Skip to main content

ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތާ ބެހޭގޮތުން، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅު

26 އޯގަސްޓް 2009


بســم اللّـه الرّحمـن الرّحيــم



ރާއްޖޭގެ ކުރިއަށް ތިއްބެވި ވިޔަފާރިވެރިން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އަދި ދުރާއި ގާތުން މި ޙަފްލާ ބައްލަވަމުން ގެންދަވާ އެންމެހާ ރައްޔިތުން.

السّـلام عليـكم

އެންމެހާ ޢިއްޒަތްތެރި މެހްމާނުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން.

ސިޔާސީ ގިނަ ޕާޓީއަށް ވާދަކުރެވުނު ރިޔާސީ އިންތިޚާބެއް، މި ރާއްޖޭގައި ފުރަތަމަފަހަރަށް ބޭއްވުނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު. މި ތާރީޚީ އިންތިޚާބުގައި މި ރާއްޖޭގެ ލޮބުވެތި ރައްޔިތުންވަނީ ވަރަށް ހިތްވަރާއެކު ޑިމޮކްރަސީގެ މަގު އިޚްތިޔާރުކޮށްފައި. މާތްﷲގެ ވާގިފުޅާއެކު ދެން ފެށުނު ވެރިކަމުގައި، ސަރުކާރުގެ އެންމެ މުހިންމު އަމާޒަކަށް ވެފައި މިވަނީ، މިރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމާއި އިޤްތިޞާދު ކަލައިކޮށް ވަރުގަދަކުރުން.އާ ސަރުކާރުން ވެރިކަމާ ޙަވާލުވީ އިޤްތިޞާދީ ބޮޑެތި ގޮންޖެހުންތަކަކާއެކު. ރިޔާސީ އިންތިޚާބުގެ ކުރިންވެސް ދުނިޔޭގެ އިޤްތިޞާދީ އަދި މާލީ ވެށްޓަށް ކުރިމަތިވަމުންދިޔަ ބައެއް ކަންކަމުގެ ސަބަބުން ދެހާސް އަށްވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ދިޔައީ ނޭދެވޭ އަސަރު ކުރަމުން. ހަމައެއާއެކު، ބައިނަލްއަޤްވާމީ ބޭންކުތަކުންނާއި، ފައިސާ ދޫކުރާ އެހެންވެސް ފަރާތްތަކުން ވިޔަފާރިވެރިންނަށާއި ސަރުކާރަށްވެސް، ކުރިން ލިބެމުން އައި ފައިސާ ލިބުމުގައި ދިޔައީ ދަތިތަކެއް ކުރިމަތިވަމުން.މިއަދު ދިވެހީންނާ ކުރިމަތިވެފައި މިވަނީ، މާލީގޮތުން ވަރަށް ދެކޮޅުނުޖެހޭ ޙާލަތެއްގައި އޮތް ޤައުމީ އިޤްތިޞާދަކާ. ފާއިތުވި ދެތިންއަހަރު، ބޮޑުވަމުންދިޔަ ތިލަފަތްހަމަނުވާ ބަޖެޓުގެ ސަބަބުންނާއި، ޤައުމަށް ލިބެމުންދިޔަ އާމްދަނީ ދެހާސްއަށްވަނަ އަހަރުގެ މެދުތެރޭން ފެށިގެން ވަރަށްބޮޑަށް ދަށްވެގެން ދިއުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓް ފޫނުބެއްދޭ މިންވަރުވަނީ ބޮޑުވެގެން ގޮސްފައި. މިކަމުގެ އެންމެބޮޑު އަޞްލަކީ، ސަރުކާރު ހިންގުމުގެ ޚަރަދު އަދި ޚާއްޞަކޮށް މުސާރަ ދިނުމުގެ ޚަރަދުތައް، އިންތިހާއަށް ބޮޑުކޮށް އޮތުން. ދެހާސް ހަތަރުވަނަ އަހަރު، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ ސައްތައަކުން ތޭރަ، މުސާރައިގެ ގޮތުގައި ހޭދަކޮށްފައިވާއިރު، ދެހާސްއަށްވަނައަހަރު މި ނިސްބަތްވަނީ ސައްތައަކުން އެކާވީހަށް ބޮޑުވެފައި.މި ރާއްޖެއަކީ އުފެއްދޭ ތަކެތި މަދު ޤައުމަކަށްވެފައި، ރާއްޖޭން ބޭރުގެ މުދަލަށް ވަރަށްބޮޑަށް ބަރޯސާ ކުރަންޖެހޭ ޤައުމަކަށްވާތީ، ބޭރުން މުދާ ގެނައުމަށްޓަކައި ބޭރުފައިސާ ބޭނުންވާ މިންވަރު، ދުވަހެއް ދުވަހަކަށްދަނީ ބޮޑުވަމުން. މީގެ ނަތީޖާއަކީ، މި ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް ދެހާސްއަށްވަނައަހަރު ހަތަރުސަތޭކަ ހަތްދިހަފަސް މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާކަން. މިކަންކަން ޙައްލުކުރުމަށް އިމްޕޯޓް ކުރުމުގެ ނިޒާމް ރަނގަޅުކޮށް، ތަފާތު ފިޔަވަޅުތައް ސަރުކާރުން މިދަނީ އަޅަމުން.