March 08, 2013 ރައީސް މައުމޫން: އަ މޭން ފޯރ އޯލް އައިލެންޑްސް އުފަން ފުމާއި ޅަފަތުގެ ދުވަސްތައް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 29 ޑިސެމްބަރު 1935 (ހިޖުރީ ސަނަތުން 26 ޝައްވާން 1356) ވީ ބުދަ ދުވަހުއެވެ. (ގިނަ ލިޔެކިޔުންތަކުން ސާބިތުވާ ގޮތުގައި އެމަނިކުފާނު ދުނިޔޭގެ އަނިކަން ދެކެވަޑައިގަތް ހިޖުރީ އަހަރަކީ 1356 އެވެ. އެހެން ކަމުން އެތާރީހުން ބަލާ ކަމުގައި ވަނީ ނަމަ މިއަހަރު 2013 ވަނަ އަހަރު އެމަނިކުފާނަށް ފުރޭނީ 78 އަހަރުފުޅެވެ. ބައެއް ލިޔެ ކިޔުންތަކުގައި ވާ ގޮތުން މީލާދީ ގޮތުން އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1937 އަހަރެވެ. އެހެން ކަމަށް ވާނަމަ އެމަނިކުފާނަށް މިއަހަރު (2013) ގައި ފުރޭނީ 76 އަހަރެވެ. މި ތަނުގައި އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ރައީސް މައުމޫނުގެ މިހާރުގެ އުމުރު ފުޅަކީ މިއަދަށް 77 އަހަރާއި 2 މަހާއި 9 ދުވަހެވެ.) މައުމޫން އަބްދުލް ޤައްޔޫމްގެ ބައްޕާ ފުޅަކީ އަބްދުލް ޤައްޔޫމް އިބްރާހިމް (މާފަތްގޭ ދޮންސީދީ) އެވެ. މަންމާ ފުޅަކީ ޚަދީޖާ މޫސާއެވެ. ފޮތްތަކުން އެނގެން އޮތް ގޮތުގައި ރައީސް މައުމޫންެ އަސްލު ނަންފުޅަކީ ޢަބްދުﷲ މައުމޫން ޚައިރީއެވެ. (މިނަންފުޅު ބަދަލުވެފައިވަނީ ރާއްޖެއިން ބޭރަށް ތައުލީމް ހާސިލްކުރައްވަން ވަޑައިގަންނަވަން ޕާސްޕޯޓު ހައްދަވަން އުޅުއްވި ބޭފުޅަކަށް އެރި އޮޅުމަކުންނެވެ. އާންމުކޮށް ކިޔައި އުޅުނީ މައުމޫން ކަމަށް ވުމުން ޕާސްޕޯޓު ފޯމު ފުރި މީހަކު މައުމޫން މިނަން ފުޅާއި ގުޅުވައިގެން އެމަނިކުފާނުގެ ބައްޕާފުޅުގެ ނަންފުޅު ފަހަތައް ލައި މައުމޫން އަބްދުލް ޤައްޔޫމް ޕާސްޕޯޓުގައި ޖެހީއެވެ.) ގޭތެރޭގެ ނަންފުޅެއްގެ ގޮތުގައި މަޝްހޫރު ވެފައި އޮތީ ޅަސީދީގެ ނަމުންނެވެ. ޅަފަތުގެ ދުވަސްވަރާއި ތުއްޕުޅު ހަޔާތް މައުމޫން ހޭދަކުރެއްވީ މއ. ކާމިނީގޭގައެވެ. މައުމޫންއާ އެއްބަފާ 25 ބޭފުޅުން ތިއްބެވެ. އެމަނިކުފާނަކީ އާއިލާގެ 10 ވަނަ ބޭފުޅާއެވެ. ތައުލީމް ހާސިލް ކުރެއްވުން މައުމޫންގެ ތަޢުލީމްގެ ބިންގާ އަޅުއްވައި ދެއްވީ އެމަނިކުފާނުގެ އިލްމުވެރި ބައްޕާފުޅުގެ އަރިހުންނެވެ. އެއަށްފަހު މަދަރުސަތުލް މަޖީދިއްޔާގައި ތައުލީމް ހާސިލްކުރައްވަން އުޅުއްވުމަށްފަހު ސިލޯނަށް ވަޑައިގެން ކުޑަ ދުވަސްކޮޅަކު ތައުލީމް ހާސިލްކުރެއްވިއެވެ. މައުމޫން މިސްރަށް ތައުލީމް ހާސިލްކުރައްވަން ވަޑައިގަތީ އުމުރު ފުޅުން އެންމެ 12 އަހަރުފުޅުގައެވެ. އެމަނިކުފާނުގެ މަންމާފުޅު ނިޔާވެފައިވަނީ އެމަނިކުފާނު މިސްރުގެ ކައިރޯގައި ތައުލީމު ހާސިލްކުރައްވަމުން ގެންދަވަނިކޮށެވެ. ބައްޕާފުޅު އަވަހާރަވެފައިވަނީ މައުމޫންގެ ވެރިކަމާއި ހަވާލުވެވަޑައިގަތް ފުރަތަމަ ދައުރުގައި 1982 ވަނަ އަހަރުގައެވެ. މިސްރުގައި އިސްލާމީ ޝަރިޢާއާއި ޤާނޫނުގެ ރޮގުން ފުރަތަމަ ޑިގްރީ އާއި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރެއްވުމަށްފަހު އެދާއިރާއިން ޕީއެޗްޑީ ނެންގެވުމަށް މަސައްކަތް ކުރެއްވިއެވެ. އެހެން ނަމަވެސް ސިޔާސީ ނުވަތަ ޑިޕްލޮމެޓިކް މައްސަލައަކާ ހުރެ ކިޔެވުން ފުރިހަމަ ނުކުރެވުނެވެ. ކައިވެނިފުޅު ބެއްލެވުން ރައީސް މައުމޫން އާއި އެމަނިކުފާނުގެ މިހާރުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ފުރަތަމަ ބައްދަލުވީ މިސްރުގެ ކެއިރޯއިންނެވެ. އޭރު މައުމޫންގެ އުމުރު ފުޅަކީ 29 އަހަރު ފުޅެވެ. ނަސްރީނާގެ އުމުރުފުޅަކީ 15 އަހަރެވެ. އޭގެ ހަތަރު އަހަރު ފަހުން 14 ޖުލައި 1969 ވަނަ އަހަރު ނަސްރީނާއާއި މައުމޫން ކެއިރޯގައި ކައިވެނި ބައްލަވައި ގަތެވެ. 20 މާރޗު 1970 ވަނަ އަހަރު ދެމަފިރިންނަށް އެއްނިބުލުގެ ދެ ކުދިން ލިބުނެވެ. އެއީ ދުންޔާ މައުމޫންއާއި ޔުމްނާ މައުމޫންއެވެ. ދެވަނަ ފަހަރަށް ދެމަފިރިންނަށް ދަރިޔަކު ލިބިވަޑައިގަތީ އޭގެ އެއް އަހަރު ފަހުން 31 މާރޗް 1971 ވަނަ އަހަރުގައެވެ. އެއީ ފުރަތަމަ ފިރިހެން ދަރިފުޅު ފާރިޝް މައުމޫންއެވެ. އޭގެ 9 އަހަރު ފަހުން 12 ޖޫން 1980 ވަނަ އަހަރު ޤައްސާން މައުމޫން ލިބިވަޑައިގަތެވެ. ސިޔާސީ ހަޔާތްޕުޅު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް މައުމޫން ހަވާލުވެވަޑައިގަތީ 11 ނޮވެމްބަރު 1978 ވަނަ އަހަރުގައެވެ. ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހިމް ނާސިރު ވެރިކަން ދޫކޮށްލެއްވުމުން މައުމޫނަށް 1978 ވަނަ އަހަރު ވެރިކަން ލިބިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ 92.9 އިންސައްތަ ވޯޓުންނެވެ. އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވީ ދިވެހިރާއްޖޭގައި ތައުލީމް ކުރިއެރުވުމަށެވެ. ފުރުއްވި މަޤާމްތައް * އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބުކަން * ސްރީލަންކާގައި ހުންނަ ސަފީރުގެ އޮފީހުގެ ވެރިޔާކަން * އަމީނިއްޔާ ސްކޫލްގެ ޓީޗަރުކަން * އ.