ތައުލީމުގެ ރޫޙު ބަދަލުކުރަން ޖެހިފައި!
ތަޢުލީމީ ނިޒާމެއްގެ ބޭނުމަކީ މުޖުތަމަޢަށް ފައިދާ ހުރި، މަސްއޫލިއްޔަތު އުފުލާނެ ރައްޔިތުންނާއި ވެރިން ތަރުބިއްޔަތު ކުރުމެވެ. އިސްލާމީ މުޖުތަމަޢެއްނަމަ، މިފަދަ މުޖުތަމަޢަކާ ގުޅޭ ރައްޔިތުންނާއި ވެރިން އުފެއްދުމެވެ. އެއީ އަޅުގަނޑުމެން ދިރި އުޅޭ މުޖުތަމައަކީ ޞުލްޙަވެރި ޞާލިޙް ފަރުދުންތަކެއް އުޅޭތަނަކަށް ހެދުމަށެވެ.
ގައުމުގެ ކުރިމަގު ބައްޓަންކޮށް، ގައުމީ ނަވުގެ މިސްރާބު ހިފާނީ ތައުލީމީ ނިޒާމުންނެވެ. ތައުލީމީ ނިޒާމުގެ މަގްޞަދު ފުހިހަމަ ވެފައި ވަރަށް ސާދާ އެވެ. " އިސްލާމީ ދިވެހި މުޖުތަމަޢުގައި ބައިވެރިއެއްގެ ގޮތުންނާއޮ އަމިއްލަ ފަރުދެއްގެ ގޮތުން ތިމާއަށާއި ތިމާގެ އާއިލާ އަށާއި ތިމާގެ ރަށަށާއި ތިމާގެ ގައުމަށް ފައިދާ ކުރުވަނިވި ހަރުދަނާ މީހަކަށް ވުމުގެ ގާބިލިއްޔަތު ލިބި ދިނުމަށްޓަކައި ކުއްޖާގެ ވިސްނުމާއި ހަށިގަނޑާއި ރޫޙީބައި ތަރައްގީކޮށް ހާނައި ތަރުބިއްޔަތު ކޮށްދިނުމާއި އަދި ބޭނުންވާ ހުނަރުތައް ލިބި ލިބިދިނުމެވެ." ދެން މި މަގްޞަދުތައް ހާޞިލް ކުރެވެނީ ކިހާވަރަކަށް ތޯ ވަޒަން ކޮށްލަމާ ތޯ އެވެ! މަދަރުސާ ނިންމާފައި ނިކުންނަ ކުދިންގެ ކިބާގައި މިސިފަތައް އަށަގެންފައިވޭ ތޯ އެވެ! ދީނީ ކަންތައްތަކަށް ސަމާލުކަން ދޭ ތޯ އެވެ. މުދައްރިސުންނާއި ވެރިންނާއި މައިންބަފައިންނަށް އިޙްތިރާމް ކުރޭތޯއެވެ! އިޖުތިމާއީ މަސައްކަތްތަކުގައި ބައިވެރިވޭ ތޯ އެވެ! ރީތި ބަހުން ވާހަކަ ދައްކަން އެނގޭތޯ އެވެ!
ތަޢުލީމީ ނިޒާމުގެ ދުޅަހެޔޮކަމާއި ބަލިކަން ދައްކުވައިދެނީ އެތަނެއްގައި ދިރިއުޅޭ ބައެއްގެ ސުލޫކާއި ޢަމަލުންނެވެ. ތަޢުލީމީ ނިޒާމުގެ ޞިއްޙަތު ރަގަޅުނަމަ، މިނިޒާމުން ޚިދުމަތް ލިބިގަންނަ ބަޔަކު ހުރިހާ ގޮތަކުންވެސް ދުޅަހެޔޮވާނެ އެވެ. ނޫން ނަމަ މުޖުތަމަޢު އޮންނާނީ ބޮއްސުންލައިފައެވެ. މި ނިޒާމުގެ ނަތީޖާ އޮތީ ފެންނާށެވެ. އެއްވެސް އަޚްލާގެއްނެތް ކުދިންތަކެއް ވަނީ މުޖުތަމައަށް ގިނަ ވެފައެވެ. މަސްތުވާ ތަކެއްޗާއި މާރާމާރީ ހިންގުންވަނީ އިތުރު ވެފައެވެ. ނަހަމަ ގޮތުގައި ހިންގާ ޖިންސީ އަމަލުތައް ވަނީ އާއްމު ވެފައެވެ. ފޭރުމާއި ވައްކަން ކުރުންވަނީ ގިނަވެފައެވެ. ކުޑަކުދިންނަށް އޯގާތެރިނުވާތާނގާއި އެކުދިންވަނީ ޖިންސީ ޝިކާރައަކަށް ވެފައެވެ. މުޖުތަމަޢުގެ ޒުވާނުންވަނީ ދިރިއުޅުމުގެ މަގްޞަދު އޮޅިފައިވާ އާވާރާ ބަޔަކަށް ވެފައެވެ. ހެދުން އަޅާފައިވާ ގޮތަށް ވިސްނާށެވެ. އައުގުރާން އާއި މަސްތުވާތަކެތީގެ އިސްތިހާރު ޖެހި ޓީޝާޓް ތަކެވެ. ކަންފަތާއި ނޭފަތާއި ބަނޑާއި އެހެނިހެން ތަންތަން ތޮރުފާފައި އަޅާފައި ހުންނަ ބޮޅުފަތިތަކެވެ. ބޮލުގެ ތަފާތު ތަންތާނގައި ކުލަޖައްސާފައި ރުއްގަހެއްހެން ބޯހަދާފައި ހުންނަގޮތެވެ.
