭއިރުގައި، ދިވެހި ވެރިކަމެއް ނިމިފައި އޮންނަނީ ކޮންމެހެން ހަމައެކަނި އެކަމެއްވުމަށް ރައްޔެތުން އެދިއެދި ތިބި ދަރަޖައެއްގެ މައްޗަށް ބިނާވެގެނެއް ނޫނެވެ. ގިނަ ފަހަރަށް ވެރިކަމެއްގެ ނިމުން މިއަންނަނީ މަދު މީސްކޮޅެއް، އެގޮތަށް އެކަން ކުރުމަށް ހިންގާ ޙަރަކާތްތަކެއްގެ ސަބަބުންނެވެ. ރައްޔެތުން ރުހުނަސް ނުރުހުނަސް ވެރިއަކު ވެރިކަމުގައި ހުރެވެސް ދާނެއެވެ. ނުވަތަ ދުރުވެސް ކޮށްފާނެއެވެ.

މަދުމީސްކޮޅެއް އެފަދަ ކަމަކަށް އިސްނަގާ ހަރަކާތްތެރިވަނީ ކީއްވެގެންތޯ، މިސުވާލާއިމެދުގައި ވިސްނާ ވިސްނުމުގެ އެންމެ ފަހުގެ ނިމުމަކީ ރައްޔެތުންގެ އެދުންތަކުގެ މައްޗަށް ބިނާވެފައިވާ ސަބަބުތަކެއް ކަމަށް ވެދާނެއެވެ. ނުވަތަ ނުވެވެސްދާނެއެވެ.

އަބަދުވެސް ދިވެހިރާއްޖޭގައި ވެރިއަކު ބަދަލުކޮށްފައި އޮންނަނީ ވަރަށް ގިނަ ބަޔަކު ހަރަކާތްތެރި ވެގެން ގޮހެވެ. ހަވަރާއި ރައްޔިތުން ފަސްގަނޑަށް އެއްކޮށްގެނެވެ. ވެރިކަމާއި އިދިކޮޅު ޙަރަކާތްތައް ހިންގަންވިޔަސް، މީހުންތައް ބިރަކާނުލާ ފަސްގަނޑަށް އެއްވެގަންނަނީ، ފަސްގަނޑަށް އެއްވުމަކީ ދިވެހި ވެރިކަން ހިނގާ ހަމަތަކުގައި އޮންނަ ކަމެއް ކަމަށް މީސްތަކުންނަށް ދެކެވޭތީއެވެ. ދިވެހި ކަންކަން ނަވާރަސަތޭކަ ފަންސާހުގެ އަހަރުތަކާ ޖެހުނު އިރުވެސް ފަސްގަނޑަށް ނުކުތުމަކީ މާބޮޑު ހިތްވަރެއް ލައިގެން ޤުރްބާނީއެއްވުމަށް ކުރަންޖެހޭ ކަމެއް ނޫނެވެ. ފަސްގަނޑަށް ދާހާ މީހުންނަކީ ކޮންމެހެން ވަކި ކަމެއްގައި ބައިވެރިވުމަށް ދާ މީހުންނެއް ނޫނެވެ. ފަސްގަނޑުގައި ހިނގާ އެކަމެއްގައި މީހުން ބައިވެރިވުމަށް ފަސްގަނޑަށް ދިއުމަށްފަހުވެސް ނިންމިދާނެއެވެ. ކޮންމެ ހާލަތެއްގައިވެސް ފަސްގަނޑަށް އެއްވެތިބޭ ވަކި ބަޔަކީ ވަކިކަމެއް ކުރުމަށް ކުރީން ސައްލާކޮށް ކަންކުރާންވީ ގޮތާޢިމެދު އެއްބަސްވުމަކަށް އައުމަށްފަހުގައި ތިބޭ ބަޔެކެވެ. މިފަދަ ބަޔަކަށް އޮތީ ކާމިޔާބުތޯ ނުވަތަ ނާކާމިޔާބުތޯ ނިންމާނީ ފަސްގަނޑެވެ.

މުހަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން ނިމެމުން އައި ދުވަސްވަރު، ރާއްޖޭގައި ހިނގަމުން އައި ވަރަށް ގިނަ ކަންކަމާއި އެކި ގޮތްގޮތުން ނުރުހުންވެފައިތިބި މީސްތަކުން ތިއްބެވެ. އަދި ހަމަ އެހެންމެ ހިނގަމުން އައި އެތައް ކަމަކާ ރުހިގެން ތިބި މީސްމީހުންނެއްވެސް މަދެއް ނޫނެވެ.
ދިވެހި އަންހެނުންނަކީ އަބަދުވެސް ދިވެހި ވެރިކަމުގެ ކަންކަމުގައި ފިސާރި އަތްގަދަ ގޮތެއްގައި ޙަރަކާތްތެރިވަމުން އައި ބަޔެކެވެ. މުހަންމަދު އަމީނުގެ ވެރިކަމުގައި އެންމެ ފާހަގަވެގެންދިޔަ އެއްކަމަކީ، ދިވެހިރާއްޖޭގެ އެންމެހާ ކަންތައްތަކުގެ ތެރެއަށް އަންހެނުން ނެރުނު ދަރަޖައާޢި މިންވަރެވެ. އެދުވަސްވަރު ފުޅާ ދާޢިރާއެއްގައި އަންހެނުންނަށް ތައުލީމުގެ ފުރްޞަތުތައް ލިއްބައިދޭން ފެއްޓުނެވެ. އަދި ސަރުކާރުގައާއި އެހެންވެސް ކަންކަމުގައި އަންހެނުން ބައިވެރި ކުރާން ފެށުނެވެ. މުހައްމަދު އަމީނުގެ ވެރިކަން ވެގެން ދިޔައީ ދިވެހިބަހުގެ އަދަބިއްޔާތަށާއި އަދި މިނޫންވެސް ރޮނގު ރޮނގުން އަންހެނުން ކުރިއަރަމުން އައި ވެރިކަމަކަށެވެ. މި ކަންކަމާއި ނުރުހުންވެ ތިބި އެތައް ދިވެހިންނެއް ތިއްބެވެ. އެހެންނަމަވެސް މިކަންކަމާޢި ރުހި ތިބި އެތައް ބައެއްވެސް ތިއްބެވެ. ހަމަ ގައިމުވެސް ފުރުސަތުތައް ލިބެމުން ދިޔަ އަންހެން ބޭފުޅުން ތިއްބެވީ އެކަންކަމާއި ރުހިވަޑައިގެންނެވެ.

މި ހުއްޓުމުގައި ކޮންމެހެން ފާހަގަކޮށްލަން ބޭނުން ނުކުތާއެއް އެބަވެއެވެ. މުހަންމަދު އަމީނުގެ ވެރިކަން ވެއްޓުނީ އެއްވެސް ހާލެއްގައި އަމީން ދީދީގެ ބަދުއަޚުލާޤީ ނުވަތަ ލާދީނީ އަމަލުތަކަށް ރައްޔިތުން ނުރުހިފައިތިބި މިންވަރުގެ ސަބަބުން ކަމަށް ބުނާކަށް މާބޮޑު ޖާގައެއް ނެތެވެ. މުހަންމަދު އަމީނަކީ އެއްވެސް ހާލެއްގައި ދިވެހި ބޮޑުންގެ އަޚުލާޤީ އެއްވެސް މިންގަނޑަކުން ނެއްޓިވަޑައިގެން ހުންނެވި ބޭފުޅެއް ނޫނެވެ. އަމީން ދީދީވެސް ހިތްޕުޅާވާ އަންހެން ބޭފުޅުން ނެތެކޭ ދަންނަވަނީއެއް ނޫނެވެ. އެހެންނަމަވެސް އަޅުގަނޑު ހޯދި ހޯދުންތަކުން އަޅުގަނޑަށް ވިސްނުނީ އެބޭފުޅާގެ ދިރިއުޅުމުގެ ފާޑަކީ، އެހެންވެސް އެފަދަ ބޭފުޅުންގެ ދިރިއުޅުމުގެ ފާޑާ، މާތަފާތު ބޮޑު ފާޑެއް ނޫންކަމެވެ.

