Skip to main content

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ދެއްވި 15 ވަނަ ރޭޑިއޯ ޚިޠާބު


بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

މިއަދަކީ 18 ސެޕްޓެމްބަރ 2009ވީ ހުކުރު ދުވަސް. މިއަދު އަޅުގަނޑު ތިޔަބޭފުޅުންނާ މި ރޭޑިއޯގެ ޛަރީޢާއިން ބައްދަލުވާއިރު އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ އުފާވެރި ފިޠުރު ޢީދު ދުވަސް. އަޅުގަނޑު އެންމެހާ އެހުންތެރިންނަށް، ރައްޔިތުންނަށް އެދުވަހުގެ މުބާރިކްބާދީއާއި ހެޔޮދުޢާ ތަހުނިޔާތައް ރައްދުކުރަން


އަޅުގަނޑު މީގެ ކުރީ ހުކުރު ދުވަހު، ތިޔަބޭފުޅުންނާ ބައްދަލުވިއިރު ފާހަގަކުރިން. އިރާދަކުރައްވައިގެން ކުރިއަށް މިއޮތް މަހެއް، ދޮޅުމަހެއް، ދެމަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ސަރުކާރަށް އެތަކެއް މަސައްކަތުގެ ޕްރޮގްރާމްތަކެއް، މިދަންނަވަނީ ބަނދަރާއި ނަރުދަމައާއި މިބާވަތުގެ ޢުމްރާނީ މަސައްކަތްތައް ހިންގުމުގެ މަޝްރޫޢުތަކެއް ފެށޭނެ ކޮޅުމަގު ސަރުކާރަށް ފެންނާނެއޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަންކަމުގެ އިޢްލާނުތައް ކުރެވެމުންދާނެ


އެނގިވަޑައިގަންނަވާނެ، އޭގެފަހުން މިދިޔަ ހަފްތާގެ ތެރޭގައި، ސަރުކާރުން އިޢްލާނު ކޮށްފައި މިވަނީ، 4 ރަށެއްގެ ނަރުދަމައާ ގުޅޭ މަޝްރޫޢުތަކެއްގެ ވާހަކަ. އޭގެ އެގްރީމަންޓްގައި ސޮއިކުރެވުނު ޚަބަރު. އެ އެގްރީމެންޓްތަކުގައި އެފަހަރު އަލިއަޅުވާލެވިފައިވަނީ، ގދ. ތިނަދުއާއި ލ. އަތޮޅު ގަމާ، އެދެރަށުގެ ނަރުދަމާގެ ޑިޒައިނާއި، އަދި އެދެރަށުގެ ނަރުދަމާ ބިނާކުރުމުގެ މަސައްކަތުގެ އެގްރީމަންޓަށް. އަދި އޭގެއިތުރުން، ނ. އަތޮޅު ހޮޅުދުއާއި ވެލިދޫގެ ނަރުދަމާ ކުރެހުމުގެ މަސައްކަތް. ހޮޅުދުއާއި ވެލިދޫގެ ނަރުދަމާ ހެދުމުގެ މަސައްކަތް އަދި އަޅުގަނޑުމެންނަކަށެއް އެކުލަވާލައި ރާވައިގެން ކުރިއަށް ގެންދެވޭނެ ކަންކަން ހަމަޖެއްސިފައެއްނުވޭ. އެހެން ނަމަވެސް، އަޅުގަނޑު ވަރަށް ބޮޑަށް އެބަ އުންމީދު ކުރަން، ހަމަ މިއަންނަ ހަފްތާގެ ތެރޭގައި، އިރާދަކުރެއްވިއްޔާ، ކުޑަފަރީގެ ބަނދަރާއި އަދި މިލަދޫގެ ނަރުދަމާ ހެދުމަށް އަޅުގަނޑުމެންނަށް ބަޔަކާ އެކީގައި ސޮއިކުރެވޭނެ. އިރާދަކުރެއްވިއްޔާ، ޢީދުގެ ބަންދަށްފަހު އެކަން ޢަމަލީ ގޮތުގައި ކުރިއަށް ގެންދާން އަޅުގަނޑުމެންނަށް ފެށޭނެ. ހަމައެއާއެކީގައި، މިދެންނެވިހެން މިލަދުއާއި އަދި ކުޑަފަރީގެ އިތުރުން މިފަހަރު އަޅުގަނޑުމެންނަށް އިހަވަންދޫގެ ބަނދަރުގެ މަރާމާތާއި، އަދި އިހަވަންދޫގެ ނަރުދަމާވެސް ކޮންޓްރެކްޓްގައި ސޮއިކުރާ ހިސާބަށް އިރާދަކުރެއްވިއްޔާ ގެންދެވޭނެ.


