އާދަމުގެ ދަރިޔާ
ހާރޫން ޔަޙުޔާ , ތަރުޖަމާ: ޑރ. މޫސާ މުރާދު/ ދަރުމަ - ސެޕްޓެމްބަރ 2003
ރަޙިމުގައި އުފެދުން:-.
ރަޙިމުގައި އުފެދުން:-.
އާދަމުގެ ދަރިޔާ އޭނާގެ ހަމަވިސްނުމުގެ ބޭނުން ނުހިފައި އަމިއްލަ ނަފްސަށް އޭނާ މިވުޖޫދަށް އައީ ކިހިނެއްކަމާމެދު ސުވާލުނުކުރާ ކަމުގައިވާނަމަ އޭނާއަށް އިޚްތިޔާރު ކުރެވޭނީ އެއްވެސް ތާކުންތާކު ނުޖެހޭ ޚިޔާލުތަކެކެވެ. “އަހަރެން ކޮންމެވެސް ގޮތަކުން ވުޖޫދަށް އައީއެވެ! ............” މިފަދަ ޚިޔާލުތަކާއެކު އޭނާ ފަށާ ދިރިއުޅުމުގައި މިކަންތައްތަކާއިމެދު ވިސްނާނެ ކުޑަވެސް ވަގުތުކޮޅެއް އޭނާއަކަށް ނުލިބެއެވެ.
ހަމަވިސްނުން ހުރި އިންސާނަކުނަމަ އޭނާ ވުޖޫދަށް އައިގޮތާއި ދުނިޔެމަތީގައި އޭނާއަށް އުޅެން ލިބިފައިވާ ދިރިއުޅުމުގެ މާނައާއި ބޭނުމާއިމެދު ވިސްނާ ޚިޔާލުކުރަން ޖެހޭނެއެވެ. މިފަދަ ޚިޔާލުތައް ކުރާއިރު “އަހަރެން ހައްދަވާފައިވަނީ ކޮންމެވެސް ފަރާތަކުން” ކަން ވިސްނޭ ބައެއް މީހުން ބިރުގަންނަ ފަދައިން ބިރުގަންނާކަށް ނުޖެހެއެވެ. މިފަދައިން ބިރުގަންނަ މީހުން، އެބައިމީހުން ހެއްދެވި ފަރާތަށް ނުވަތަ ކަލާނގެއަށް އެބައިމީހުންގެ ފަރާތުން އެއްވެސް ޒިންމާއެއް ވާކަމަށް ގަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. އެބައިމީހުން ހެއްދެވީ ކޮންމެވެސް ފަރާތަކުންކަން ގަބޫލުކޮށްފިނަމަ، އެބައިމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، އާދަތަކާއި ގަބޫލުކުރާ ކަންތައްތައް ބަދަލުކުރަން ޖެހިދާނެކަމަށް މިބައިމީހުން ބިރުގަނެއެވެ. އެހެންކަމުން ވުޖޫދަށް ގެންނެވި ކަލާނގެއަށް ކިޔަމަންނުވާން ދުވަނީއެވެ.
އެމީހެއްގެ ދިރިހުރުމާއިމެދު ޚިޔާލާއި ފިކުރު ހިންގައި، ހަމަވިސްނުން ވިސްނާ މީހަކަށް، އެމީހެއްގެ ކިބައިގައި ހުރިކަންތައްތައް ދޭހަކޮށްދެނީ ހަމަ އެންމެ ކަމެކެވެ. އެހަށިގަނޑަކީ މާތްﷲ، އެކަލާނގެ ކުޅަދުންވަންތަކަމުން އުފައްދަވައި ފުރާނަ އަޅުއްވާފައިވާ އެއްޗެއްކަމެވެ. އޭނާގެ ދިރިހުރުން ބިނާވެގެންވަނީ އެތައްހާސް ނިޒާމްތަކެއްގެ ބަރާބަރު މަސައްކަތާކަމެވެ. މިއިން ހަމަ އެންމެ ނިޒާމަކީވެސް އޭނާ އަމިއްލައަށް އުފެއްދި އަދި އޭނާގެ ބާރުހިނގާ، ކޮންޓްރޯލް ކުރެވޭ އެއްޗެއް ނޫންކަމެވެ. އޭނާއަށް މިކަމުގެ ސަބަބުން ވިސްނޭނެއެވެ. އޭނާ ހެއްދެވި ކޮންމެވެސް ފަރާތެކެވެ. އަދި އޭނާ، އޭނާ ހެއްދެވި ފަރާތް ދެނެގަންނާނެއެވެ. ނަތީޖާއަކީ އޭނާ ހެއްދެވި ފަރާތް އޭނާ ވުޖޫދަށް ގެނެސްފައިވަނީ ކޮން މަޤްޞަދެއްގައި ކަމާމެދު ވިސްނަން އޭނާ މަސައްކަތް ކުރުމެވެ.