ދ ގައި ހުންނަވާ ދިވެހި ދައުލަތުގެ ވަކީލުކަން * ރައީސް އޮފީހުގެ ޚާއްޞަ ވަކީލްކަން * 29 މާރޗް 1977 – މިނިސްޓަރ އޮފް ޓްރާންސްޕޯޓްކަން * 11 ނޮވެމްބަރު 1978 – 11 ނޮވެމްބަރު 2008 – ދިވެހިރާއްޖޭގެ ރައީސްކަން * 11 ނޮވެމްބަރ 1978 – 11 ނޮވެމްބަރު 2008 – ސިފައިންނާއި ފުލުހުންގެ އެންމެ މަތީ ވެރިޔާކަން * 11 ނޮވެމްބަރު 1993 – މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީކަން * 11 ނޮވެމްބަރު 1993 – މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރަޒަރީކަން * 1 ޖުލައި 1981 – އެމްއެމްއޭގެ ގަވަރުނަރުކަން ތައުލީމީ ދާއިރާ ފުޅާކުރެއްވުން އަސާސީ ތައުލީމް މައުމޫންގެ ރައީސްކަމުގައި ސިޔާސަތަށް ގެންނެވި އެންމެ ބޮޑު ބަދަލަކީ [އިންސާނުންނަށް ފެނާއި ކާބޯތަކެތި ލިބުމަކީ އެބައިމީހުންގެ ޙައްޤެއް ކަމުގައި ވާ ފަދައި ތަޢުލީމު ލިބުމަކީވެސް އެބައި މީހުންގެ ޙައްޤެއް] ކަމުގައި ސަރުކާރުން ޤަބޫލުކުރެއްވުމެވެ. މައުމޫންގެ ސަރުކާރުގެ ވަރަށް ކުރީކޮޅު ރާއްޖޭގެ މީހުންގެ ލިޔަންކިޔަން ދަތުމުގެ ނިސްބަސް ހޯއްދެވުމަށް ދިރާސާއެއް ކުރެއްވިއެވެ. މި ދިރާސާގެ ނަތީޖާއިން އެނގުނީ 1979 ގައި ރާއްޖޭގެ އޭރުގެ އާބާދީގެ %24.77 މީހުންނަށް ލިޔަންކިޔަން ނޭނގޭކަމެވެ. (ފުރަދާނަ، އޮކްޓޯބަރ 2003). އެހެންކަމުން ދިވެހި ޤައުމުން ލިޔަންކިޔަން ނުދަތުން މުޅިން ފޮހެލެއްވުމުގެ މަޤްޞަދުގައި 1 ޖެނުއަރީ 1980 ގައި [އަސާސީ ތަޢުލީމުގެ މަޝްރޫޢު] ސަރުކާރުން އިޢުލާންކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ޢަމަލީ މަސައްކަތް ފަށައިގަނެވުނީ 24 ފެބްރުއަރީ 1980 ގައި ޚުދު މައުމޫން އަސާސީ ތަޢުލީމުގެ ކްލާސްތަކަށް ކިޔަވައިދެއްވަން ފެއްޓެވުމުންނެވެ. މި ގޮތުގެ މަތީން ވަރަށް ފޯރިޔާއެކު މި މަޝްރޫޢު ދިޔައީ ކުރިޔަށެވެ. މި މަޝްރޫޢުގެ ސަބަބުން 1999 ގެ ނިޔަލަށް ރާއްޖޭގެ ލިޔަންކިޔަން ނުދަތުމުގެ ނިސްބަތް %1.06 އަށް ތިރިކުރެވުނެވެ. ރަސްމީ ތަޢުލީމް ފުޅާކުރެއްވުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ މައުމޫން ޙަވާލުވެވަޑައިގަތްއިރުވެސް ރާއްޖޭގައި ނިޒާމީ ތަޢުލީމުވަނީ ތަޢާރުފުކުރެވިފައެވެ. މައިގަނޑު ގޮތެއްގައި ތަޢުލީމު ދެވެނީ މާލޭގައި އެކަންޏެވެ. ފަށާ ތަޢުލީމުދޭ މޮންޓެސޫރީ ސްކޫލުން ޖާގަލިބެނީ ނަސީބުގަދަ ކުއްޖަކަށެވެ. އޭރު މުޅި ރާއްޖޭގައިވެސް ސަރުކާރުގެ ޚަރަދުގައި ހިންގާ ހުރީ އެންމެ 4 ސްކޫލެވެ. މައުމޫންގެ ވެރިކަމުގައި ފުރަތަމަ އެޅުއްވި ފިޔަވަޅަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވަރަށް ކުއްލި ގޮތެއްގައި [ޕްރައިމަރީ ސްކޫލެއް] އުފައްދަވައި ހިންގަވާން ފެއްޓެވުމެވެ. ކޮންމެ ސްކޫލަކަށް އަތޮޅުން ހޯދާ 2 މުދައްރިސަކާއި ސަރުކާރުން ފޮނުވާ ޓީޗަރަކާއި ނާޒިރެއް ހަމަޖައްސަވައިގެންނެވެ. މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއަރޒްގެ ދަށުން ހިންގަވަން ފެއްޓެވި މި ސްކޫލްތައް ވަގުތީ ގޮތުން ހިންގަވަންފެއްޓެވީ ވަގުތީ ޢިމާރާތްތަކުގައެވެ. (ފަހުން ޖަޕާނު ސަރުކާރުގެ އެހީގައި ޢިމާރާތްކުރެވުނު [އަތޮޅު މަދަރުސާ]ގެ އާޢިމާރާތްތަކަށް މިތަންތަން ބަދަލުކުރެވުނެވެ.) ދެން އެޅުއްވި މުހިއްމު އަނެއް ފިޔަވަޅަކީ 10 އަހަރަށްވުރެ ދިގު މުއްދަތުގައި މެދު ނުކެނޑި ހިނގަމުން އައި އަމިއްލަ މަދްރަސާ މަކްތަބުފަދަ ތަންތަނަށް ސަރުކާރުން ދާއިމީ އެހީ ދެއްވަން ފެއްޓެވުމާއެކު، ޢުމުރު ހަމަވާ ހުރިހާ ކުދީންނަށް މޮންޓެސޫރީ ސްކޫލުން (މިހާރުގެ އިސްކަންދަރު ސްކޫލުން) ޖާގަ ހުޅުވައިލެއްވުމެވެ. (ފުރަދާނަ، ޖެނުއަރީ 2003). އަދި 2000 ވަނަ އަހަރުގެ ނިޔަލަށް މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ޢާއްމު ކުރެއްވިއެވެ. (އެޑިޔުކޭޝަން، 2008) . 2008 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގައި ސީދާ ސަރުކާރުން ހިންގަވާ 221 ސްކޫލް ހުއްޓެވެ. (Statistical year book 2009) . ސާނަވީ ތަޢުލީމް މަތީ ސާނަވީ ތަޢުލީމް ފުޅާކުރެއްވުން މައުމޫން ރައީސްކަމާ ޙަވާލުވެވަޑައިގެންނެވިއިރު ސާނަވީއަށް ކިޔަވައިދެނީ ހަމައެކަނި އަމީނިއްޔާ އާއި މަޖީދިއްޔާގައި ކަމަށް ވިޔަސް އެ މަނިކުފާނު ވެރިކަމުން ވަޑައިގެންނެވިއިރު، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަނީ ސާނަވީ ތަޢުލީމު ތަޢާރަފުކުރައްވައިފައެވެ. މަތީތަޢުލީމަށް މަގުފަހިކުރެއްވުމަށްޓަކައި 3 ޖުލައި 1979 ގައި ސައެންސް އެޑިޔުކޭޝަން ސެންޓަރ (މިހާރުގެ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން) އުފެއްދެވިއެވެ. އަދި އައްޑުއަތޮޅު ހިތަދޫގައި [މުޙިއްބުއްދީން ސްކޫލް] ގެނަމުގައި، ހދ. ކުޅުދުއްފުށީގައި [ޖަލާލުއްދީން ސްކޫލް] ގެ ނަމުގައި ފެންވަރު ރަނގަޅު ދެ ސާނަވީ ސްކޫލް ބިނާކުރައްވައި މި ދެ ސްކޫލްގައިވެސް ސާނަވީއާއި މަތީ ސާނަވީ ތަޢުލީމު ދޭން ފެއްޓެވިއެވެ. އަރަބި އިސްލާމީ ތަޢުލީމް ރާއްޖޭގައި ދީނި ތަޢުލީމު ފުޅާކުރެއްވުމުގެ މަޤްޞަދުގައި [މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ]ގެ ނަމުގައި 9 ފެބްރުއަރީ 1980 ގައި ޢިލްމީ މަރުކަޒެއް ބިނާކުރައްވައި ޤުރްއާނުގެ ޢިލްމާއި ދީނީ ޢިލްމު ފަތުރުއްވަން ފެއްޓެވިއެވެ. މިއަދު މިތަން ވަނީ ކޮލެޖެއްގެ ފެންވަރަށް ތަރައްޤީކުރައްވައި [ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ]ގެ ނަމަށް ބަދަލުކުރައްވައިފައެވެ. އަދި މައުހަދަށް ބޭނުވާ ކުދީން ހޯއްދެވުމަށްޓަކައި ފީޑަރ ސްކޫލެއްގެ ގޮތުން 8 ފެބްރުއަރީ 1987 ގައި [އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ] ގެ ނަމުގައި ޢަރަބި ބަހުން ކިޔަވައިދޭ ފަށާތަޢުލީމުގެ މަދްރަސާއެއް ޤާއިމުކުރެއްވިއެވެ. މަތީ ތައުލީމް 1978 ގައި ރައީސްކަމާ މައުމޫން ޙަވާލުވެވަޑައިގަތް އިރު، ޔުނިވަރސިޓީ ގުރެޖުއޭޓުންގެ ގޮތުގައި ރާއްޖޭގައި ތިއްބެވީ އެންމެ 65 ބޭފުޅުންނެވެ. އެހެންކަމުން މައުމޫންގެ ސަރުކާރުން ބޭރު ޤައުމުތަކުގެ އެހީ ހޯއްދަވައިގެންނާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ރާއްޖެއިން ބޭރުން މަތީ ތައުލީމް ޙާޞިލުކުރެއްވުމުގެ ފުރުޞަތު ހުޅުވައިލެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ޔުނިވަރސިޓީ ގުރެޖުއޭޓުންގެ ޢަދަދު 2008 ނިމުނު އިރު 3000 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ. (ޑީ.އާރ.ޕީ. ގެ މެނި ފެސްޓޯ- 2008). މީގެ އިތުރުން ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލުކުރެވޭނެ މަގު ފަހިކުރުމަށްޓަކައި 1998 ވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރއެޑިޔުކޭޝަން ސަރުކާރުން އުފެއްދެވިއެވެ. ޞިއްހީ ޚިދުމަތް މައުމޫން ރައީސް ކަމާ ޙަވާލުވެ ވަޑައިގަތް އިރު މުޅި ރާއްޖޭގައި ހުރީ އެންމެ ހޮސްޕިޓަލެކެވެ. މުޅި ރާއްޖޭގައި ޚިދުމަތްކުރައްވަނީ އެންމެ 7 ޑޮކްޓަރުންނެވެ. އޭރު ބައެއް އަތޮޅުތަކުގައި ހެލްތު ސެންޓަރ ޤާއިމުކުރެވިފައި ވިޔަސް އެއިން ކޮންމެ ތަނެއްގައި މަސައްކަތް ކުރައްވަނީ އެންމެ ހެލްތު އެސިސްޓެންޓެކެވެ. މިއަދު ކޮންމެ އަތޮޅެއްގައި ހޮސްޕިޓަލެއް އެބަހުއްޓެވެ. ކޮންމެ ރަށެއްގައި ޞިއްޙީ ޚިދުމަތްދޭނެ ހޮސްޕޓަލެއް ނުވަތަ ޞިއްޙީ މަރުކަޒެއް ނުވަތަ ހެލްތު ޕޯސްޓެއް އެބަހުއްޓެވެ. 2008 ނިމުނުއިރު ޞިއްޙީ ޚިދުމަތުގައި 550 ޑޮކްޓަރުންނާއި 1200 ނަރުހުންނާއި 800 ކޮމިޔުނިޓީ ހެލްތުވަރކަރުން ރާއްޖޭގެ ކަންކޮޅުތަކުގައި ޙަރަކާތްތެރިވެއެވެ. * ޅަފަތުގައި މަރުވާ ކުދީންގެ ނިސްބަތް ކޮންމެ 1000 އަކުން 120 އަށް އޮއްވައި އެ ޢަދަދު 10 އަށް ދަށްކުރެއްވުން. * 5އަހަރުގެ ދަށުގެ ކުޑަކުދީން މަރުވާ ރޭޓް ކޮންމެ 1000 އަކުން 180 ގައި އޮއްވައި އެ ޢަދަދު ކޮންމެ އެއހާހަކުން 18 އަށް ތިރިކުރެއްވުން * މީހަކު ދިރިހުންނާނެ އެވްރެޖް ޢުމުރު 48 އަހަރުން 73 އަހަރަށް މަތިކުރެއްވުން * ރާއްޖޭގައި ހުރި ހޮސްޕިޓަލުގެ ޢަދަދު 1 ން 22 އަށް އިތުރުކުރެއްވުން * ރާއްޖޭގެ ހުރިހާ ކުޑަކުދީންނަށް ވެކްސިން ދިނުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ހިންގެވުން. * ރާއްޖެއިން ޖުޒާމްބަލި ނައްތައިލެއްވުން * ޕޯލިޔޯ ނައްތައިލެއްވުން (1997 ގައި) * މަލޭރިޔާ ނައްތައިލެއްވުން (1984 ގައި) * ފައިލޭރިޔާ ނައްތައިލެއްވުން * ޓީބީ (ކެއްސުންބަލި) މައިތިރިކުރެއްވުން. (މިހާރުގެ ނިސްބަތަކީ ކޮންމެ 1000 މީހަކުން 0.01 މީހުންނެވެ.) މަސްވެރިކަމުގެ ޞިނާޢަތު މައުމޫން ރައީސްކަމާ ޙަވާލުވެވަޑައިގަތް އިރު ލަންކާ ސަރުކާރުނަ ވަނީ ރާއްޖޭގެ ހިކިކަނޑުމަސް ގަތުން މުޅިން ހުއްޓައިލައިފައެވެ. މިކަމަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން 22 އޭޕްރިލް 1979 ގައި ލަންކާ ސަރުކާރާ ވާހަކަދައްކަވައިގެން 27 އޭޕްރިލް 1979 ން ފެށިގެން އަލުން ހިކިކަނޑުމަސް ލަންކާ އަށް ގަންނަ ގޮތަށް ހަމަޖެހި އަދި އަދަށް ދާންދެންވެސް އެކަން ކުރިޔަށް އެބަދެއެވެ. މަސވެރިންނަށް ލުއި ފަސޭހަކަން ހޯއްދަވައިދެއްވުމުގެ ގޮތުން 1980 ގައި ފެއްޓެވި އޮއިވާލި ކަނދުފަތި ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުގައި 272 ށްވުރެ ގިނަ ކަނދުފަތި ވަނީ ހަރުކޮށްދެއްވައިފައެވެ. ޖޮއިންޓް ވެންޗަރ އުޞޫލުން ފެލިވަރުގައި ހިނގަމުންއައި ކޭނިންފެކްޓްރީ އަކީ ސައްތައިން ސައްތަ ސަރުކާރުގެ ކުންފުންޏެއް ކަމުގައި ހަމަޖެއްސެވިއެވެ. 1982 ން ފެށިގެން 2 ވަނަ ޖީލުގެ މަސްދޯނި ފަހަރު ސަރުކާރުގެ ޚަރަދުގައި ބަނދެ، ދިގުމުއްދަތުން އަގު އަދާކުރާ ގޮތަށް މަސްވެރީންނަށް ލިބޭ ގޮތް ހަމަޖެއްސެވިއެވެ. މަސްވެރީންނަށް މުޖްތަމަޢުގައި ދެވޭ ޤަދަރު އިތުރުކޮށްދެއްވުމަށްޓަކައި 10 ޑިސެމްބަރ އަކީ މަސްވެރިންގެ ދުވަސް ކަމުގައި ކަނޑައަޅުއްވައި 1981 ންފެށިގެން މިދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރައްވަން ފެއްޓެވިއެވެ. މަސްވެރިކަމުގެ ޞިނާޢަތު ވާދަވެރި ވިޔަފާރީގެ އުޞޫލުން ހުޅުވައިލައްވައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވިއެވެ. (މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް 2008) ފަތުރުވެރިކަން 1972 ގައި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ވީނަމަވެސް 1978 ގެ ނިޔަލަށް ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީއެއް ނެތެވެ. އެއީ ވަކި ބަޔެއްގެ ޖީބަށް ވަންނަ ފައިސާއެއް ކަމުގައި އޮތީވެފައެވެ. ފަންނީ އެއްވެސް ބަޔެއް މުޅި ދާއިރާގައިވެސް ނެތި، ކުރެވެމުން އައި މަސައްކަތް އެއީ ޤައުމީ އިޤްތިޞާތުގެ އެންމެ ވަރުގަދަ ތަނބުކަމުގައި ހެއްދެވިއެވެ. 