މިކަންކަމާމެދު އަޅުގަނޑުމެން ފިކުރުކޮށްލައިފިނަމަ ގިނަ މައްސަލަތަކަކީ އިންސާނާ އަމިއްލައަށް އުފައްދާފައިވާ މައްސަލަތަކެވެ. މިކަހަލަ މައްސަލަތަކާއެކު މުޖުތަމަޢުގައި އުޅެނީ ނުސިދާކޮށްނަމަވެސް އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމުން އުފައްދާފައިވާ މީހުންނެވެ. މިހެންވާން ޖެހެނީ އަޅުގަނޑުމެންގެ ތައުލީމީ ނިޒާމަކީ މާއްދީ ބޭނުންތަކަށް އިސްކަންދީގެން ހިންގޭ " ސެކިއުލަ" ނުވަތަ އިލްމާނީ ނިޒާމަކަށް ވާތީ އެވެ.
އަޚްލާގީ ރީތި ސިފަތަކުން އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކާ މުޢާމަލާތުކޮށް އުޅެނީ މަދުންނެވެ. މިދެވޭ ތަޢުލީމާއެކު އަޚްލާގީ ނަމޫނާއެއް ނުދެއްކެއެވެ. ކުދިންނަށް ނަމޫނާއެއް ނުއެއް ފެނެއެވެ. މުޖުތަމަޢަށް ފެތުރިފައިވާ އިޖުތިމާޢީ ބަލިތައް ފެތުރިފައިވަނީ ތަޢުލީމީ ނިޒާމު ބަލިކަށި ކަމުންކަން ގަބޫލުކުރަން ޖެހެއެވެ. މިހެންވާންޖެހުނު ސަބަބަކީ ކޮބައިތޯއެވެ؟ ޒަމާނަށް ބަދަލުތަކެއް އަންނަކަން އެނގޭއިރު ގާފިލްކަންމަތީ ތިބެވުނީ އެވެ. ޓެކްނޮލޮޖީއާއި ސިނާއުތަކުގެ ކުރިއެރުމުގެ ސަބަބުން ކަންތައްތައް އަވަސްވެ ކަންކަމުގެ އިންތައް ނެތެމުން ދިޔައިރު ފަހަތު ފަޔަށް ބަރުވެފައި ތިބެވުނީ އެވެ. "ރާސްތާމަރުވެ" "ވަގުތު މަރުވާ" ދުވަސް ކުރިމަތިވި އިރު ލޯމަރާލެވުނީ އެވެ. މިމައްސަލައަކީ ތައުލީމާއި ތަރުބިއްޔަތުގެ މީހުންނަށް ފިސާރި ބޮޑު ކަމެކެވެ.
ރާސްތާ މަރުވެ ވަގުތު ފަނާވެ އިންތައް އުވުމުން ވާންވީ ގޮތް ވީ އެވެ. އެއްވެސް ގައުމެއްގެ އިގްތިޞާދެއް، ޘަގާފަތެއް، ގައުމިއްޔަތެއް، އަދި އަމިއްލަ ފަރުދެއްގެ ދާފަރާއެއްވެސް ނެތުނީ އެވެ. އެކަހެރިކަން މުޅިން ނެތުނީއެވެ. މިމާހައުލު އަޅުގަނޑުމެންނާ ބައްދަލުކުރި އިރު މުލިދުނިޔެއަށްވަނީ ޑިމޮކްރަސީގެ ނަމުގައި މިނިވަން ކަމުގެ އިމާއި މިން، ހަމައާއި ލަމަ ގަބޫލުނުކުރުމުގެ ދުސްތޫރެއް ފެތުރިފައެވެ. ގަންނާނެ ކޮންމެ އެއްޗަކީ ވިއްކަންވީ އެއްޗެކެވެ. ހޯދަން އުޅޭ ކޮންމެ އެއްޗަކީ އުފައްދަންވީ އަދި ލިބެންވީ އެއްޗެކެވެ. ބަލާނެ ކޮންމެ އެއްޗަކީ ދައްކަންވީ އެއްޗެކެވެ. އަހާނެ ކޮންމެ އެއްޗަކީ އިއްވަންވީ އެއްޗެކެވެ. މިފަދަ ވެއްޓެއްގެ ތެރެއިން "ސްމާރޓްޖީލެއް" އުފެއްދުންވަނީ ދަތި އުނދަގޫ ކަމަކަށް ވެފައެވެ. މުދައްރިސުންނާއި މައިން ބަފައިންނަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތި ވެފައެވެ.