އެމީހަކު ހައްދަވައި ވުޖޫދަށް ގެނުވި ސަބަބާއި ބޭނުން ވިސްނައި ހޯދައިގަންނަން މަސައްކަތްކުރާ މީހަކަށް މަގުދައްކާ ފޮތެއް ވެއެވެ. ކީރިތި ޤުރުއާން އެވެ. ޤުރުއާނަކީ އެމީހާއަށާއި އެކަލާނގެ ހައްދަވައި ދުނިޔެމައްޗަށް ފޮނުއްވި އެންމެހައި މީސްތަކުންނަށް މަގުދައްކާ ފޮތެވެ.ވުޖޫދަށް އައިސް ހެދިބޮޑުވުމުގައި ކަންތައްތައް ވަމުންދާ ގޮތަކީ ޤުރުއާނުގައި އެކަން އައިސްފައިވާ ގޮތަށް ހިނގަމުންދާ ކަންތައްތައްކަމީ ވިސްނައި ފިކުރުކުރާ މީހަކަށް ހުރި ހެކިތަކަކާއި ދަލީލުތަކެކެވެ. އަންނަނިވި ޞަފްޙާތަކުގައި ވަނީ، ޚިޔާލާއި ވިސްނުންހުރި މީހަކަށް ހުރި މަޢުލޫމާތުތަކެކެވެ. އެބައިމީހުން ހެއްދެވި ގޮތާއި އެކަމުގައިވާ ޢިބްރަތްތަކާއި އާދަޔާޚިލާފު ކަންތައްތަކާއި ފުރިހަމަކަމެވެ. އިންސާނެއް އުފެދުމުގެ ވާހަކަ ފެށިގެން އަންނަނީ ވަރަށް ދުރުގައިވާ ތަފާތު ދެތަނަކުންނެވެ. އިންސާނާ ދިރިހުރުމުގެ ތެރެއަށް ފިޔަވަޅު އަޅަނީ،
އަންހެނާއާއި ފިރިހެނާގެ ހަށިގަނޑުގައި އެކުލެވޭ ތަފާތު ދޭއްޗެއް ގުޅި ލާމެހިގެންނެވެ. މިއިން ކޮންމެ އެއްޗެއްވެސް އުފެދިފައިވަނީ އަނެކެއްޗާއި ގުޅުމެއްނެތި މިނިވަންކަންމަތީގައެވެ. ފުރިހަމަކަންމަތީގައެވެ. ދޮގުނުކުރެވޭނެ ޙަޤީޤަތަކީ ފިރިހެނާގެ ހަށިގަނޑުގައިވާ ދަރިމައިވުމުގެ ފަނި އުފެދިފައިވަނީ އޭނާގެ އެއްވެސް އިޚްތިޔާރަކާއި ނުލައި އޭނާގެ އެއްވެސް ކޮންޓްރޯލެއް ނެތިއެވެ. ހަމަ އެހެންމެ، އަންހެނާގެ ހަށިގަނޑުގައިވާ ދަރި ބިސް އުފެދިފައިވަނީ އޭނާގެ އިޚްތިޔާރެއްނެތި، އޭނާގެ ކޮންޓްރޯލެއް ނެތިއެވެ. އަދި ކިއެއްތަ، މިއިން ކަމެއް ހިނގަނީ އެއިން އެއްވެސް މީހަކަށް އެނގުމަކާވެސް ނުލައެވެ.“ތިޔަބައިމީހުން ހެއްދެވީ ތިމަންރަސްކަލާނގެއެވެ. ފަހެ ތިޔަބައިމީހުން ތެދުނުކުރަނީ ކީއްވެހެއްޔެވެ؟ ތިޔަބައިމީހުން ބޭރުކުރާ މަންޏާމެދު، ތިޔަބައިމީހުން ފަހެ ވިސްނައި ބެލީމުހެއްޔެވެ؟ އެތަކެތި ހަދަނީ ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ ހައްދަވާ ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟” (ސޫރަތުލްވާޤިޢާ: 57، 58، 59)ހާމަވާން ހުރި ޙަޤީޤަތަކީ އަންހެނާއާއި ފިރިހެނާގެ ހަށިގަނޑުން މިއަންނަ ތަފާތު ދެމާއްދާ އުފައްދަވާފައިވަނީ އެކަތި އަނެކައްޗާއި ގުޅޭގޮތަށެވެ. މިދެމާއްދާ އުފެއްދުމާއި، އެދޭތި ގުޅި ލާމެހުމާއި އެއަށްފަހު އިންސާނަކަށް ބަދަލުވުން މިއީ ހަމަގައިމުވެސް ޢަޖާއިބުތަކެކެވެ. މުޢުޖިޒާތްތަކެކެވެ.
