Skip to main content

އަފްރާޝީމްގެ މަރުގެ ބަދަލު ހިފުމަށް ގައުމު ދެކެ ހަގީގީ ލޯބިވާ ދިވެހި ރައްޔިތުންނަށް ގޮވާލަމެވެ.


އުސޫލުލް ފިގްހުލް އިސްލާމީ(ފަންޑަމެންޓަލްސް އޮފް އިސްލާމިކް ޖުރިސްޕްރުޑެންސް) ގެ ރޮނގުން ޕީއެޗްޑީ ހާސިލްކުރައްވައިގެން ހުންނެވި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަކީ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެކެވެ. މިފުރުސަތުގައި އެ މަރުހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި، ޑރ. އަފްރާޝީމް އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި މާތްﷲ އަށް ދުއާ ދަންނަވަމެވެ.

އެއަށްފަހު ޑރ. އަފްރާޝީމްގެ މަރުގެ ބަދަލު ހިފުމަށް ގައުމު ދެކެ ހަގީގީ ލޯބިވާ ދިވެހި ރައްޔިތުންނަށް ގޮވާލަމެވެ. ބަދަަލު ހިފުމޭ ބުނުމުން ބައެއް ބޭފުޅުންނަށް ނުބައި މާނައެއް ނެގުން އެކަށީގެންވެއެވެ. ނަމަވެސް އަޅުގަނޑު ބަދަލު ހިފުމަށް މިގޮވާލަނީ ތޫނު ހަތިޔާރާއި ބަޑި ހިފައިގެން ނުކުމެ ބަދަލު ހިފުމަށް ކަމަށް ހީފުޅުނުކުރައްވާށެވެ.

ޑރ. އަފްރާޝީމް އަލީއަށް ދިން އަނިޔާވެރި ރަހުމު ކުޑަ ހަމަލާ ދިނީ ކޮން ބައެއްކަން އަދި ނޭނގުނަސް، މިހާރުވެސް ކަށަވަރުވެފައިވާ ގޮތުގައި މިއީ ވަރަށް ބޮޑަށް ރާވައިގެން ހިންގާފައިވާ ލާއިންސާނީ ޖަރީމާއެކެވެ. ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ބަދަލު އެންމެ ތަހުޒީބީ ގޮތަކަށް ހިފޭނީ، އެކަން ކުރި ބައެއްގެ މަގުސަދު ހާސިލް ވިޔަނުދިނުމަށް މަސައްކަތް ކޮށްގެންނެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ އަޑީގައި ތިބި ބައެއްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ލަފާކުރެވޭ ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ.
1.  ޑރ. އަފްރާޝީމްގެ ދީނީ ވާހަކަތަކުގެ އަޑު ކަނޑުވާލުން
2.  ސިޔާސީ ހަމަނުޖެހުން ގަނޑެއްގެ ތެރެއަށް ގައުމު ވައްޓާލުން
3.  ތައުލީމީ މީހުންނަށް ސިޔާސީ ދާއިރާގައި ފުރުސަތު ހަނިކުރުން

މިއީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ރޭވި މީހުންގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް ލަފާކުރެވޭ ކަންކަމެވެ. މިފަދަ އަނިޔާވެރި އަމަލެއް ހިންގުމުގެ ފަހަތުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮނޑި ހޯދުމުގެ ދަހިވެތިކަން ނުވަތަ މަރަށް މަރު ހިފުމުގެ އިޖްރާއަތްތައް ފާސްކުރުމަށް މަޖިލިހަށް ބާރުއެޅުން ހިމެނުން އެކަށީގެންވާކަމަށްވެސް ބައެއް ބޭފުޅުން ދެކިލައްވައެވެ.

އެހެންނަމަވެސް ބޮޑަށް ބުރަވެވެނީ އިސްވެ ދެންނެވުނު ތިން ކަމަށެވެ. ވުމާއެކު ޑރ. އަފްރާޝީމްގެ މަރުުގެ ބަދަލު އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ، އެކަން ރޭވި މީހުންނަށާއި އެކަން ކުރި ބަޔަކަށް ޤާނޫނޫގައި ކަނޑައެޅިގެންވާ އެންމެ ހަރުކަށި އަދަބު ދިނުމުގެ އިތުރުން އެކަން ކުރި ބައެއްގެ މަގުސަދު ހާސިލު ވިޔަނުދިނުމަށް މަސައްކަތްތަކެއް ކޮށްގެންނެވެ.

