ސައުދުއްﷲ އަލީ
ދީނުގެ އެންމެހާ ކަންކަމުގައި ވަކިއަތަކަށް ނުޖެހި
ވަޒަން ހިފެހެއްޓުމަކީ އިސްލާމްދީނުގެ
ޚާއްސަ ސިފައެކެވެ. މީގެ ދަށުން ހިމެނޭ އެއް ކަމަކީ، އިސްލާމް ދީނުގައި އެއްކޮޅުން ރޫހާނިއްޔަތަށް ވަރަށް ބޮޑު
އިސްކަމެއް ދޭއިރު އަނެއް ކޮޅުން
މާއްދިއްޔަތު އިހުމާލުކޮށްނުލުމެވެ. މިއީ އިންސާނީ ތަބީއަތާ ވެސް އެންމެ ގުޅޭ ގޮތެވެ. މާތްﷲ އިންސާނާ
(އާދަމުގެފާނު) މަށިން ހައްދަވައި
ފުރިހަމަކުރެއްވުމަށް ފަހު އެކަލާނގެ ރޫހުފުޅުން އެ އިންސާނާއަށް ފުމެލެއްވުމުން (ޞާދު 71-
72) އިންސާނާގައި މާއްދީ ބައިގެ އިތުރުން ރޫހާނީ ބައެއް ވެސް ވަނީ އެކުލެވިފަ އެވެ.
އިންސާނާ އޭނާގެ ރޫހާނީ ބަޔަށް ސަމާލުކަން ދީ
ތަރައްގީކޮށްފި ނަމަ މަލާއިކަތުންގެ
ދަރަޖަ އަށް ވުރެ ވެސް މައްޗަށް ދެވިދާނެ އެވެ. އެކަމަކު މާއްދީ އުންސުރުގެ އަޅެއްކަމުގައި އިންސާނާވެއްޖެ ނަމަ
ހައިވާނުންނަށް ވުރެ ވެސް ދަށު ދަރަޖަ
އަށް ތިރިވެދާނެ އެވެ. އެހެންކަމުން ރޫހާނީ ބަޔަށް ސަމާލުކަން ދޭންޖެހޭ ގޮތާއި މާއްދީ ބައި އިހުމާލުނުކޮށް
ދަމަހައްޓާނެ ގޮތްތައް އިސްލާމް ދީނުގައި
ބަޔާންވެފައިވެ އެވެ.
އިސްލާމީ ނަޒަރުން ބަލާއިރު އިންސާނާގެ ޖައުހަރަކީ
އޭނާގެ ރޫހާނީ ބަޔެވެ. މާއްދީ ބަޔަކީ
މި ޖައުހަރަށް އެހީތެރިވެ ހިދުމަތްކޮށްދޭ ބަޔެކެވެ. ރޫހާނީ ބައިގައި ހިމެނޭ އެންމެ މުހިންމު ކަމަކީ މާތްﷲ އަށް
އީމާންވެ އެކަލާނގެ އެއްކައުވަންތަކަން
ގަބޫލުކުރުމެވެ. އަދި އެކަލާނގެ ފިޔަވައި އެހެން އިލާހަކުނުވާ ކަމާއި އެއީ ކައުނުގައިވާ ހުރިހާ އެއްޗެއް
ހެއްދެވި ކަލާނގެ ކަމާއި އަޅުކަންކުރުން
ހައްގުވެގެންވާ އެހެން ފަރާތެއް ވެސް އެކަލާނގެ ފިޔަވައި ނުވާކަން ގަބޫލުކުރުމެވެ.
ދެ ވަނަ ކަމަކީ މި ދުނިޔޭގެ ދިރިއުޅުމުގެ ދަންފަޅި
ހަމަކުރުމަށް ފަހު ދާއިމީ
ދިރިއުޅުމަކަށް އިންސާނާ ދާންޖެހޭނެކަން ގަބޫލުކުރުމެވެ. ދުނިޔޭގައި އުޅުނުއިރު ކުޅަ އަމަލުތަކަށް އަދުލުވެރި ގޮތުގައި ޖަޒާ
ލިބުން ވަނީ އެ ތަނުގައިކަން ގަބޫލުކުރުމެވެ.
