Skip to main content

ޑީސެންޓަރަލައިޒޭޝަނާއި ޕްރޮވިންސް


ރައްޔިތުންގެ މަޖިލީހުގައި ހޫނު ބަހުސް ތަކެއް ކުރެވުމަށް ފަހު ސަރުކާރުން އަނބުރާ ގެންގޮސްފައިވާ ރައްޖޭގެ ރަށްތައް ލާ މަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ބިލަކީ އެ ބިލަކާ ދިމާޔަށް މުޅި ރާއްޖެގެ ސަމާލުކަން މިވަގުތު ހުއްޓިފައިވާ ބިލެކެވެ. ސަރުކާރުން ބިލު ހުށަހެޅި އިރު ހުސަހަޅާފައިވާ ގޮތަށް ރާއްޖޭގެ އެކި އަތޮޅުތައް ބައިބަޔަށް ލައިގެން ޕްރޮވިންސް ހެދުމާ މެދު އިދިކޮޅު ފަރާތްތަކުގެ ޚިޔާލު ތަފާތުވުމުން ބިލުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. ކޮންމެ ގޮތަކަށް ކަންތައް ވެދިޔަ ކަމުގައި ވިޔަސް މި ބިލަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީން ކޮންމެހެން ހަދަން މަޖުބޫރު ކުރުވާ ބިލެކެވެ. ބިލު ހަދަން ޖެހެނީ ދިވެހި ރާއްޖޭގެ ރަށް ތައް ލާ މަރުކަޒީ ނިޒާމަކުން ހިންގުމަށްޓަކައެވެ. އެހެން ކަމުން އެއް ވެސް އޮޅުމެއްނެތި އެނގޭ ގޮތުގައި މިބިލު ވާން ޖެހޭނީ ދިވެހި ރާއްޖެގެ ރަށް ތައް ލާމަރުކޒީ އުސޫލުން ހިންގުމަށް ބޭނުންވާ ހުރިހާ އުސޫލު ތަކާއި ހަމަ ތަކެއް ބަޔާން ވެގެން ވާ ބިލަކަށެވެ. ބިލުގެ މުޅި މައިގަނޑު ރޫހު ބިނާ ވާން ޖެހޭނީ ރާއްޖޭގެ އަތޮޅު ތަކާއި ރަށް ތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭގޮތުންނެވެ. މިހިސާބުން، ލާމަރުކަޒީ އުސޫލަކީ ކޮބައިތޯ ބަލައިލާން ޖެހެއެވެ.

ލާމަރުކަޒީ އުސޫލުން ގައުމެއް ހިންގުން ނުވަތަ ގައުމެއްގެ ހިންގުން ޑި ސެނޓްރަލައިޒު ކުރުން އެންމެ އާންމު ގޮތެއްގައި މާނަ ކުރެވެނީ ކަންކަމާ މެދު ގޮތް ނިންމުމުގެ ބާރު ރައްޔިތުންނަށް ދިނުމަށެވެ. އެކި ދަރަޖައިގައި ގައުމު ހިންގުމުގައި ރައްޔިތުން ވީހާވެސް ބޮޑަކަށް ބައިވެރި ކޮށް އެމީހުންގެ އަމިއްލަ ކަންތަކުގައި ގޮތް ނިންމުމާއި ކަން ކަން ރާވައި ހިންގުމުގެ ބާރު އެމީހުނަށް ދިނުމެވެ.ފެންނަން ހުރި ދިރަސާ ތަކާއި އިލްމީ ހޯދުންތަކުގެ އަލީގައި ބަލާލާއިރު ގައުމެއްގެ ނިސްބަތުގައި ޑިސެންޓްރަލަޒް ކުރުމަކީ އެގައުމެއްގެ މައި ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ހިންގުމުގެ ބާރު ވީހާވެސް ބޮޑަކަށް ޢާންމުންނާ ހިއްސާ ކުރުމެވެ. މިގޮތުން ގައުމުގެ އިދާރީ އޮނިގަނޑު ބައިތަކަކަށް ބަހާލައި، ކޮންމެ ބަޔަކަށް ވެސް އެބަޔެއްގެ ހިންގުމުގެ ބާރު ދިނުމަކީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ އެންމެ އާންމު ސިފައެވެ. މީގައި ބޮޑަށް ބެލެވެނީ ރައްޔިތުންނަށް އެމީހުންގެ ކަން ކަމުގައި ގޮތް ކޔައި ނިންމުމުގެ ފުރުސަތު ވީހާ ވެސް ފުޅާދާއިރާ އެއްގައި ދިނުމަށެވެ.
