ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވެ
ރައްޔިތުން ފެނަށްޖެހިފައިވާތީ ގިނަފަރާތްތަކުގެ އެދުމާ އެއްގޮތަށް އަންނަ ހުކުރު
ދުވަހުގެ ހެނދުނު 7:30 ގައި އިސްތިގާ ނަމާދު ކުރާގޮތަށް ރަށު ކައުންސިލުން
ހަމަޖައްސައިފިއެވެ.
"މިނަމާދު
ކުރުމުގެ ކުރިން 4 ދުވަހު ރޯދަ ހިފުމަށާއި ކުރެވިފައިވާ ކުއްތަކުން ތައުބާވެ،
ރުޅިވެރިކަން ނެތިކޮށް އެކުވެރިކަން ބަދަހިކުރުމާއި، މުދަލު ޒަކާތްނެރުމަށާއި،
ޞަދަގާތްދީ ހެޔޮކަންތައްތަކަށް ހޭދަކޮށް އުޅުމަށް" ހިޖުރީ ސަނަތުން ހާހާއި
ހަތަރު ސަކޭތަ ފަންސަތިރީސް ވަނަ އަހަރުގެ ރަޖަބުމަހުގެ ނަވާރަ ވަނަ
ދުވަސްކަމުގައިވި، މީލާދީން ސަނަތުން ދެހާސް ސާދަ ވަނަ އަހަރުގެ މޭމަހުގެ އަށާރަ
ވަނަ ދުވަސް ކަމުގައިވި އާދިއްތަ ދުވަހު އިހަވަންދޫ ކައުންސިލްގެ ރައީސްގެ
ހައިޞިއްޔަތުން މުހައްމަދު ޢާޞިފް ސޮއިކުރައްވާފައިވާ " ދަންނަވާލުމެއް"
ގައި އަންގާފައިވެއެވެ.
މާތް ﷲ އިންސާނުންނަށް އުޑުން ފޮނުއްވާ ޚާއްޞަ ރަޙުމަތް (ވާރޭ) ހިފަހައްޓަވަން އިރާދަކުރައްވައިފި ނަމަ، ވާރޭވެހުން
ހުއްޓި ބިންގަނޑު ހަނަފަސްވެ، ކޯރުތަކާއި
ލޭކްތައް ހިކި އިންސާނުންނަށް ބޮޑު އާފާތަކާ
ކުރިމަތިވެއެވެ. މި ފަދަ ޙާލަތްތަކުގައި ﷲ އަށް ދުޢާކޮށް ރަޙުމަތަށް އެދި ދެންނެވުމަށް ޓަކައި ކުރާ ޚާއްޞަ ނަމާދެއް
އޮވެ އެވެ. އެއީ އިސްތިސްޤާ ނަމާދެވެ. މިއީ توحيد ގެ މަތިވެރި ފިލާވަޅެއް ވެސް މެއެވެ. މިނަމާދު ކުރުމަށް ފަސްޖެހި ވަޑައިނުގަންނަވާށެވެ. ރައްޔިތުން ބޯނެ
ފެނެއްނެތެވެ. ފިހާރަތަކުން ގަންނަންވެސް ފެނެއް ނުލިބެއެވެ.
އެހެނީ މި ނަމާދުން ތިމާގެ ހިތަށް ﷲގެ އުލޫހިއްޔަތާއި ރުބޫބިއްޔަތުގެ މަތިވެރިކަމާއި އެކަލާނގެ ޤުދުރަތްތެރިކަން
ހިތަށް ވަދެގެން އާދެއެވެ. އެހެނީ ބިންގަނޑު ހިކި
ފެންނަށް ޖެހިފައިވާ އެފަދަ ޙާލަތުގައި އެކަމަށް ބާރެއް ފޯރުވޭނޭ ހަމަ އެއްވެސް ބާރެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ނޫނީ ނެތްކަން އިތުރަށް ޔަޤީން ކޮށްދޭނެއެވެ. މިފަދަ
ޙާލަތެއްގައިވެސް ކަޅު ވިލާތައް
ފޮނުއްވައިގެން އިންސާނުންނަށް ވާރޭގެ ރަޙުމަތް ފޮނުއްވާނެ ހަމަ އެކަނި ފަރާތަކީ ﷲ ތަޢާލާ އެވެ. މާތް ﷲ
ވަޙީކުރައްވައިފައިވެއެވެ. " قُلْ أَرَأَيْتُمْ إِنْ أَصْبَحَ مائكُمْ غَوْرًا فَمَنْ يَأْتيكُمْ بِماءٍ مَعينٍ."
