تَصْوِيْرކުރެހުމުގެ حُكُم އަކީ ކޮބައި؟ (2)
سَمَاحَةُ الشَّيْخ عَبْدُالْعَزِيْز ابن عَبْدُالله آل بَاز ގެ ޖަވާބު . (ތަރުޖަމާ)
ހަމަކަށަވަރުން النَّبى ‘ ގެ حَدِيث ތައްލިޔެފައިވާ صَحِيْح ފޮތްތަކުގައްޔާއި مُسْنَدُ ތަކުގައްޔާއި އަދި سُنَنُ ގެ ފޮތްތަކުގައި ފުރާނަހުންނަ ތަކެތީގެ ސޫރަ ނުވަތަ تصْوِيْرނުވަތަސިފަ ކުރެހުމުގެ حَرَام ކަމުގެ މައްޗަށް ގިނަވެގެންވާ حَدِيث އައިސްފައިވެއެވެ.
(21) އަދި مُسْنَدُ އާއި النَّسَائى ގައި عُبَيْدُالله بن عَبدالله ގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން عُبَيْدُالله بن عَبدالله, أَبُوطَلْحَة الأَنْصَارى އާލާސްކަންފުޅާވެގެން އެކަލޭގެފާނައް ގޮވާލަން ވަޑައިގެންނެވިއެވެ. ދެންފަހެ އެކަލޭގެފާނުއަރިހުގައި سَهلُ بنُ حَنِيْف އިންނަވަނިކޮށް ދެކެވަޑައިގެންނެވިއެވެ. އަދި أَبُوطَلْحَة ގެފާނު ކޮންމެވެސްމީހަކަށް އަމުރުފުޅު ކުރައްވައިގެން އެކަލޭގެފާނުންގެ ފައިދަށުގައިވާދޫލައެއް ނެންގެވިއެވެ. ދެންسَهلُ ދެންނެވިއެވެ. އެދޫލަނަންގަވަނީ ކީއްވެގެންތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. އޭގައި ސޫރަވެއެވެ. ސޫރަޔާބެހޭގޮތުން رَسُوْل اللهِ ‘ ވިދާޅުވެފައިވާ ބަސްފުޅުތައް ކަލޭގެފާނުވެސް ދެނެވަޑައި ގަންނަވާނެއެވެ. سَهلُ ދެންނެވިއެވެ."ފޭރާމެއްގައިވާ ކުރެހުމެއް ނުވަތަ އަކުރެއް މެނުވިއްޔާއެވެ." މިހެން އެކަލޭގެފާނު حَدِيث ނުކުރައްވައި ތޯއެވެ؟ أَبُوطَلْحَة ވިދާޅުވިއެވެ. ނޫނެކަވެ. ތިޔަހެން حَدِيث ކުރެއްވިއެވެ. އެހެނެއްކަމަކު އަހަރެންގެހިތައް ހަމަޖެހުން ގެނައުމަށެވެ. މިއެވެ. މިވާހަކަ التِّرمِذِى ރިވާކުރައްވާފައި ވިދާޅުވިއެވެ. حَسَنٌ صَحِيْح
(22) އަދި ابُوادَاود އާއި ترمِذِى އާއި النَّسَائى ގައި أبُو هُرَيْرَة ގެ އަރިހުން ރިވާވެގެންވެއެވެ. رَسُوْل اللهِ ‘ حَدِيث ކުރެއްވިއެވެ. ތިމަންކަލޭގެފާނުންގެ އަރިހައް جِبْرِيل ގެ ފާނު ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ. ރޭގައި ތިމަންކަލޭގެފާނު ވަޑައިގަތީމެވެ. އެކަމަކު ވަނުންމަނާކުރެވުނު ކަމަކީ ދޮރުމަތީގައި ސޫރަތަކެއްހުރުމެވެ. އެކަމުގެ ސަބަބުން ވެދެވަޑައި ނުގަނެ ދާންދިމާވީއެވެ. ގޭގައި ސޫރަހުރި ފަރުދާއެއް ވެއެވެ. އަދި ގޭގައި ކުއްތާއެއްވެއެވެ. ފަހެ ސޫރައިގެ ބޯ ވަކިކުރުމައް އަމުރުކުރައްވާށެވެ. އޭރުން ހުންނާނީ ގަހެއް ގޮތަށެވެ. އަދިފަރުދާއިން ފައިއެޅޭގޮތަށް އެއްލައިލެވޭގޮތަށް ދެކަންނެއު ހައްދަވާށެވެ. އަދި ކުއްތާ ނެރުމަށް އަމުރު ކުރައްވާށެވެ. ދެންފަހެ رَسُوْل اللهِ ‘ އެވިދާޅުވިގޮތައް އެކަން ކުރައްވައިފިއެވެ. އަދި ކުއްތާއަކީ حَسَنُ ގެފާނުންގެ ނުވަތަ حُسَيْن ފާނުންގެ ގެންގުޅުއްވާއެއްޗެކެވެ. އޭތި އޮތީ އެބޭފުޅުންގެންގުޅުއްވާ މޭޒު ކޮޅެއްގެދަށުގައެވެ. އެކުއްތާވެސް ނެރުމަށް އަމުރުފުޅު ކުރެއްވިއެވެ. އޭތިވެސް ނެރެވުނެވެ. މިއެވެ. މިބަޔާންވެދިޔައީ ابُوادَاود އާއި ترمِذِى ގައިވާގޮތުގެ ތަރުޖަމާއެވެ.
އަދި النَّسَائى ގައި މި وَاقِعة ރިވާކުރައްވާފައިވާ ގޮތުގެ ތަރުޖަމާއަކީ: نَبِيُّ الله ‘ ގެ އަރިހައް ވަޑައިގަތުމަށް جِبْرِيل علَيْهِ السَّلام އިޒުނަ އެދިވަޑައިގެންނެވިއެވެ. ދެންފަހެ حَدِيث ކުރެއްވިއެވެ. ވެދެވަޑައި ގަންނަވާށެވެ. ފަހެ جِبْرِيل ގެފާނު ދެންނެވިއެވެ. ކަލޭގެފާނުންގެ ގެކޮޅައް ތިމަންކަލޭގެފާނު ވެދެވަޑައި ގަންނަވާނީ ކޮންފަދައަކުންތޯއެވެ؟ ގެކޮޅުގައި ދިރޭތަކެތީގެ ސޫރަހުރި ފަރުދާކޮޅެއް ވެއެވެ. އެސޫރައިގެ ބޯ ކަނޑުއްވައި ލައްވާށެވެ. ނުވަތަ އެފަރުދާ ފައިއެޅޭގޮތައް ދޫލައެއް ހައްދަވާށެވެ. އެހެނީ ތިމަންބޭކަލުންނީ މަލާއިކަތް ބޭކަލުންގެ جَمَاعَة އެކެވެ. ތިމަންބޭކަލުން އެގެއްގައި ދިރޭތަކެތީގެ ސޫރަހުރި ގެއަކަށް ވެދެވަޑައި ނުގަންނަވާނެއެވެ. މިއެވެ.
ދެންފަހެ މިބާބުގައި މީގެއިތުރުންވެސް އެބަހުއްޓެވެ. އެބަހީ އިސްވެދިޔަ حَدِيث ތަކަށްވުރެގިނަ حَدِيث ވެއެވެ.
ފަހެ މިحَدِيث ތަކާއި މި މާނާގައިވާ حَدِيث ތައް އޭގެބޭރު ފުށުގެ لَفْظ ތަކަށް ބަލާއިރުވެސް ފުރާނަ ހުންނަތަކެތީގެ ސޫރަ ކުރަހާ އަދި ސޫރަކޮށް ހެދުމީ حَرَام ކަމެއްކަމަށް ދަލީލުކުރެއެވެ. އަދި އެކަމަކީ ނަރަކައިގެ عَذَاب ހުރިކަމެއް ކަމުގެ މައްޗަށް وَعْد ކުރެވިފައިވާ ބޮޑުފާފައިގެ ތެރެއިން ހިމެނޭ އެއްކަމެވެ. އަދިމި حَدِيث ތަކަކީ ހުރިހާ ބާވަތެއްގެ ސޫރައިގެ މައްޗަށް عَامُّ ވެގެންވާ حَدِيث ތަކެކެވެ. އަދިމިބުނާސޫރައަކީ އޭގައި ހިޔަނިވާގޮތަށް ޖިސްމުހުރި ސޫރައެއް ނަމަވެސް އަދިނުވަތަ ޖިސްމު ނުހުންނަގޮތައް ހިޔަނި ނުހުންނަގޮތަށް ހުންނަ ސޫރައަކަސް ހަމަހަމައެވެ. އަދި އެއީ ފާރެއްގައި ނުވަތަ ފިލައެއްގައި ނުވަތަ ފަރުދާއެއްގައި ނުވަތަ ގަމީހެއްގައި ނުވަތަ މޫނުބަލާ ލޯގަޑެއްގައި ނުވަތަ ކަރުދާސް ގަޑެއްގައި އަދި ނުވަތަ އެހެންވެސް އެއްޗެއްގައި ވާސޫރައެއް ނަމައެސް ހަމަހަމަ އެވެ.حُكُمْ އެއްވަރެވެ.އެބަސްފުޅު ވިދާޅުވިއިރު ހިޔަނިވާގޮތަށް އެތިގަޑަކުން ހަދާފައިވާ ސޫރައެކޭ އަދި ހިޔަނި ނުވާގޮތަށްވާ ސޫރައެކޭ نَبِيُّ الله ‘حَدِيث އެއްނުކުރަށްވައެވެ. އަދި ފަރުދާއެއްގައި ހުރުމެކޭ އަދި އެހެން އެއްޗެއްގައި ހުރުމެކޭ ވެސް ފަރަގެއް ނުކުރައްވައެވެ. އަދި ކިއެއްހެއްޔެވެ. ހުރިހާ ވައްތަރެއްގެ ސޫރައަކަށް އެކަލޭގެފާނު لَعْنَة ލެއްވިއެވެ. އަދި قِيَامَة ދުވަހުން އެއްމެ عَذَاب ބޮޑުވެގެންވާ މީހުންގެ ތެރޭގައި ސޫރަކުރަހާމީހުން ވާކަމަށް އެކަލޭގެފާނުވަނީ خَبَرُ ދެއްވާފައެވެ. އަދި ސޫރަކުރަހާ ކޮންމެމީހަކު ވާނީ ނަރަކައިގާ ކަމަށް خَبَرُ ދެއްވިއެވެ. އެ خَبَرُ ތަކަކީ ހަމަ مُطْلَقُ އަށް عَامُّ ކޮށް ވިދާޅުވެފައިވާ ބަސްފުޅުތަކެކެވެ. އެއިން އެއްވެސް ސޫރައެއް إسْتِثْنَاء އެއްނުކުރަށް ވައެވެ.