ދިވެހި ރާއްޖޭގެ ޑިސެންޓްރަލައިޒޭޝަންގެ ބިލު މަޖިލީހުގައި ބަހުސު ކުރި އިރު ދިމާވި މައިގަނޑު މައްސަލަ ނުކުތީ މިދެންނެވި އިދާރީ ބައިތައް ބަހާނެ ގޮތަކާ މެދުގައެވެ. އެއް ބަޔަކު ދެކޭ ގޮތުގައި ގުދުރަތީ ގޮތުންނާއި ސަގާފި ގޮތުންނާއި އިޖުތިމާޢީ ގޮތުން ރާއްޖެ ވަނީ މާ ކުރިއްސުރެ ވެސް ވަކި ބައި ތަކަކަށް ބެހިފައެވެ. މި ބައިތައް ރަމްޒުވާ އިދާރީ އޮނިގަނޑެއް މާކުރީއްސުރެ ރާއްޖޭގައި ވަނީ އުފެދިފައެވެ.އަދި އެ އިދާރާތައް ރާއްޖޭގެ ރައްޔިތުން ވަނީ ބަލަގެންފައެވެ. އެހެން ކަމުން ރާއްޖޭގެ ރަށް ތައް ލާ މަރުކަޒީ އުސުލުން ހިންގުމުގެ ނިޒާމު ހަމަ ޖެހިގެން ދާއިރު ރާއްޖެ ބެހިގެން ދާން ވާނީ ކުރިން ވެސް އޮތް އިދާރީ އޮނިގަނޑަށް ފެތޭ ގޮތަށް ކަމުގައި އެފަރާތްތަކުން ވަކާލާތު ކުރިއެވެ. މިގޮތަށް ވަކާލާތު ކުރި ގިނަ ބަޔަކީ ސަރުކާރާއިދި ކޮޅު ފަރާތްތަކެވެ. ސަރުކާރުން ނުވަތަ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވަކާލާތު ކުރީ މުޅި ރާއްޖެ މައިގަނޑު 7 ބަޔަކަށް ބަހަގެން އެކުލަވާލެވޭ އިދާރީ އޮނިގަނޑެއްގެ ދަށުން ލާމަރުކަޒީ ނިޒާމެއް ގާއިމު ކުރުމަށެވެ. ރާއްޖެ ޒަމާނުއްސުރެ ބެހިފައިވާ ބައިތަކަކަށް އިދާރީ ހިންގުން މިހާރު ވެސް ބެހިފައި ވާއިރު މިގޮތަށް މައިގަނޑު 7 ސަރަހައްދެއް ހެދުމުގެ ބޭނުމަކީ ކޮބައިތޯ ކުރެވޭ ސުވާލަށް ސަރުކާރުން ދެމުން ގެންދާ ޖަވާބަކީ މާކުދި ކުދި އަތޮޅުތައް ވަކިން އޮތުމުން ކުރިއަށް ދިއުމުގެ ފުރުސަތު ހަނިވާ ކަމުގައެވެ އެހެން ކަމުން ދެތިން އަތޮޅު އެއްކޮށް ގެން ޚިދުމަތް ދިނުމުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ ތަރައްގީ ވުމަށް މަގު ފަހިވެގެންދާނޭކަމުގައެވެ. މިސާލެއްގެ ގޮތުން ކޮންމެ އަތޮޅެއްގައި ހޮސްޕިޓަލެއް ނެހެދޭނެކަމާއި އެހެނަސް ކަނޑައެޅޭ 7 ސަރަހައްދެއްގައި 7 ހޮސްޕިޓަލެއް ހެދުން ފަސޭހަ ވާނެކަމުގައި އެފަރާތްތަކުން ވަކާލާތު ކުރެއެވެ.މިހިސާބުން އުފެދެނީ އެހެން ސުވާލެކެވެ. މި އުޅެނީ ރީޖަނަލް ކޮށް ރާއްޖޭގެ ރައްޔިތުން ނަށް ޚިދުމަތް ދިނުމުގެ ނުވަތަ ރާއްޖެ ރީޖަނަލް ލެވެލެއް ގައި ތަރައްގީ ކުރާނެ އޮނިގަނޑެއް ރާވަން ހެއްޔެވެ ނުވަތަ ރާއްޖޭގެ ރަށްތައް ލާމަރުކަޒީ އުސޫލުން ހިންގަން ބާވައެވެ. ޑި ސެންޓްރަލައިޒޭޝަނާ ރީޖަނަލައިޒޭޝާނާ މިއީ އުޑާ ބިން ހާ ތަފާތު ދެކަމަކަށް ވެފައި މިދެކަމުގެ ވާހަކަ އޮޅުން ބޮޅުން އަރާގޮތަށް ލާ މަރުކަޒީ ބިލުގެ ބަހުސް ކުރިޔަށް ދާތީ އެ ސުވާލު އުފެދުނީއެވެ.