ޑރ. އަފްރާޝީމްގެ ވާހަކަތައް އާއްމުކުރުން
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުން ކުރިން އެމަރުހޫމުގެ ދީނީ ވާހަކަފުޅުތަކަށާއި ވިސްނުންފުޅަށް ސަމާލުކަން ނުދޭ މީހުންގެ ސަމާލުކަން، އަދި ޖުމްލަ ގޮތެއްގައި މުޅި އިންޓަލެކްޗުއަލް ކޮމިއުނިޓީގެ ސަމާލުކަން ޑރ. އަފްރާޝީމްގެ ވާހަކަފުޅުތަކަށް ވަނީ ލިބިފައެވެ. ގިނަ ބަޔަކު ދެނެގަންނަން ބޭނުންވަނީ ޑރ. އަފްރާޝީމް ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި އެމަރުހޫމުގެ ފުރާނަ ދުއްވާލަންޖެހޭވަރުގެ ވާހަކަފުޅުތަކެއް ހިމެނޭތޯއެވެ.

ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި ޑރ. އަފްރާޝީމް އަކީ ރައްޔިތުންގެ މަޖިލީހުގެ އެތެރޭގައި އަދި ބޭރުގައިވެސް އިސްލާމް ދީނަށް ނަސްރު ހޯއްދަވާދެއްވުމަށް، އަދި އިސްލާމް ދީން ކުރިއަރުވައި ބާރުވެރިކުރުވުމަށް މަސައްކަތްޕުޅު ކުރެއްވި ސްކޯލާއެކެވެ.

ބައެއް ކަންކަމުގައި އެހެން ދަންނަ ބޭކަލުންނާއި ޑރ. އަފްރާޝީމްގެ ހިޔާލުފުޅު ތަފާތުކަން ފާހަގަކުރެވެއެވެ. އަދި އެކަމުގެ ސަބަބުން އެހެން ދަންނަ ބޭކަލުންގެ ދަރިވަރުންގެ ފަރާތުން ޑރ. އަފްރާޝީމަށް ދުއްތުރާތަކާއި އުނދަގޫތަކާއި ކުރިމަތިވެފައިވެއެވެ. އެހެނަސް، ޑރ. އަފްރާޝީމް އެބޭފުޅުންނާއި މުއާމަލާތް ކުރެއްވީ މަޑުމައިތިރި ކަމާއެކުއެވެ. ހިޔާލު ތަފާތުވާކަންކަމުގައި ގެންގުޅުއްވި ވިސްނުމަށް ބާރު ހޯއްދަވަމުން ގެންދެވީ ދަލީލުތައް ދައްކަވަމުންނެވެ. ހަމަ ހުންނަވާފަ އެއްވެސް އަސްލެއް، ސަބަބެއް ނެތި ވަކި ގޮތަކަށް ބަސް ބުނުމަކީ ޑރ. އަފްރާޝީމް ކުރެއްވި ކަމެއްނޫނެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި މީހުންގެ މަގުސަދަކީ އެމަރުހޫމުގެ އަޑު ކަނޑުވާލުން ކަމުގައިވާނަ އެކަމަށް ބަދަލު ހިފަން ކުރަންވީ ކަމަކީ ޑރ. އަފްރާޝީމް ދައްކަވާފައިވާ ވާހަކަފުޅުތައް ވީހާވެސް ގިނައިން އާއްމު ކުރުމެވެ. އަދި ދައްކަވާފައިވާ ވާހަކަފުޅުތަކާއި ދައްކަވާފައިވާ ދަލީލުތައް ދިރާސާ ކުރުމަށްފަހު ވީހާ ގިނަ ރައްޔިތުންނާއި ހިއްސާކުރުމަކީ ކުރަން ރަނގަޅު ކަމެކެވެ. މިޒަމާނަކީ ކަންކަމާއި ހިޔާލު ތަފާތުވާއިރަށް އިދިކޮޅު މީހާ މަރާލުމަށްފަހު އޭނާގެ ވިސްނުން ނެތިކޮށްލެވޭނެ ޒަމާނެއްނޫނެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ އެފަދަ ގައުމަކަށް ވުމުުގެ ފުރުސަތު ނުދިނުމަކީ ދިރިތިބީންގެ ދަރިންނާއި ދަރިންގެ ދަރިންނަށްޓަކައި ކުރަންޖެހޭ ކަމެކެވެ.