އަދި އެބަސްފުޅު عَامُّ ކަމަށް އިތުރު ތާއީދު ލިބެނީ عَائشة ގެފާނުންގެ އަރިހުގައިވާ ފަރުދާގައިވާ ސޫރަ ދެކެވަޑައިގެން އޭތިނެތިކޮށްލައްވާ ފުހެލައްވާފައި މޫނުފުޅުގެ ކުލަކޮޅު ބަދަލުވެ ((قِيَامَة ދުވަހުން އެންމެ عَذَاب ބޮޑުވެގެންވަނީ اللهގެ ހެއްދެވުމާއި ވައްތަރުކުރާ މީހުންނެވެ.)) މިހެން ވިދާޅުވިކަމެވެ. އަދި އެހެން لفظ އެއްގައި ވާގޮތުން ((ހަމަކަށަވަރުން މިސޫރަތަކުގެ ވެރިންނަށް قِيَامَة ދުވަހުން عَذَاب ލިބޭނެއޭ އަދި އެމީހުންނަށް ބުނެވޭނެއެވެ. ކަލޭމެން ހެއްދެވި ތަކެތީގައި ކަލޭމެން ފުރާނަ އަޅުވާށޭ)) މިހެން އަންގަވާނެކަމަށް حَدِيث ކުރެއްވިކަމެވެ. މިފަދަ ބަސްފުޅުތަކުން ފަރުދާއެއްގައި ސޫރަކުރެހިޔަސް އަދި ނުވަތަ އެހެން އެއްޗަކު ސޫރަކުރެހިޔަސް ސޫރަކުރަހާމީހުންނަށް ހުރި ބިރުވެރި وَعِيْدُ ގެ ތެރެއަށް އެމީހަކު ވަންނަކަން صَرِيْح ކޮށް އެނގެއެވެ.
ދަންނައެވެ. أَبُوطَلْحَة އާއި سَهلُ ابنُ حَنِيْف އާއި ދެބޭކަލުން ރިވާކުރެއްވި حَدِيث ގައިވާ ((ފޭރާމެއްގައިވާ ނަންބަރެއް ނުވަތަ ކުރެހުމެއް މެނުވީއެވެ.)) މި حُكُم ނުވަތަ މިބަސްފުޅު މަލާއިކަތްބޭކަލުން އެތަނަކަށް ވެދެވަޑައިގަތުން މަނާކުރާ ސޫރައިގެ ތެރެއިން އިސްތިސްނާވެގެން ވެއެވެ. އެއިން މުރާދުކުރެވެނީ އެނަންބަރެއް ނުވަތަ ކުރެހުމެއް ދޫލަފަދަ ފައިއަޅާ އިހާނެތިކުރެވޭފަދަ ގޮތަކަށް ވާނަމަ މައްސަލައެއް ނެތްކަމެވެ. އެއީ عَائشة ގެފާނުން ރިވާކުރެއްވި حَدِيث ގައިވާފަދައިން ފަރުދާ ކުދިކުރައްވައިއެއިން ކަންނޭލެއް ނުވަތަ ދެކަންނެއު ހެދުންފަދަ އަދި أبُوْهُرَيْرَة ގެ حَدِيث ގައިވާ ފަދައިން جِبْرِيْل عَلَيْهِ السَّلاَم ވިދާޅުވެގެން ސޫރައިގެ ބޯކަޑައިލާ ގަހެއްގެ ސިފަޔަށް ބެހެއްޓުން ފަދަ އަދި ފަރުދާ ކުދިކުދި ކުރައްވައި ފައިއެޅި އެއްލިފައި އޮންނަގޮތަށް އެއިން ދެކަންނެއު ހެދުންފަދަ ކަންކަމެވެ.
އަދި أَبُوطَلْحَة އާއި سَهلُ ގެރިވާޔަތުގައިވާ حُكُم، އެލުވާފައި ނުވަތަ ދޮރުގައި ދަމާފައިވާ ނުވަތަ ފާރުގައި ނުވަތަ ދެންވެސް އެފަދަތަނެއްގައިވާ އެއްޗެއްގައިވާސޫރަޔާއި އެއްގޮތްކޮށް އެحُكُمއަށް قِيَاسކުރުން އެއްގޮތަކަށްވެސް ހުއްދަ ވެގެން ނުވެއެވެ. އެހެނީ عَائشة ގެފާނުންގެ ފަރާތްޕުޅުން ރިވާވެގެންވާ حَدِيث ތައް ވަނީ އެފަދަސޫރަ ހުންނަ ފަރުދާފަދަ ތަކެތި މަނާކުރެއްވުންصَرِيْح ކުރައްވާފައެވެ. އަދި އެފަދަސޫރަ ފިލުވައިލާ ނެތިކޮށްލުން ވާޖިބު ކުރައްވައިފައެވެ. އެވާހަކަތައް އިސްވެ ހިގައްޖެ އެވެ.
އަދި أبُوْهُرَيْرَة ގެ حَدِيث ގައި އެވަނީ އެފަދަސޫރަ ހުންނަ ފަރުދާފަދަތަކެތި އެއީ مَلاَئِكَة ބޭކަލުން ވެދެވަޑައިގަތުންމަނާ ކުރާކަމެއް ކަމުގައި صَرِيْح ކޮށް ބަޔާން ކުރައްވާފައެވެ. އެފަދަތަކެތި ފައިއެޅޭ ދޫލަފަދަ އިހާނާތްތެރި ކުރެވޭ ގޮތަށް ބެހެއްޓިއްޖައުމަށް ދާދެންނެވެ. ނުވަތަސޫރައިގެބޯ ވަކިކޮށްލެވެންދެންނެވެ. އޭރުން ދެން ގަހެއްގެ ސިފަޔަށްބަދަލު ވެދާނެއެވެ.
އަދި ދަންނައެވެ. رَسُوْل اللهِ ‘ ގެ حَدِيث ފުޅުތަށް تَعَارُضނުވާނެއެވެ. އެއް حَدِيث އަނެއް حَدِيث އާއި ޖެހި އެކްސިޑެންޓު ނުވާނެއެވެ. އަދި ކިއެއް ހެއްޔެވެ. އެއް حَدِيث އަނެއް حَدِيث ތެދު ކުރާނެއެވެ.
އަދި تَعَارُض ވާ ކަމަށް ހީވާ ދެحَدِيث އުނދަގުލެއްނެތި ޖަމާކުރެވެންޏާ ޖަމާކުރުން ވާޖިބުވާނެއެވެ. އަދި عِلْمُ مُصْطَحُ الْحَدِيْث ގެ أُصُوْل ންބަލާއިރު تَرْجِيْحُ ކުރުމާއި نَسْخُ ކުރުމުގެ މައްޗަށް ޖަމާކުރުން އިސްކުރެވޭނެއެވެ.
* ދަންނައެވެ. تَرْجِيْحُ ކުރުމަކީ އެއް حَدِيث ބާރުގަދަކަމުގައި ބަލައި އެحَدِيث އިސްކުރުމެވެ.
* نَسْخُ ކުރުމަކީ ކޮންމެވެސް އެއް حَدِيثއެއް ކެންސަލް ކޮށްލުމެވެ. ކޮންމެއަކަސް މިމައްސަލާގައި މިވަނީ ދެ حَدِيث ޖަމާކުރުން އެކަށީގެންވާތީ ޖަމާކޮށްފައެވެ. އެގޮތް ރަގަނޅެވެ. وَالله أعلم
އަދި فَتْحُ الْبَارى ގައި الْحَافِظ ابْن حَجَر ވަނީ އަހުރެން ދެންމެއަކު ބަޔާންކުރި ފަދައިން ދެ حَدِيث ޖަމާކުރުން تَرْجِيْحُ ކުރައްވައިފައެވެ. އެގޮތް ގަދަކުރައްވާފައެވެ. الْخَطَّابِى ވިދާޅުވިއެވެ. އެގެއެއްގައި ސޫރައެއް ވަނިކޮށް މަލާއިކަތް ބޭކަލުން ވެދެވަޑައި ނުގަންނަވާ ސޫރައަކީ އެސޫރައެއް ރައްކާކޮށް ބެލެހެއްޓުންحَرَام ވެގެންވާސޫރައެވެ. އެއީ ފުރާނަ ހުންނަ ތަކެތީގެ ސޫރައެވެ. އެސޫރައިގާ އޭގެބޮލާއެކު ވަންޏާއެވެ. ބޯވަކިވެފައިވާނަމަ ނުވަތަ އެސޫރައަކަށް އިހާނެތިވެވޭފަދަ ގޮތަކަށްވާނަމަ އެއްމެ ރަގަޅެވެ. މިހިސާބުން الْخَطَّابِىގެއެވާހަކަކޮޅު ނިމުނީއެވެ.
