Skip to main content

ނަމުން ޖުމްހޫރީވެ، ކަމުން ވެރިކަން ހިންގުމަކީ އެއްވެސް ވެރިޔަކަށް ދެން އިރާދަކުރެއްވިއްޔާ، މި ރާއްޖޭގައި ކުރެވޭނެ ކަމެއް ނޫން.
ރައީސް ނަޝީދު

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދައްކެވި ވާހަކަފުޅު......
بســم اللّـه الرّحمـن الرّحيــم


ޖުމްހޫރީ ދުވަހުގެ ތަހުނިޔާ، ރާއްޖޭގެ އެންމެ ރައްޔިތުންނަށް ދަންނަވަން.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން. ވަޑައިގެން ތިއްބެވި އެންމެހާ މެހްމާނުން. މިބައްދަލުވުން ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުން.

السّـلام عليـكم

އަހަރެއް ކުރިން މިދުވަހު އަޅުގަނޑުމެން ހުއްޓި ތިބި ފިކުރުގެ މަތިން މިއަދު އަޅުގަނޑުމެން ވިސްނާލުމަކީ، އަޅުގަނޑުގެ ނަޒަރުގައި މުނާސިބު ކަމެއް. 11 ނޮވެމްބަރ 2008ވީ އަންގާރަ ދުވަހާ ހަމައަށް މި ރާއްޖެ ގެނެސްދިން ސަބަބަކީ ކޮބައިތޯ ފިކުރު ހިންގާލުމަކީ މިއަދު މުހިންމު ކަމެއް. އެއީ އޭގެކުރިން ހިނގާދިޔަ ދިގު 30 އަހަރު މިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން ވެރިކަން ކުރެއްވި ގޮތް ބަދަލުވެދިޔަ ދުވަސް. އެއީ މި ރާއްޖޭގެ ޤައުމީ ޙަޔާތް، އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވި ހިނދުކޮޅު. އެދުވަހުގެ އެހިނދުކޮޅު އެގޮތަށް މެދުވެރިވި އެންމެބޮޑު ސަބަބަކީ، އެ ދަނޑިވަޅުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދިވެހިން ހިފިކަން. މިބަދަލަށް ދިވެހިންގެ ވިސްނުމާއި ފިކުރު ހިމުންވެދިޔަ އެތައް ސަބަބެއްވޭ. ހަމައެކަނި މާއްދީ އެދުންތަކެއްގެ އަޖަލުގައި ދިވެހިންޖެހި ތިބިނަމަ، އަޅުގަނޑު ދަންނަވާނީ 11 ނޮވެމްބަރ 2008ވީ އަންގާރަ ދުވަސް، އެގޮތުގައި ފެނުމަކީ ވަރަށް ނާދިރު ކަމެކޭ. އޭގެ ޙަޤީޤީ ސިއްރަކީ އަޅުގަނޑުގެ ނަޒަރުގައި މުޅިން އެހެން ސަބަބެއް. މާއްދީ ފައިދާއަށްވުރެ، މާނަވީ ބަދަލަކަށް ރައްޔިތަކު އެދުމުން މެނުވީ، ޒަމާންވީ ޚުދު މުޚްތާރު ވެރިކަމަކުން ޑިމޮކްރަސީއަކަށް ޤައުމެއް ފުރޮޅި ދިއުމަކީ އިންސާނީ ތަޖުރިބާ އަޅުގަނޑުމެންނަށް ދައްކާފައިވާ ކަމެއް ނޫން.

ދިވެހި ރައްޔިތުން އެފިކުރާ ގުޅި ލާމެހި ހިމުންވެދިޔަ މާނަވީ ފިކުރަކީ، އިންސާނީ ޤަދަރާއި ކަރާމާތް ލިބިގަތުމަށް އެމީހުން އެދި ތިބި މިންވަރު ބޮޑުކަން. ހާސްކަމާއި ބިރުވެރިކަމުން ނެއްޓިގަތުމަށް ބޭނުންވި ފުންކަން. ދިވެހިން ބޭނުންވީ އަމިއްލަ ވަޒަނުގައި އަމިއްލަވުން. އަޅުގަނޑުމެންގެ ހިތުގައި ހިނގި ވިންދަކީ އެއީ. އިންސާނަކަށްވީތީ ދެއްވި މަތިވެރިކަމުގެ ބޭނުން ހިފުން. ކޮންމެ މީހަކީވެސް ތިމާގެ އަމިއްލަ ޙަލާލު މަސައްކަތުން، ތިމަންނާއާއި ތިމަންނާގެ ޢާއިލާ ބަލަހައްޓާ މީހާއަކީ، ޚުދު ތިމަންނާއޭ ބުނުން. އަމިއްލަ ފައިމައްޗަށް ތެދުވެހުރި މިނިވަން ޝަޚްޞަކަށްވުން. ޤަދަރާއި ޢިއްޒަތް ލިބިހުރި ފަޚްރުވެރި ދިވެހި ރައްޔިތަކަށްވުން. މިދެންނެވި މާނަވީ އަމާޒަށް އަޅުގަނޑުމެން ދަތުރުފެށިތާ މިއަދަށްމިވީ އެއްއަހަރު. އެހެން ނަމަވެސް، މިދެންނެވި މާނަވީ ބަދަލަށް ދިވެހި އިންސާނާ އެދޭތާ އެތައް ސަތޭކަ އަހަރެއް ފާއިތުވެ ހިނގައްޖެ. ޙާޞިލުނުވާ މުރާދަކަށް މިކަންވެ، ޒަމާންތައް ފާއިތުވެދިޔަ އެންމެބޮޑު ސަބަބަކީ، ވެރިކަމަށްޓަކައި ވެރިކަން ހިންގާ ވެރިން، ޤައުމުތަކާއި ޖަމާޢަތްތަކާއި ޤަބީލާތަކުގެ މައްޗަށް އަތްގަދަކުރާކަން. ރައްޔިތުންގެ ފިކުރާއި މިނިވަންކަން އޮބަހެއްޓުމާއެކު، ވެރިކަމުގެ ފަރާތުން ހިންގާ ހީލަތްތެރި ރޭވުންތަކުން ޖީލުތައް ހަފުސްވެދާކަމީ، އަޅުގަނޑުމެންނަށް ފެންނާން އޮތް ޙަޤީޤަތެއް. އަދި ޒަމާންތަކަށް ދެމިގެންދާ ޚުދުމުޚްތާރު ވެރިކަންތަކުގެ ސަބަބުން އިންސާނާގެ ވިސްނުމުގެ ތަރާދު ހަމަ މަގުން ނެއްޓި، މީޒާނުން ކަސިޔާރުވެދޭ. ގޮތެއް ނެތް ގޮތް އެއީ ގޮތް ކަމުގައި ވިސްނި، އަޅުވެތިވެ ތިބުމަކީ މާބޮޑު މިނިވަންކަމެއްގެ ގޮތުގައި އެބަ ދެކެވޭތަން އާދޭ. މިކަމަށް އޮތް ފަރުވާއަކީ ރައްޔިތުންގެ ފަރާތުން އުފުލިގެން އަންނަ ޖުމްހޫރީ ވެރިކަން.

އެހެންކަމުން، ނަމުން ޖުމްހޫރީވެ، ކަމުން ވެރިކަން ހިންގުމަކީ އެއްވެސް ވެރިޔަކަށް ދެން އިރާދަކުރެއްވިއްޔާ، މި ރާއްޖޭގައި ކުރެވޭނެ ކަމެއް ނޫން. އެ ނާ ތަހުޒީބު ޘަޤާފަތު މިރާއްޖެއާ ދުރަށް އޮޔާލާ ބައްސާލި ބަޔަކީ ތިޔަބޭފުޅުން. މި ރާއްޖޭގެ ލޮބުވެތި ރައްޔިތުން. ދިވެހިން. ތިޔަބޭފުޅުން. ދިވެހިން އެބަދަލު ގެނެސް، 11 ނޮވެމްބަރ 2008 ގައި އެ މަސްއޫލިއްޔަތު އުފުލުމަށް ތަޤްދީރު ކުރެހި ޕްލޭނުން މިއަދު މިމަގާމުގައި ހުއްޓި މިހިރީ އަޅުގަނޑު. ރާއްޖޭގެ އެންމެ ރައްޔިތުންނަށް ޔަޤީންކަން އަރުވަން އަޅުގަނޑު ބޭނުންވަނީ، އިރާދަކުރެއްވިއްޔާ، އެމަސްއޫލިއްޔަތު އަޅުގަނޑު ފުރިހަމައަށް އަދާކުރާނަމޭ. އަދި އެކަމާ ދެކޮޅަށް ހުރި ހުރަސްތައް ނައްތާލުމުގައި އަޅުގަނޑު ފަހެއް ނުޖެހޭނަމޭ. ހެޔޮވެރިކަމާއި، އޯގާތެރި ސަރުކާރުތަކަށް މެނުވީ އިރާދަކުރެއްވިއްޔާ، ދެން މިރާއްޖޭގައި ދެމިނޯވެވޭނެ ހުރިހާ ސަބަބުތަކެއް އަޅުގަނޑުމެން މި ސަރުކާރުން އިރާދަކުރެއްވިއްޔާ ހިފަހައްޓާނަން. މި ރާއްޖޭގައި ދަމަހައްޓާނަން. މި ރާއްޖޭގައި އިރާދަކުރެއްވިއްޔާ، އެ އާދަތައް އަޅުގަނޑުމެން ލަހައްޓާނަން. ވެރިކަމެއް ޖުމްހޫރީވެ ދިޔުމަށް ބާރުއަޅާ ހުރިހާ ސިފަތަކެއް އިސްކުރުމަކީ، ވެރިކަމުގެ ފަރާތުން ގެންގުޅޭ ނިޔަތުގެ ހެޔޮކަމާ ގުޅިފައި އޮންނަ ކަމެއް.