ޢިއްޒަތްތެރި މެހްމާނުން، އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުން: މާލިއްޔަތާބެހޭ ޤާނޫނު ބުނާގޮތުން، މިދިޔަ ނޮވެމްބަރުމަސް ނިމުމުގެ ކުރިން، ދައުލަތުގެ އާ އަހަރުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާން އާ ސަރުކާރަށް ޖެހުނު. މިކަމުގެ ސަބަބުން ކުރިން ދެންނެވި ބަޖެޓް ފޫނުބެއްދޭ މިންވަރު ކުޑަކުރުމަށް އެކަށީގެންވާ ވަގުތު މި ސަރުކާރަކަށް ނުލިބޭ. އަދި ވަކިވަކި މުއައްސަސާތަކަށް ވަކިއުސޫލެއް ނެތްގޮތެއްގައި މުސާރަ ބަދަލުކޮށް، ބޮޑުކުރަމުން ގެންގޮސްފައިވާތީ، ކުރީގެ ސަރުކާރުން ވަޢުދުވެފައިވާ އެއްބަސްވުންތައް ހެޔޮގޮތެއްގައި ކުރުމަށާއި، ސިވިލް ސަރވިސްގެ ޤާނޫނަށް ޙުރްމަތްތެރިކޮށް ހިތުމުގެ ގޮތުން ސިވިލް ސަރވިސްގެ މަގާމުތައް އަލުން ރުކުރުވާލައި އެއްމަގާމަކަށް ކަނޑައެޅިފައިވާ މުސާރަ އެއްގޮތްކޮށް ވަޒީފާތަކުގެ މެދުގައި ހަމަހަމަކަން ގެނައުމުގެ ގޮތުން 2009 އަހަރުގެ ފެބްރުއަރީގައި ގެންނަންޖެހުނު ބަދަލުތަކުގެ ސަބަބުން، ދައުލަތުގެ ޖުމްލަ މުސާރައާއި އުޖޫރަ ނުހަނު ބޮޑުތަނުން ބޮޑުކުރަން ޖެހުނު. މީގެސަބަބުން، ބަޖެޓް ފޫނުބެއްދޭ މިންވަރު ދެހާސް ނުވަވަނަ އަހަރުގެ ފުރަތަމަ ހަމަހުގައިވަނީ، ޤައުމީ އުފެއްދުންތެރިކަމުގެ ސައްތައަކުން ތިރީހަށް އަރާފައި. އަވަސް އިސްލާހީ ފިޔަވަޅުތަކެއް ނާޅައިފިނަމަ، 2009 ވަނަ އަހަރު ނިމޭއިރު، ބަޖެޓްގެ ފޫނުބެދުން ނުވަތަ ޑެފިސިޓް ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު ސައްތައަކުން ތެއްތިރީހަށް ބޮޑުވެގެންދާނެ. ދައުލަތުގެ ޚަރަދާއި ލިބޭ އާމްދަނީ ލާޖެއްސުމުން މަދުވާ މިންވަރު ހަމަޖެއްސުމުގެ ގޮތުން ސަރުކާރަށްވަނީ ޤައުމީ އުފެއްދުންތެރިކަމަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ ބާޒާރަށް ނެރެން ޖެހިފައި. މިކަމުގެ ސަބަބުން މުދަލުގެ އަގުތައް ދަށްވަމުންދިޔަ މިންވަރު ކުޑަވެ، ދިވެހި ފައިސާގެ އަގަށް މިވަނީ ހީނަރުކަން އައިސްފައި. ނަތީޖާއެއްގެ ގޮތުން ބޭރު ފައިސާގެ ރިޒަރވް އެންމެ މަހެއްގެ އިމްޕޯޓަށް ފުއްދޭ ވަރަށްވަނީ ދަށްވެފައި. ޤައުމަށް ކުރިމަތިވެފައިމިވާ އިޤްތިޞާދީ ހީނަރުކަން އިތުރަށް ގޯސްވުމަށް މެދުވެރިވެފައިވާ މައިގަނޑު އަނެއް ސަބަބަކީ، ރާއްޖޭގެ މާލީ ބާޒާރަށް ވޭތުވެދިޔަ ކައިރި މާޒީގައި އަރާފައިވާ ބޮޑެތި ލޮޅުންތައް. ބޭންކިންގެ މުއައްސަސާއަކަށް ނުވާ އިދާރާއެއް ކަމުގައިވާ ރައީސް އޮފީސް މެދުވެރިވެ، އެތައް މިލިއަނަށް އަރާ ލޯނުތަކެއްވަނީ ދައުލަތުގެ މާލިއްޔަތުން ދޫކޮށްފައި. ބޭންކް އޮފް މޯލްޑިވްސްއާއި އެހެން ބައެއް ބޭންކްތަކަށް ޖެހިފައިއޮތީ އެ ބޭންކްތަކުން ދޫކޮށްފައިވާ ބޮޑެތި ލޯނުތައް އަނބުރާ ނުހޯދި، ދައުރު ކުރާނެ ފައިސާ ނުލިބި، ދަޢުވާ އުފުލައުފުލާ ހަމަ ތިބެން. ވަކީން ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ޤައުމީ ބޭންކުގެ ޙާލަތު އޮތް މިންވަރު އެނގެން ފެށީ މުސްތަޤިއްލު އޮޑިޓަރ ޖެނެރަލެއް ވުޖޫދަށް އައުމާއި، އެމް.އެމް.