ދަރި ފަންޏާއި ފަނި އުފައްދާ ގުނަވަން:
ފިރިހެން ދަރި ފަނި (އިންސާނަކު އުފެދުމުގެ ފުރަތަމަ މަރުޙަލާ) އުފެދެނީ އިންސާނާގެ ހަށިގަނޑުން ބޭރުގައެވެ. މިކަން މިގޮތަށް ހިނގާ ސަބަބަކީ މިފަނި އުފެދުމަށް ހަށިގަނޑުގައި ހުންނަ ހޫނުމިނަށްވުރެ ދެޑިގްރީ ދަށް ހޫނުމިނެއް ބޭނުންވާތީއެވެ. ހޫނުމިން މިވަރުގައި، އެއްވަރެއްގައި ހިފެހެއްޓުމުގެ ގޮތުން ފަނި އުފައްދާ ގުނަވަނުގެ (ޓެސްޓިކަލްގެ) ބޭރުން ޚާއްޞަ ހަންގަނޑެއް ވަނީ ލެވިފައެވެ. ފިނި މާޙައުލެއްގައިނަމަ އެހަންގަނޑަށް ބާރުވެ ކުޑަވެއެވެ. ހޫނު މާޙައުލެއްގައި ހަންގަނޑު ދޫވެ ބޮޑުވެއެވެ. ފިނިހޫނުމިން އެއްވަރެއްގައި ހިފަހައްޓަމުންނެވެ. މިނާޒުކު އަދި ހަމަހަމަ ކަންތަކަށް ބާރު ފޯރުވައި ކަންތައް ހިނގާނެގޮތް ކަނޑައަޅަނީ ފިރިހެނާ އަމިއްލައަށް ހެއްޔެވެ؟ ހަމަޔަޤީނުންވެސް ނޫނެކެވެ. މިކަންތައް މިގޮތަށް ހިނގަމުންދަނީ ފިރިހެނާއަށް އެނގުމަކާވެސް ނުލައެވެ. ހެއްދެވި ފަރާތް ވާކަން ގަބޫލު ނުކުރަން ގަދަހަދާ މީހުންނަށް މިކަމާމެދު ބުނެވޭހާވެސް އެއްޗަކީ “އެއީ ހޯދިފައިނުވާ އިންސާނާގެ ހަށިގަނޑުގެ މަސައްކަތެއް” ކަމަށެވެ. ނަމަވެސް “ހޯދިފައިނުވާ މަސައްކަތެއް” ގެ އެއްވެސް މާނައެއްނެތެވެ. މިއީ ހަމައެކަނި ދެލަފްޒެކެވެ.ފަނި އުފެދޭ ގުނަވަނުގައި މިނެޓަކު 1000 ފަނި އުފެދެމުން ދާއިރު، މިއިން ކޮންމެ ފަންޏެއްވެސް އުފެދިފައިވަނީ އަންހެނާގެ ބިސް އުފައްދާ ގުނަވަން (އޯވަރީ) އާއި ދިމާއަށް ދަތުރުކުރެވޭފަދަ ޚާއްޞަ ސިފައަކަށެވެ. ދަތުރު ކުރިއަށްދާއިރު ހީވަނީ ދާންވީ މިޞްރާބު އެއަށް “އެނގޭ” ހެންނެވެ. ދަރި ފަނި އެކުލެވިގެންވަނީ ބޮލާއި، ކަރު އަދި ނިގުލެއްގެ މައްޗަށެވެ. ރަޙިމުގެތެރޭގައި، މަހެއްފަދައިން ޙަރަކާތްތެރިވުމަށް އެއަށް އެހީވެދެނީ މިނިގުލެވެ. ކުޑަކުއްޖާގެ “ޖެނެޓިކް މަޢުލޫމާތު” ގެ ބައެއް ހިމެނޭ ބޮލުގެ ވަށައިގެންވަނީ ރައްކާތެރިކަމުގެ ޚާއްޞަ ފަށަލައެއް ލެވިފައެވެ. މިރައްކާތެރިކަމުގެ ފަށަލައިގެ މަސައްކަތް ހާމަވަނީ މަންމަގެ ރަޙިމުގެ ތެރެއަށް ފަނިވަންނަ ވަގުތުގައެވެ. ރަޙިމުގެ ތެރޭގައި ވަނީ އެސިޑް އެކުލެވިގެންވާ މާޙައުލެކެވެ. ޝައްކެއްނެތި އެނގޭކަމަކީ ދަރި ފަނި މިފަދަ ރައްކާތެރި ފަށަލައަކުން ރައްކާތެރި ކޮށްފައިވަނީ ރަޙިމުގެ އެތެރޭގެ މާޙައުލުގެ ޙަޤީޤަތް ރަނގަޅަށް ދެނެވޮޑިގެންވާ ފަރާތެކެވެ. (މިފަދަ އެސިޑް އެކުލެވިގެންވާ މާޙައުލެއް ރަޙިމުގެ އެތެރޭގައިވުމުގެ ބޭނުމަކީ މައިމީހާ ބަލިޖައްސާ ޖަރާސީމުތަކުން ދިފާޢުކުރުމެވެ.)