*ނޯޓު: އިހާނެތި ވެވޭ ފަދަ ގޮތެއް ކަމުގައި މިބުނަނީ ދޫލަފަދަ އެއްޗެއްގައި ފައިއެޅޭ ގޮތަށް ހުރުމެވެ. ނުވަތަ ކަންނެއުފަދަ އެއްޗެއްގައި ކުރެހި ލައްގަނެވޭގޮތަށް އަދި إحْتِرَام ނުކުރެވޭގޮތަށް ހުރުމެވެ.
*އަދިވެސް الْخَطَّابِى رَحِمَهُ الله ހަމައެފަދައިން ވިދާޅުވިއެވެ. ސޫރަކުރަހާ މީހުންނަށްعُقُوْبَة ގަދަވެގެންވާކަން ކަށަވަރީ ﷲ ފިޔަވައި ސޫރަތަކަށް އަޅުކަން ކުރެވޭތީއެވެ. އެސޫރަތަކަށް ބެލުމުން ބައެއްމީހުން އެއަށް ލެބޭތީއެވެ. މިއެވެ.
*އަދި صَحِيْحُ مُسْلِم ގެ شَرح ގައި النَّوَوى رَحِمَه الله ވިދާޅުވެފައި ވެއެވެ. (( بَابُ تَحْرِيْمُ تَصْوِيْر صُورَةِ الْحَيْوَانِ وَ تَحْرِيْم اتِّخَاذِ مَا فِيْهِ صُوْرَةٌ غَيْرُ مُمْتَهِنَةٌ بِاْلفُرْشِ وَنَحْوِه ...... وَأنَّ الملائكَةَ عَلَيْهِم السَّلاَم لاَيَدْخُلُونَ بَيْتًا فِيْه صُورَةٌ أوْ كَلْبٌ )) މިއީ صَحِيْحُ مُسْلِم ގެ شَرح ގައި الإمَامُ النَّوَوى رَحِمَه الله ލިއުއްވި سُرْخِى ގެ عِبَارَة އެވެ. މި عِبَارَة ގެމާނައީ: ދޫލަފަދަ އެއްޗެއްގައި ކުރެހި އިހާނާތްތެރި ވެވޭ ފަދަ ގޮތަކަށްވާ ސޫރަ ފިޔަވައި ދެން ހުންނަ ދިރޭތަކެތީގެ ސޫރަ ކުރެހުމާއި އަދިގެންގުޅެ ހެދުމުގެ حَرَام ކަން ބަޔާންކޮށްދޭ ބާބު އަދި އެގެއެއްގައި ދިރޭ އެއްޗެއްގެ ސޫރައެއް ނުވަތަ ކުއްތާއެއް ވަނިކޮށް ސަލާމު ލެއްވި މަލާއިކަތް ބޭކަލުން ވެދެވަޑައި ނުގަންނަވާނެއެވެ. މިއެވެ. މިއީ الإمَامُ النَّوَوى رَحِمَه الله ލިއުއްވި سُرْخِى އެވެ. ދެން މިއަންނަނީ އެކަލޭގެފާނުންގެ ބަޔާނެވެ. ނަވަވީ ވިދާޅުވިއެވެ. "އަހުރެމެންގެ މަޒުހަބުގެ ބޭކަލުންނާއި ދެންވެސް އެހެނިހެން عَالِمُ ވިދާޅުވިއެވެ. ދިރޭތަކެތީގެ صُوْرَةކުރެހުމަކީ ގަދަވެގެންވާ حَرَام އަކުން حَرَام ކުރެވިގެންވާ ކަމެކެވެ. އެއީ ބޮޑުފާފައިގެ ތެރެއިންވާ ކަމެކެވެ. އެހެނީ އެކަމަކީ އިސްވެދިޔަ حَدِيث ތަކުގައިއެވާ ގަދަ وَعِيْد ތަކުގެތެރޭގައިވާ ބިރުވެރިކަން ހުރިކަމެކެވެ. އެކުރަހާސޫރައަކީ އިހާނާތްތެރި ވެވޭފަދަ ގޮތަކަށްވާ ސޫރައެއް ނަމަވެސް އަދި ނުވަތަ އެނޫން ގޮތަކަށް ކުރަހާސޫރައެއް ނަމަވެސް އަދި ކޮންމެ ގޮތަކުން ނަމަވެސް އެއީ حَرَام ކަމެކެވެ. އެގޮތަކީ އެކަމުގައި ﷲ تَعَالىގެ ހެއްދެވުމާއި އެއްގޮތް ކުރުންވާތީއެވެ. އަދި އެކުރަހާ ސޫރައަކީ ފޮތިގަޑެއްގައި ނުވަތަ ދޫލައެއްގައި ނުވަތަ ދީނާރެއްގައި ނުވަތަ ފައިސާއެއްގައި ނުވަތަ ކަންވާރެއްގައި ނުވަތަ ފާރެއްގައި އަދި ނުވަތަ އެހެން ކޮންމެވެސް އެއްޗެއްގައި ނަމަވެސް އެއީ ހަމައެއް حُكُم އެވެ. حَرَام ވެގެންވުމެވެ.
ނަމަވެސް ގަސްގަހުގެ ސޫރަ ނުވަތަ އަސްދާނުގޮޑި ފަދަ އަދި އެނޫންވެސް ފުރާނަ ނުވާތަކެތީގެ ސޫރަ މީގެތެރެއިން ނުވެއެވެ. އެތަކެތީގެ صُوْرَة ކުރެހުމަކީ حَرَام ވެގެންވާކަމެއްނޫނެވެ. މިބަޔާން ކުރީ صُوْرَة ކުރެހުމުގެ حُكُم އެވެ.
ދެންފަހެ ސޫރަހުންނަ ތަކެތި ބޭނުންކުރުން ދަންނައެވެ. އެއެއްޗަކީ ފާރެއްގައި އެލުވާފައިވާ صُوْرَة އެއް ނަމަވެސް ނުވަތަ ތާކު ތަތްކުރެވިފައިވާ صُوْرَة އެއް ނަމަވެސް ނުވަތަ ލައިއުޅޭ ފޭރާމެއްގައިވާ صُوْرَة އެއް ނަމަވެސް ނުވަތަ ފަގުޑީގައިވާ صُوْرَة އެއް ނަމަވެސް އަދި އެނޫން ތަނެއްގައިވާސޫރައެއް ނަމަވެސް އެއަށް އިހާނާތްތެރި ނުކުރެވޭގޮތަކަށް ބޭނުން ކުރެވޭ އެއްޗެއްގައިވާ صُوْرَة އެއްނަމަ އެފަދައެއްޗެއް ބޭނުންކުރުން ކަޑަނއެޅިގެން حَرَام ވާނެއެވެ. ނަމަވެސް ސޫރަ ހުރިއެއްޗަކީ އިހާނާތް ކުރެވި ދެރަކުރެވޭ ފަދަގޮތަކަށް ފައިއެޅޭ ދޫލައެއް ފަދަ ނުވަތަ ބާލީހެއް ނުވަތަ ކަންނޭލެއް ފަދަ ސޫރައަށް ކަމޭނުހިތޭ ފަދަގޮތަކަށްވާ އެއްޗެއްނަމަ حَرَام އެއްނޫނެވެ. އަދި ވިދާޅުވެއެވެ. މިބުނާ صُوْرَة އަކީ އެއަށްހިޔަނިވާގޮތަށް ހަދައިފައިވާ صُوْرَة އަކަސް އަދި ނުވަތަ އޭގައި ހިޔަނި ނުވާގޮތަށް ހުންނަ صُوْرَة އަކަސް އެއްވެސް ތަފާތެއް ނެތެވެ. حُكُم އެއްގޮތެވެ.އަދި ވިދާޅުވިއެވެ. މިމައްސަލާގައި އަހުރެމެންގެ مَذْهَبُ ގެ خُلاَصَة އަކީ މިބަޔާންވެ ދިޔަގޮތެވެ. އަދި أصْحَاب ބޭކަލުންނާއި تَابِعِى ބޭކަލުންނާއި އަދި އޭގެފަހުގެ ބޭކަލުން ކުރެ جُمْهُوْر عِلْم ވެރިންގެބަހަކީ މިއީއެވެ. އަދި الثَّورِى ކިޔާބޭކަލަކާއި إمَام مَالك ގެފާނާއި إمَام أبُو حَنِيْفَة ގެފާނާއި އަދިއެހެން ބޭކަލުންގެ ބަހަކީވެސް ހަމައެއީއެވެ. އަދިބައެއް سَلَفُ ގެބޭކަލުން ވިދާޅުވިއެވެ. صُوْرَة ގެތެރެއިން ނަހީވެވިގެންވަނީ އޭގައި ހިޔަނި ހުންނަގޮތަށްވާ صُوْرَة އެވެ. އަދި އޭގައި ހިޔަނި ނުވާގޮތަށް ހުންނަ صُوْرَة އަކު މައްސަލައެއް ނެތެވެ. ނަމަވެސް މިއީ بَاطِلُ ވާހަކައެކެވެ. بَاطِلُ مَذْهَبُ އެކެވެ. އެހެނީ އެފަރުދާއެއްގައި ދިރޭ ތަކެތީގެ صُوْرَة ހުރެގެން نَبِيُّ الله ‘ ރުހިވަޑައި ނުގެންނެވި ފަރުދާގައިވާ ސޫރައިގާ ހިޔަންޏެއް ނުވެއެވެ. އެއީ ފޮތީގައިވާ ސޫރައެކެވެ. ނަމަވެސް އޭގައި އެވާސޫރައަކީ ނުބައިވެގެންވާ صُوْرَة ކަމާމެދަކު އެކަކުވެސް ދެބަހެއް ނުވާނެއެވެ. އަދިހަމައެޔާއެކު صُوْرَة އާއި މެދު مُطْلَقُ ކޮށް އައިސްފައިވާ حَدِيث ތައް މިކަމަށް ފުދޭނެއެވެ)) (اه) މިއީ الإمَامُ النَّوَوى رَحِمَه الله ގެބަސްފުޅު ނިމުނު ހިސާބެވެ.