ކޮންމެ ހަފްތާއަކުވެސް އަޅުގަނޑުމެންނަށް މިމަސައްކަތްތައް ކުރިއަށް ގެންދެވޭތަން ފެންނާނެ. އަދި އަޅުގަނޑު ފާހަގަކުރަން ބޭނުން. މިމަސައްކަތްތަކަކީ ސަރުކާރަށް އެކިއެކި ޤައުމުތަކުގެ އެހީގެ ގޮތުގައާއި، އަދި އެކިއެކި ފަރާތްތަކުން ލޯނު ލިބުނީތީވެ، އަދި ލިބޭތީވެ، އޭގެ ސަބަބުން ސަރުކާރަށް ކުރެވޭ މަސައްކަތްތަކެއް. މިމަސައްކަތްތަކަކީ، ސަރުކާރުގެ ބަޖެޓާ ސީދާގޮތުގައި ގުޅުންހުރި މަސައްކަތެއް ނޫން. ބަޖެޓުގެ ދަތިކަން އަޅުގަނޑުމެންނަށް ހަމަ އޮތީ ކުރީގައިވެސް އޮތްގޮތަށް. އަޅުގަނޑުމެންގެ އާމްދަނީ އިތުރުވާން ފެށީމާ ނޫނިއްޔާ އަޅުގަނޑުމެންނަށް މިހާރު މިހުރި ބަޖެޓުގެ ދަތިކަމުން އަރައިގަންނަން އުނދަގޫވާނެ. އެހެންވީމާ، ސަރުކާރަށް މިޖެހެނީ، މަޖުބޫރުވަނީ މިވަގުތު ސަރުކާރު މުވައްޒަފުންގެ މުސާރައިން ކޮންމެވެސް މިންވަރެއް އުނިކޮށް، މިއަހަރު ނިމެންވާއިރަށް ސަރުކާރަށް ޚަރަދުގެ ގޮތުގައި ކުޑަކުރެވެން ހުރި އެންމެބޮޑު މިންވަރަކަށް ކުޑަކުރުން. އެމަގަށް އަޅުގަނޑުމެން މަސައްކަތް ކުރީމާ، އަޅުގަނޑުމެންގެ ޚަރަދު ބަރަދު ރަނގަޅު ގޮތުގައި ހިންގާ ޤައުމަކަށް އަޅުގަނޑުމެންނަށް ވެވުނީމާ، އަޅުގަނޑުމެންނަށް ބޭރު ޤައުމުތަކުން އަދި ޚާއްޞަކޮށް، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލިބޭ އެހީތެރިކަން ބޮޑުވޭ. އެއީ ދިވެހިރާއްޖޭގެ މާލިއްޔަތާ ގުޅޭގޮތުން އެފަރާތްތަކަށް ލިބޭ އިތުބާރު ބޮޑުވެގެންދާތީވެ. ނޫނިއްޔާ އަޅުގަނޑުމެންނަށް މިޖެހެނީ، އެހެންޏާވެސް ކަން ކޮށްފައި އޮތްފަދައިން، ވިޔަފާރި އުޞޫލުން ލޯނު ނެގުން. ވިޔަފާރި އުޞޫލުން ލޯނު ނެގީމާ، އަޅުގަނޑުމެންނަށް އަނބުރާ ދައްކަންޖެހޭ މުއްދަތު އެހާ އަވަހަށް ދައްކަން ޖެހޭނެ. އަދި އޭގެއިތުރުން، އެ ލޯނުތަކަށް ހޭދަކުރަންޖެހޭ އިންޓްރެސްޓްވެސް ކިތަންމެ ތަނަކުން ބޮޑު، ޢާންމު ޑިވެލޮޕްމަންޓް ނުވަތަ ތަރައްޤީ ލޯނާ އަޅާބަލާއިރު. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ދަންނަވާނީ މިމަސައްކަތްތައް މިދަނީ ހަމަ އަޅުގަނޑުމެން އުންމީދުކުރާ މަގުގައޭ. ޚާއްޞަކޮށް، ނަރުދަމާއާއި އަދި ބަނދަރު ހެދުމާއި، މަރާމާތު ކުރުމާއި، މިމަސައްކަތްތައް އަޅުގަނޑުމެންނަށް އެބަ އަޅުގަނޑުމެން ހަމަ މިއެދޭ ތާވަލުގައި، އަޅުގަނޑުމެން މިއެދޭ ތަރުތީބުގައި ސަރުކާރަށް އެބަ ކުރިއަށް ގެންދެވެއޭ.