("ކަލޭގެފާނު ވިދާޅުވާށެވެ!
ތިޔަބައިމީހުން ނިކަން خبرދީބަލާށެވެ! ތިޔަބައިމީހުންގެ
(ބޭނުންކުރާ) ފެން އަޑިޔަށް ހިނދިއްޖެނަމަ، ހިނގަހިނގާ ހުންނަ ފެނެއް ތިޔަބައިމީހުންނަށް ގެނެސްދޭހުށީ ފަހެ
ކާކުހެއްޔެވެ؟") ( سورة الملك:30)
ޙަޤީޤަތުގައި އިސްތިސްޤާ
ނަމާދަކީ ވާރޭ ނުވެހި ފެނަށް ދަތިވެ ހަނަފަސްވުމުން ފެނަށް އެދި ﷲ ގެ ގެ ޙަޟުރަތުގައި ދުޢާކުރުމެވެ. މި ފަދަ ޙާލަތުގައި
ދުޢާކުރުމުގެ ކިތަންމެ ގޮތެއް ހުރެއެވެ.
ނަމަވެސް މި ފަދަ ޙާލަތުގައި އިސްތިސްޤާ ނަމާދުކުރުމީ ގަދަވެގެންވާ ސުންނަތެކެވެ. އެންމެ މޮޅު އިތުރުވެގެންވާ ގޮތަކީ ވެސް މިއީ އެވެ. މިކަމަށް ދަލީލުލިބޭ އެތައް
ޙަދީޘުފުޅުތަކެއް ވާރިދުވެފައިވެއެވެ. އަންނަނިވި
ޙަދީޘަކީ މި މައުޟޫޢުގައި ސުނަނުއްނަސާއީގައި
عبد الله بن أبي بكر ގެ ކިބައިން ރިވާވެފައިވާ ޙަދީޘެކެވެ. أن النبي صلى الله عليه وسلم استسقى فصلى ركعتين وقلب رداءه (ހަމަ ކަށަވަރުން نبي صلى الله عليه وسلم ވާރޭ އަށް އެދިވަޑައިގެން ދެ ރަކުޢަތްކުރައްވައެވެ. އަދި ރިދާ
އަނބުރުއްވައިލެއްވިއެވެ.")
އިސްތިސްޤާ ނަމާދަށް ތައްޔާރުވުން:
އިސްތިސްޤާ ނަމާދުކުރުމަށް
ޓަކައި އެންމެ ފުރަތަމަ ކުރާންވީ ކަމަކީ ތިން ދުވަސް ވާނދެން ރޯދަ ހިފުމަށާއި ކުށްތަކުން ތައުބާވެ ، ބަދަޤާތް
ދީ ހެޔޮކަންތައް ގިނަކޮށް އުޅުމަށް ވެރިކަމުގެ
ފަރާތުން ރައްޔިތުންނަށް އަމުރުކުރުމެވެ. ހަތަރުވަނަ ދުވަހު ރޯދައަށް ތިބެ ބައު ފޭރާން ލައިގެން މީސްތަކުންނާއިގެން އިމާމާ ނުކުންނާނީ ސަޙަރާއަށެވެ. ދަތް އުނގުޅައި ގައިން
ތާހިރުވެގެން ވާހައި މަޑުމޮޅިކަމާ
އެކީގައެވެ.މުސްކުޅީންނާއި އަންހެނުންނާއި ކުޑަކުދީންވެސް ނުކުންނާންވާނެ އެވެ. ގެރިބަކަރިވެސް ހުރިނަމަ ގޮވައިގެންނެވެ.
އިސްތިސްޤާ ނަމާދު ކުރާ ގޮތުގެ
ތަފުޞީލު:
އިސްތިސްޤާ ނަމާދަކީ ވެސް
ދެ ރަކުޢަތުގެ ނަމާދެކެވެ. ނަމާދުކުރުމުގައި ޢީދު ނަމާދާ އެއް ގޮތެވެ. ފުރަތަމަ ރަކުޢަތުގެ ޤިޔާމުގައި، ޙަރަމް ބަން
ތަކުބީރާ ނުލައި 7 ތަކުބީރު، ދެވަނަ
ރަކުޢަތުގެ ޤިޔާމުގައި ޤިޔާމުގެ ތަކުބީރާ ނުލައި 5 ތަކުބީރު ވެއެވެ.