ތިން ވަނަ ކަމަކީ މާތްﷲ އަށް އަޅުވެތިވެ އެކަލާނގެ އަށް ތަގުވާވެރިވުމެވެ. އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ އެކަލާނގެ ނަހީކުރައްވާފައިވާ ކޮންމެ ކަމަކުން
ދުރުހެލިވުމެވެ. އަދި މިކަމަކީ ދުނިޔޭގެ
ދިރިއުޅުމުގެ އަމާޒު ކަމުގައި ހެދުމެވެ.
ހަތަރު ވަނަ ކަމަކީ އަމުރުފުޅުތަކުގެ އިތުރުން
ތަޠައްވުޢުގެ ގޮތުން ކުރާ އަޅުކަންތަކާއި
ދުޢާ އާއި ޒިކުރުކުރުން ފަދަ ކަންކަމުގެ ތެރެއިން މާތްﷲއާ އޮންނަ ގުޅުން ވަރުގަދަކުރުމެވެ. ފަސް ވަނަ ކަމަކީ
ނަފުސާނީ އަދި އަޚުލާގީ އާފާތްތަކުން
ސަލާމަތްވުމެވެ. ކިބުރުވެރިކަމާއި ކަންދެއްކުމާއި މާއްދިއްޔަތަށް އަޅުވެތިވުމާއި ރުޅިގަދަވުމާއި
ހަސަދަވެރިވުމާއި ނަފުރަތުކުރުން ފަދަ ނަފްސު
ހަލާކުކުރާ ސިފަތަކުން ސަލާމަތްވާން އަބަދުވެސް ޖިހާދުކުރަމުން ދިއުމެވެ.
އަދި މިގޮތުން ޖިހާދުކުރުމަށް ފަހު އާހިރުގައި
ސަލާމަތުންވާ ހިތެއްގެ ވެރިއަކަށްވުމަށް
މަސައްކަތް ކުރުމެވެ. ހަ ވަނަ ކަމަކީ މީސްތަކުންނަށް އޯގާތެރިވެ އަޅާލުމާއި ހާލުގައި ޖެހިފައިވާ މީހުންނާއި
ހިތާމަތައް ލިބިފައިވާ މީހުންނަށް ލުޔެއް
ހޯދައިދޭން އުޅުން ފަދަ ހެޔޮ ކަންތައްތައް ގިނަކޮށްގެން މާތްﷲއާ ކުށްތަންވާން މަސައްކަތްކުރުމެވެ.
މި ހުރިހާ ކަމަކަށް ސަމާލުކަންދީ އިންސާނާގެ ރޫހާނީ
އަރިމަތި ތަރައްގީކޮށް އާޚިރަތަށްޓަކައި
މަސައްކަތްކުރާ އިރު ދުނިޔަވީ މާއްދީ ކަންކަމުގެ މަތިން ހަނދާން ނައްތާނުލުމަށް އިސްލާމް ދީން ގޮވާލަ އެވެ.
(އަލްޤަޞަޞް 77). މިކަން ހާމަވާ އެއް ކަމަކީ ބިން އާރާސްތުކުރުމަށް އިސްލާމް
ދީނުގައި ދީފައިވާ އަހަންމިޔަތެވެ.
މިގޮތުން ބިމުގެ ޚަލީފާއެއްގެ ގޮތުގައި މާތްﷲ ލައްވަވާފައިވަނީ އިންސާނާ އެވެ. (ހޫދު 61).
އަދި މިކަން ފަސޭހަވެގެން ދިއުމަށްޓަކައި އުޑުތަކާއި ބިމާއި އެ ދެމެދުގައިވާ ހުރިހާ
އެއްޗެއް އިންސާނުންނަށްޓަކައި އެކަލާނގެ
ކިޔަމަންތެރި ކޮށްދެއްވިއެވެ. (ލުޤުމާން ،20
އިބްރާހީމް 32- 34).