އިއްޔެ މެންދުރުގެ ނޫ ޤާނޫނުއަސާސީއާއި މިހާރު ޢަމަލު ކުރެވެމުންމިދާ ޤާނޫނުއަސާސީގައިވެސް، ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ މައިގަނޑު ތަރަހަތައް ހުރީ އެއްގޮތަކަށް. މިދެންނެވި ނޫ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއިން އޭރުވެސް ރައްޔިތުންނަށް ލިބިދީފައި އޮތް އެއް ޙައްޤަކީ، ކުށުގެ ތުހުމަތުން ބަރީއަވުމަށް ޤާނޫނީ ވަކީލުން ލިބިދިނުމުގެ ޙައްޤު. އެހެން ނަމަވެސް، އެ މާއްދާއާއި އޭގެ ރޫޙާއި މަފްހޫމް، އޭރުގެ ވެރިކަމުން ބޭނުންވިގޮތަށް ހިފަހައްޓައި އޮބަހެއްޓި. ވެރިކަމުގެ ފަރާތުން ހެޔޮވެރިކަމެއް ކުރުމަށް ނިޔަތްނުގަންނަހާ ހިނދު، ލިޔެފައި އޮންނަ ޤާނޫނަކުން ރައްޔިތަކަށް ކުރާނެ މާބޮޑު މަންފާއެއް ނޯންނާނެ. އޭގެ އެއްމިސާލު، އަޅުގަނޑު ދެންމެ މިދެންނެވީ. އަދި ހަމައެހެންމެ، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަމެއް ނުކޮށް ތިބުމުގެ ބަހަނާއަކަށް ޤާނޫނެއް ނެތުމޭ ބުނުމަކީ، ހެޔޮވެރިކަމެއް ކުރުމަށް އެދޭ ސަރުކާރަކުން ބުނާ ޒާތުގެ ބަހެއް ނޫން. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އެބާވަތުގެ ބަހެއް ނުދަންނަވާނަން.

އަޅުގަނޑަށް އެނގި ޔަޤީންވާ އެއްކަމަކީ، އިންޞާފާއި ޙައްޤުތައް ލިބުމަށް އެދި ތިބި އެތައްހާސް ބަޔަކު މި ރާއްޖޭގައި ތިބިކަން. އެހެން ނަމަވެސް، ވިސްނަވާތި! ތިޔަ ރައްޔިތުން މި ރާއްޖެއަށް ގެންނެވި ބަދަލަކީ އާދައިގެ ކުޑަކުޑަ ބަދަލެއް ނޫން. މިދިޔަ އަހަރުގެ މިދުވަހަކީ ހަމައެކަނި ރިޔާސީ ދައުރެއް ނިމި، އާ ދައުރެއް ފެށުނު ދުވަހެއް ނޫން. އެތައް ޒަމާނެއްވީ ނޭއްގާނީ އެތައް ކަމަކުން މި ރާއްޖެ ހަމަ މަގަށް ގެނައުމަކީ، ކުރާން ޖެހިފައި އޮތް އެންމެބޮޑު މަސައްކަތް. އެހެންކަމުން، މާޒީގެ އޮޅުންބޮޅުންތަކުގެ ތެރެއިން އިންޞާފު ހޯދައިދޭން ޖެހިފައި މިވަނީ ހަމައެކަނި ވަކި ފަރްދުންނަކަށް ނޫން. ޚުދް މި ރާއްޖެއަށް އިންޞާފު ހޯދައިދިނުމަކީ އަދި މާމަތީގައި އުފުލިފައި އޮތް މަސްއޫލިއްޔަތެއް. ފަރްދީ މިނިވަންކަމާއި ޙައްޤުތައް ރައްޔިތަކަށް ކަށަވަރުކޮށްދޭ ފަދައިން، ޤައުމަކަށް އެޤައުމެއްގެ ޙައްޤުތައް ކަށަވަރުވާންޖެހޭނެ. އަޅުގަނޑުމެން ކުރަމުން މިގެންދަނީ މިދެންނެވި ދެމަސައްކަތް.
ވެރިކަމެއް ނިމި އަހަރެއް ފާއިތުވިއިރު، ސިޔާސީ ކުށްވެރިންގެ ގޮތުގައި އެންމެ މީހަކުވެސް ހިފައި ހައްޔަރު ނުކޮށް ކުރެވިފައި އޮތް ވެރިކަމެއް، މިނޫނިއްޔާ މި ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް ނުވާނެ. ޒާތީ ޖަޒުބާތުތަކަށްވުރެ މާނަވީ ބަދަލަށް ޖާގަ ދިނުމަކީ، މީގެކުރިން ހިންގި އެއްވެސް ސަރުކާރަކުން ކޮށްފައި އޮތް ކަމެއް ނޫން.

ފާއިތުވި އަހަރުގެ ތެރޭގައި ފަށައިގަނެ ކުރަމުންމިދާ ކަންކަމަކީ، ހަމައެކަނި މިއަދާ މާދަމައަށް ވިސްނައިގެން ކުރާ ކަންކަމެއް ނޫން. އަޅުގަނޑުމެން މިމަސްއޫލިއްޔަތު ޙަވާލުވެ މިތިބީ މިކަމުގެ ވިސްނުމާއި، ޙިކުމަތާއި ހިތްވަރު އަޅުގަނޑުމެންގެ ކިބައިގައި ލިބިވާތީވެ. މި ރާއްޖެއާއި މި ރާއްޖޭގެ ރައްޔިތުންނަށް ލާބަހުރި، އެތައް ޒަމާނަކަށް ދެމިގެންދާނެ ސިޔާސީ މަންޒަރެއް އަޅުގަނޑުމެންގެ ވިސްނުމުގައި އެބައޮތް. މާ ރީތި އުފާވެރި ކުރެހުންތައް އަޅުގަނޑުމެންގެ އަތުގައި އެބަހުރި. އޭގެ ހެޔޮ ނަތީޖާ އިރާދަކުރެއްވިއްޔާ ގެންނަމުން، ފެންނަމުން، ކުލަޖެހެމުންދާނީ ޒަމާންތަކަށް އަމާޒުވާ ފަދައިން.

މިއަދު އަޅުގަނޑުމެން މި ރާއްޖޭގެ ވެރިކަން ކުރަމުން މިދަނީ، މިވަގުތު ރާއްޖޭގައި ދިރިތިބި ބަޔަކަށް އެކަންޏެއް ނޫން. މިއަދު މި ރާއްޖޭގެ ވެރިކަން އަޅުގަނޑުމެން ކުރަމުން މިގެންދަނީ MDP އާއި DRP އާއި އަދި އެހެނިހެން ސިޔާސީ ޕާޓީތަކަކަށް އެކަންޏެއްވެސް ނޫން. މިއަދު އަޅުގަނޑުމެން ވެރިކަން ކުރަމުން މިދަނީ އަދި ނުއުފަންނަ، އެތައް ދިވެހި ދަރިންނަށްޓަކައި. އެހެންކަމުން، ޙާޞިލުކުރާން ބޭނުންވާ އެތައް ކަމަކާއި، ލިބެން އެދިއެދި ތިބި އިންޞާފު ލިބެމުންދާނެކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން. ޤަބީލާއެއްގެ ސިފަތަކުން ނެއްޓި، ޤައުމެއްގެ ޙަޤީޤީ އިސްކޮޅަށް ހިންދެމިލުމަށް ވިސްނުން އަމާޒު ކޮށްގެން ނޫނީ މިއަދު މިއެދޭ ބަދަލު ހޯދައިގަތުމަށް ދަތިވާނެ. ވަކި ޝަޚްޞަކީ ނުވަތަ ފަރްދަކީ ޢަދުލު އިންޞާފުގެ ފަހުބަސް ކަމުގައިވުން އެއީ އިންސާނުން ދިރިއުޅޭ ކޮންމެ މުޖްތަމަޢެއްގައިވެސް ހުތުރު ކަމެއް.