الإمَامُ النَّوَوى ގެމިކުރު خلاَصَة ވިދާޅުވުމަށްފަހު الْحَافِظ ابْنُ حَجَرވިދާޅުވިއެވެ. އަހުރެން ބުނަމެވެ. އެސޫރައެއް ގައި ހިޔަނި ހުންނަސޫރަޔާއި އަދި ހިޔަނި ނުހުންނަ ސޫރަ މިނަހީގައި عَامُّ ވާއަނެއްކަމަކީ عَلِى رَضِى الله عَنْهُ ގެ ފަރާތުން امَام أَحمدُ ރިވާ ކުރައްވާފައިވާ حَدِيث އެއްގެ ތާއީދެވެ. އެ حَدِيث އަކީ ހަމަކަށަވަރުން نَبِيُّ الله ‘حَدِيث ކުރެއްވި އެވެ. ((أَيُّكُمْ يَنْطَلِقُ إِلَى الْمَدِينَةِ فَلاَ يَدَعُ بِهَا وَثَنًا إِلاَّ كَسَرَهُ وَلاَ قَبْرًا إِلاَّ سَوَّاهُ وَلاَ صُورَةً إِلاَّ لَطَّخَهَا)) وَفِيه (مَنْ عَادَ لِصَنْعَةِ شَيْءٍ مِنْ هَذَا فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّمَ )
މާނައީ: مَدِيْنَة ގެތެރެއަށް ދާނީ ކަލޭމެން ކުރެކާކުބާވައެވެ. އެމީހަކު އެއްވެސް ބުދެއް ފެނިއްޖެއްޔާ އެބުދެއް ތަޅާކުދިކޮށްފާ ނޫނީ ދޫނުކުރާނޭއަދި އެއްވެސް ގަބުރެއް ފެނިއްޖެއްޔާ އެގަބުރެއް ބިމާ ހަމަހަމަ ކޮއްފާ ނޫނީ ދޫނުކުރާނޭ އަދި އެއްވެސް ސޫރައެއް ފެނިއްޖެއްޔާ އެއެއްޗެއް ގައި ކުލަކާތާ ފޮރުވާލާ ނުވަތަ ފުހެ ނެތިކޮށްލާފައި ނޫނީ ދޫނުކުރާނޭ މީހެކެވެ. މިއެވެ. އަދި އެ حَدِيثގައި ވެއެވެ. "އަދި މިއިންއެއްޗެއް އަލުންވެސް ހަދައިފި މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހާ مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ މައްޗަށް ބާވާތްލެއްވި ތަކެއްޗަށް ކާފަރު ވެއްޖެއެވެ." މިއެވެ.
عَبْد العزيز ابْن عبد الله آل باز ވިދާޅުވިއެވެ. އަހުރެންބުނަމެވެ. އިސްވެދިޔަ حَدِيث ފުޅުތަކުގެ މައްޗަށް ވިސްނާ ފިކުރުކޮއްފި މީހަކަށް ވިއްޔާ صُوْرَة ކުރެހުމުގެ حَرَام ކަމުގެމައްޗަށް އެ حَدِيث ފުޅުތައް عَامُّ ވެގެންވާކަން އެގޭނެ އެވެ. އަދި އިސްވެ ބަޔާންވެގެން ދިޔަފަދައިން އޭގެތެރޭގައި ހިޔަނިހުންނަ صُوْرَة އެކޭ އަދި ހިޔަނި ނުހުންނަ صُوْرَة އެކޭ އެއްވެސް ތަފާތެއް ނެތްކަންވެސް ރަގަނޅަށް އެގޭނެއެވެ.
* މީހަކު ބުނެފާނެއެވެ. أَبُوطَلْحَة ގެއަރިހުން زَيْد ابْن خَالِد ރިވާކުރެއްވި حَدِيثގައި ވެއެވެ. زَيْدގެ އަރިހުން ރިވާކުރައްވައި بِسربن سَعِيْد ވިދާޅުވިއެވެ. "ދެން زَيْدގެ ފާނު އާލާސްކަންފުޅު ޖެހުމުން އަހުރެމެން އެކަލޭގެފާނަށް ގޮވާލަން ދިޔައީމެވެ. އޭރު زَيْد ގެފާނުގެ ގޭގެ ދޮރުކޮޅު މަތީގައި تَصْوِيْر ކުރެހިފައިވާ ފަރުދާއެއް ވެއެވެ. މިއެވެ. މިބަސްފުޅުން ދަލީލު ކުރަނީ ދިރޭތަކެތީގެ ސޫރަހުންނަ ފަރުދާ ދެމުން زَيْد ގެފާނު ދެކެވަޑައި ގަންނަވާ ގޮތުގައި ހުއްދަ ކަމުގެ މައްޗަށެވެ.
މީގެޖަވާބުގައި އަހުރެން ބުނަމެވެ. އިސްވެދިޔަ عَائشة ގެފާނުންގެ حَدِيث އާއި އަދިވެސް އެމާނާގައިވާ حَدِيث ތައް ދަލީލުކުރަނީ ދިރޭތަކެތީގެ ސޫރަހުންނަ ފަރުދާ ދެމުން حَرَام ކަމުގެ މައްޗަށެވެ. އަދި އެފަދަ ސޫރަހުރި ތަންތަން ފުހެލައި ނުވަތަ އެހެންގޮތަކުން ނަމަވެސް ނެތިކޮށްލުމުގެ މައްޗަށެވެ. އަދި އެފަދަސޫރަ ހުރުމަކީ މަލާއިކަތް ބޭކަލުން އެތަކަށް ވެދެވަޑައި ގަތުން މަނާކުރާ ކަމެއްކަމެވެ.
އަދި صَحَّ ގޮތުގައި رَسُولُ الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެއަރިހުން حَدِيث ސާބިތުވެފައި ވަނިކޮށް އެޔާއި خِلاَفُ އަށް އެއްވެސް މީހެއްގެ ބަހެއް އަދި ޢަމަލެއް ވިޔަސް ގަބޫލު ނުވެވޭނެ އެވެ. އަދި مُؤمِنންގެމައްޗަށް ވާޖިބު ވެގެންވަނީ އެحَدِيث ގައިވާގޮތަށް تَبَع ވުމެވެ. އަދި އެحَدِيث ތައް ދަލީލު ކުރާގޮތަކަށް ޢަމަލު ކުރުމެވެ. އަދި އެޔާއިخِلاَفُ ވެ އެޔާއި ފުށުއަރާ އެންމެހައި ކަމެއް ދޫކޮށްލުމެވެ. އެއީ اﷲتَعَالى وَحِى ކުރައްވާފައިވާ ފަދައިންނެވެ. }وَمَآآتَاكُمُ الرَّسُولُ فَخُذُوهُ وَمَانَهَاكُمْ عَنْهُ فَانتَهُواْ{ މާނައީ: ކަލޭމެންނަށް رَسُولއާ ގެންނެވި އެއްޗެއްގައި ހިފާށެވެ. يَعْنِى އެކަލޭގެފާނު ކުރެއްވި އެންމެހައި އަމުރު ތަކަށް تَبَع ވާށެވެ. އަދި އެކަލޭގެފާނުން ކަލޭމެންނަށް މަނާކުރަށްވައި ނަހީ ކުރެއްވި އެންމެހައި ކަމަކުން ދުރުވެގަންނާށެވެ. އެކަމެއް ނުކުރާށެވެ. މިއެވެ. އަދިވެސް ވެއެވެ. }قُلْ أَطِيعُوااللَّهَ وَأَطِيعُوا الرَّسُولَ فَإِنْ تَوَلَّوا فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُمْ مَا حُمِّلْتُمْ وَإِنْ تُطِيعُوه ُُ تَهْتَدُوا وَمَا عَلَى الرَّسُولِ إِلاَّ الْبَلاَغُ الْمُبِينُ{ ](54)النُّور [މާނައީ (އޭ رَسُولُ الله އެވެ.) ކަލޭގެފާނު ވިދާޅުވާށެވެ. ކަލޭމެން ﷲ އަށް ކިޔަމަންތެރި ވާށެވެ. އަދި ކަލޭމެން رَسُولُއާ އަށް ކިޔަމަންތެރި ވާށެވެ. ދެންފަހެ އެމީހުން އެނބުރި ފުރަގަސް ދީފިއްޔާވެސް رَسُولُއާގެ މައްޗަށްއޮންނާނީ އެކަލޭގެފާނާއި މަސްއޫލު ވެވުނުކަމެކެވެ. (އެއީ އިއްވައިދިނުމެވެ.) އަދި ކަލޭމެންގެ މައްޗަށް ކަލޭމެނަށް އަމުރު ވެވުނު ކަންތައް އުފުލައި ގަތުން ވާޖިބުވާނެއެވެ. (އެއީ ކިޔަމަންވުމެވެ.) އަދި ކަލޭމެން އެކަލޭގެފާނާއި تَبَع ވެއްޖެއްޔާ ކަލޭމެނަށް ތެދުމަގު ލިބޭނެއެވެ. (އެހެންނޫންނަމަ ކަލޭމެނަށް ތެދުމަގު ނުލިބޭނެއެވެ.) އަދި ބަޔާންވެގެންވާ ގޮތުގައި އަންގައި ދެއްވުން މެނުވީ-އިއްވައި ދެއްވުންމެނުވީ-رَسُولُ އާގެ މައްޗަކަށް ނުވެއެވެ. އެބަހީ ކަލޭމެން އެކަލޭގެފާނަށް ކިޔަމަން ނުވިނަމަވެސް އޭގެ އެއްވެސް ގެއްލުމެއް އެކަލޭގެފާކަށް ނެތެވެ. މިއެވެ.