އަމީން ދީދީގެ ވެރިކަން ބަދަލުކުރެވުނު ދުވަހު ގުޅަ ކުޅޭ ފަސްގަނޑަށް އެއްވެ ތިއްބެވި ބައެއް ބޭފުޅުން އަމީން ދީދީ ދިވެހި އަންހެނުންގެ ކަރާމާތްތެރިކަން ނަންގަވާލައްވާފައިވާ ކަމަށް ބަސްވިދާޅުވަމުން ވަޑައިގަތް ކަމުގައި ވީނަމަވެސް، އެދުވަސްވަރުގައި ޖުމްލަކޮށް ދިވެހި އަންހެނުންގެ ކަރާމާތާ ބެހޭ ކަންތައްތަކަށްވުރެން، މުހަންމަދު އަމީނުއާއި ބައެއް ބޭފުޅުންނާއި ދެމެދު ހިނގާފައިހުރި އިޝްޤީ މައްސަލަތައް އެގަޑުބަޑު ރޭވި، ހިނގުމަށް ކުރުވާފައިވާ އަސަރު މާބޮޑެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދަތީގައި ރާއްޖެ ބަނޑަށް ޖެހިފައި އޮތް އޮތުންވެސް އެއީ އަކީ ކޮންމެހެން ދިވެހި ވެރިކަމެއް ބަދަލުވާންވީ ސަބަބެއް ނޫނެވެ. އޭގެ ކުރީގައިވެސް ރާއްޖޭގައި ތަދުމަޑުކަން ބޮޑެވެ، ބަނޑުހައިހޫނުކަން އާންމުވެފައި ހުރި ކިތަންމެ ފަހަރެއް މާޒީވެ ހިނގައްޖެއެވެ. އޭގެ ސަބަބުން ވެރިކަމަށް އެއްވެސް ބަދަލެއް ނައިހެވެ. ރައްޔިތުން ދުންފަތަށް ކުރާ ހޭދަ ބޮޑުކަމުން، ދުންފަތް މަނާކުރުމުގެ ހައްދުފަހަނައެޅި ޤާނޫނާއި ނުރުހުނު މިންވަރުވެސް އެއީއަކީ ކޮންމެހެން އެ ފުރޮޅާލުމުގެ އަސްލެއް ނޫނެވެ. ބާނާ މަހަށް ހަދަން ޖެހޭނެ ހަމައެކަނި ގޮތަކީ ސަރުކާރަށް ވިއްކުން ކަމުގައި ވެގެން ދިޔަ ހިނދުވެސް އެކަމަކީ، އޭގެ ސަބަބުން ވެރިކަން ބަދަލުވާނެފަދަ ސަބަބެއް ކަމުގައި ދުށުމަށް ދިވެހި ތާރީޚް ހިނގާ މަގު ދުވަހަކުވެސް ޖާގަދީފައެއް ނެތެވެ.

ވެރިކަމުގެ ފަރާތުގެ ބޭކާރު ޚަރަދު ބޮޑުވެ ސަރުކާރަށް ލިބޭ އެއްޗަކުން އެއްގޮތަކަށް ދެކޮޅު ނުޖެއްސުނަސް އެއީއަކީ އެކަމާ ރައްޔިތުން ކަންބޮޑުވެގެން ގޮސް ވެރިކަން ބަދަލު ކުރުމަށް ނުކުމެ ގަންނާނެ ސަބަބެއް ނޫނެވެ. ކުރުގޮތަކަށް ދަންނަވަނީނަމަ އާންމު ރައްޔިތުންނަށް އުނދަގޫވާ ކިތަންމެ ކަމެއް ހިނގި ނަމަވެސް، އެކަންތައްތަކަކީ ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވުމަށް ސިދާގޮތުގައި ބާރުފޯރުވާފައި ހުރި ކަންކަމެއް ނޫނެވެ.

މުހަންމަދު އަމީނުގެ ރައީސްކަމުގެ ވަރަށް ފަހުކޮޅުގައި، ރާއްޖެ އެފަހަކަށް އައިސް ދުވަހަކުވެސް ނުދެކޭފަދަ އިތުރު ހާދިސާތަކެއް ހިނގިއެވެ. އިޝާރާތްކުރަން މިއުޅެނީ ހަކީމް ދީދީގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒް ކުރެވުނު ހާދިސާއާއި، ގޮމާގޭ ސީދި އާއި ބަޑިއަލިބޭގެ ހުސައިން ދީދީގެ އަތް ކެނޑުމުގެ ހާދިސާއަށެވެ. މިކަން ވެގެން ދިޔައީ، އެތައް ބަޔަކަށް ވަރަށް ސިހުން އެރިކަމެއްގެ ގޮތުގައި ކަން އެއިރުގެ މީހުންވެސް ދުށްކަން އެމީހުންގެ ވާހަކަތަކުންނާއި ލިއުންތަކުން އެނގެއެވެ.

