Skip to main content

އިހަވަންދޫ ޒުވާނުންގެ މަރުކަޒެއްގެ ފޮނިހުވަފެން


މިނިސްޓަރ އޮފް ސްޓޭޓް ފޯ ޔޫތް އެންޑް ސްޕޯޓްސް މުހައްމަދު ޣައްސާން މައުމޫން އިހަވަންދޫގެ ޒުވާނުންނާއި ބައްދަލުކޮށް ޒުވާނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި އެމީހުންގެ ޝިކާޔަތުގެ އަޑު ވަރަށް ކެތްތެރިކަމާއެކު ވަރަށް ގާތުން އަޑު އައްސަވައިފިއެވެ. މިބައްދަލުވުން އޮތީ 7 ސެޕްޓެމްބަރ 2012 ވީ ހުކުރުވިލޭރޭ  9:30އެހާއިރު އިހަވަންދޫ މަދަރުސާގެ އޯޑިއޯ ވިޝުއަލް ރޫމް ގައެވެ. މިބައްދަލުވުމުގައި ޔޫތު މިނިސްޓްރީގެ އޮފިޝަލުންނާއި އިހަވަންދޫ ކައުންސިލް އިދާރާގެ ޒިންމާދާރު އިސްވެރިޔާ މުހައްމަދު އިބްރާހީމާއި ، އެކައުންސިލްގެ މެންބަރު މުހައްމަދު ސިރާޖް ބައިވެރިވިއެވެ.


މިބައްދަލުވުން ތައާރަފްކުރުމުގެ ގޮތުން ޒިންމާދާރުވެރިޔާ ދެއްކެވި ވާހަކަ ފުޅުގައި ، ރާއްޖޭގައި 30 އަހަރު ވަންދެން ވެރިކަންކުރެއްވި ރައީސް އަލްއުސްތާޛް މައުމޫނު އަބުދުލް ގައްޔޫމުގެ ދަރިކަލުން ، މިރަށަށް ވަޑައިގެން ޒުވާނުންނާ ބައްދަކުރައްވާ ރަށުގައި ޒުވާނުންނާ ގުޅުންހުރި ކަންތައްތައް ބައްލަވާލައްވާ ކަމަށްޓަކައި އުފާކުރައްވާކަމަށް ވިދާޅުވަމުން، މިރެއަކީ ޒުވާނުންގެ އިހްސާސްތައް ގޯނިގޯނިން އޮއްސާލަންވީ ރޭކަމަށް ދެންނެވިއެވެ.

ބައްދަލުވުމުގައި ކޮންމެ ޒުވާނެއްގެ އިހްސާސްތައް ފާޅުކުރެއްވުމަށް ވަކިވަކި ބައްދަލުވުމުގެ ބައިވެރިންނަށް ފުރުޞަތު ދެއްވިއެވެ. ޒުވާނުންގެ ހުށަހެޅުންތަކަކީ ؛ ކުޅިވަރު ކުޅޭނެ ތަނެއް ނެތުމާއި ، ޒުވާނުންގެ ކުޅިވަރުގެ ރަސްގެފާނުން ކަމަށްވާ ފުޓްބޯޅަ ކުޅެން އޮތް ދެ ދަނޑުގެ ހާލަތު ރަގަޅުކޮށްދިނުމާއި، ޒުވާނުންގެ މަރުކަޒެއް ނެތުމުގެ ދަތިކަމާއި ، އަދި މާލެ ކުލަބު ޖަމާޢަތްތަކާއި ރަށްފުށުގެ ކުލަބު ޖަމާޢަތްތަކާއި ވަރަށް ބޮޑަށް ތަފާތު ކުރައްވާކަމަށް ދެންނެވި އެވެ. އަދި ސަރުކާރުން އިހަވަންދޫގެ ޒުވާނުންނަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށާއި އިތުބާރު ގާއިމްކުރުމަށް ކޮށްމެވެސް ކަމެއް މިއަހަރު ކޮށްދެއްވުމަށް ޒުވާނުން ހުށަހެޅުއްވިއެވެ.
އެހެންވެ، ޒުވާނުން ހުށަހަޅުއްވާ ކޮންމެވެސް އެއްކަމެއް މިއަހަރުކޮށްދެއްވާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިމާރާތެއް ލިބިއްޖެނަމަ، ވަގުތީގޮތުން ކުޅިވަރު ސާމާނުތައްލައި ޒުވާނުންގެ މަރުކަޒެއްވެސް ހެދިދާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން ، މިރަށު އޯކިޑްހިޔާ ( ރާފާފުގެ ) ސްޓޭޓް މިނިސްޓަރ ވަރަށް ރަގަޅަށް ބައްލަވާލެއްވިއެވެ. އަދި އެތަން ހޯދުމާބެހޭގޮތުން ކައުންސިލަރުންނާ ބައްދަލުކޮށް މަޝްވަރާކުރެއްވި އެވެ. ރަށުގެ ދެ ފުޓްބޯޅަ ދަނޑު ބައްލަވާލައްވާ އެތަންތަނުގައި ފެންސް ޖެހުމާބެހޭގޮތުން ޚިޔާލުބަދަލުކުރެއްވި އެވެ.

އިހަވަންދޫގެ ޒުވާނުން މަޝްވަރާކުރުމަށްފަހު ސްޓޭޓް މިނިސްޓަރަށް ހުށަހެޅުއްވީ ، މިއަހަރު އިހަވަންދޫގެ ޒުވާނުންގެ މަރުކަޒު އެޅުމަށް ހަމަޖެހިފައިވާ ބިން ސާފުކޮށްދެއްވާ ، ވަށާފާރު ރާނާ ދިނުމަށެވެ. އަދި އެތަނުގައި ވޮލީ ކޯޓެއް ނަމަވެސް ޖަހާދިނުމަށެވެ. މިހުށަހެޅުން ދެންނެވުމަށް އޮތް ބައްދަލުވުން އޮތީ ހުކުރު ދުވަހުގެ 2:30 ގައި އިހަވަންދޫ ރަށު ކައުންސިލްގެ އިދާރާގައި ކައުންސިލަރުންގެ ހާޒިރުގައެވެ. މިކަން މިއަހަރު ކޮށްދެއްވާނެ ކަމަށް ސްޓޭޓްމިނިސްޓަރ ދެންނެވިއެވެ.
ސްޓޭޓް މިނިސްޓަރ ގައްސާނު އިހަވަންދޫ ފުރާވަޑައިގެންނެވީ ހުކުރުދުވަހުގެ ހަވީރު 4:30 އެހާއިރު އެވެ.

Comments