1987 ގައި ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ތަމްރީނު ކުރުމަށްޓަކައި [ސްކޫލް އޮފް ހޮޓެލް އެންޑް ކޭޓަރިންގ] ގެނަމުގައި މަރުކަޒެއް ޤައިމުކުރެއްވި އެވެ. ވިސްނުންތެރިކަމާއި ރޭއްވެވުމާއެކު ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި މިމަސައްކަތް ތަރައްޤީ ކުރައްވައި މުޅި ދުނިޔޭގެ ރަންވަނަތައް ޙާޞިލުކުރެއްވިއެވެ. (މިނިސްޓްރީ އޮފް ޓޫރިޒަމް 2008) ރާއްޖެތެރެ ތަރައްގީ ކުރުމުގެ މަޝްރޫޢު މައުމޫން ރައީސްކަމާ ޙަވާލުވެވަޑައިގަތްއިރު، ރަށްރަށުގެ މިސްކިތްތަކާއި ރަށު އޮފީސްތަކަކީ ސަރުކާރުން ޢިމާރާތް ކުރައްވާ ތަންތަނެއް ނޫނެވެ. އެއީ ރައްޔިތުން އަމިއްލަޔަށް އެމީހުންގެ ޚަރަދުގައި ބިނާކޮށްފައި ހުރި ދެރަވަރުގެ ތަންތަނެވެ. ފުރާޅުގައި ފަންލައި ބިތުގައި ގޯނިދަމައިފައި ނުވަތަ ރާނައި ސިމެންތި ނުޖަހައި ހުންނަނ އޮފީސްތައް ބައިވަރެވެ. މިސްކިތުގައި ބައްތިދިއްލައި ކުނާ އަޅައި ހެދުމަކީ ސަރުކާރަކާ ބެހޭ ކަމެއް ނޫނެވެ. ރަށު އޮފީސްތަކަކީ ސަރުކާރުގެ ތަނަތަނަށް ނުވާތީ އެތަންތާނގައި ޤައުމީ ދިދަ ނެގުމެއްވެސް ނޯވެއެވެ. ރަށު އޮފީހުގައި ތިއްބަވަނީ ކަތީބަކާއި ކުޑަކަތީބަކު އެކަންޏެވެ. މިކަން މިހެން އޮއްވައި މިއަދު މިފެންނަ މިންވަރަށް ރަށު އޮފީސްތަކާއި މިސްކިތްތައް ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރެއްވިއެވެ. މުވައްޒިފުން ލައްވައި ޤައުމީ ދިދަ ނަގައި ޒަމާނީކުރެއްވިއެވެ. އެހެނިހެން ބައެއް ކަންކަން * މާލޭ ބިންހިއްކުމުގެ މަޝްރޫޢު * މާލޭ މަގުހެދުމުގެ މަޝްރޫޢު * ރަށްރަށުގެ ބަނދަރުހެދުމާއި ލަފައިފުރުމުގެ ދަތިކަން ޙައްލުކޮށްދެއްވުން * އިސްލާމީ މަރުކަޒު ބިނާކުރުން * އިލެކްޓްރިކް އަލިން ރާއްޖޭގެ ކަންކޮޅުތައް ދިއލައިލެއްވުން * ރައީސް އޮފީހާއި ތީމުގެ ޒަމާނީ ފެންވަރަށް ޢިމާރާތްކުރުން * އާސާރީ ތަރިކާ ޙމާޔަތްކުރެއްވުމުގެ ގޮތުން ހުކުރުމިސްކިތާއި ޢީދުމިސްކިތާއި މިފަދަ އެހެން މިސްކިތަތައް ދިގުމުއްދަތަކަށް ހުންނާނެ ގޮތަށް ސައެންޓިފިކް ގޮތުން ރައްކާތެރިކުރުން. * ނޫސްވެރިކަން ތަރައްޤީކުރައްވައި ޒަމާނީކުރެއްވުން * އިޖްތިމާޢީ ޚިދުމަތްތެރީންނަށް ހިތްވަރު ދެއްވުމަށްޓަކައި ޤައުމީ އިނާމް ތަޢާރުފުކުރެއްވުން. * ސިފައިން