އޭ މުސްތަޤިއްލުވެ، ބޭންކްތައް އިންސްޕެކްޓް ކުރުން އިހަށްވުރެ ހަރުދަނާވާން ފެށުމުން. އެހެން އިތުރުފަރާތްތަކަށް ފައިސާ ދޫކުރުމަށް އެ ބޭންކުތަކަށްވަނީ ވަރަށް ބޮޑަށް ދަތިވެފައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކަންކަން ބަދަލުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. ބޭންކުތަކުގެ ރައުސްމާލު އިތުރުކުރުމުގެ މަގު ހުޅުވި، ދައުލަތުގެ އެހީތެރިކަމާއެކު ރާއްޖޭގެ އަމިއްލަ ބޭންކުގެ ޙާލަތުވެސްވަނީ ރަނގަޅުވާން ފަށާފައި. ޢިއްޒަތްތެރި މެހެމާނުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން:ދެހާސްނުވަވަނަ އަހަރު، ފަތުރުވެރިކަމުން ލިބޭ އާމްދަނީ ގާތްގަނޑަކަށް ސައްތައަކުން އެގާރައަށް ދަށްވާނެކަމަށް ބެލެވޭއިރު، ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތް، ސައްތައަކުން ހަތަރަކަށް ދަށްވާނެކަމަށް ލަފާކުރެވޭ. މިކަމުގެ ސަބަބުން ޓޫރިޒަމް ޓެކްސްއާއި ކަސްޓަމް ޑިއުޓީގެ ގޮތުގައި ލިބޭ އާމްދަނީވެސް ދަށްވާން ފަށާނެކަމަށްވަނީ ބެލެވިފައި. މިކަންކަމަށް ދާއިމީ ޙައްލު ގެނައުމަށްޓަކައި އެކަށީގެންވާ އަވަސް ފިޔަވަޅު ސަރުކާރުން ނާޅައިފިނަމަ، ކުރިއަށްއޮތް ހައެއްކަމަހުތެރޭ މި ރާއްޖެއަށް ޖެހޭނީ މާލީ އަނދަވަޅަކާ ކުރިމަތިލާން. މިކަންކަމަށް ދާއިމީ ޙައްލު ގެނައުމަށްޓަކައި ސަރުކާރަށް ޖެހިފައިމިވަނީ، ރާއްޖޭގެ އިޤްތިޞާދާއި މާލިއްޔަތާ ގުޅޭގޮތުން މީގެކުރީގައި ކަންކަން ކުރަމުން އައިސްފައިވާ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާން. އެހެންކަމުން، ސަރުކާރުންވަނީ މާލީ ސިޔާސަތު އަލުންބަލައި، ޙިކްމަތްތެރި އާ ފިޔަވަޅުތަކެއް އަޅާން ގަސްދުކޮށްފައި. މީގެތެރޭގައި ހިމެނޭ މުހިންމު ބައިތަކަކީ:1. ދެމެހެއްޓެނިވި އަދި ބެލެހެއްޓޭ މިންވަރަށް ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ދައުލަތުގެ އާންމު ދަރަނި ދެހާސްދިހަވަނަ އަހަރުން ފެށިގެން ކުޑަ ކުރެވޭނޭ އަމާޒަކަށް މަސައްކަތް ކުރުން.2. ބައިނަލްއަޤުވާމީ އެހީދޭ ފަރާތްތަކުން ފައިސާގެ އެހީ ހޯދައި އިޤްތިޞާދުގެ ބިންގާ ހަރުދަނާ ކުރުން3.ބޭންކުގެ ނިޒާމް ވަރުގަދަކުރުން. މިމައިގަނޑު އަމާޒުތަކުގެ އިތުރުން، ރާއްޖޭގައި އިންވެސްޓު ކުރުމުގެ މިންވަރު އިތުރު ކުރުމަށްޓަކައި ގެންނާންޖެހޭ އިސްލާހުތައް ގެނެސް، އިޤްތިޞާދީ ބިންގާތައް ހަރުދަނާކޮށް، ޤައުމީ އުފެއްދުންތެރިކަން އިތުރުކޮށް، އިޤްތިޞާދީ ޙަރަކާތްތަކަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް، މާތްﷲގެ ވާގިފުޅާއެކު ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރާނެ. އެކަމުގެ ހެޔޮ އަސަރުތައް، އިރާދަފުޅާއެކު ކުރިއަށްއޮތް ހައެއްކަމަސްތެރޭގައި އަޅުގަނޑުމެންނަށް ފެންނާންފަށާނެ.ޢިއްޒަތްތެރި މެހްމާނުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން:މިހާރު ސަރުކާރުން އަމާޒު މިކުރަނީ، ދައުލަތުގެ ޚަރަދުބަރަދު މެދުރާސްތާގައި، ހިފެހެއްޓުމަށްޓަކައި ދެމެހެއްޓެނިވި މިންވަރަކަށް ގެނައުމަށް. އިސްލާހީ ފިޔަވަޅުތަކެއް މިހާރުން މިހާރަށް ނާޅައިފިނަމަ، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަޖެޓް ފޫނުބެއްދޭ މިންވަރު، ނުވަތަ ޑެފިސިޓް، ސައްތައަކުން ތެއްތިރީހަށް އަރާނެ ކަމުގައި ފެނުމާއެކު، ވަޒީރުންގެ މަޖިލީހުން، މި