ފަހެ ހަމަކަށަވަރުން رَسُولُ އަށް تَبَع ވެއްޖެ މީހަކަށް ތެދުމަގު ދެއްކެވުމަށްﷲ سُبْحَانَه وَتَعَالَىއެވަނީ حَوَالُ ވެވޮޑިގެންފައެވެ. އަދި އެކަލާނގެ وَحِى ކުރެއްވިއެވެ.} فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ~ِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ { {63} މާނައީ: އެކަލޭގެފާނުންގެ އަމުރުފުޅާއި خِلاَفُ ވާމީހުންނަށް فِتْنَة އެއްޖެހިދާނެ ކަމުގެ–އެބަހީ ޝިރްކު ކުރެވިދާނެ ކަމުގެ-ބިރުގަންނަހުރިކަމެވެ. ނުވަތަ އެމީހުންނަށް ވޭންދެނިވި عَذَاب އެއް އަތުވެދާނެ ކަމާއިމެދު އެމީހުން ބިރުވެތިވާ ހުށިކަމެވެ. މިއެވެ.
* ދެން އަދި އަނެއްކޮޅުން ބަލާއިރު އެކަށީގެންވަނީ ދިރޭތަކެތީގެ ސޫރަހުންނަ ފަރުދާ ދެމުމުގެ حَرَام ކަމާއި މެދު އައިސްފައިވާ حَدِيث ތައް زَيْد رَضِيَ الله عَنْه އާއި ހަމައަށް ފޯރާފައި ނުވުމެވެ. އެހެންވެ رَسُولُ الله ‘ ވިދާޅުވި ބަސްފުޅުގައިވާ (ފޭރާމެއްގައިވާ ކުރެހުމެއް މެނުވީއެވެ.) މިހެން އޮތް ބަސްފުޅުގައި އެކަނި ހިފުމަކީ عُذْر ވެރި ވެވިދާނެ ކަމެކެވެ. އެއީ حَرَام ކަމުގެ މައްޗަށް ދަލީލުކުރާ އެހެން حَدِيث ތައް އެގިވަޑައިގެންފައި ނުވުމުންނެވެ.
ނަމަވެސް ފަރުދާއެއްގައި ނުވަތަ އެފޮތިގަޑެއްގައި ދިރޭތަކެތީގެ ސޫރަ ހުންނަފޮތި ނުވަތަ ފަރުދާ ދެމުމަކީ حَرَام ކަމެއްކަމުގެ މައްޗަށް ދަލީލުކުރާ صَحَّ حَدِيث އެގިހުރި އެއްވެސްމީހަކަށް އެ حَدِيث ތަކާއި خِلاَفُ ވުމުގެ عُذْر އެއްނެތެވެ. ފަހެ ﷲ ގެ އަޅާ ތިމާގެ هَوَى نَفْس އާއި ތަބާވުމުގެގޮތުން ނުވަތަ މީސްތަކުންކުރެ ކޮންމެވެސްމީހަކާއި تَقْلِيْدُ ކުރުމުގެގޮތުން ނަމަވެސް (އެމީހަކު ހެދިގޮތަށް ހަދަން) ނަމަވެސް صَحَّ حَدِيث ތަކާއި خِلاَفُ ވެއްޖެ ކޮންމެ ހިދެއްގައި އެމީހެއްގެ މައްޗަށް ﷲ ގެކޯފާއާއި عُقُوْبَة حَقُّ ވެއްޖެއެވެ. އަދި އޭނާގެ ހިތް ތެދުމަގާއި ދުރަށް ލެބުމާއި އަދި فِتْنَة ވެރިވުމުގެ ބިރުވެރިކަން އޭނާގެމައްޗަށް ހުއްޓެވެ. ފަހެ ﷲتَعَالَى ވަނީ އެކަމަށް ބިރުގަންނަވައި އަންނަނިވި އާޔަތް ބާވާތް ލައްވާފައެވެ.} فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ~ِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ { (63) މިއާޔަތުގެ މާނަ އިސްވެ ހިގައްޖެއެވެ. އަދި އެހެން އާޔަތެއްގައި އަންގައައެވެ.}فَلَمَّا زَاغُوا أَزَاغَ اللَّهُ قُلُوبَهُمْ { }5{ މާނައީ: އެމީހުން ތެދުމަގާއި ދުރުވެ ކަތިވި ހިދުން ﷲ އެމީހުންގެ ހިތްތައް ކަތިކުރެއްވި އެވެ. މިއެވެ. އަދި އެހެން އާޔަތެއްގައި وَحِى ކުރެއްވިއެވެ.} فَأَعْقَبَهُمْ نِفَاقا ً فِي قُلُوبِهِمْ{ (التوبة77 ) މާނައީ: އެމީހުންގެ ހިތްތަކުގައި مُنَافِقُ ކަން އެކަލާނގެ ލެއްވިއެވެ. މިއެވެ.
އަދި ހަމަކަށަވަރުން ދިރޭ އެތީގެ ސޫރައިގެ ބޯކަޑައިލީމާ ދެންހީވާނީ ގަހެއް ހެނެވެ. އޭރުން ދެންއޭތި ގޭގައި ބެހެއްޓުން ހުއްދައެވެ. އެހެންވީއިރު ގަސްގަހާގެއްސާއި ދެންވެސް އޭގައި ފުރާނަ ނުހުންނަ ތަކެތީގެ صُورَة ހުއްދަވާނެކަން އެއިން دَلِيل ކުރެއެވެ. އެވާހަކަ إبن عباس رَضِيَ الله عَنْهގެ އަރިހުންދެ شَيْخން ނުހަނު صَرِيْح ކޮށް ބަޔާން ކުރެއްވިކަން އިސްވެ ހިގައްޖެއެވެ. އަދިވެސް حَدِيث ދަލީލު ކުރާ ގޮތުގައި صُورَة ގެ ބޯނޫން އެހެން ތަނެއް ކެޑުމަކުން ނުފުދޭނެއެވެ. މިސާލަކަށް މެދުން ދެބައިކުޅަ އެއްބައި ބުރިކޮއްލުމަކުން ނުފުދޭނެއެވެ. އޭރުންދެން މަތީބުރި ބޭނުންކުރުން ހުއްދައެއް ނުވާނެއެވެ. އެހެނީ އެހެން ހެދުމަކުން މަލާއިކަތްބޭކަލުން ވެދެވަޑައި ގަތުން މަނާކުރާ ކަންތައ އަދިނުކެޑެއެވެ. މިހެނީ رَسُولُ الله ‘حَدِيث ކުރައްވާފައިވަނީ صُورَة ހަލާކު ކޮށްލުމަށް ނުވަތަ ފުހެލުމަށެވެ. ނުވަތަ ބޯކެނޑުމަށް ނުވަތަ އިހާނާތް ކުރެވޭފަދަގޮތަކަށް ހުރުމެވެ. މިބުނި ދެގޮތުންކުރެ ގޮތެއް ފިޔަވައި ގޭގޭގައި صُورَة ބެހެއްޓުން ހުއްދަކުރާމީހަކުވިއްޔާﷲގެފޮތުން ނުވަތަ سُنَّة ން ދަލީލު ގެންނަންޖެހޭނެއެވެ.
އެހެނީ نَبِى لله ‘ خَبَر ދެއްވާފައިވަނީ صُورَةގެ ބޯ ކެނޑެވުނީމާ ދެން ހުންނާނީ ގަހެއްގެ ސިފައިގައެވެ. އެއިން އެ ދަލީލު ކުރަނީ އެصُورَة އެއް ހުރުން ހުއްދަ ވުމުގެ ސަބަބަކީ ފުރާނަހުންނަ ތަކެތީގެ ވައްތަރުން ހުސްވެގެންވުމެވެ. އަދި ކޮންމެވެސް جَمَاد އެއްޗަކާ ވައްތަރުވުމެވެ. صُورَةގެ ތިރީބައިންބުރިކޮށް ބޮލާއި ބެހޭބައި ބާކީހުރުމަކުން އަދި جَمَاد އެއްޗަކާ ވައްތަރު ނުވާނެއެވެ. އެއީ ބޯހުރީމައެވެ.