ސުވާލުގެ ޖަވާބު ލިބުނީ ސީދާ ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާގެ ދޫފުޅުންނެވެ. ރާއްޖޭގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި އެމަނިކުފާނުގެ އެންމެ ފަހުގެ ރޭޑިޔޯ ޚިޠާބުގައި ވިދާޅު ވިގޮތުންނަމަ ޕްރޮވިންސް ހެދުމުގެ ބޭނުމަކީ މާލެ ފަދަ އިތުރު 7 ރަށެއް ގާއިމު ކުރެއްވުމެވެ.
ރާއްޖެ ސަރަހައްދު ތަކަކަށް ބަހާލައިގެން ތަރައްގީގެ މަޝްރޫޢުތަކެއް ހިންގުމަކީ ފަހަރެއްގައި ވެސް އެކަމަށް ވަކި ގާނޫނެއް އޮންނަން ޖެހޭ ކަމެއް ނޫނެވެ. ރާއްޖޭގައި އޭރަކު އޮތް ސަރުކާރަކަށް ފެންނަ ރަނގަޅު ގޮތަކަށް ރޭވޭ މަޝްރޫއެއްގެ ދަށުން އެފަދަ ޕްރޮގްރާމް ތައް ހިންގުމުގެ މިނިވަންކަން ސަރުކާރަށް އަބަދު ވެސް އޮވެއެވެ. އަދި މިފަދަ ބައެއް ކަންތައް މިގޮތަށް ފާއިތުވެ ދިޔަ ތާނގައި ކޮށްފައި ވެސް އެބައޮތެވެ. މިސާލަކަށް ވަރަށް ފަހަކާ ޖެހެންދެން ދިވެހި ސަރުކާރުން ޓޫރިޒަމް ތަރައްގީކުރަމުން އައީ މާލެއާއި އަރި އަތޮޅާއިއި ވާވު އަތޮޅުގެ ސަރަހައްދު ގައެވެ. އެހެން ސަރަހައްދު ތަކަށް ޓުއަރިޒަމް ފުޅާކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެން ފެށީ ވަރަށް ފަހުންނެވެ. އެހެން ކަމުން ރާއްޖޭގެ ރަށެއް މާލެޔާ އެއްފެންވަރަކަށް ނުވަތަ އެއަށްވުރެ ބޮޑަށް ތަރައްގީ ކުރުމަށް ވެސް ސަރުކާރަށް އޮތް ހުރަހެއް ނެތެވެ. އެކަމކާ ލާމަރުކަޒީ އުސޫލުން އަތޮޅު ހިންގުމުގެ އިޚުތިޔާރު އަތޮޅު ތަކަށް، ރަށް ހިންގުމުގެ އިޚުތުޔާރު ރަށް ތަކަށް، ދިނުމަކާ އެއްވެސް ގުޅުމެއް ނެތެވެ.
ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ލާޒިމު ކުރަނީ ރާއްޖެގެ ރަށް ތައް ލާމާރުކަޒީ އުސުލުން ހިންގުމަށް ކަމުގައި ވެފައި، ލާ މަރުކާޒީ އުސޫލުން ހިންގުމަކީ ރައްޔިތުންނަށް އެމީހުންގެ ކަންތައް އަމިއްލަޔަށް ހިންގުމަށް ބާރު ދިނުން ކަމުގައި ވާ އިރު މިބާރުތައް ވީހާ ފުޅާ ދާއިރާ އެއްގައި ދިނުމަކީ މުހިންމު ކަމެކެވެ. އެގޮތުން ދިވެހި ރާއްޖޭގައި ޒަމާނުއްސުރެ ބެހިފައި ވާއަތޮޅުތަކާ ރަށް ރަށް ހިންގުމުގެ އެޑްމިނިސްޓރޭޓިވް އޮނިގަނޑަކީ މިކަމަށް އެންމެ އެކަށޭނަ، ރައްޔިތުންގެ ރުހުން ލިބިފައިވާ އޮނިގަނޑު ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. މީގެ ރައްދެއްގެ ގޮތުން ގިނަބަޔަކު ކުރާނެ ސުވާލަކީ ތިގޮތަށް ތިޔަ އަތޮޅުތައް ބެހިފައި އޮންނަތާ ކިހާ ދުވަހެއް ވެއްޖެ ތޯ އާއި ލިބުނު ކުރި އެރުމަކީ ކޮބައިތޯއެވެ. ޖަވާބު ވަރަށް ފަސޭހައެއެވެ. ތަރައްގީ ނުވެގެން އުޅެނީ ބައިތަކަކަށް ނުބެހިގެނެއް ނޫނެވެ. މައުމޫނުގެ ވެރިކަމުގައި ވެސް ރާއްޖެތެރޭގެ ރަށްތައް ހިންގުމަށް ވަރަށް ފުރިހަމަ އިދާރީ އޮނިގަނޑެއް ރޭވިފައި އޮތެވެ. އެއީ ރަށް ތަކުގެ ރކ ކޮމިޓީން ފެށިގެން ގޮސް އަތޮޅު ކުރިއަރުވާ ކޮމިޓީ ތަކާއި ކަތީބުންނާއި އަތޮޅު ވެރިން ތަމްސީލު ކޮށް ދިން އިދާރީ ހިންގުމުގެ ނިޒާމެވެ. ކިތަންމެ ފުރިހަމަޔަށް ރޭވިފައި އޮތް ހިންގުމުގެ އޮނިގަނޑެއް ކަމުގައި ވިޔަސް އޭރު ވެސް ނުވެފައި އޮތް ކަމަކީ ހަމަ މިހާރު ވެސް ކުރަންފަސް ޖެހިގެން މިއުޅޭ ކަމެވެ. އާދެ. ރައްޔިތުންނަށް ބާރު ދިނުމެވެ. އެމީހުންގެ ކަންތަކާ މެދު ގޮތް ނިންމުމަށް ޓަކައި ބޭނުންވާ ހަގީގީ ބާރު ދިނުމެވެ.
އޭރުގެ ކަންތައް ހިނގާ ގޮތުންނަމަ ރަށުގެ ކަންތަކާ ބެހޭގޮތުން ރަށް ކުރި އަރުވާ ކޮމިޓީ ތަކުގައި މަޝްވަރާ ކުރެވެއެވެ. ކަތީބު އެމަޝްވަރާ ތކުގެ ވާހަކަ އަތޮޅު އޮފީހުގައި ދަންނަވައެވެ. ކަތީބަށް ކަމެއް ނިންމުމުގެ ބާރު ނޯންނާތިޢެވެ. އަތޮޅު ވެރިޔާ އެ ކަމެއް ފޮނުވަނީ އެޓޯލްސް އެޑްމިނިސްޓްރޭޝަނަށެވެ. އަތޮޅު ވެރިޔާ އަށް ވެސް ކަންތައް އަމިއްލަޔަށް ނިންމުމުގެ ބާރު އޮންނަ ކަމަކަށް ނުވެއެވެ. އެހިސާބުން އެޓޯލްސް އިން އަތޮޅު އޮފީހަށް އަންގަވާ އެންގެވުން އަތޮޅު އޮފީސް މެދުވެރިކޮށް ރަށު އޮފީހަށް ދިޔުމުން ކަތީބު ކުރަންވާކަން ތައް އޮންނާނީ އެނގިފައެވެ. ހަގީގަތުގައި ކޮމިޓީ ތަކަކަށް ވެސް ކަތީ ބަކަށް ވެސް އަތޮޅުވެރިންނަކަށް އެއްވެސް ކަމެއް ނިންމުމުގެ ބާރެއް ނެތެވެ. މީގެ ބަދަލުގައި މި ހުރހާ ފަރާތް ތަކަށް ކަންތައް ނިންމުމާއި ހިންގުމުގެ ގާނޫނީ ބާރު ދީ ، ރަށުގެ ކަންތައް ރަށުން، އަތޮޅުގެ ކަންތައް އަތޮޅުން، ހިންގުމަށް ދޫކޮށް ލުމުން އެއޮތީ ލާ މަރުކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ހިގާނެ މަގު ފަހި ވެފައެވެ.