އަނބިފިރިކަމުގެ ގުޅުން ހިންގުމުން ރަޙިމުގެ ތެރެއަށް ދޫވެގެންދަނީ ހަމައެކަނި މިލިއަނުން ގުނާލެވޭ މިފަދަ ފަނިތަކެއް އެކަންޏެއް ނޫނެވެ. ފިރިހެނާގެ ޖިންސީ ގުނަވަންތަކުން އުފައްދާ ދިޔައަކީ އެތައް ބައިވަރު ވައްތަރުގެ ދިޔަތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ކީރިތި ޤުރުއާނުގައި މިވާހަކަ ވަނީ ވަރަށް ފުރިހަމަކޮށް ބަޔާން ކުރެވިފައެވެ. “ނަންގަނެވިގެންވާ އެއްޗެއް ކަމުގައި އިންސާނާ ނުވާ ޒަމާންތަކެއް އެ އިންސާނާގެ މައްޗަށް އައިކަން ކަށަވަރެވެ. ހަމަކަށަވަރުން އެއްކުރައްވާފައިވާ މަނިތިއްކަކުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައެވެ. ފަހެ ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވީމެވެ.”(ސޫރަތުލްއިންސާން: 1، 2)ފިރިހެނާގެ މަނީގައި އެކުލެވޭ ތަފާތު ދިޔަތަކުގެ ތެރޭގައި ހަކުރުގެ ބާވަތެއްވެއެވެ. ފަނި ދަތުރުކުރުމަށް ބޭނުންވާ ހަކަތަ ލިއްބައިދެނީ މިހަކުރުގެ މާއްދާއިންނެވެ. މީގެއިތުރުން، މި ތަފާތު ދިޔާ ތާސީރުތަކުގެ މަސައްކަތްތަކުގެ ތެރޭގައި، މަންމަގެ ރަޙިމަށް ވަދެވެން ހުންނަ ދޮރު ކައިރީގައި ހުންނަ އެސިޑްގެ ބާރު ނެތިކޮށްލާ، ފަނި ދަތުރުކުރުމަށް އެހީވުމުގެ ގޮތުން ލޮނދި މާޙައުލެއް އުފައްދައިދެއެވެ. (މިތަނުންވެސް އަޅުގަނޑުމެންނަށް މި ދޭހަވަނީ ތަފާތު ދެމީހަކު ހައްދަވާފައި މިވަނީ އެކަކު އަނެކަކާއި ގުޅެވޭނެ ގޮތަށްކަމެވެ.) މަންމަގެ ބިހާއި ހަމަޔަށް ވާޞިލުވުމަށްޓަކައި މަންމަގެ ހަށިގަނޑުގެ އެތެރޭގައި ފަނި ކުރާ ދަތުރަކީ ދިގު އަދި އެހާމެ އުނދަގޫ ދަތުރެކެވެ. އަމިއްލައަށް ނުރައްކާތަކުން ސަލާމަތްވާން މިފަނިތައް މަސައްކަތް ކުރަމުން ދިޔަކަމުގައިވިޔަސް، މަންމަގެ ހަށިގަނޑުގެ ތެރެއަށް ދޫކޮށްލެވޭ 200 ނުވަތަ 300 މިލިއަން ފަނިތަކުގެ ތެރެއިން މަންމަގެ ބިހާއި ހަމަޔަށް ދަތުރު ކާމިޔާބު ކުރެވެނީ ހަމަ އެންމެ އެއްހާހެއްހާ ފަންޏަށެވެ.