މިވާހަކަތަކުން تصْوِيْرގެ ބޯ ކުރެހުމާއި ދެން އަދި އެއާ ގުޅިފައިވާ ހިސާބު ކުރެހުމަކީ حَرَام ކަމެއް ކަމާއި އަދި مَنَع ކުރައްވާފައިވާ ހިސާބަށް ކުރެހޭކަން حَقُّ އެދޭމީހަކަށް ވިއްޔާ ރަގަނޅަށް އެގި ބަޔާން ވާނެއެވެ. އެހެނީ އިސްވެދިޔަ صَحَّ ِحَدِيْثތައް މިހުރިހާ ގޮތަކައް عَامُّ ވެގެންވެއެވެ. އެހެންވެ عَامُّ حُكُمން އެއްވެސް މީހަކަށް އެއްޗެއް إسْتِثْنَاء ކުރެވޭނީ شَرِيْعَة އާއިގެން ވަޑައިގެންނެވި މާތްސާހިބާ إسْتِثْنَاء ކުރެއްވި އެއްޗެކެވެ.
އަދިކަރުދާހުގައި ނުވަތަ ފަރުދާފަދަ ތަކެތީގައި ކުރެހިފައިވާ صُورَةގެ ތެރޭގައި ޖިސްމު ހުންނަގޮތަށް ހުންނަސޫރައެކޭ އަދި ޖިސްމު ނުހުންނަ ގޮތަށް ހުންނަ ސޫރައެކޭ އެއްވެސް ތަފާތެއް ނެތެވެ. އަދި ފުރާނަހުރި ތަކެތީގެ ތެރެއިން އާދަމުގެދަރިއެއްގެ ސޫރައެކޭ އަދި އެހެން حَيْوَان އެއްގެ ސޫރައެކޭވެސް ތަފާތެއް ނެތެވެ. އަދި ރަސްރަސްކަލުންނާއި عَالِم ންގެސޫރައެކޭ އަދި އެހެނިހެން އާދައިގެ މީހުންގެސޫރައެކޭ ވެސް ތަފާތެއް ނެތެވެ. އަދި ކިއެއްހެއްޔެވެ. ރަސްރަސްކަލުންނާއި عَالِم ންނާއި ދެންވެސް ބޮޑެތި މީހުންގެصُورَة ކުރެހުމުގެ ނުރައްކާކަން މާބޮޑެވެ. އެހެނީ އެމީހުންނާއި މެދުމީހުން ހެއްލިގަތުން މާބޮޑުވާނެއެވެ. އަދި އެފަދަ މީސްމީހުންގެ صُورَة ތައް މަޖުލިސްތަކާއި އެފަދަ ތަންތާ ބެހެއްޓުމާއި އަދި އެއަށް މާތްކޮށް ހިތުންވަނީ شِرْكُ އުފެދުމުގެ އެއްމެބޮޑެތި ވަސީލަތް ތަކުގެ ތެރެއިންނެވެ. އަދި ﷲ ފިޔަޔައި އެސޫރަތަކުގެ ވެރިންނަށް އަޅުކަން ކުރުމުގެ ވަސީލަތަކަށްވެސް އެކަންވަނީ ވެފައެވެ. نُوح عَلَيْه السَّلاَم ގެ قَوْم ގައިވެސް އެކަންވީ އެހެންނެވެ. الْخَطَّابِىގެ ވާހަކައިން މިކަމުގެ އިޝާރާތް އިސްވެ ގޮސްފައިވާނެ އެވެ.
އަދި ހަމަކަށަވަރުން مُحَمَّد ‘ رَسُول ކަމާއިގެން ފޮނުއްވައިފުމަށް ދާންދެން އޭގެ ކުރީ جَاهِلِيَّة ޒަމާނުގައި މާތްކޮށް ހިތޭ އަދި އަޅުކަންވެވޭ صُورَة ތައް ގިނަ ޢަދަދަކަށް ވެއެވެ. ފަހެ އެކަލޭގެފާނު ވަޑައިގެން ބުދުތައް މުގުރުއްވައި صُورَة ތައް ފުހެލައްވައި ނިންމެވިއެވެ. އަދި اﷲتَعَالى ވަނީ އެކަލޭގެފާނު މެދުވެރިކުރައްވައި شِرْكُ އާއި އޭގެ ވަސީލަތްތައް މުޅިންހެން ނެތިކޮއްލައްވާފައެވެ. މިހެންވެ صُورَة އެއް ކުރެހި ކޮންމެމީހަކު ނުވަތަ ތަނަކު صُورَة އެއް ބެހެއްޓި ކޮންމެމީހަކު ނުވަތަ އެއިން صُورَة އަކަށް މާތްކޮއް ހިތި ކޮންމެ މީހަކު ބެލެވޭނީ ކާފަރުން ކުރާކަންތައް ކުރުމުގެ ގޮތުން އެމީހުންނާއި އެއްފަދަ މީހެއްކަމުގައެވެ. އަދި އެގޮތުން އޭނާއަކީ މީސްތަކުންނަށް شِرْكُ ގެ ދޮރު ހުޅުވައިދީ އަދި އެކަމުގެ ވަސީލަތް ތައްޔާރު ކުރިމީހަކު ކަމުގައެވެ. އަދި صُورَة ކުރަހަން އަމުރު ކުރި މީހާ ނުވަތަ އެކަމަށް ރުހިތްޖެ މީހާގެ حُكُم އަކީ އެކަން ކުރިމީހާގެ حُكُم އެވެ. عُقُوْبَة حَقُّ ވުމުގައި ވެސް ހަމައެފަދައެވެ. އެހެނީ ކީރިތި قُرْآن އާއި މާތްވެގެންވާ سُنَّة އާއި އަދި عِلْم ވެރިންގެ ބަސް ވެސް قَرَار ކޮށްދެނީ އުރެދުމަކަށް އަމުރު ކުރުމާއި އަދި އެކަމަށް ރުހުމާއި ހަމަ އެއުރެދުމަށް އަރައި ގަތުމާއި އެއްފަދަކަމުގައެވެ. އަދި ހަމަކަށަވަރުން اﷲتَعَالى وَحِى ކުރެއްވި އެވެ }وَإذَا رَأَيْتَ الَّذِيْنَ يَخُوْضُوْن فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّى يَخُوْضُوْا فِى حَدِيْثٍ غَيْرِه إنَّكُمْ إذَنْ مِثْلُهُمْ{ މާނައީ: ތިމަންރަސްކަލާނގެ އާޔަތްތަކުގެ ތެރެއަށްވެދެ (بَاطِل) ގޮތްގޮތަށް ވާހަކަދައްކާ އަދި އެއާޔަތްތައް بَاطِل ކުރުމަށް މަސައްކަތް ކުރާބަޔަކު ކަލޭގެފާނަށް ފެނިވަޑައިގެންފިއްޔާ އެމީހުން އެހެންވާހަކައެއްގެ ތެރެއަށް ވަދެގެންފުމަށްދާދެން އެމީހުންނާއި ދުރުވެވަޑައިގެން ފުރަގަސްދެއްވާށެވެ. އަދި އެހެން ހަދައިފިނަމަ ކަލޭމެންވެސް ވާނީ ހަމައެމީހުންގެ حُكُم ގައެވެ. އެބަހީ އެމީހުން އެފަދަ بَاطِل ވާހަކަ ދައްކާތާގައި ދުރަށްނުގޮސްއިން ކޮންމެމީހަކުވެސް ވާނީ ހަމައެމީހުންގެ حُكُم ގައެވެ. އެމީހުންނެކޭ އެއްފަދައިންނެވެ. މިއެވެ.
ފަހެ މިއާޔަތް ދަލީލު ކުރާގޮތުގައި مُنْكَرَاة އެއް ހިންގާތާކަށް ގޮސް އެކަމަށް އިންކާރުނުކޮށް އެތާއިން ކޮންމެމީހަކުވެސް ހަމައެ مُنْكَرَاة ހަދާމީހުން ފަދައެވެ. ފަހެ مُنْكَرَاة އަށް އިންކާރު ކުރުމަށް ކުޅަދާނަވެގެންވާމީހާ އެކަމަށް އިންކާރު ނުކޮށް ނުވަތަ އެކަމެއް އެކުރާމީހުންނާއި ވަކިނުވެ ހުރެއްޖެނަމަ އެމީހަކު ހިމެނޭނީ مُنْكَرَاة އެހިންގާ މީހުންގެ މީހެއްކަމުގައެވެ. ފަހެ مُنْكَرَاة އެއްކުރުމަށް އަމުރުކުރުން ނުވަތަ އެކަމަށް ރުހިގެންހުރުން އެއިންކަމަކާއިމެދު އެއްޗެއްނުބުނެ އަދިއެކަމަށް ރުހިގެން ހުންނަ މީހަކަށްވުރެ ފާފަބޮޑެވެ. އެއަށްވުރެ ނުބައެވެ. އަދި އެފަދަ مُنْكَرَاة އެއް ހިންގާމީހުންނާއި އެއްގޮތްވުން حَقُّ ކަންބޮޑެވެ. މިމާނާގައިވާ ދަލީލުތައް ގިނައެވެ. އެފަދަ ދަލީލު ހޯދުމަށް އެދޭމީހަކަށްނަމަ އެކަމުގެ ފޮތްތަކުގައި އެބަހުއްޓެވެ.
