Skip to main content
މާތް ﷲ އީ ކޮންފަރާތެއް؟
މުހައްމަދު ޢަބުދުއްޞަމަދު


އަހަރެންގެ އިސްލާމް މުދައްރިސާ ސުވާލުކުރީމެވެ. މުދައްރިސް ޖަވާބު ދެއްވި އެވެ. " އަހަރެމެން ހެއްދެވި ފަރާތެވެ. " އެހެން މުދައްރިސެއްގެ ގާތުގައި އެހީމެވެ. މުދައްރިސް ވިދާޅުވީ " މާތްﷲ އީ މިކާއިނާތުގެ ވެރި ރަސްކަލާނގެ އެވެ." އެހެން މުދައްރިސަކާ މިސުވާލުކުރީ މެވެ. އެމުދައްރިސް ވިދާޅުވިއެވެ. " މާތްﷲ އީ އަހަރެމެން އަޅުކަންކުރާ، އަހަރެމެންނަށް ރިޒުގުދެއްވާ، އެންމެހައި ފުރިހަމަ ސިފަފުޅުތަކާއި އިސްމުފުޅުތައް ލިބިވޮޑިގެންވާ ފަރާތެވެ." 


މި ތިން މުދައްރިސުންގެ ޖަވާބު ތަފާތެވެ. 

 ކީރިތި ޤުރުއާނުގެ ފަސްތަނެއްގައި މާތްﷲ ވަނީ އެކަލާނގެއީ ކޮންފަރާތެއްކަން ، އެކަލާންގެ ބަޔާންކޮށްދެއްވާފައެވެ. ކީރިތި ޤުރުއާނުގެ އެތައް އާޔަތްތަކެއްގައި އެކަލާނގެވަނީ ، އެކަލާނގެ ސިފަފުޅުތައް ވެސް ބަޔާންކޮށް ދެއްވާފައެވެ. 

އޭގެތެރެއިން ، ބަގަރާ ސޫރަތުގެ 255 ވަނަ އާޔަތުގައި އެކަލާނގެ ސިފަފުޅުތަކުގެ ތެރެއިން ބައެއް ސިފަފުޅުތައްވަނީ ބަޔާންކޮށްދެއްވާފައެވެ. އެއާޔަތުގައި ވެއެވެ. އެކަލާނގެއީ: 

  •   اللَّه ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއް ވެވޭ إله އަކުނުވާ ރަސްކަލާނގެއެވެ. 
  •  އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް ނުވާ ކަލާނގެއެވެ. 
  •  އެއުރެންގެ ކުރިން (އެބަހީ: خلق ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް ދެނެވޮޑިގެންވާ ކަލާނގެ އެވެ. 
  • އެކަލާނގެ كرسى، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވާ ކަލާނގެ އެވެ. 
  •  އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ حضرة އަކަށް ކުޑަވެސް ބުރަކަމެއް ނުވާ ކަލާނގެ އެވެ.

 ނޫރު ސޫރަތުގެ 35 ވަނަ އާޔަތުގައި ، މާތްﷲ އީ ކޮންފަރާތެއްކަން އެކަލާނގެ ވަނީ ވަރަށް ފުރިހަމަޔަށް ބަޔާންކޮށްދެއްވާފައެވެ. މިހާ ތަފްޞީލްކޮށް އެކަލާނގެއީ ކޮންފަރާތެއްކަން ބަޔާންކޮށްދެއްވާފައިވަނީ ހަމަ އެކަނި މި އާޔަތުގައެވެ. އެއާޔަތުގައި ވެއެވެ.

 " اللَّه އީ، އުޑުތަކާއި، ބިމުގެ نور އެވެ. އެކަލާނގެ نور ފުޅުގެ مثال އަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ مثال އެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، بركات ތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ نور ފުޅަށް މަގުދައްކަވަތެވެ. އަދި اللَّه، މީސްތަކުންނަށް مثال ތައް ޖައްސަވައިދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." 

 ކީރިތި ޤުރުއާނުގެ ސޫރަތުލް އިޚްލާޞް އަދި ސޫރަތުލް ސޫރާގެ 11 ވަނަ އާޔަތަށް ނަޒަރު ހިންގަމާތޯ އެވެ. އިޚްލާޞް ސޫރަތާއި ސޫރާ ސޫރަތުގެ 11 ވަނަ އާޔަތުގައި ވަނީ އެކަލާނގެ އީ؛ 

  •  އެއީ އެއްކައުވަންތަ اللَّه އެވެ.
  •   އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވާ ކަލާނގެ އެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވާ ކަލާނގެ އެވެ.
  •  اللَّه އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ.
  •  އެކަލާގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ. 



މަތީގައިވާ ތަފްޞީލްތަކަށް ވިސްނާލުމުން އެނގެނީ ، މާތްﷲ އީ ހުރިހާ ކަމެއްގެ ބާރުވެރި ފަރާތްކަމެވެ. އުޑުތަކާއި ބިމުގައި މިހިނގާހުރިހާ ކަމެއް ފުރިހަމައަށް ހިނގުމަށާއި ކޮންޓްރޯލް ކުރުމަށް ބާރާއި ހަކަތަ ލިއްބައިދޭ މަސްދަރު ކަމެވެ.   

މާތްﷲ އުފައްދަވާފައިވާ އިލްމެއްކަމަށްވާ ، ފިޒިކްސްގެ ލޯ އޮފް ކޮންޒަރވޭޝަން އޮފް އެނަރޖީ ( ހަކަތައި ގާނޫނު ) ވިސްނާލަމާތޯ އެވެ. މިގާނޫނުގައި ވެއެވެ. 
"Energy can neither be created nor it is destroyed, however energy can be converted from one form energy to any other form of energy" 
"ހަކަތަ އުފެދުމެއް ނުވެއެވެ. ފަނާވުމެއްވެސް ނެތެވެ. އެހެނަސް އެއްސިފައިން އަނެއް ސިފައަށް ބަދަލުވެއެވެ. " 

 އެހެން ކަމުން މާތްﷲ އީ ހުރިހާ ބާރެއްގެ ވެރިފަރާތެވެ. ހުރިހާ ބާރެއްގެ މަސަދަރެވެ. އެހެން ކަމުން، އެކަލާނގެއީ "އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވާ ކަލާނގެ އެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވާ ކަލާނގެ އެވެ." " އެކަލާނގެ އީ ފެށުމެއްނެތި އިސްވެވޮޑިގެންވާ، ނިމުމެއްނެތި ދެމިވޮޑިގެންވާ ރަސްކަލާނގެއެވެ. "


Comments