މިފަދަ އެންމެހާ ކަންކަން މިދެންނެވި މަގުގައި ހުރިހިނދު، ދެން އެކަންކަމުގެ ތެރެއަށް ވަންނާންފެށީ އަދި ވަކިން މާފަލަ ކަމެކެވެ. ރަށުތެރޭގައި ނުފޫޒާއި ބާރުގަދަ ޚާންދާންތަކުގެ ބޭފުޅުންނަށް އުނދަގޫވެ ގެއްލުންވާފަދަ ކަންކަމެވެ. މިފަދަ ކަންކަން ހިނގަން ފަށައިފިނަމަ، އެފަދަ ކަންކަން ވެފައި އޮންނަނީ، އޭގެ ސަބަބުން ވެރިކަމުގެ ފަރާތަށް ލޮޅުން އަރާފަދަ ކަންކަމަށެވެ. މުހަންމަދު އަމީނުގެ ވެރިކަމުގެ ނިމުމާއި މި ހަމައާއި ގުޅިފައިހުރީ ވަރަށްވެސް މަތީ ދަރަޖައަކަށެވެ.
މީލާދީ ކަލަންޑަރުން، 1950ގެ އަހަރުތަކުގައި، ރާއްޖޭގެ ނަގާކިޔާ ދިހަ ފަނަރަ އާއިލާ އޮތް ކަމުގައި ވީ ނަމަވެސް ވެރިކަމުގެ އެންމެހާ ކަންކަމުގައި ހަރަކާތްތެރިވެ އުޅުއްވަނީ އަތިރީގޭ އާއިލާއާއި ވެލާނާގޭ ބޭފުޅުންނެވެ.

ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުވުމަށްފަހުގައި އިއުލާނު ކުރެވުނު ފުރަތަމަ، ވަޒީރުންގެ މަޖްލީހަށް ބައްލަވާލެއްވުމުން މިކަން ފިސާރި ރަނގަޅަށް ހާމަވެގެން ދެއެވެ. އެހިނދުގައި އަތިރީގޭ ޚާންދާނުގައި އެންމެ ނަގާ ކިޔާން ހުންނެވި ދިވެހި ޖުމްހޫރިއްޔަތުގެ ރައީސުލްޖުމްހޫރިއްޔާ މުހަންމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ، ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ވަޒީރުއް ދާޚިލިއްޔާއެވެ. ވަޒީރުލް މާލިއްޔާއެވެ. ވަޒީރުލް ޚާރިޖިއްޔާއެވެ. ވަޒީރުލް އަމަންއާމްއެވެ. އަދި ވަޒީރުއް ސިއްޙާވެސް މެއެވެ.

އެ ޖުމްހޫރިއްޔަތުގެ ވަޒީރުންގެ މަޖްލިސްގައި ވެލާނާގޭ އިބްރާޙިމް މުހައްމަދު ދީދީ ފިޔަވާ އިތުރު ބޭފުޅުންނަށް ތިއްބެވީ އަބްދުﷲ ޖަލާލުއްދީން އާއި ކުޑަދަހަރާގޭ އިބްރާހިމް ދީދިއާއި ދަހަރާގޭ އަބްދުލް ވައްހާބާއި ހަސަން އަލި ދީދިއާއި އިބްރާހިމް ރުޝްދީއެވެ. އާދޭހެވެ. ފަހުން ދުވަހަކު ފާމުލަދޭރި ކިލެގެފާނާއި މަލިން މޫސާ މާފަތް ކަލޭފާނާއި އައިމިނަތު ހުސައިން އާއި ފާތުމަތު އިބްރާހިމް ދީދީ އެ މަޖްލިސްގައި ހިމެނޭ ކަމަށް ކުރި އިޢްލާނެއްވެސް ވެއެވެ. ވަކި ވުޒާރާ ތަކަކާއި ހަވާލުވެ ވަޑައިގެން ތިއްބެވި ކަމަކަށް އެ އިޢުލާނަކު ނުވެއެވެ.

ވަޒީރުންގެ މަޖްލިސް މިފަދައިން އޮންނައިރު ރައްޔިތުންގެ މަޖްލިސްގެ ހާލު އަދި މާބޮޑެވެ. އެ މަޖްލިސްގެ ޖަލްސާތައް ވެފައި އޮންނަނީ ވެރިކަމުގެ ފަރާތުން އެދޭހާ ބައްޓަމަކަށް ގެންދެވޭފަދަ ގޮތަކަށެވެ. މަޖިލިސްގައި ތިބީ ހައްތަހާވެސް އެއްޕާޓީއެއްގެ މެމްބަރުން ކަމުންނެވެ. ތިމާގެ އަމިއްލަ ސަލާމަތާއި އިތުރު ފުރުޞަތުތައް ލިބިގަތުމަށްވެސް އެދޭ ބޭފުޅުން މެންބަރުންގެ ގޮތުގައި ގިނަކަމުންވެސް މެއެވެ. ދެވަނަ ގޮތަކަށް ޚިޔާލު ގެންގުޅުއްވާ ބޭފުޅުންނަށްވެސް ކުރެވެން އޮންނަ ކަންތައްތައް ކުޑަކަމުންނާއިއެކު، މިކަމުން ދޭހަވަނީ ރައްޔިތުންގެ މަޖިލީހަށް ޖެހިފައިވާ ބިކަހާލެވެ.