ތަރައްޤީކުރައްވައި ޒަމާނީކުރެއްވުމާއެކު ފުލުހުންނަކީ މަދަނީ ބަޔެއްގެ ގޮތުގައި ހަމަޖެއްސެވުން. * އަތޮޅުތަކަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ތަޢާރުފްކުރެއްވުމަށްޓަކައި ސަރަޙައްދީ ވައިގެ ބަނދަރުތައް ޤާއިމުކުރެއްވުން * ސިފައިންނާއި ފުލުހުންގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރެއްވުން. * ޗާޕުގެ ޚިދުމަތް ތަރައްޤީކުރައްވައި ފުޅާކުރެއްވުން. * އިންފޮރމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރުފްކުރައްވައި ޢާއްމުކުރެއްވުން. * މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެއްދެވުން. * މަލްޓިޕާޓީ ޑިމޮކްރެސީ ތަޢާރަފްކުރެއްވުން. * ރަށުކޯޓުތައް އުފެއްދެވުން. * ހައިކޯޓާއި ސުޕްރީމް ކޯޓް އުފެއްދެވުން. ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލައްވާނެކަން އިއުލާން ކުރެއްވުން ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓަކު ހޮވުމަށް އެޕާޓީން ބާއްވާ ޕްރައިމަރީގައި ވާދަ ނުކުރައްވާނެ ކަމަށް ރައީސް މައުމޫން އިއުލާން ކުރައްވާފައިވަނީ މިދިޔަ މަހު 25 ވަނަ ދުވަހުއެވެ. އެއާއެކު ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހު ވަނީ ވަރަށް ބޮޑަށް ބަދަލުވެގެން ގޮސްފައެވެ. 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި އަދި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއްގެ ލޯތްބާއި އިހުތިރާމް ހޯއްދަވާފައިވާ އަދި ރާއްޖެއަށް ގިނަ ގުނަ ތަރައްޤީ ހޯއްދަވައި ދެއްވި ރައީސް މައުމޫން ރާއްޖޭގެ ވެރިކަމަށް ކުރިމަތި ނުލެވުމަކީ އެތައް ރައްޔިތުންނަކަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. ރައީސް މައުމޫނާ ދެކޮޅު ފަރާތްތަކަށްވެސް ކުރިޔަށް އޮތް އިންތިހާބުގައި އެމަނިކުފާނު ނުފެނުން ވެގެންދާނީ ވަރަށް ބޮޑު ހިތާމައަކަށެވެ. އިންތިހާބު ފޯރިއެއް ނުފެންނާނެ ކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ. ކިތަންމެ ބަޔަކު ދެކޮޅު ހެދި ނަމަވެސް ރައީސް މައުމޫނަކީ ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ގިނަ ތަރައްޤީތަކެއް ގެނެސްދެއްވި ވަރުގަދަ ސިޔާސީ ލީޑަރެކެވެ. ދެބަސް ވެވެން ނެތް ގޮތުގައި “އަ މޭން ފޯރ އޯލް އައިލަންޑް” އެވެ. ރިފަރެންސް:- ވިކިޕެޑިއާ Share Get link Facebook X Pinterest Email Other Apps Labels މަޢުލޫމާތު Share Get link Facebook X Pinterest Email Other Apps Comments
Comments