ފުރަތަމަ ރަކުޢަތުގައި
އަލްޙަމްދަށް ފަހު ކިޔަވާނީ ޤާފު ސޫރަތެވެ. ނުވަތަ އަޢުލާ ސޫރަތެވެ. ދެވަނަ ރަކުޢަތުގައި އަލްޙަމްދަށް ފަހު ނޫޙު
ސޫރަތެވެ. ނުވަތަ ޣާޝިޔާ ސޫރަތެވެ. ދެން ހަމަ
އާދައިގެ މަތީން ނަމާދު ފުރިހަމަކޮށް ސަލާމް ދިނުމުން ނިންމާނީ އެވެ.
އިސްތިސްޤާ ނަމާދުކޮށް
ނިންމުމަށް ފަހު، ޢީދު ނަމާދުގައި ކިޔާ ފަދަ 2 ޚުޠުބާ ކިޔުމީ ސުންނަތެކެވެ. ނަމަވެސް ޢީދު ޚުޠުބާގައި ކިޔާ ތަކުބީރުގެ
ބަދަލުގައި މި ޚުޠުބާގައި ކިޔާނީ އަސްތަޣުފާރެވެ.
ފުރަތަމަ ޚުޠުބާގައި أستغفرالله العظيم الذى لاإله إلا هوالحى القيوم من كل ذنب وأتوب إليه މި ތަސްބީޙަ
ނުވަތަ أستغفار ކިޔާނީ ނުވަ ފަހަރު އެވެ. ދެވަނަ ޚުޠުބާގައި ކިޔާނީ 7
ފަހަރު އެވެ. ދެ ޚުޠުބާގައި ވެސް ގިނަގިނައިން أستغفار ކޮށް ދުޢާ ތަކުރާރުކުރަންވާނެ އެވެ.
ދެ ވަނަ ޚުޠުބާގެ ތިންބައިކުޅަ އެއް ބަޔަށް ކިޔައިފައި އިމާމު މީހާ ޤިބުލައަށް ކުރިމަތިލައި އޭނާގެ ގައިގައި އޮތް ރިދާ އަނބުރައިލާންވާނެ އެވެ. އެއީ
ތިރިއަށް އޮތް ކައިރި މައްޗަށް ވާތް ފަރާތަށް
އޮތްތަން ކަނާތް ފަރާތަށް ބަދަލުކޮށްލައިގެން
ރިދާ ލުމެވެ. ޙާޒިރުވެ ތިބި އަންހެނުން ފިޔަވައި (އެހެން) އެންމެން ވެސް މިކަން މި ގޮތަށް ކުރުން
ސުންނަތެވެ. އަންނަނިވި ޙަދީޘުންވެސް އެކަން
ދޭހަވެއެވެ. أن النبي صلى الله عليه وسلم استسقى فصلى ركعتين وقلب رداءه
إستسقاء ނަމާދުކުރުމަށް ފަހު ވާރޭ ވެހިއްޖެ ނަމަ، ވާރެޔާ ތެމިލުމާއި އެއިން ފެންފޮދެއް
ބޮއިލުން ސުންނަތްވެގެންވެ އެވެ. إستسقاء ނަމާދުކުރާން ގަސްތުވެވިފައިވާ ތަނަށް ދިޔުމަށް ފަހު ނަމާދު ނުކުރަނީސް ވާރޭ ވެހި ފެން ލިބިއްޖެ
ނަމަ ޝުކުރުގެ ގޮތުން އެ ނަމާދުކުރުން
ސުންނަތެވެ.
މިނޫނީ، އިހަވަންދޫގައި އިސްތިސްޤާ ނަމާދު ކުރަން ދެހޭފަދަ ޙާލަތެއް އަޅުގަނޑުގެ
ޙަޔާތުގައި މާތް ﷲ މެދުވެރިއެއް
ނުކުރައްވައެވެ. ޙަމްދާއި ޝުކުރުހުރީ ﷲ އަށެވެ.
Comments