ދިވެހި ވެރިކަން ހިންގުމުގައި މަދު މީސްކޮޅެއްގެ ކިބައިގައި ގިނަ ބާރުތަކެއް ހުއްޓިފައި ހުންނަކަމުން މިދެންނެވި ދެ އާއިލާގެ ބޭފުޅުން ފިޔަވާ އެހެންވެސް އެއިރު ރާއްޖޭގައި ހަރަކާތްތެރިވަމުން ދިޔަ ކިތަންމެ އާއިލާއެއްގެ އެތައް ބޭފުޅުންނެއް ތިބީ ޒާތަކަށް އެއްފަރާތް ވެފައެވެ. މިކަމުގައި ހާއްސަ ގޮތެއްގައި ފާހަގަ ކުރެވެނީ ކަކާގޭ ބޭފުޅުންނެވެ. އަދި ހަމަ އެހެންމެ އެއްގަމުގޭ ބޭފުޅުންނަށް ވެރިކަމުގެ ތެރެއިން ލިބިވަޑައިގެންފައިވާ ޖާގަވެސް ކުޑައެވެ. ބުރުނީގެއަކަސް ހެންވޭރު ގެއަކަސް ހުޅަގު ގެއަކަސް ކަންއޮތީ މިހެންނެވެ. މުހައްމަދު އަމީންއާއި ވެލާނާގޭ އިބްރާހިމް ދީދިއާއި ދެބޭފުޅުން ފިޔަވާ އެހެން ބޭފުޅަކު ހަމަ އެއްގޮތަކަށްވެސް އުޅޭ ކަމަކަށް ނުވެއެވެ.

ނަތީޖާއެއްގެ ގޮތުން އެކަހެރި ވެފައިވާ އެންމެ ބޭފުޅުން އަތިރީގޭ ވެރިކަމުގެ މައްޗަށް ކުރެއްވި ނަފްރަތު ކުޑައެއް ނޫނެވެ. މުހައްމަދު އަމީނަކީ 1930ގެ އަހަރުތަކުން ފެށިގެން ދިވެހިރާއްޖޭގެ ވެރިކަމުގެ ކަންތައްތަކުގައި ފިސާރި ބޮޑަށް ހިމެނިގެން ހަރަކާތްތެރިވަމުން ވަޑައިގެންނެވި ތައުލީމީ ބޭފުޅެކެވެ. އުފެދިފައި އެވާ މައްސަލަތަކަކީ، މުހައްމަދު އަމީނަށް އަބަދުވެސް ވިސްނި ވަޑައިގަތްފައި ހުންނާނެ ކަންކަމެވެ. އަދި ހަމަ އެހެންމެ، މަދު މީސްކޮޅެއް ހަރަކާތްތެރިވެގެން ހިންގާ ވެރިކަމެއްގެ ސަލާމަތްކަމުގެ މިންވަރު އޮންނާނީ ނުހަނު ހަނި ދާއިރާއެއްގައި ކަންވެސް މުހައްމަދު އަމީނަށް ޤަބޫލުފުޅު ކުރެވޭކަން، އެމަނިކުފާނުގެ ކިތަންމެ ލިޔުންތަކަކުން އެނގެން އެބަ އޮތެވެ. ދިވެހިރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަކަށް ބަދަލުކޮށް، ރާއްޖޭގައި ޕާޓީ ސިސްޓަމްގެ ނިޒާމް ޤާއިމް ކުރުމަށް މުހައްމަދު އަމީން އެހާ އަވަދިނެތި އުޅުއްވި މައިގަނޑު އެއް ސަބަބަކީވެސް މިއީއެވެ. ޕާޓީ ސިސްޓަމާއި ނުލާ އުފެއްދޭނެ ވެރިކަމެއްގައި ބައިވެރި ކުރެވޭނެ މީހުންގެ އަދަދު މަދުވާނެތީވެ، އެވެރިކަމެއްގެ ކިބައިގާ ފުރިހަމަ ބާރު ނުހުންނާނެތީއެވެ. މުހައްމަދު އަމީނުގެ ބަސްފުޅުންނަމަ، ޕާޓީއެއް އުފެއްދެވެމުގެ އެއް ސަބަބަކީ އަތިރީގޭ އާއިލާ ހުލިވާތީއެވެ

(ނުނިމޭ).

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.