އަހަރުގެ އޯގަސްޓް ބާރަވަނަ ދުވަހު އިޢުލާން ކުރެއްވި ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ އިޞްލާޙުތަކާއެކު، ވިސްނުންތެރިކަމާއި، ކެތްތެރިކަމާއި، ހިތްވަރާއެކު އެކަންކަން ކުރުމުގެ އަމަލީ މަސައްކަތް މިވަނީ ފަށާފައި. މި އިސްލާހުތަކުގެ އަމާޒަކީ ދެހާސްނުވަވަނަ އަހަރު ޑެފިސިޓްވި މިންވަރު ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ ސައްތައަކުން އަށާވީހަށް ތިރިކޮށް ދެހާސްދިހަވަނަ އަހަރު މި ޢަދަދު ސައްތައަކުން ފަނަރައަށް ތިރިކުރުން.ޢިއްޒަތްތެރި މެހްމާނުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން.މި އިޞްލާޙުތައް މައިގަނޑު ގޮތެއްގައި ބިނާވެފައި މިވަނީ، ކުރެވޭ ޚަރަދު ކުޑަކުރުމާއި އަދި ލިބޭ އާމްދަނީ އިތުރުކުރުމުގެ މައްޗަށް. ސަރުކާރުގެ ޕްރޮގްރާމްގެ މުހިންމު ސިފަތަކަކީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައިވެސްވާ ގޮތަށް، ދައުލަތުގެ މުވައްޒަފުން މަދުކޮށް، ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަލުން ތަރުތީބު ކުރުން. ރައްކާކުރެވޭ ފައިސާގެ މިންވަރު އިތުރުކުރެވޭނީ، މުސާރައާއި އެހެނިހެން ޢިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާގެ އޮނިގަނޑު ބަދަލުކޮށްގެން. މިގޮތަށް ކަންކުރާއިރު، އިސްލާހުތައް ގެނެވޭނީ އެންމެ ދަށް މުސާރަލިބޭ ފަރާތްތަކަށް ނިސްބަތުން އެންމެ ކުޑަކޮށް އަސަރުކުރާގޮތަށް. ދެހާސްދިހަވަނަ އަހަރު މުސާރައިގެ ގޮތުގައި ދައުލަތުން ހިންގޭ ޖުމްލަ ޚަރަދު، ވަކިމިންވަރަކަށް ހިފަހައްޓަން ސަރުކާރުން މިވަނީ ނިންމާފައި. މީގެ އިތުރުން، ބައެއް ސްކޫލާއި، ބަނދަރުތައްފަދަ ތަންތަނުން ޚިދުމަތްތައްދިނުން އަމިއްލަ ފަރާތްތަކަށް ބަދަލުކުރުމުގެ މަސައްކަތްތައް ސަރުކާރުން މިހާރު މިވަނީ ފަށާފައި. މިކަންކަމުގެ ސަބަބުން މިފަދަ ޚިދުމަތްތައްދިނުން ހަރުދަނާވެ، ސަރުކާރުން ކުރަންޖެހޭ ޚަރަދުތައް ކުޑަވާނެ. ސްކޫލްތައް ހިންގުން އަމިއްލަ ފަރާތްތަކަށް ދޫކުރާއިރު، މާލީގޮތުން ތަނަވަސްކަން ލިބިފައިނުވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަރުކާރުން އެހީތެރިވެދޭނެ. މިދެންނެވި ފިޔަވަޅުތަކާއި، އަދި ސަރުކާރުން ސީދާގޮތުގައި ވަކިކުރެވޭ އަދި ބަދަލު ކުރެވޭ މީހުންނާއެކު، ސަރުކާރުން މުސާރަދޭ މީހުންގެ ޢަދަދު، ދެހާސްދިހަވަނަ އަހަރުގެ ނިޔަލަށް، ދައުލަތުން މުސާރަދޭ މީހުންގެ ޢަދަދު ފަސްހާސްފައްސަތޭކައިން މަދުކުރެވޭނެ. މީގެއިތުރުން، ހިންގުމުގެ ދާއިރާއާގުޅޭ ޚަރަދުތައް ކުޑަކުރާގޮތަށްވެސްވަނީ ސަރުކާރުން ނިންމާފައި. މީގެތެރޭގައި ދަތުރުފަތުރުކުރުން މަދުކުރުން ހިމެނޭ. އަދި ބައެއް ކެޕިޓަލް ޕްރޮޖެކްޓްތައް ކޯޕަރަޓައިޒްކޮށް، ބަޖެޓުން ޚަރަދުކުރުން ދިގު މުއްދަތަކަށް ބަހާލުމަށް ކުރަންޖެހޭ މަސައްކަތްތައްދަނީ ކުރެވެމުން. މި ފިޔަވަޅުތަކުގެ ސަބަބުން އަހަރު ދުވަހުގެ ތެރޭގައި ދޭއް ޕޮއިންޓް އަށެއް ބިލިއަން ރުފިޔާ ނުވަތަ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުގެ ސައްތައަކުން ފަނަރައިގެ މިންވަރަށް ޚަރަދުތައް ސަލާމަތްކުރެވޭނެ. ސަރުކާރުގެ ޚަރަދު، ނުވައެއް ޕޮއިންޓް ތިނެއް ބިލިއަން ރުފިޔާ، ދެހާސްދިހަވަނަ އަހަރު ނިމެންވާއިރަށް ކުޑަކުރެވޭނެކަމަށް ސަރުކާރުން އުންމީދު ކުރޭ. ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްވެސް މުހިންމު ފިޔަވަޅުތަކެއް އަޅަންވަނީ ކަނޑައެޅިފައި. ޓެކްސް ނެގުމާބެހޭގޮތުން މުހިންމު އިސްލާހުތަކެއް މިހާރުވާނީ އިޢުލާން ކުރެވިފައި. މި އިޞްލާޙުތަކުގެ އަމާޒަކީ، ޓެކްސްގެ ނިޒާމް ފުޅާކޮށް، އިމްޕޯޓް ޑިއުޓީއަށް ބަރޯސާވުން ކުޑަކުރުން. ދެހާސްދިހަވަނަ އަހަރުން ފެށިގެން ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ޓެކްހެއް ނަގާގޮތަށްވަނީ ވިސްނިފައި. މީގެއިތުރުން، ތަޢާރުފް ކުރަން ހަމަޖެހިފައިވާ އެހެނިހެން ޓެކްސްތަކުގެ ރަނގަޅު އަސަރު، ދެހާސްދިހަވަނަ އަހަރުން ފެށިގެން އިރާދަފުޅާއެކު އަޅުގަނޑުމެންނަށް ފެންނަން ފަށާނެ. މީގެތެރޭގައި، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްއާއި މިހާރު ނެގެމުން އަންނަ ބެޑްޓެކްސްގެ ބަދަލުގައި އެޑްވެލޮރެމް ޓެކްސްއެއް ތަޢާރަފްކުރުން ހިމެނޭ. ދެހާސްދިހައެއްގައި ޤައުމީ އުފެއްދުންތެރިކަމުގެ ދޮޅު ޕަސެންޓް މި ޓެކްސްތަކުން ފޫބެއްދޭނެ ކަމަށް ސަރުކާރުން ލަފާކުރަން. އަދި ހަމަމިއާއެކު، ކުރިއަށްއޮތް އަހަރުތަކުގެ ތެރޭ މި މިންވަރު އިތުރަށް ބޮޑުވެގެންދާނެ ކަމަށް ސަރުކާރުން ލަފާކުރަން. ހަމައެއާއެކު، ދެހާސް އެގާރަވަނަ އަހަރު، މުދަލާއި ޚިދުމަތުންނަގާ ޓެކްސްއެއް ތަޢާރަފްކުރުމަށްވަނީ ހަމަޖެހިފައި. ޓެކްސްގެ ނިޒާމަށް ގެނެވޭ ބަދަލުގެ ތެރޭގައި، މިހާރު ކޮންޓްރެކްޓް މެދުވެރިކޮށް ޓޫރިސްޓް ރިޒޯޓްތަކުން ނަގާ ލީސް ރެންޓްގެ ބަދަލުގައި، ބިމާބެހޭ ޤާނޫނަށް އިޞްލާޙު ގެނެސް ހަމަހަމަގޮތުގައި ބިމުގެ ކުއްޔެއް ނެގުމަށްވެސް ސަރުކާރުންވަނީ ނިންމާފައި. މިކަންކަމާ ކުރިމަތިލުމަކީ މިހާރު ދަތިކަމެއްގެ ގޮތުގައި ފެނިވަޑައިގަތްނަމަވެސް، އިރާދަކުރެއްވިއްޔާ މިކަންކަމުގެ ރަނގަޅު ނަތީޖާއިން މުޅި ޤައުމަށް އިތުރު ތިޔާގިކަމާއި ތަނަވަސްކަން ފަހިވެގެންދާނެ.ޢިއްޒަތްތެރި މެހްމާނުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން.މި ރާއްޖޭގައި ތިބި އާމްދަނީ މަދުންލިބޭ މީހުންނަށް ސަރުކާރުން އެހީތެރިވެދިނުމަށް އަޅުގަނޑުމެން މިދަނީ ޢަޒުމް ކަނޑައަޅަމުން. ސަރުކާރުގެ މިފިޔަވަޅުތަކުގެ ސަބަބުން، އިޖްތިމާޢީ ޚިދްމަތްތަކާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކަށް ނުރަނގަޅު އެއްވެސް އަސަރެއް ނުފޯރާނެ. ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ ޕެންޝަންގެ ނިޒާމް އިތުރަށް ފުޅާކޮށް ގިނަބަޔަކަށް ޕެންޝަންގައި ބައިވެރިވެވޭނޭ މަގުތައް ފަހިކޮށްދީ ހުޅުވާލަމުން. މިއަހަރު އޮކްޓޯބަރ މަހުން ފެށިގެން، ކަރަންޓުގެ ޚިދުމަތް ދިނުމަށް ދެވޭ ސަބްސިޑީ އަލުންބަލައި، ކޮންމެހެން އެހީ ލިބެންޖެހޭ ފަރާތަކަށް އެހީ ފޯރުވައިދިނުމަށް އުސޫލުތަކެއް ކަނޑައެޅޭނެ. ކަރަންޓުގެ އަގު ދެމެހެއްޓެނިވި މިންވަރަކަށް ބޮޑުވިޔަސް، ކަރަންޓް ބިލް ދެއްކުމުގައި މާލީ ފޯރުންތެރިކަން ނެތް ފަރާތްތަކަށް ވަކި އުސޫލެއްގެ ދަށުން އެހީ ދިނުމަށް ސަރުކާރުންވަނީ ރާވާފައި. ޢިއްޒަތްތެރި މެހްމާނުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން:އެމް.ޑީ.