މިއީ ތަޢުލީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. ކުރީ ޒަމާނުގައި އުސްތާޛު ނުވަތަ އެދުރު މީހާއަކީ ހަމައެކަނި ފަންނީ މަޢުލޫމާތުދޭ މުދައްރިސެއް ނޫނެވެ. އޭނާ އަކީ ހަރުދަނާ އަޚްލާގެއްގެ މައްޗަށް އޭނާގެ ދަރިވަރުން ތަރުބިއްޔަތު ކުރާ މުރުޝިދެކެވެ. އަދި ދަރިވަރުންގެ އިތުބާރުލިބޭ އެޑްވައިޒަރުވެސް މެއެވެ. މިހާރު އުގަންނާދޭ އިރު ވަރަށް ބޮޑަށް ބުރަވެފައި އޮންނަނީ މާއްދާ ކިޔަވާ ދިނުމަށެވެ. ދަރިވަރުންގެ ސުލޫކަށް ތަރުބިއްޔަށް ނުބަލައެވެ. ބޭއަދަބީ ބަހެއް ދަރިވަރަކު ބުންޏަސް ފިނި ގޮތަކަށް ދޫކޮށްލަނީ އެވެ. ހެވެއް ނުބައެއް ދަރިވަރުންނަކަށް ނޭނގެއެވެ. މުގައްރަރުގައި ތަރުބިއްޔަތަށް އެކަށީގެންވާ އަހަމިއްޔަތެއް ނުދެވެއެވެ.
ޔޫރަޕާއި އެމެރިކާގައި ސްކޫލްތައް ފަށާފައިވަނީ ޗަރޗުންނެވެ. އެއަށް ފަހު ކެޕިޓަލިޒަމުގެ ނުފޫޒު ގަދަވުމުން އެމީހުން ބޭނުންވީ އިގްތިޞާދީ ފުދުންތެރިކަން ހޯދުމަށްޓަކައި އެކަމަށް ބޭނުންވާ އެއްޗެހި އުފެއްދޭނެ ކަހަލަ ގާބިލް މީހުންތަކެއް ތަޢުލީމީ މަރުކަޒުތަކުން އުފެއްދުމަށެވެ. އެހެންވެ ތަޢުލީމު ދިނުމުގެ އަމާޒަކަށް ވެފައިވަނީ ފައިސާ ހޯދުމެވެ. ވަޒީފާ ހޯދުމެވެ. އަޅުގަނޑުމެންގެ ތައުލީމީ ނިޒާމުގައި ވެސް ކުދިންގެ ރޫހީ ބަޔަށް ދެވޭ ސަމާލުކަން ވަރަށް ކުޑައެވެ. ބެލެނިވެރިންވެސް ދަރިންނަށް ތައުލީމު ދިނުމުގެ ރޫހަކަށް ވަނީ އިއްޒަތްތެރި މަގާމުތައް ހޯދުމެވެ. މުސާރަބޮޑު ވަޒީފާ ތައް ހޯދުމެވެ. މިކަމުގެ ސަބަބުން ތަޢުލީމު އުނގެނުމުގެ އަސްލު މަގްޞަދު ގެއްލި މުޖުތަމަޢު ބަލިކަށިވެގެން ދެއެވެ. އިޖުތިމާއީ ތަފާތު ބަލިތައް ފެތުރެއެވެ. މިޖުތަމަޢު އިސްލާހު ކުރުމުގެ ނަމުގައި ބައިބައި ވުމާއި ދެކޮޅު ވެރިވުމާއި ފިތުނަ ފަސާދަ ޢާއްމުވެއެވެ. ދީނެއް އުޞޫލެއް ނެތި ދިރިއުޅެއެވެ. ދިރިއުޅުމުގެ މުޅި މަގްޞަދަކަށްވަނީ ދުނިޔެ ހޯދުމެވެ.
ހަލާލު ދިރިއުޅުމެއް ހޯދުމާއި ގައުމަށް އިގްތިޞާދީ ފުދުންތެރިކަން ގެނައުމަށް މަސައްކަތް ކުރުމަކީ މުހިންމު ދީނީ މަގްޞަދަކަށް ވިޔަސް ތަޢުލީމުގެ ރޫހަކަށް ތަރުބިއްޔަތު ހެދުން މުހިންމެވެ. ތައުލީމާއި ތަރުބިއްޔަތަކީ ވަކި ނުކުރެވޭނެ ދޭއް ޗެވެ. ގުޅިލާމެހި ފައިވާ ދެކަމެވެ. ތަރުބިއްޔަތު ވާންޖެހޭނީ ތަޢުލީމުގެ ރޫޙުކަމުގައެވެ.
Comments