ކެތްތެރިވެ މަޑުމައިތިރިވުން
ޑރ. އަފްރާޝީމް އަވަހާރަކޮށްލަން ރޭވި މީހުންގެ މަގުސަދަކީ ސިޔާސީ ގޮތުން ގައުމު ހަލަބޮލިކޮށްލައި، ލޭއޮހޮރުވުގެ ދިގު ސިލްސިލާއެއް ފެށުން ކަމަށް ވުން އެކަށީގެންވެއެވެ. އެހެންކަމުން އެމީހުންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން އަޅުގަނޑުމެން ކުރަންވީ ކަމަކީ މަޑުމައިތިކަމާއި ކެތްތެރިކަން ކުރިއަށް ނެރެ، އިތުރު އެއްވެސް އަނިޔާވެރި އަމަލެއް ނުހިންގައި މިހާލަތުން އަރައިގަތުމަށް މަސައްކަތް ކުރުމެވެ. ލޭގެ ގުޅުމާއި، ކައިވެނީގެ ގުޅުމާއި، އަވައްޓެރިކަމުގެ ގުޅުމުގެ މައްޗަށް ސިޔާސީ ގުޅުން ގަދަވެފައިވޭތޯ ދެނެގަތުމަށް އަމިއްލަ ނަފްސާއި ސުވާލުކޮަށް، ތިމާ އާއި ތިމާގެ ވަށައިގެންވާ ކަންކަމާއި މެދު ވިސްނާލުމަށް މިއީ ރަނގަޅު ދަނޑިވަޅެކެވެ.

ތައުލީމީ ޒުވާނުން ކުރިއަށް ނެރުން
ގައުމަށް އުފަން ތައުލީމީ މީހުން އަވަހާރަކޮށްލައިގެން، ނުވަތަ ގައުމު ހަލަބޮލިކަމުގެ ތެރޭގައި ބާއްވައިގެން ތައުލީމީ މީހުން ގައުމު ހިންގުމުގެ އެންމެ އިސް ދާއިރާތަކާއި ދުރުކުރުމަށް އެއްވެސް ބަޔަކަށް އަޅުގަނޑުމެން ފުރުސަތު ދީގެން ނުވާނެއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކަށް އަދި ރައްޔިތުންގެ މަޖިލީހަށް ބަލާއިރު، އެންމެ ބާރަށް ކުރިއަރައިގެންދާ މީހުންނަކީ އެންމެ ބާރަށް ހަޅޭއްލަވައި އެންމެ ހަޔާތްކުޑަކޮށް އުޅެން ކެރޭ މީހުންނެވެ.

ގައުމުގެ ހާލަތު އޮތް ގޮތުން ތައުލީމީ ގާބިލު ޒުވާނުންގެ ތެރެއިން ގިނަބަޔަކު ޖެހެމުންދަނީ ފަހަތަށެވެ. ނޫންނަމަ ގައުމުން ބޭރަށް ހިޖުރަ ކުރަނީއެވެ. ޑރ. އަފްރާޝީމްގެ މަރަކީވެސް ތައުލީމީ މުޖުތަމައުގައި ތިބި މީހުންގެ ތެރެއިން ގައުމު ހިންގުމުގެ ކުރީ ސަފަށް އަންނަން ބޭނުންވެފައިވާ މީހުންނަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. މިއީ އެމީހުން ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުވާނެ ކަމެކެވެ.

ނަމަވެސް ޑރ. އަފްރާޝީމްގެ މަރަށް ބަދަލު ހިފުމުގެ ގޮތުން އަޅުގަނޑުމެން ކުރަންވީ ކަމަކީ ޑރ. އަފްރާޝީމްގެ ބަދަލުގައި އެތައް ތައުލީމީ ދަރިންނެއް ގައުމުގެ ކުރީ ސަފަށް ނެރެންވީއެވެ. އެމީހުންނަށް ހިތްވަރުދީ، އެމީހުންގެ ފަހަތުގައި ތިބެ، އެމީހުންނަށް ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއެކު އުޅެވޭނެ މާހައުލެއް ގާއިމުކޮށްދެވިގެން ނޫނީ ގައުމެއް ދެން ހަމަޔަކަަށް ނޭޅުވޭނެއެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި މީހުން މުޅިން ބަލި ކޮށްލެވޭނީ މިކަންކަން ކޮށްގެންނެވެ. އެންމެ މޮޅު ބަދަލު ހިފުމަކީ މިއީއެވެ.

Comments