އޭގެއިތުރުން، ސަރުކާރުގެ ވަރަށްބޮޑު އަމާޒެއް. ވީހާވެސް ގިނަ ރަށެއްގައި ގެދޮރު ޢިމާރާތް ކުރުން. ބޯހިޔާވަހިކަން ފޯރުކޮށްދިނުން. ކުރިއަށް މިއޮތް ދެތިން ހަފްތާއެއްގެ ތެރޭގައި އިރާދަކުރެއްވިއްޔާ، ގެ ޢިމާރާތް ކުރުމުގެ ބައެއް އެގްރީމެންޓްގައިވެސް ސަރުކާރަށް ސޮއިކުރެވޭނެ. އެ އެގްރީމަންޓްތަކުގައި ސަރުކާރަށް ސޮއި މިކުރެވެނީ، އެނގިވަޑައިގަންނަވާނެ، ބީލަމުގެ އުޞޫލުން ސަރުކާރުން ވަނީ އެމަސައްކަތްތައް ހިންގާނެ ފަރާތްތަކެއް ހޯދާފައި. އެހެންވީމާ، އެފަރާތްތަކާ އެކުގައި އެގްރީމަންޓްތައް ކުރުމުގެ މަސައްކަތް ކުރިއަށް މިއޮތް ދެތިން ހަފްތާއެއްގެ ތެރޭގައި ހިނގައިގަންނާނެ.