މިހެން މިކަން ކުރުމުގެ ބަދަލުގައި މިއަދުގެ ސަރުކާރުން ވެސް ކަންތައް ކުރާތަން ފެންނަނީ ރައްޔިތުންނަށް ބާރު ދިނުމުގެ ބަދަލުގައބާރުތައް މައި ސަރުކާރަށް ވީހާ ވެސް ބޮޑަކަށް ކޮންޓްރޯލް ކުރެވޭނީ ކިހިނެއްތޯ ބަލާށެވެ. ޕްރޮވިންސް ތައް ހަދައި މިނިސްޓަރުން އައްޔަން ކުރުމުގެ ބޭނުމަކީ އެއީ އެވެ. މީގެ ވަރަށް ކުޑަ ކުޑަ މިސާލެކެވެ. ރާޢްޖެ ތެރޭގެ އަތޮޅުތަކުގައި ފްލެޓް ތައް އެޅުމަކީ މިއަދުގެ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރަން ވާހަކަ ދައްކަމުން އަންނަ އެއް ކަމެކެވެ. މިގޮތުން އެންމެ ދެކުނުގެ ޕްރޮވިންސަށް ލިބޭނެ ކަމަށް ނިމުނު ފްލެޓް ތަކުގެ އަދަދު އިޢުލާން ކުރުމަށް ދެކުނު ޕްރޮވިންސްގެ މައި ރަށް ކަމުގައި ވާ ހިތަދޫގައި ޖަލްސާއެއް ބޭއްވުނެވެ. މި ޖަލްސާގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވަޑައިގެން އިޢުލާން ކޮށް ނިންމެވީ އެ ޕްރޮވިންސަށް މުޅި އެކު ލިބޭނެ ހައުސިން ޔުނިޓް ތަކުގެ އަދަދާއި އެ ހައުސިން ޔުނިޓް ތައް އެ ޕްރޮވިންސްގެ އެކި ރަށް ތަކަށް ބެހިފައިވާ ގޮތެވެ. އެއިރު އެއްކަލަ ޕްރޮވިންޝަލް ކައުންސިލްގެ މެންބަރުންނާއި އެ ޕރޮވިންސްގެ ސްޓޭޓް މިނިސްޓަރާއި އޭނާގެ ދެ ނާއިބުން ތިއްބެވީ އަތް ޖައްސަވާލަ ޖައްސަވާ ލައްވައެވެ. މުޅި ޕްރޮޖެކްޓުގެ އެއްވެސް ހިސާބެއްގައި އެއިން މީހަކަށް އަނގައިން ބުނެލާނެ ފުރުސަތުވެސް ލިބިފައި ނުވެއެވެ. މިކަން މިގޮތަށް ނިމިގެން ދިޔައިރު އެންމެ ކުޑަ މިނުން މައި ސަރުކާރުން އެ ޕްރޮވިންސަށް ދޭން ކަނޑަ އެޅި ފްލެޓް ތައް ޕްރޮވިންސްގެ އެކި ރަށް ރަށަށް ބެހުން، ޕްރޮވިންސްގައި އޮންނަ ކައުންސިލަށް ދޫ ކޮށް ލެވެނު ނަމަވެސް ތަންކޮޅެއް ރަނގަޅު ވީހެވެ. އެހެނަސް ހަގީ ގަތަކީ ބާރުތައް ދޫކޮށްލަން މިއަދުގެ ސަރުކާރުން ވެސް ބޭނުން ނުވާ ކަމެވެ.