ޕީ އިއްތިހާދުގެ މެނިފެސްޓޯގައިވާ ފަދައިން، ސަރުކާރުންވަނީ ޕްރައިވަޓައިޒޭޝަން ޕްރޮގްރާމެއް ފަށާފައި. ވިޔަފާރީގެ ޙަރަކާތްތަކުގައި ސަރުކާރުން ސީދާ ބައިވެރިވުން ކުޑަކުރަން ފަށާފައި. އަމިއްލަ ފަރުދުން ވިޔަފާރީގެ ޚިދުމަތް ދިނުމުގައި ވީހާބޮޑަކަށް ޝާމިލްވުމަކީ ޚިދުމަތް އަވަސްވެ، ވިޔަފާރި ހަރުދަނާވެގެންދާނެ ކަމެއްކަމަށް އަޅުގަނޑުމެން ދެކެން. މިކަން ކުރުމަށް، ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި ހަރުމުދާ، އަމިއްލަ ފަރާތްތައް ޙިއްޞާވާގޮތަށް ބަދަލުކުރުމަށްވަނީ ހަމަޖެހިފައި. އޭގެ ސަބަބުން، ކުރިއަށްއޮތް ތިންއަހަރުގެތެރޭގައި ޚިދްމަތްތަކުގެ ފެންވަރު މަތިވުމުގެ އިތުރުން، ވަރަށްބޮޑު އާމްދަނީއެއް ސަރުކާރަށް ލިބޭނޭކަމަށް ލަފާކުރެވޭ. އަދި މިގޮތަށް ސަރުކާރު ޙިއްޞާވާ ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަށްޓަކައި ޕްރައިވަޓައިޒޭޝަން ކޮމިޓީއެއްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދެވޭ ކަންތައްތަކުގެ ހެޔޮ ނަތީޖާ މިހާރުދަނީ ފެންނަމުން. މި ޕްރޮގްރާމްގެ ސަބަބުން ކުރު މުއްދަތެއްގެ ތެރޭގައި ދެވޭ ޚިދްމަތުގެ ފެންވަރު މަތިވެ، ބަޖެޓްގެ ޑެފިސިޓް، ނުވަދަ ފޫނުބެއްދޭ މިންވަރު ކުޑަކުރުމަށް ފައިސާ ހޯދޭނެ. އަދި ސަރުކާރުގެ ޚަރަދުބަރަދު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މަގުފަހިވެގެންދާނެ.މިދެންނެވި ބޮޑެތި އިސްލާހުތަކާއެކުވެސް ކުރިމަތިލާން ޖެހިފައިވާ ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. އެހެންނަމަވެސް، ބަޖެޓު ފޫނުބެއްދޭ ހިނދެއްގައި ފައިސާ ޗާޕްކުރުން ސަރުކާރުންވަނީ މިހާރުން މިހާރަށް ހުއްޓާލައި، އެހެނިހެން ގޮތްގޮތުން ފައިސާ ހޯދަން ފަށާފައި. މިގޮތުން ފައިސާ ހޯދުމުގައި ޓްރެޝަރީ ބިލާއި، ބޮންޑް ވިއްކައިގެން ފައިސާ ހޯދުން ހިމެނޭ. މީގެއިތުރުން، ސަރުކާރުން މިގެންދަނީ ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް މާލީ އެހީ ހޯދުމަށް މަސައްކަތް ކުރަމުން. އައި.އެމް.އެފް.އިން ދޭ އެހީގެ އިތުރުން، ވާރލްޑް ބޭންކުން ލޯނުއެހީއާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން އެހީއެއް ހޯދުމަށް ސަރުކާރުން މިހާރު މިވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައި. އެކުވެރި ޤައުމުތަކުން، ޚާއްޞަކޮށް އައި.އެމް.އެފް.އާއި، އިންޑިއާއިން މިހާރު މިވަނީ އިތުރު އެހީ ލިބޭނޭގޮތް ހަމަޖެހިފައި. މީގެއިތުރުން، ވާރލްޑް ބޭންކުން އިންތިޒާމްކުރާ އެހީދޭ ފަރާތްތަކުގެ ބައްދަލުވުމެއް މިއަހަރުގެ އޮކްޓޯބަރުމަހު ތެރޭގައި ބޭއްވުމަށްވަނީ ހަމަޖެހިފައި.ޢިއްޒަތްތެރި މެހްމާނުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން: ކުރިން ދެންނެވުނު އިސްލާހީ ފިޔަވަޅުތަކުގެ އިތުރުން، މެދުރާސްތާގައި ދައުލަތުގެ މާލިއްޔަތު ހިންގުން ހަރުދަނާ ކުރުމުގެ މުހިންމު ފިޔަވަޅުތަކެއް ސަރުކާރުން އެޅުމަށް މިވަނީ ނިންމާފައި. މިގޮތުން ފައިސާގެ މުޢާމަލާތް ކުރުމަށް އެންމެ އެކައުންޓެއް ބޭނުންކުރާ އުޞޫލެއް މިހާރުވަނީ ތަޢާރަފް ކުރެވިފައި. އަދި މުޅިން އައު ޕަބްލިކް އެކައުންޓިންގ ސިސްޓަމަކަށް ބަދަލުވުމުގެ މަސައްކަތް މިހާރު މިދަނީ ހިނގަމުން. މިކަމުގެ ސަބަބުން ބަޖެޓް ހިންގުމާއި