އަޅުގަނޑުމެން މިއަދު މި 18 ސެޕްޓެމްބަރު ވަނަ ދުވަސް. އަޅުގަނޑަށް ޔަޤީން، އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބޭފުޅުންގެ ހަނދުމައިގައިވާނެ. 19 ސެޕްޓެމްބަރު ދުވަސް. 19 ސެޕްޓެމްބަރު ދުވަހަކީ ޙަޤީޤަތުގައި މި ރާއްޖޭގައި ވަރަށް ހިތާމަވެރި ޙާދިޘާއެއް ހިނގާދިޔަ ދުވަހެއް. އެއީ 2003 ވަނަ އަހަރުގެ 19 ސެޕްޓެމްބަރު ވަނަ ދުވަސް. މިދުވަހު އީވާން ނަސީމްގެ ގައިގައި ތަޅައި އޭނާ މަރާލެވުނީ. އެ ޚަބަރު ޖަލުތެރެއަށް ފެތުރިގެންދިއުމާއެކުގައި ޖަލުގައި ހަމަނުޖެހުން އުފެދުނީ. ދެން ހަމައެއާއެކުގައި، ޖަލުގޭގައި ތިބި މީހުންގެ ގަޔަށް ބަޑިޖަހައި، ކިތަންމެ ބައެއް ޒަޚަމްވެ، އެތައް ބައެއް މަރާލެވުނީ. އެ ޚަބަރާއެކުގައި މާލޭގެ ކަންކަންވެސް ހަމައިން ނައްޓައިގެން ދިޔައީ. އަޅުގަނޑުމެން ރާއްޖޭގެ ވަރަށްގިނަ ބައެއްގެ ހިތްތަކުގައި މި ރާއްޖެ އޭރު އެދިޔަ ގޮތަކަށް ދާން ދޫކޮށްލައިފިނަމަ، އަޅުގަނޑުމެންނަށް އެ ދެވެނީ، ކަނު ބަނދެވިގެން ތިބެ އަނދަވަޅަކަށް ވެއްޓެންކަން ފާހަގަވި. އެ ފާހަގަވުމާ ގުޅިގެން، އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކު ނިންމިއޭ ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޭރު އޮތް ގޮތް ނޫން އެހެން ގޮތަކަށް ބަދަލުކުރަން. މާތްރަސްކަލާނގެ އަމުރާއި އިރާދަފުޅުން އަޅުގަނޑުމެންނަށް މިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް މިއަދު ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައި. މި ސަރުކާރުން ނިހާޔަތަށް މަސައްކަތް ކުރާނެ، ލާ އިންސާނީ އަނިޔާ ދިނުން ހުއްޓާލުމަށާއި، އެންމެހާ އިންސާނީ ޙައްޤުތައް ރައްޔިތުންނަށް ރައްކާތެރިކޮށްދިނުމަށް. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި އަދި އެންމެހާ އަސާސީ ޙައްޤުތައް ރައްޔިތުންނަށް ލިއްބައިދިނުމަށް ސަރުކާރުން ކެނޑިނޭޅި އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުން ގެންދާނެ.

އަޅުގަނޑުމެންނަށް ހަމަ މިހަފްތާގެ ތެރޭގައި ކުރިމަތިވާނެ އެއީ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ދުނިޔޭގެ ކަނޑުދަތުރުފަތުރު ކުރުމާބެހޭ ދުވަސް. އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ސަރަޙައްދުގެ ބޮޑުބަޔަކީ ކަނޑު. އަދި ރާއްޖޭގެ އެއްރަށާއި އަނެއްރަށާ، އެއް އާބާދީއާއި އަނެއް އާބާދީއާ ދެމެދު މި އޮންނަނީ ހައްތަހާވެސް ކަނޑު. އަޅުގަނޑުމެންގެ ދަތުރުފަތުރު ކުރުމުގެ ނިޒާމެއް އަޅުގަނޑުމެން ޤާއިމު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރުގައި، ކަނޑުގެ ދަތުރުފަތުރަކީ ސަރުކާރުގެ ސިޔާސަތުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަން. އެހެންވީމާ، އަޅުގަނޑުމެން ޚާއްޞަ ގޮތެއްގައި ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރު ކުރުމާ ގުޅޭ ދުވަސް ފާހަގަކުރުން އެއީ، އަޅުގަނޑުމެންނަށް އިތުރަށް ހިތްވަރާއެކު މަސައްކަތް ކުރުމަށް، ކަންކަން ފާހަގަކުރުމަށް ލިބޭ ދުވަހެއްގެ ގޮތުގައި ބަލައިގަނެ، އަޅުގަނޑުމެން އެދުވަސް އިރާދަކުރެއްވިއްޔާ ފާހަގަކުރާނެ.