އަންހެނާގެ ދަރިމައިވުމުގެ ބިސް:
ފިރިހެން ދަރިފަނި ޑިޒައިން ކުރެވިފައިވަނީ އަންހެނާގެ ބިހާ ގުޅެވޭ ގޮތަށް ކަމަށްވާއިރު، އަންހެނާގެ ބިސް އަނެއްކޮޅުން، އައު ދިރުމެއްގެ އޮށަށްވުމަށް ތައްޔާރުވެފައިވަނީ މުޅިން ތަފާތު އެހެން މާޙައުލެއްގައެވެ. އަންހެނާއަށް އެނގުމަކާނުލައި ފުރަތަމަ އޯވަރީގެ ތެރޭގައި އިނދެ ފައްކާވެފައިވާ ބިހެއް ބަނޑުގެ ތެރޭގައިވާ ހުސްޖާގައިގެ ތެރެއަށް ދޫކޮށްލެވެއެވެ. އެއަށްފަހު އެބިސް އަތުލައިގަންނަނީ، ރަޙިމުގެ ދެފަރާތުގައި ލެވިފައިވާ ބިސް ދަތުރުކުރާ ހޮޅި (ފެލޯޕިއަން ޓިއުބް) ގެ ހާމައަށް އިން ކޮޅުގައި ލެވިފައިވާ އިނގިލިތަކެއްގެ ސިފައިގައިވާ އެއްޗެހިތަކަކުންނެވެ. މިއާއެކު ބިސް މިހޮޅީގެ ތެރޭގައި ދަތުރުކުރަންފަށަނީ ހޮޅީގެ ތެރޭގައި ލެވިފައިވާ ކުދިކުދި އިސްތަށިތަކެއް ފާޑުގެ އެއްޗެހިތަކެއްގެ އެހީގައެވެ. މިބިހުގެ ބޮޑުމިން އެއްވަރީ ލޮނުފުކެއްގެ އެއްބަޔާއެވެ.ޢާއްމުކޮށް ބިހާއި ފަނި ބައްދަލުވާ މަންޒިލަކީ ބިސް ދަތުރުކުރާ ހޮޅީގެ އެތެރެއެވެ. މިތަނުގައި ޚާއްޞަ ދިޔާ ތާސީރެއް ބިހުން އުފައްދައެވެ. މިތާސީރުގެ އެހީގައި ފަނި، ބިސް ވާތަން ހޯދައިގަނެއެވެ. އަޅުގަނޑުމެން “ބިހުން ޚާއްޞަ ތާސީރެއް އުފައްދާ” ވާހަކަ ބުނާއިރު ވިސްނާލަންޖެހޭ ކަމަކީ އަޅުގަނޑުމެން މިވާހަކަ ދައްކަނީ ހެޔޮބުއްދި ހުރި މީހެއް ނުވަތަ އެއްޗެއްގެ ވާހަކައެއް ނޫނެވެ. ލޮލަށް ނުފެންނަވަރުގެ ކުޑަކުޑަ ޕްރޮޓީން އިން އުފެދިފައިވާ އެތިކޮޅެއް، އޭތި “އަމިއްލައަށް” ކެމިކަލް ތާސީރެއް “އުފައްދައި” ދަރި ފަނި އެއާދިމާލަށް ދަމަން “ޤަޞްދު” ކުރުމަކީ އިއްތިފާޤެއް ނޫނެވެ. މިކަމުން ދޭހަކޮށްދޭ ކަމަކީ ކޮންމެ އެއްޗެއްވެސް އުފެދިފައިވަނީ އޭތީގެ މަސައްކަތް ފުރިހަމަކުރެވޭނެ ޑިޒައިނަކަށްކަމެވެ. ކުރުކޮށް ބުނާނަމަ، އިންސާނާގެ ހަށިގަނޑުގައިވާ ދަރިމައިވުމުގެ ގުނަވަންތައް ޑިޒައިން ކުރެވިފައިވަނީ ބިހާއި ފަނި އެކަތި އަނެކައްޗާއި ގުޅެވޭނެ ގޮތަކަށެވެ. މީގެ މާނައަކީ އަންހެނާގެ ދަރިމައިވުމުގެ ގުނަވަންތައް އުފެދިފައިވަނީ ފިރިހެނާގެ ފަނީގެ ބޭނުންތައް ފުދޭގޮތަށްކަމާއި ފިރިހެނާގެ ފަނި އުފެދިފައިވަނީ އަންހެނާގެ ހަށިގަނޑުގެ ތެރޭގައިވާ ވެށީގައި އޭތީގެ މަސައްކަތް ބަރާބަރަށް އަދާކުރެވޭގޮތަށްކަމެވެ.
ބިހާއި ފަނި ބައްދަލުވުން:


ބިހުގެ ތެރެއަށް އެންމެ ފަންޏަކަށް ވަދެވޭހިނދު، އިތުރު އެހެން ފަންޏަކަށް އޭގެ ތެރެއަށް ވަދެވުމަކީ ނާދިރުކަމެކެވެ. ސަބަބަކީ ބިހުގެ ވަށައިގެން ލެވޭ ކަރަންޓް މާޙައުލެކެވެ. ބިހުގެ ވަށައިގެން ފުރަތަމަހުންނަނީ ނެގެޓިވް(-) ޗާރޖްތަކެކެވެ. ފުރަތަމަ ފަނި ބިހުގެ ތެރެއަށް ވަނުމާއެކު މިޗާރޖްތައް ޕޮސިޓިވް (+) ޗާރޖް ތަކަކަށް ބަދަލުވެއެވެ. އެހެންކަމުން، ވަށައިގެންތިބި ފަނިތަކުގައި ހުންނަ ޗާރޖްތަކާއި އެއްފަދަ ޗާރޖެއް ބިހަށް ލިބިގެން ދާހިނދު، ބިހުން ފަނިތައް ދުރަށް ކޮއްޕާން ފަށަނީއެވެ. މިކަމުން ދޭހަކޮށްދޭ މާނައަކީ، މުޅީން ވަކިން އުފެދިފައިވާ މިތަފާތު ދޭތީގެ ވަށައިގެން ލެވިފައިވާ ކަރަންޓް ޗާރޖްތައްވެސް ލެވިފައިވަނީ އެކަތި އަނެކައްޗާއި ގުޅޭގޮތަށްކަމެވެ. އެއަށްފަހުން ކަންތައްވާގޮތަކީ، ފިރިހެނާގެ ފަނީގައި އެކުލެވޭ ޖަނަޓިކް މަޢުލޫމާތު އާއި އަންހެނާގެ ބިހުގެ އާއި ލާމެހެނީއެވެ. ދެން އެއުފެދުނީ އައު ދިރުމެއްގެ ފުރަތަމަ އޮށެވެ. ރަޙިމުގެ ތެރޭގައި އުފެދޭނެ އައު އިންސާނެއްގެ ފުރަތަމަ ދިރޭ ޒައްރާއެވެ. މިދިރޭ ޒައްރާއަށް އިނގިރޭސިން ކިޔަނީ ޒައިގޯޓް އެވެ.
ރަޙިމުގެތެރޭގައި ހަރުވެފައިވާ ގަނޑުލޭކޮޅު:


Comments