ބިން އާރާސްތުކުރުމަށްޓަކައި އިންސާނާ އިލްމު
ހޯދުމާއި އެ އިލްމުގެ އަލީގައި ބިން
ތައުމީރުކުރުމަށް ކުރާ މަސައްކަތްތަކަކީ އިސްލާމީ ނަޒަރުން ބަލާއިރު (އޭގައި ހެޔޮ ނިިޔަތް އެކުލެވޭ ނަމަ)
އަޅުކަމެކެވެ. ނަމަވެސް މިގޮތުން
ދުނިޔެއަށްޓަކައި މަސައްކަތްކުރާ އިރު އާޚިރަތް ގުރުބާންކޮށްގެން ނުވާނެ އެވެ. ދުނިޔެއަކީ އިންސާނާ އެންމެ ކަންބޮޑުވާ
ކަންތައް ކަމުގައި ހަދައިގެން ނުވާނެ
އެވެ. މުސްލިމުން ކުރާ ދުއާތަކުގައި މިކަމަށް އެދި ދުއާކުރަން ކީރިތި ރަސޫލާ ވަނީ ދަސްކޮށްދެއްވާފަ އެވެ.
މާއްދިއްޔަތު އިހުމާލު ނުކުރުމަށް އިސްލާމް ދީން
ބާރުއަޅާކަން ހާމަވާ އަނެއް ކަމަކީ
މުދަލަކީ ނިއުމަތެއް ކަމުގައި އިސްލާމް ދީން ދެކުމާއި، ހެޔޮ ގޮތުގައި މުދާ ހޯދުމާއި ރޯލުކުރުމާއި ހޭދަކުރުމަށް
އިސްލާމް ދީނުގައި އެތައް ހުކުމްތަކެއް
އައިސްފައިވުމެވެ. މިގޮތުން ކީރިތި ރަސޫލާ ފަގީރު ހާލުކޮޅުގައި ވަނިކޮށް ތަނަވަސްކަން ދެއްވުން ކީރިތި
ޤުރުއާނުގައި ސިފަ ކުރައްވާފައިވަނީ
އެކަލޭގެފާނަށް މާތްﷲ ދެއްވެވި ނިއުމަތެއްގެ ގޮތުގަ އެވެ. އެހެންވެ ފަގީރުކަން ނެތިކުރައްވައި މުއްސަނދިކަން
ދެއްވުމަށް އެދި ދުއާ ކުރުމަށް ކީރިތި
ރަސޫލާވަނީ އުންމަތަށް ދަސްކޮށްދެއްވާފައެވެ.
މުދަލާ މެދު އެކަލޭގެފާނު ހަދީސްކުރައްވަނީ
ހެޔޮލަފާ މީހަކަށް ލިބޭ ހަލާލު މުދަލަކީ
މަތިވެރި ނިއުމަތެއް ކަމުގަ އެވެ. އަދި މި ނިއުމަތް ހެޔޮ ގޮތުގައި ހިފުމަށްޓަކައި އިސްލާމީ ޝަރީއަތުގައިވާ
ހުކުމްތަކުގެ ތެރޭގައި މުދާ ހޯދުން ހުއްދަ
މަގުތަކަކާއި ހަރާމް މަގުތަކެއް ވަނީ ކަނޑައަޅުއްވާފަ އެވެ. އެއަށް ފަހު މުދަލުން ބޭނުން ހިފުމުގައި ވެސް ހުއްދަ ކަންތައްތަކަކާއި ހުއްދަ ނޫން ކަންތައްތަކެއް ވަނީ
ކަނޑައަޅުއްވާފަ އެވެ.
އިސްލާމް ދީނުގެ މައިގަނޑު ފަސް ރުކުނުގެ ތެރެއިން
އެއް ރުކުނަކީ މުދަލުގެ ނިއުމަތް ލިބޭ މީހުން
އަތުން ވަކި މިންވަރަކަށް ނަގައި ނުލިބޭ މީހުންނާއި އެނޫންވެސް އެ ހައްގުވާ ވަކި ބަޔަކަށް ދޭން ރޭވިފައިވާ
އަޅުކަމެކެވެ. އާދެ، ޒަކާތެވެ.