ހަމަ ނިންމާލަމުން ދަންނަވަން އޮތް ވާހަކައަކީ، މާދަމާ އެއީ، ހޮނިހިރު ދުވަހު އަޅުގަނޑު އ.ދ.ގެ ޢާންމު މަޖިލީހުގެ ޖަލްސާއާއި، އައޯސީސް ކްލައިމެޓް ޗޭންޖް ސަމިޓާއި، އަދި ޔޫ.އެން. ކްލައިމެޓް ޗޭންޖް ސަމިޓުގައި ބައިވެރިވުމަށް އެމެރިކާއަށް އެބަ ދަތުރެއް ކުރަން. އެނގިވަޑައިގަންނަވާނެ، މީގެ ދުވަސްކޮޅެއް ކުރިން ސަރުކާރުން އިޢްލާނު ކުރި، ސަރުކާރުގެ ޚަރަދުގައި ކުރިއަށް މިއޮތް ތަނުގައި އަޅުގަނޑުމެންނަށް ދަތުރުކުރެވެން ނެތް ވާހަކަ. ރާއްޖެއިން ބޭރަށް ޚާއްޞަކޮށް. މިބާވަތުގެ ޖަލްސާތަކުގައި އަޅުގަނޑުމެންނަށް ބައިވެރިވެވެން އޮންނާނީ، ސަރުކާރަށް އެ ޚަރަދުގައި ކޮންމެވެސް ބަޔަކު ހިފާދިނީމާ ކަމަށް ސަރުކާރުން ވަރަށް ފާޅުކަންބޮޑުގޮތުގައި އިޢްލާނު ކުރެވުނު. އެ ޚަބަރާ ގުޅިގެން ވަރަށްގިނަ ފަރާތްތަކަކުން ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިން. އެހެންވީމާ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ބަޖެޓާ ދުރުން މި ދަތުރުތައް އިރާދަކުރައްވައިގެން ކުރެވެން މިއޮތީ. މިދަތުރުތަކަކީ، މިޖަލްސާތަކަކީ، ކިތަންމެހާވެސް މުހިންމު ޖަލްސާތަކެއް. މި އެންމެހާ ތަންތަނުގައި ރާއްޖެ ތަމްސީލު ކުރުމަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ރާއްޖޭގެ ރައްޔިތުންނަށް ނުހަނު ފައިދާކުރާނެ ކަމެއް ކަމުގައި އަޅުގަނޑުމެން ކުޑަކޮށްވެސް ޝައްކެއްނުކުރަން. އެހެން ނަމަވެސް، މާލީ ޙާލަތަށް އަބަދުވެސް އަޅުގަނޑުމެން ބަލަންޖެހޭނެ. އެހެންވީމާ، އަޅުގަނޑުމެން ނިންމީ، މިއީ މިފަހަރު އަޅުގަނޑުމެންނަށް ސަރުކާރުގެ ޚަރަދުގައި ކުރަން ރަނގަޅު ދަތުރުތަކެއް ނޫންކަމަށް. އެހެންކަމުން، އެގޮތަށް އިޢްލާނުކުރީ. މިހާރު ސަރުކާރަށް މިވަނީ މިކަމުގައި އެހީތެރިވެދޭނެ ކިތަންމެ ފަރާތެއް ލިބި، މިދަތުރުތައް ކުރެވޭގޮތްވެފައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އ.ދ.ގައި މިފަހަރު ތަޤްރީރު ކުރާނެ. އަދި ދިވެހިރާއްޖެއަށް މިފަހަރު އ.ދ.ގެ ޖެނެރަލް އެސެމްބްލީގައި މީގެކުރީގައި ނުލިބޭ އެތައް ފުރްޞަތުތަކެއް އަޅުގަނޑު ހިތުން ލިބިގެންދާނެ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ލިބެންހުރި އަޅުގަނޑުމެންގެ ތަރައްޤީއަށް، އަޅުގަނޑުމެންގެ ރާއްޖެއަށް ލިބެންހުރި ފައިދާތައް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ.


އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފަހި، ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.


والحمد للّـه. والسّـلام عليـكم.

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.