އިރާދަކުރެއްވިއްޔާ، އެ ނިކަމެތި ހާލުން ނެއްޓި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު، މިނިވަންކަމާއި ޢިއްޒަތާއި ޙުރްމަތާއެކު ހައިބަތު ލިބިގެންވާ ވަކި ބާރެއްގެ ގޮތުގައި، ވޭތުވެދިޔަ އަހަރު ފެނިގެން ގޮސްފައިވޭ. ރައްޔިތުންގެ މަޖިލީހުގެ ދައުރު ކަނޑައެޅުމާއި، ޤާނޫނުއަސާސީގެ ނަސްލު ބުނެދިނުމާއި، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެންޑިޑެސީގެ ޞައްޙަކަމާމެދު ގޮތެއް ކަނޑައެޅުމުގައި، ތާރީޚީ ނިންމުންތައް ރާއްޖޭގެ ސުޕްރީމް ކޯޓުންވަނީ ނިންމާފައި. މިއީ ޑިމޮކްރަސީއެއްގައި ފެންނާންޖެހޭނެ އެންމެ ހިތްގައިމު އެއް މަންޒަރު. އެކަމަށްޓަކައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށާއި، އަދި ޢަދުލު އިންޞާފުގެ އެންމެ މުހިންމު ތަނބުތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެނިގެންމިދާ ސިޔާސީ ވާދަވެރިކަމާއި ޑިމޮކްރެޓިކް ރޫޙަކީ، ޙަޤީޤީ ޑިމޮކްރަސީއަކަށް ރާއްޖެ ފަރިވަމުން ފައްކާވަމުންދާ ކަމުގެ ދިރިހުރި މިސާލެއް. މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އެކުރައްވާ މިންނެތް މަސައްކަތަށް ފަށްފަށުން ސާބަސް އަޅުގަނޑު ދެން. އާކޮޅުމަތީގައި ދަތްފަޅާއިރު ތަދުވާގޮތަށް، ބަތްކަންޏާ ހުންނަ ހުންނަ ހަމައިން މިއަދަށްވުރެ އެމަޖިލިސް މާދަމާ މާބޮޑުތަނުންވެސް ހަރުދަނާވާނެ. އިރާދަކުރެއްވިއްޔާ، ކުރިއަރައިދާނެކަން އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނުއުފެދޭ.

އަޅުގަނޑުމެން ޢިބްރަތް ލިބިގަނެ ތަޖުރިބާ ޙާޞިލު ކުރާން ޖެހެނީ، ޤަދީމީ ޒަމާނުގައި ޢަސްކަރީ ލީޑަރުންގެ ސަބަބުން، ރައްޔިތުންގެ ޖުމްހޫރިއްޔާ ބަލިކަށިވެ ނެތިދިޔަގޮތުން. ރަސްރަސްކަލުންގެ ބާރުވެރިކަން ދެމެހެއްޓުމަށް، އެ ރަސްރަސްކަލުންނަށް ތާއީދުކުރި ފަރާތްތަކާހުރެ ދައުލަތްތައް ވެއްޓިގެންދިޔަ ހަނގުރާމައިގެ އަނދަވަޅު.

އަޅުގަނޑުމެން ގެންނަން މަސައްކަތް މިކުރާ ބަދަލަކީ، ވެރިކަމުގެ ޢިއްޒަތާއި، ޤަދަރާއި، ހައިބަތާއި ކަރާމާތުގެ ދުލީގައި ފޮރުވިގެން ތިބެ، ކޯހީނޫރުގެ ތާޖުން ވެރިކަން ކުރާނެ ވެރިން ދުވަހަކުވެސް ވެރިވިޔަނުދިނުން. ޙަސަން ތާޖުއްދީންގެ ރުތުބަތުލް ފާހިރާގައި މީލާދީން ސަތާރަ ސަތޭކައިގައި، އެވިދާޅުވާފަދަ ދުނިޔޭގެ ރަސްކަމާހުރެ އާޚިރަތުގެ ފަޤީރުކަން ލިބުމަކީ އަޅުގަނޑު ހިފާނޭ މަގެއް ނޫން.

އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން މިއަދުގެ ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޙާޞިލު ކުރެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެން ރާއްޖެއަށް މިއަދަށްވުރެ އަދި މާ ފާގަތި ފަހި މާދަމައެއް ލިބުން.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. ވަރަށް ބޮޑަށް ޝުކުރިއްޔާ!

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.