ލިޔުނީ: އިމާދު ލަތީފް
އަރަބި ދުނިޔޭގައި ޖުމްހޫރީ ވެރިކަން ހިނގަމުން އަންނަ
ގައުމުތަކުގެ ތެރެއިން ބައްޕަގެ ފަރާތުން ދަރިފުޅަށް ވެރިކަން ނަގްލު
ކުރުމުގެ ހާދިސާއެއް މިހާތަނަށް ފެނިފައިވަނީ އެންމެ
ގައުމަކުންނެވެ. އެ ގައުމަކީ ސީރިޔާ އެވެ.
ސީރިޔާގައި ތިރީސް އަހަރުވަންދެން ރައީސްކަން ކުރެއްވި
ހާފިޒު އަސަދު ދެހާސް ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކުއްލި
ގޮތަކަށް އަވަހާރަވުމުން ދެން އެމަގާމަށް އިސް ކުރެވުނީ އޭނާގެ
ދަރިކަލުން ބައްޝާރުލް އަސަދެވެ. މިކަން ހިނގާދިޔައީ ވަރަށް ވެސް ހެއްވާކަން ބޮޑު އަދި ދުރުތިބީން ފިލާވަޅު ލިބިގަތުން އެކަށީގެންވާ ގޮތަކަށެވެ.
ހާފިޒު އަސަދުގެ ވެރިކަމަކީ ޒާތެއްގެ އަސްކަރީ
ޚުދުމުޚުތާރު ވެރިކަމެއް ކަމުގައި ވިއަސް އެބާވަތުގެ އެހެން
ގައުމުތަކެކޭވެސް އެއްފަދައިން ސީރިޔާގައި ވެސް ލިޔެފައި ރީއްޗަކަށް
ބާއްވާފައި އޮންނަ ގާނޫން އަސާސީއެއް އޮވެ އެވެ. އެ ގާނޫން އަސާސީ ބުނާ
ގޮތުން ގައުމުގެ ރައީސް ކަމަށް އާދެވޭނީ އުމުރުން ސާޅީސް
އަހަރުވެފައިވާ މީހަކަށެވެ. ހާފިޒު އަސަދު އަވަހާރަވިއިރު އޭނާގެ ދަރިކަލުންނަށް 34 އަހަރެވެ.
ސީރިޔާގައި ސާޅީސް އަހަރު ފުރިފައިތިބި އިލްމީ ގާބިލް
މީހުން ކިތަންމެ
ގިނަ ކަމަށް ވިއަސް ވެރިކަމުގެ އެންމެހައި ބާރުތައް
މިލްކުކޮށްގެން ތިބި ބައިމަދު އަލަވީ މަޒްހަބުގެ މީހުން
ބޭނުންވީ އެމީހުންގެ ބާރާއި ނުފޫޒު ދެމެހެއްޓޭނެ ކޮންމެވެސް ގޮތެކެވެ.
އެަގޮތެއް ތަނަވަސް ކުރެވެން އޮތީ އަސަދުގެ ދަރިކަލަކު ވެރިކަމަށް
ގެނެސްގެންނެވެ. އަވަހާރަވި ރައީސް ވެސް ވަސިއްޔަތް
ކުރައްވާފައި އޮތް ގޮތަކީ އެއީ އެވެ. އެހެންކަމުން ސަރުކާރުން އަވަސްވެގަތީ އަވަހާރަވި ރައީސް ފަސްދާނުލުމުގެ ކުރިން ގާނޫން އަސާސީގައިވާ އެއްކަލަ މާއްދާ އިސްލާހު ކުރުމަށެވެ. އަސަދު އަވަހާރަވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޕާލަމެންޓް އެއްތަންވެ ސާޅީސް އަހަރު އޮތްތަން ތިރީސް ހަތަރު އަހަރަށް ބަދަލު ކުރި އެވެ. މިވަރަށް ތިރި ކުރީ ބައްޝާރުގެ އުމުރުފުޅަކީ އޭރު 34
ކަމަށް ވުމުންނެވެ. ކޮންމެއަކަސް އަވަހާރަވި ރައީސް ފަސްދާނުލުމާއިގެން އުޅެގަތީ ވެސް މިކަން މިމަގުން ކުރުމަށް ފަހުގަ އެވެ.
ޖުމްހޫރީ ވެރިކަމެއްގައި ދަރިފުޅަށް ރައީސްކަން
ނަގްލުކުރުމުގެ ފުރަތަމަ މިސާލު ފެނިގެން ދިޔައީ ސީރިޔާއިން
ކަމަށްވާއިރު އެ ގައުމުގެ ވެރިކަން ކުރާ އާއިލާއާ މެދު
ލިޔަން ޖެހޭ ބައިވަރު އެހެނިހެން ވާހަކަތައް ވެސް އެބަހުއްޓެވެ. އެއިން ކޮންމެ ވާހަކައަކީ ވަރަށް ޝައުގުވެރި ކުރުވަނިވި ތެދު ހަގީގަތެވެ.
ސީރިޔާއަކީ އަރަބި އަދި މުސްލިމް ގައުމެކެވެ. އެ ގައުމުގެ
އާބާދީގެ ތެރެއިން ގާތްގަޑަކަށް 80 ޕަސެންޓަކީ
ސުންނީ މުސްލިމުންނެވެ. ކަން މިހެން އޮތް ކަމުގައި ވިއަސް ވެރިކަން
ކުރަމުންދަނީ އަލަވީ މަޒްހަބުގެ ބައެކެވެ. އެއީ ނިސްބަތުން
ވަރަށް ވެސް ކުޑަ ޖަމާއަތެކެވެ.