އަދި މިޖަވާބުގައި އަހުރެމެން ބަޔާންކޮށްދީފައިވާ حَدِيث ތަކާއި عِلْم ވެރިންގެ ބަސްފުޅުތައް ބަޔާންކޮށްދެނީ ބައެއް ފޮތްފޮތާއި މަޖައްލާތަކާއި ނޫސްތަކާއި އަދި ސިޓީފަދަ ތަކެތީގައި މީސްތަކުން صُورَة ނުވަތަ ފޮޓޯ ޖެހުމުގައި ތަރައްގީ ވެފައިވާ ވުމަކީ ކަނޑައެޅި ބަޔާންވެގެންވާ ކުށެއްކަމާއި مَعْصِية އެއްކަމެވެ. އެބަހީ އުރެދުމެއް ކަމެވެ. އަދި އެކަމަކީ ތިމާގެ ނަފުސަށް ބިރުވެތިވާމީހަކު އެކަމުން ރައްކާތެރިވެ ވާންވެއްޖެ ކަމެއްކަމާއި އަދި ތިމާގެ أخُ ންނާއި أُخْتُ ންނަށްވެސް އެކަމަށް ހޭއަރުވައިދީ نَصِيْحَة ތެރިވާން ވެއްޖެ ކަމެއްކަމެވެ. އަދި އިސްވެދިޔަ ތަނާއިމެދު إخْلاَص ތެރި تَوْبَة އަކުން تَوْبَة ވާން ވެއްޖެކަމެއްކަމެވެ.
އަދި ހަމައެފަދައިން އިސްވެދިޔަ ދަލީލުތަކުން ސާބިތުވާ އަނެއްކަމަކީ މިއިޝާރާތް ކުރެވުނު تَصْوِيْر ތައް އެޙާލުގައި ދެމިހުންނަ ގޮތަށް ބެހެއްޓުން ހުއްދަ ނުވާނެކަމެވެ. އަދި ފައިއެޅުންފަދަ އިހާނާތްކުރެވޭ ފަދަގޮތަކަށްހުރި تَصْوِيْر އެއްނޫނީ ވިއްޔާ އެ تَصْوِيْر އެއްގެ ބޯކަނޑައިލާ ނުވަތަ އޭތީގެބޯ ފުހެލައި تَغَيَّرُ ކޮށްލުން ކޮންމެހެން ވާޖިބުވެގެންވާކަމެވެ. ނަމަވެސް ފައިއެޅޭ ފަދަގޮތަކަށް ދޫލައެއްފަދަ އެއްޗެއްގައިވާ صُورَة ނުވަތަ ފޮޓޯ ހުރުމަކުން މައްސަލައެއް ނެތްކަންވެސް عَائِشَة ގެފާނުންގެ حَدِيث ންނާއި أبُو هُرَيْرَة رَضِيَ الله عَنْهގެ حَدِيث ން ދަލީލުކުރެއެވެ.
ދެންފަހެ ކުޑަ އަންހެންކުދިން ކުޅުމަށްޓަކައި ފުރާނަ ހުންނަ ތަކެތީގެ تَصْوِيْر ނުވަތަ އެފަދަ ތަކެތި ހަދައިގެން ގެންގުޅުމާމެދު عِلْم ވެރިންގެ ބަސްތަފާތުވެ ވަރަށް ބޮޑު إخْتِلاَف ހިގާފައިވެއެވެ.
عَائِشَة ގެފާނުންގެ އަރިހުން ދެ صَحِيح ގައި (صَحِيْحُ البُخَارِى އާއި صَحِيْحُ مُسْلِم ގައި) ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. نَبِيُّ الله ‘ ގެ އަރިހުގައި އަންހެންބުދު ލައިގެން ކުޅޭކަމުގައިވީމުއެވެ. (އޭރު އެކަމަނާ ވަރަށް ތުއްޕުޅެވެ.)އަދި އޭރު އަހުރެންނާއެކު ކުޅޭ އެތައް ކުދިންވެއެވެ. ފަހެ رَسُولُ الله ‘ ވެދެވަޑައިގެންފިއްޔާ އެކުދިން އެކަލޭގެފާނަށް ނުފެންނަގޮތަށް ނިވައިވެއެވެ. ދެން އެކަލޭގެފާނު އެކުދިން އަހަރެންނާއެކު ކުޅެލުމަށް އެކުދިން ގޮވައިގެން އަހުރެން ކައިރިއަށް ވަޑައިގަންނަވައެވެ. فَتْحُ البَارِى ގައި حَافِظ ابن حَجَر ވިދާޅުވިއެވެ. މި حَدِيث ދަލީލުކުރާ ގޮތުގައި ކުޑަ އަންހެންކުދިން ކުޅުމަށް ކުޑަ އަންހެން صُورَة ގެންގުޅުން ހުއްދަކަމުގެ މައްޗަށް މި حَدِيث ދަލީލުކުރެއެވެ. އޭރުންވާނީ صُورَة ކުރެހުމާއި ގެންގުޅުން ނަހީކުރެވިފައިވާ حُكُم ގެތެރެއިން إسْتِثْنَاء ކުރެވިގެންވާ حُكُم އެއްކަމުގައެވެ. އެގޮތުގެ މައްޗަށް عِيَاضُ ކިޔާބޭކަލަކު ކަނޑައަޅުއްވާ ވިދާޅުވިއެވެ. އެއީ جُمْهُورُ ދަންނަބޭކަލުންގެ ބަހެއްކަމަށް އެކަލޭގެފާނު އެބަސް نَقْلُ ކުރައްވާފައި ވެއެވެ. އަދި ހަމަކަށަވަރުން އަންހެން ކުދިން ބޮޑުވެގެން އެކުދިންގެ ގޭގެ ކަންތައްތަކަށްتَمْرِيْنُ ލިބިގަތުމަށްޓަކައި އަންހެން ކުދިންނަށް އެބާވަތުގެ ކުޅޭތަކެތި ވިއްކުން ހުއްދަ ކުރައްވައެވެ.
އަދި ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި އެحَدِيث އެވަނީ مَنْسُوْخُ ވެގެންނެވެ. اِبْنُ بَطَّّالُ ކިޔާބޭކަލަކު އެގޮތަށް ބުރަވެ ވަޑައި ގަންނަވައެވެ. އަދި مَالِكُ ގެފާނުންގެ އަރިހުން ރިވާކުރައްވައި اِبْنُ أبِى زَيْد ވިދާޅުވިއެވެ. މީހާ އޭނާގެ އަންހެން ދަރިފުޅަށް صُورَة ގަނެދިނުމަށް مَالِكُ ގެފާނު ރުހިވަޑައި ނުގަންނަވައެވެ. ދެން الدَّاوَرْدى رَاجِحُ ކުރައްވާ ބުރަވެ ވަޑައި ގެންފާވަނީ އެ حَدِيث އަކީ مَنْسُوْخُ حَدِيث އެއް ކަމުގައެވެ.
އަދި اِبْنُ حِبّانُ ތަރުޖަމާ ކުރައްވާފައިވަނީ (ކުޅުމަށްޓަކައި ކުޑަ އަންހެން ކުދިންނަށް ކުޅޭކުޅޭ صُورَة ފަދަ ތަކެތި ހުއްދަވާނެއެވެ.) އަދި النَّسَائى ތަރުޖަމާ ކުރައްވަފައި ވަނީ ފިރިހެނާ އޭނާގެ އަންހެނުން ކުޅުމަށްޓަކައި އަންހެން ކުދިންގެ صُورَة ހުއްދަވާނެ ކަމަށެވެ. އަދި ކުޑަކުދިންނެއް ބޮޑެތި މީހުންނެއް ތަފާތެއް ނުކުރައްވައެވެ. ނަމަވެސް އެވާހަކައިގާ އިތުރުވާހަކަވެއެވެ.