ފައިސާ ބެލެހެއްޓުމާއި އެކައުންޓިންގައި މާލީ ހިސާބުކިތާބު މުނާސިބް ވަގުތުގައި ލިބޭނެގޮތް ފުރިހަމައަށް ފަހިވެގެންދާނެކަމަށް އަޅުގަނޑުމެން ދެކެން. އަދި މި ޤައުމުގެ ތާރީޚުގައި މި ލިބދީފައިވާ އިޤްތިޞާދު ބެލެހެއްޓުމުގެ މަސައްކަތްތައް މިހާރަށްވުރެ، އެތައްތަނެއް ހަރުދަނާވެގެންދާނެކަމަށް އަޅުގަނޑު ދެކެން. ސަރުކާރުން މިގެންދަނީ ދަރަނީގެ ކަންތައްތައް ބެލެހެއްޓުމަށް އިތުބާރުހުރި ހަރުދަނާ ޔުނިޓުތައް އުފައްދަމުން. ހަމައެއާއެކު، ލޯނު ހޯދުމުގައާއި، ލޯނު ދޫކުރުމުގައި، ސަރުކާރުންދޭ ގެރެންޓީތައް ހާމަކަންބޮޑު އުޞޫލުތަކެއްގެ ދަށުން ހިންގުމަށްޓަކައި ސަރުކާރުން މިހާރުވާނީ ފިޔަވަޅު އަޅާފައި.ޢިއްޒަތްތެރި މެހްމާނުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން: ދެހާސްއެއްވަނަ އަހަރުން ފެށިގެން ދިވެހި ފައިސާގެ އަގަކީ، ޔޫ.އެސް.ޑޮލަރަކަށް ބާރަ ޕޮއިންޓް އަށެއްފަހެއްރުފިޔާ ކަމުގައިވަނީ ހަމަޖެހިފައި. ރާއްޖެފަދަ ކުޑަ، ހުޅުވިފައިވާ އިޤުތިޞާދެއްގައި މިކަމުގެ ސަބަބުން ފައިދާތަކެއް ކޮށްފައިވޭ. އެހެންކަމުން، ސަރުކާރުން މިގެންދަނީ މި މިންވަރުގައި މިއަގު ހިފެހެއްޓުމަށް މަސައްކަތްތަކެއް ކުރަމުން. ބޭރުފައިސާގެ މާރކެޓް ހަމައަކަށް އެޅެމުންދާ ވަރަކަށް އެމް.އެމް.އޭއިން ބޭރުފައިސާ ދޫކުރުމުގެ އުޞޫލް ފަހިވަމުންދާނެ. އެމް.އެމް.އޭއިން ގެންދަވަނީ ފައިސާއާބެހޭ ސިޔާސަތު ވަރުގަދަކުރުމަށް މަސައްކަތްތަކެއް ކުރަމުން. މީގެ މުހިންމު އެއް ފިޔަވަޅަކީ ފައިސާ ޗާޕުކުރުން ހުއްޓާލުން. މީގެއިތުރުން، އޯގަސްޓް މަހުން ފެށިގެން އެމް.އެމް.އޭގައިވާ ސަރުކާރުގެ ދަރަނީގެ ބައެއް އެއީ، ސެކިއުރިޓީޒް ގޮތުގައިވަނީ ހަމަޖެހިފައި. މިކަމުގެ ސަބަބުން، މި ސެކިއުރިޓީޒްގެ ބޭނުން ކޮށްގެން، އޯޕަން މާރކެޓް އޮޕަރޭޝަން ހިންގުމަށް އެމް.އެމް.އޭއަށް މަގުފަހިވެގެންދާނެ. ދެހާސްދިހަވަނަ އަހަރު މެދުޖެހުމުގެ ކުރިން އެމް.އެމް.އޭގެ ޤާނޫނަށް މުހިންމު އިޞްލާޙުތަކެއް ގެނައުމަށް އެމް.އެމް.އޭ.އިންވަނީ ނިންމާފައި. މި އިސްލާހުތަކުގެ ސަބަބުން، އެމް.އެމް.އޭ.ގެ މަސައްކަތް ހަރުދަނާވެ، ސަރުކާރާއި އެމް.އެމް.އޭ.އާ އޮންނަ ގުޅުން ކަނޑައެޅި، އެމް.އެމް.އޭ.ގެ ހިންގުމާއި ޖަވާބުދާރީވުން ހަރުދަނާވެގެންދާނެ. ހަމައެއާއެކު، މިނިވަން ފައިސާއާބެހޭ ސިޔާސަތެއް ހިންގުމަށް މަގުފަހިވެގެންދާނެ. ޢިއްޒަތްތެރި މެހްމާނުން، ރާއްޖޭގެ ލޮބުވެތި ރައްޔިތުން:މި ދުވަސްވަރުގެ ހާލަތަށް ބަލާއިރު، ބޭންކުތަކުގެ ރައުސްމާލުހުރީ ރަނގަޅަށް ކަމުގައިވިޔަސް، ފަތުރުވެރިކަމުގެ ދާއިރާއަށް މިދުވަސްވަރު ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ބައެއް ބޭންކުތަކަށްވަނީ ފައިސާ ނުދައްކާ ލޯނުތަކުގެ މައްސަލަ ކުރިމަތިވެފައި. ދުނިޔޭގެ މާލީ ބާޒާރަށް ކުރިމަތިވެފައިވާ ނިކަމެތިކަމުގެ ސަބަބުން، ބޭރުން ފައިސާ ލިބުންވެސް ބޭންކުތަކަށްވަނީ ދަތިވެފައި. މިކަމުގެ އަސަރު އެންމެބޮޑަށް ކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްއަށް. ސަރުކާރުންވަނީ ބޭންކްގެ ނިޒާމް ހަރުދަނާކޮށް ވަރުގަދަކުރުމަށް ފިޔަވަޅުތަކެއް އަޅާފައި. އެމް.އެމް.އޭ.އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިހާރު ގެންދަވަނީ ބޭންކް އޮފް މޯލްޑިވްސްއަށް ދިމާވެފައިވާ މައްސަލަތައް ޙައްލު ކޮށްދިނުމުގައި ކުރިއެރުންތަކެއް ހޯއްދަވަމުން. ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި، ބޭންކް އޮފް މޯލްޑީވްސްގެ މެނޭޖްމަންޓް ބަދަލުކުރުމަށް އެ ބޭންކްގެ ބޯޑަށްވަނީ އިރުޝާދު ދެވިފައި. އެ ބޭންކްގެ ޕޯޓްފޯލިއޯ ބަދަލުކޮށް އިތުރު ޕާޓްނަރެއް ހޯދުމުގައިވެސް މިހާރުވަނީ ކުރިއެރުންތަކެއް ލިބިފައި.ބޭންކިންގއާބެހޭ ޤާނޫނު ފާސްކުރުމުގެ ފިޔަވަޅުތައް ހަލުވިކުރުމަށް ކުރާންޖެހޭ ކަންތައްތައް ސަރުކާރުން މިގެންދަނީ ކުރަމުން. އެމް.އެމް.އޭ.ގެ ޤާނޫނަށް ގެނެވޭ އިސްލާހުތަކުގެ އިތުރުން، މިޤާނޫނުގެ ސަބަބުން ދިވެހިރާއްޖޭގެ ވިޔާފާރި ބޭންކުގެ ނިޒާމް ހަރުދަނާވެގެންދާނެ. ސަރުކާރުގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތު ހިންގުމަށް އަޅާފައިވާ މިދެންނެވި ފިޔަވަޅުތަކުގެ ޖުމްލަ ނަތީޖާ ރަނގަޅުވެގެންދާނީ، ދައުލަތުގެ އެހެން މުއައްސަސާތަކުންނާއި، އަދި ޢާންމުކޮށް ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުން ވަރަށް އިޚްލާޞްތެރިކަމާއެކު ޤައުމުގެ ހެވާއި ލާބައަށްޓަކައި މިކަމުގައި އެއްބާރުލެއްވުން ދެއްވައިގެން.އަޅުގަނޑުގެ އިލްތިމާސަކީ، މިކަންކަމުގައި ސަރުކާރަށް އެއްބާރުލެއްވުން ދެއްވުމުގައި، ރައްޔިތުންގެ ވިސްނުންތެރިކަމާއި، ކެތްތެރިކަމާއި ހިތްވަރު އިތުރުކުރެއްވުން. އަޅުގަނޑުމެން މި މަސައްކަތަށް ނުކުމެ މިތިބީ މިކަން ކުރެވޭނެކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑުމެންނަށް އޮތީތީވެ. އިރާދަފުޅާއެކު، މި ރާއްޖޭގެ މުސްތަޤްބަލް ތިޔާގިވެ ތަނަވަސްކަމާއި އުޖާލާކަން އަޅުގަނޑުމެންނަށް ޙާޞިލު ކުރެވޭނެ. އަޅުގަނޑުގެ ދުޢާއަކީ، މިއަދަށްވުރެ އަދި މާ ފަހި، ފާގަތި މާދަމާއެއް އަޅުގަނޑުމެންނަށް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered

އިބުނު ސީނާ 980-1037މ

ލިޔުނީ: ޝެއިޚް އަހުމަދު ދީދީ އިބްނުސީނާއަކީ މުސްލިމުންގެ އެންމެބޮޑު ބޭސްވެރިޔާއެވެ. އާދަޔާޚިލާފަށް ހަނދާންގަދަ މައުލޫމާތު ވަރަސް މުއްސަނދި ލާމަޘީލު ޢިލްމީ ޝަޚުޞިއްޔަތެކެވެ. އިބްނުސީނާ ލިޔުއްވި ފޮތްތަކުގެ ޢަދަދު ސަތޭކައަށްވުރެން ގިނައެވެ. ބޭސްވެރިކަމުގައި ލިޔުއްވި އެންމެ މަޝްހޫރު ފޮތަކީ އަލްޤާނޫނުއެވެ. މިފޮތް އެކުލެވިފައިވަނީ ފަސް މުޖައްލަދަށެވެ. ފަސްވަނަ މުޖައްލަދުގައި ޢައްޠާރީބޭހުގެ ބާވަތްތަކާއި ޢަޤާޤީރުގެ ޔޫނާނީންނާއި ފާރިސީންނާއި ހިންދުމީހުންނާއި ޗައިނާމީހުން ބޭނުންކުރި ވަރަށްގިނަ މުފްރަދު ބޭހާއި މުރައްކަބު ބޭސް ބަޔާން ކުރައްވާފައިވެއެވެ. އިބްނުސީނާގެ ފުރިހަމަ ނަމަކީ އަބޫޢަލިލްޙަސަން އިބްނު ސީނާ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 980މ. ގައި އަފްޣާނިސްތާނުގެ އުތުރު ރަށެއްކަމަށްވާ ޙަރްމައިތިން ގައެވެ. އެރަށް މިހާރު އޮތީ ތުރުކިސްތާނުގެ (އުޒުބަކިސްތާނުގެ) ބުޚާރާކާރީގައެވެ. އޭނާގެ މަންމައާއި ބައްޕައަކީ އަފްޣާނިސްތާނުގެ ދެބޭފުޅުންނެވެ. ހިޖުރީގޮތުން ހަތަރުވަނަ ޤަރުނުގެ ފަހުކޮޅުގައި އުމުރުން ދިހަ އަހަރުވެސް ފުރިހަމަ ނުވަނީސް އިބްނު ސީނާ ބުޚާރާ ސަހަރުގެ އެކިއެކި ތަޢުލީމީ މުއައް