ދެން އޮތީ އަތޮޅު ތަކެއް އެއް ކޮށްގެން ޕްރޮވިންސއް ހެދުމުގެ ބޭނުމާމެދު އުފެދޭ ސުވާލެވެ. މީގައި ވިސްނާލަން ޖެހެނީ އަހަރެމެން މިއުޅެނީ ހިންގުމުގެ ބާރު ވީހާ ވެސް ފުޅާ ދާއިރާ އެއްގައި ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްލަން ކަމެވެ. ލާ މަރުކަޒީ އުސޫލަކީ އެ އީ ކަމުގައި ވާތިއެވެ. އެހެން ކަމަށް ވާނަމަ ރަށުގެ ކަންތަށް ރަށުން ނިންމުން އަތޮޅުގެ ކަންތަށް އަތޮޅުން ނިންމުން މިއީ މިކަމަށް އޮތް އެންމެ ރަނގަޅު ހައްލެވެ. މިސާލަކަށް ފުވައްމުލަކުގައި އެއާޕޯޓެއް ހަދާނެތޯ ނުވަތަ ނަހަދާނެތޯ ނިންމުމަށް އެރަށު މީހުނަށް ދޫކޮށް ނުލަން ވީ ސަބަބެއް ނެތެވެ. އެއިގެ ބަދަލުގައި އެ ކަން ނިންމަން އައްޑޫ މީހުން ގެންގޮސް އެމީހުން ލައްވައި ގޮތް ކިޔުއްވަން ޖެހިއްޖެނަމަ އެންމެ އެދެވޭ ނަތީޖާ ނުނިކުތުން ގާތެވެ. މިއީ ވަރަށް ކުޑަކުޑަ މިސާލެކެވެ.
ދިވެހި ރާއްޖޭގެ އަތޮޅުތައް ލާ މަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގޮތުން މިއަދުގެ ސަރުކާރުން ގެންގުޅޭ މުޅި ވިސްނުމަށް ބަލާ އިރު އޮޅުން އަރާ ކަންތައް ތަކެއް ފާހަގަ ކުރެވެއެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ސަރުކާރުން ލާމަރުކަޒީ އުސޫލުގެ ވާހަކަ ދައްކާ އިރު މީގެ ބޭނުމަކީ ރައްޔިތުންނަށް ދޭން ބޭނުން ވާ ޚިދުމަތްތައް ވީހާވެސް ރައްޔިތުންނާ ގާތުން ދިނުން ކަމުގައި ވާހަކަ ދައްކައެވެ. ހަގީގަތުގައި މިއީ ނުބައި ވިސްނުމެކެވެ. ލާމަރުކަޒީ އުސޫލުން ހިންގުމުގެ މައިގަނޑު ބޭނުމަކީ ގައުމުގެ ހިންގުމުގައި ރައްޔިތުން ވީހާ ވެސް ބޮޑަކަށް ބައިވެރި ކުރުމެވެ. އެގޮތުން އެބަޔަކު ހިމެނޭ އިދާރާ އެއްގެ ހިންގުމުގެ ބާރު އެބަޔަކަށް ދިނުމަކީ މީގެ މައިގަނޑު އަސާސެވެ. މައި ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތް ތައް ރައްޔިތުންނާ ގާތުން ދިނުމުގައި ގެންގުޅޭނެ ސްޓްރެޓެޖީ އެއްގެ މިނިވަން ކަން ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބާރު ރަށްތަކާ އަތޮޅު ތަކަށް ދިނުމަކުން މައިސަރުކާރަކަށް ގެއްލިގެން ނުދެއެވެ. މިއީ ބަޔަކު ގަސްދުގައި އޮޅުވައިލާފައި އޮތް ކަމެއް ކަން ނުވަތަ އަރާފައި އޮތް ބޮޑު އޮޅުމެއްކަން ބުނާކަށް ނޭނގެއެވެ. އެހެނަސް މިއީ ލާމަރުކަޒީ ބިލު އަލުން އެކުލަވާލައި މަޖިލީހަށް ގެންގޮސް ބަހުސް ކުރާއިރު ވިސްނަންވީ މުހިންމު ނުކުތާއެކެވެ.

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.