حَدِيث ތައް تَخْرِيْجُ ކުރައްވާ ނިންމަވާފައި الْبَيْهَقِى ވިދާޅުވިއެވެ. صُورَة ކުރަހާ އަދި އޭގެބޭނުން ކުރުމުގެ ނަހީކަން ރަނގަޅަށް ސާބިތެވެ. އަދި عَائِشَة ގެފާނަށް ދެއްވާފައިވާ ހުއްދައެއީ تصْوِيْر ކުރެހުމާ އޭގެބެނުން حَرَام ކުރެއްވުމުގެ ކުރިން ދެއްވާފައިވާ ހުއްދައެކެވެ. اِبن الجَوزِى އެގޮތުގެ މައްޗަށް ކަނޑައަޅުއްވާ ގަދަކުރައްވާފައި ވެއެވެ. އަދިއެކަލޭގެފާނުންގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ. ابُوادَاود އާއި النَّسَائى ގައި عَائِشَة ގެފާނުންގެ އަރިހުން އެހެން رِوِايَة އަކުން ނެރުއްވާފައި ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ((قَدِمَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ غَزْوَةِ تَبُوكَ أَوْ خَيْبَرَ وَفِي سَهْوَتِهَا سِتْرٌ فَهَبَّتْ رِيحٌ فَكَشَفَتْ نَاحِيَةَ السِّتْرِ عَنْ بَنَاتٍ لِعَائِشَةَ لُعَبٍ فَقَالَ مَا هَذَا يَا عَائِشَةُ قَالَتْ بَنَاتِي وَرَأَى بَيْنَهُنَّ فَرَسًا لَهُ جَنَاحَانِ مِنْ رِقَاعٍ فَقَالَ مَا هَذَا الَّذِي أَرَى وَسْطَهُنَّ قَالَتْ فَرَسٌ قَالَ وَمَا هَذَا الَّذِي عَلَيْهِ قَالَتْ جَنَاحَانِ قَالَ فَرَسٌ لَهُ جَنَاحَانِ قَالَتْ أَمَا سَمِعْتَ أَنَّ لِسُلَيْمَانَ خَيْلًا لَهَا أَجْنِحَةٌ قَالَتْ فَضَحِكَ حَتَّى رَأَيْتُ نَوَاجِذَهُ)) މާނައީ: رَسُوْل اللهِ ‘ تَبُوك ހަނގުރާމައިން ނުވަތަ خَيْبَر ހަނގުރާމައިން ނިމިވަޑައިގެން ވަޑައިގެންނެވި ހިނދު ދޮރުކޮޅު މަތީގައިވާ ފަރުދާކޮޅު ވަޔާ كَشْفُ ވިހިނދު عَائِشَةُ ގެފާނު ކުޅޭން ގެންގުޅުއްވާ ކުޅޭކުޅޭ ކުޑަ އަންހެން ކުދިންގެ ސޫރަތަކެއް އެކަލޭގެފާނު ދެކެވަޑައި ގެންނެވި އެވެ. ފަހެ އެކަލޭގެފާނު حَدِيْث ކުރެއްވި އެވެ. އޭعَائِشَةُ އެވެ މިއީ ކޮންކަމެއްތޯއެވެ. އެކަމަނާ ދެންނެވިއެވެ. އެއީ އަހުރެންގެ އަންހެން ދަރިންނެވެ. އަދި ފޮތިން ނުވަތަ ހަމުން ދެފިޔަލައިފާވާ އަހެއް އޭގެތެރެއިން ދެކެވަޑައި ގެންނެވިއެވެ. އަދި ވިދާޅުވިއެވެ. އޭގެމެދުން އަހުރެންނަށް މިފެންނަނީ ކޮންއެއްޗެއް ހެއްޔެވެ؟ އެކަމަނާ ދެންނެވިއެވެ. އެއީއަހެކެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭގައި އެވަނީ ކޮންއެއްޗެއް ހެއްޔެވެ؟ އެކަމަނާދެންނެވިއެވެ. އެއީ ދެފިޔައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ދެފިޔަވާ އަހެއްހެއްޔެވެ؟ އެކަމާދެންނެވިއެވެ. ހަމަކަށަވަރުން سُلَيْمَانُ ގެފާނަށް ފިޔަތަކެއްވާ އަހެއްވާ ވާހަކަ ކަލޭގެފާނު ނާއްސަވަމުތޯއެވެ؟ އެކަމަނާ ވިދާޅުވިއެވެ. ދެން އެކަލޭގެފާނުންގެ ދަތްޕު ފެނިވަޑައި ގަންނަވާ ވަރަށް ހިނިވަރުނަކުރެއްވިއެވެ. މިއެވެ.
ދެންފަހެ މިحَدِيْث އާއިމެދު ވާހަކަދައްކަވަމުން الْخَطَّابِى ވިދާޅުވިއެވެ. އަންހެންކުދިން ކުޅެން ގެންގުޅޭ އެބާِވަތުގެ ތަކެތި وَعِيْد އައިސްފައިވާ އެހެނިހެން ސޫރަޔާއި އެއްގޮތެއް ނޫނެވެ. އަދި عَائِشَةُ ގެފާނަށް އެހުއްދަ ލިބިވަޑައިގެންފާ އެވަނީ އެކަމަނާ އަދި އެވަގުތުبَالِغُ ވެވަޑައި ނުގަންނަވާތީއެވެ. ابْنُ بَاز ވިދާޅުވިއެވެ. އަހުރެން ބުނަމެވެ. ކަނޑައަޅައި އެހެން ވިދާޅުވުމުގައި ވިސްނަން ޖެހެއެވެ. އެކަމަކު خَيْبَرُ ހަގުރާމަ ހިނގިއިރު عَائِشَةُ ގެފާނު ސާދަ އަހަރު ވެފައިވުން އެކަށީގެންވެއެވެ. އެހެންޔާސާދައަހަރު ވެފައި ނުވަތަ އެޔާ ގާތް ވެފައި ވަނީއެވެ. އެކަމަކު تَبُوك ހަނގުރާމަ ހިގިއިރު އެކަމަނާ ވަނީ ކަނޑައެޅިގެން بَالِغُ ވެފައެވެ. އެހެންވީމާ رَاجِحُ ކުރެވޭނީ އެއީ خَيْبَرُ ހަނގުރާމަކަމަށެވެ. މިހާހިސާބުން الحَافِظ ގެވާހަކަކޮޅު ރަގަޅަށް ކަލެއަށް ވިސްނިއްޖެއްޔާ އެންމެ ރައްކާތެރި ވެގެންވާ ގޮތަކީ صُوْرَة އެކުލެވިގެންވާ ކުޅިވަރު ދޫކޮށްލުމެވެ. އެހެނީ އެގޮތަކީ އެކަމުގައި ޝައްކު ހުރުން އެކަށިގެންވާތިއެވެ. نَبِيُّ الله ‘ عَائِشَةُ ގެފާނަށް ކުޅޭކުޅޭ صُوْرَة ތަކަށް إِقْرَار ކުރެވުން އެއީ صُوْرَة ތައް ފުހެލުމުގެ أَمُر ފުޅު އައުމުގެ ކުރީގެކަމަކަށް ވެދާނެއެވެ. އެހެންކަމަށް ވަންޏާ އެކަންވާނީ ބޯ ކަނޑައިލެވިފައިވާ صُوْرَة ފިޔަވައި ދެންހުރި صُوْرَة ފުހެލާ ނެތިކޮށްލުމަށް ކުރެއްވި އަމުރުފުޅުގެ حَدِيْث ތަކުން مَنْسُوخُ ވެފައެވެ. ނުވަތަالْبَيْهَقِى އާއި ابْنُ الْجَوْزِى ވިދާޅުވިފަދައިން އެތަކެތި ވާނީ އިހާނާތް ކުރެވޭފަދަ ތަކެތި ކަމުގައެވެ. ابْنُ بَطَّال ކިޔާބޭކަލަކު އެގޮތަށް ބުރަވެލައްވައެވެ. ނުވަތަجُمْهُورُ ދަންނަ ބޭކަލުން ވިދާޅުވާގޮތަށް ތަމުރީނު ކުރުމުގެ ގޮތުން إسْتِثْنَاء ކުރެވިފައެވެ. އެހެނީ އަންހެން ކުދިން ކުޅެންގެންގުޅުމަކީ ފުރަތަމަވެސް އިހާނާތް ކުރެވޭނެ ކަމެކެވެ.
މިހުރިހާ إحْتِمَال ތަކާއި ޝައްކުތަކައްޓަކައި އެއްމެ ރައްކާތެރީ އެތަކެތި ދޫކުރުމެވެ. އަދި ޖިސްމު ހުންނަ ސޫރަ ނުބެހެއްޓުމުގެ ގޮތުން އަންހެން ކުދިންނަށް ސޫރަނެތް ކުޅިވަރުތައް ހޯދައިދިނުން ކޮންމެހެން ބޭނުމެވެ. އެއީ ޝައްކުވާކަންތައް ދޫކޮށް ޝައްކު ނުވާކަންތައް ބޭނުން ކުރުމުގެ ބާބުންނެވެ. އެއީ رَسُوْل اللهِ ‘ ގެ حَدِيْث ފުޅެއްގެ މާނައެވެ. އަދި النُّعْمَان بْنُ بَشِيْر ގެ حَدِيْث ގައިވާފަދައިން ކަންތައް ކުރުމަށެވެ. އެއީ صَحِيْحَيْنِ ގައިمَرْفُُوْعُ ކޮށްވާ حَدِيْث އެކެވެ. އެ حَدِيْث ގެމާނައީ: ހަކަށަވަރުން حَلاَلُ ކަންތައްވަނީ ބަޔާންވެ އެގޭށެވެ. އަދިحَرَام ކަންތައްވަނީ ބަޔާންވެ އެގޭށެވެ. އަދި އެދެމެދުގައި مُتَشَابِه އެޗެހިތަކެއްވެއެވެ. ގިނަމީހުންނަކަށް އޭގެحُكُم ނޭގެއެވެ. ފަހެ مُتَشَابِه ތަކެތީން (އޮޅޭތަކެތީން) ރައްކާތެރިވެގެންފިމީހާ ހަމަކަށަވަރުން އޭނާ އޭނާގެ ދީނާއި އަބުރު ރައްކާތެރި ކޮއްފިއެވެ. އަދި އެއޮޅޭ ތަކެތީގެތެރެއަށް ވަދެގެންފިމީހާ ހަމަކަށަވަރުން حَرَام ކަންތަކަށް ވަދެގެންފިއެވެ. އެއީ މަނާކޮށް ރައްކާތެރި ކުރެވިފައިވާ ތަނާއި ގާތުގައި ޖަނަވާރު ހުއިހައްޕާ މީހާފަދައެވެ. އޭނާއެތަނާއި ދުރުގައިވާމީހާއަށް ވުރެ އެތަނަށް ވަދެވުންމާގާތެވެ. وَالله أعْلَم ...
وَصَلَّى الله عَلَى نَبِيِّنَا مُحَمَّدٍ وَآلِه وَسَلَّم.
Comments