އަލަވީންނަކީ ބައެއް މީހުން ދެކޭ ގޮތުގައި ޝީއީ މަޒްހަބުގެ
ގޮތްޕެކެވެ.
އެކަމަކު މިދެންނެވި އަލަވީންނަކީ ފުރިހަމަ މުސްލިމުން
ކަމަކަށް ޝީއީން
ވެސް އަދި ސުންނީން ވެސް ގަބޫލެއް ނުކުރެ އެވެ. ގަބޫލު
ކުރެވޭނެ ގޮތެއް
ވެސް ނެތެވެ. ސަބަބަކީ އަލަވީންގެ އުސޫލުތަކާއި ގަބޫލު
ކުރުންތަކުގައި އިސްލާމީ ރޫހު ކުޑަކަމާއި އެމީހުންގެ އާދަކާދައަށް
އިސްލާމީ ބިންގަލަކުން ޖާގަ ދެވޭނެ ގޮތެއް ނެތުމެވެ.
މިދެންނެވި އަލަވީ ޖަމާއަތުގެ މީހުން ދިރިއުޅެނީ ސީރިޔާ
އާއި ލުބުނާން އަދި ތުރުކީ ވިލާތުގަ އެވެ.
ސީރިޔާގެ ސިޔާސީ މައިދާނުގައި އަލަވީންގެ ނުފޫޒު ފެތުރެން
ފެށީ ބައުސް ޕާޓީގެ އަތް މައްޗަށް ވެރިކަމުގެ ބާރުތައް ދިއުމުންނެވެ.
ޚާއްސަކޮށް ހާފިޒުލް އަސަދު 1970 އިގެ އަހަރު ތަކުގެ ކުރީކޮޅު ވެރިކަމަށް ވަޑައިގަތުމުންނެވެ. އޭނާއަކީ ފައްކާ އަލަވީ އެކެވެ.
ސީރިޔާގެ ގާނޫން އަސާސީގައި ލިޔެފައި އޮތް ގޮތުން ގައުމުގެ
ވެރިކަން ކުރެވޭނީ ފުރިހަމަ މުސްލިމަކަށެވެ. ހާފިޒު އަސަދަކީ
އަލަވީއަކަށް ވެފައި އަލަވީންނަކީ ފުރިހަމަ މުސްލިމުން
ކަމަށް ސުންނީން ވެސް އަދި ޝީއީން ވެސް ގަބޫލު
ނުކުރުމާއެކު މިކަންތައް ވެގެން ދިޔައީ އަލަވީންގެ ނުފޫޒަށް ކުރިމަތިވި ވަރަށް ބޮޑު ގޮން ޖެހުމަކަށެވެ. އެހެންވެ ހާފިޒު އަސަދު ހެއްދެވި އުކުޅަކީ ލުބުނާނުގެ މަޝްހޫރު ޝީއީ ދަންނަ ބޭކަލަކަށް ރިޝްވަތު ދެއްވައިގެން އަލަވީންނަކީ ފުރިހަމަ މުސްލިމުން ކަމަށް އޭނާގެ ދުލުން އިއުލާން ކުރުވުމެވެ. މި ދެންނެވި އިލްމު ވެރިޔާ ފިޔަވައި އެހެން ދަންނަބޭކަލަކު އަލަވީންނަކީ މުސްލިމުން ކަމަށް ވިދާޅުވިކަމެއް އެނގޭކަށް ނެތެވެ.
އަލަވީން އަމިއްލައަށް ތިމަންނާމެންނީ ޝީއީންގެ ގޮތްޕެއް
ކަމަށް ބުންޏަސް
ޒަމާނުއްސުރެ ވެސް އެ ބުނުން އެހެން ބަޔަކު ގަބޫލެއް
ނުކުރެ އެވެ. އެހެންވެ ފަރަންސޭސި ވިލާތުގެ އިސްތިއުމާރުގެ
ދަށުގައި ސީރިޔާ އޮތް ދުވަސްވަރުގެ ތެރޭގައި އަލަވީންނަކީ މުޅިން ވަކި
ދީނެއްގެ ބަޔަކަށް ހަދަން ފަރަންސޭސިން މަސައްކަތް ކުރި
އެވެ. މިކަން ކާމިޔާބު ނުވީ އަލަވީން އެއްބަސް ނުވެގެންނެވެ.
އަލަވީންގެ ދީނީ އެއްވެސް ކަމެއް އިސްލާމް ދީނަށް
ނުފެތުނަސް އެމީހުން ބުނަން ބޭނުންވަނީ ތިމަންނާމެންނީ
އިސްލާމުން ކަމުގަ އެވެ. އަރަބި ދުނިޔޭގެ އެންމެ މުހިންމު
އެއް ގައުމު ކަމަށްވާ ސީރިޔާގެ ވެރިކަން ކުރަމުން އެގެންދަނީ މިދެންނެވި މީހުންނެވެ. އެމީހުންގެ ސަބަބުން ސީރިޔާ އަށް ލިބޭ އެއްޗަކާއި ނުލިބޭ އެއްޗެއް އިންސާފު ކުރާނީ ތާރީޚެވެ.
Comments