އަނެއްކޮޅުން އިސްލާމް ދީނުގައިވާ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ދެ ފާފަ އަކީ ބާތިލު ގޮތުގައި މުދާ ހޯދުމާ
ގުޅުންހުރި ދެފާފަ އެވެ. އެއީ ރިބާ އާއި
ޔަތީމުންގެ މުދާ ކެއުމެވެ.
އަލް އިސްރާއު ސޫރަތުގައިވާ ވަސިއްޔަތްތަކުގެ
ތެރެއިން މުދަލާ ގުޅުން ހުރި ގިނަ
ވަސިއްޔަތްތަކެއްވެ އެވެ. މިގޮތުން ގާތްތިމާގެ މީހުންނާއި މިސްކީނުންނާއި ދަތުރުމަތީ ހާލުގައި ޖެހިފައިވާ މީހުންނަށް
އެމީހުންގެ ހައްގު އަދާ ކުރުމަށް އަންގަވަ
އެވެ. އަދި އިސްރާފު ނުކުރުމަށް އަންގަވަ އެވެ. މުށް ބާރުކުރުމެއް އަދި އެކީއެކަށް ހުޅުވާލުމެއް ނެތި މެދުމިނުގައި ހަރަދުތައް ބެހެއްޓުމަށް އިރުޝާދު ދެއެވެ. ޔަތީމުންގެ
މުދަލަށް އަރައިނުގަތުމަށް އަންގަވަ އެވެ.
އެއްޗެއް ކިރާނަމަ ނުވަތަ މިނާ ނަމަ ތިލަފަތް ހަމަ
ކުރުމަށް އަމުރު ކުރައްވަ އެވެ.
ކީރިތި ޤުރުއާނުގައިވާ އެންމެ ދިގު
އާޔަތްކަމުގައިވާ އަލްބަޤަރާ ސޫރަތުގެ 282 ވަނަ އާޔަތަކީ މުދަލުގެ މުއާމަލާތުތަކުގެ ތެރެއިން
ދަރަންޏާ ގުޅޭ ހުކުމްތަކެއް ބަޔާންކުރާ
އާޔަތެކެވެ. އަލްބަޤަރާ ސޫރަތުގެ ފަހުކޮޅުގެ އާޔަތްތަކުގައި މުދާ ހޯދުމާއި އިންވެސްޓުކުރުމާއި
ރޯލުކުރުމާއި ހޭދަކުރުމުގައި މުސްލިމުން
ތަބާވާންޖެހޭ ކަންކަމަށް އިޝާރާތް ކުރައްވާފައި ވެ އެވެ.
މީގެ އިތުރުން ރިބާ ކާ މީހުންނަށް ވަރަށް ވަރުގަދަ
އިންޒާރުތަކެއް ދެއްވާފައިވެ އެވެ. އިސްލާމީ
ފިގުހަށް ބަލާއިރު މުދަލުގެ މުއާމަލާތާ ގުޅުން ހުރި ވަރަށް ގިނަ ހުކުމްތަކެއް ވާކަން ފާހަގަކުރެވޭނެ
އެވެ. މި ހުކުމްތަކުގެ ބޭނުމަކީ
އަދުލުވެރިކަމާ އެކު ދެފުށް ފެންނަ ގޮތުގައި މުއާމަލާތުތައް ކުރުމެވެ. ހަމައެއާ އެކު އަނިޔާއާއި
އޮޅުވާލުމާއި މަކަރުހެދުން ފަދަ ނުބައި
ސިފަތަކުން މުއާމަލާތުތައް ދުރުހެލި ކުރުމެވެ.
މި އިޝާރާތްކުރި ދެ ކަންތަކުގެ އިތުރުން ވެސް
މާއްދިއްޔަތު އިހުމާލު ނުކުރުމަށް އިސްލާމް
ދީނުގައި ބާރުއަޅާކަން ހާމަވާ އެހެން ބައެއް ކަންކަން ވެސްވެ އެވެ. އެ ކަންކަމަށް އެހެން ލިޔުމެއްގައި
އަލިއަޅުވާލެވޭތޯ ބަލާނަމެވެ.
Comments