Skip to main content

އޮޕަރޭޝަން ލިބަޓީ ޝީލްޑް

ކުރީ ދުވަހުގެ ބަޔާގުޅޭ......

ރުޅިއައިސްފައިވާ އެސްއޯ ފުލުހުން ގަދަބާރުން އެމްޑީޕީ ހަރުގެއަށް ވަދެ ހަރުކަށިކަން ދެއްކުމަށްފަހު އެތަނުން ނިކުން އިރު، ހަރުގެ ހީވަނީ ހަނގުރާމައެއްގައި ސުންނާފަތިވެފައިވާ ތަނެއްހެންނެވެ. އެމްޑީޕީގެ އެކްޓިވިސްޓުންގެ ހަމަލާތައް ދިޔައީ ވީޓީވީ އަށެވެ. އެތަނުގައި ރޯކޮށް ގެއްލުން ދިނެވެ.

ނަމަވެސް އާއްމުންގެ ސަމާލުކަން ހުއްޓުނީ އެހެން ތަނަކަށެވެ. މާލޭގެ ޖުމުހޫރީ މައިދާނަށެވެ. އެމްޑީޕީގެ އެކްޓިވިސްޓުންނަށާއި އެމްޑީޕީގެ ހަރުގެއަށް ދިމާކުރުމަށްފަހު އެސްއޯގެ ފައުޖުތައް ޖުމުހޫރީ މައިދާނުގެ މެދުގައި އިށީނދެ ތިބި މަންޒަރަށެވެ. ރައްޔިތުން އިންތިހާބުކޮށްފައިވާ ސަރުކާރާ ދެކޮޅަށް  ފުލުހުންގެ ހުވަޔާ ޚިލާފަށް، ފުލުހުންތަކެއް ތެދުވި މަންޒަރު ބަލާށެވެ.


މިމަންޒަރު ބަލަން އަޅުގަނޑު އިނީ ޓީވީ ކައިރީގައެވެ. ޗެނަލް ވީޓީވީ އަށް ޓިއުން ކޮށްގެނެވެ. އެމްޑީޕީގ އެކްޓިވިސްޓުންނާއި ސަރުކާރާ ދެކޮޅު މީހުންގެ މެދުގައި އުފެއްދި ހަމަނުޖެހުން ތަޅާ ފޮޅުމަކަށް ދޫކޮށްލާފައި ، ގައުމުގެ އެންމެ މަތީ ވެރިޔާ އިން ފެށިގެން ފުލުހުންނާއި ސިފައިންގެ އެންމެ މަތީ ވެރިން އަމަލުކުރިގޮތް ބަލަން އަޅުގަނޑަކަށް ކެތެއް ނުކުރެވުނެވެ. އެހެންވެ ޓީވީ ނިވާލާފައި ނިދީ އެވެ.

ފުލުހުންގޮސް އިޖުތިހާދަށް އިށީނުމާއެކު އެމީހުންނަކީ ބާޣީން ކަމަށް ބުނީ އެމީހުންނަސް އަމުރުކުރަން ތިބި ފުލުހުންގެ އިސްވެރިންނެވެ. އެމްޑީޕީގެ އެކްޓިވިސްޓުންނެއް ނޫނެވެ. އެގޮތަށް އިޖުތިހާދު ކުރުމަކީ ބާޣާވާތެއް ކަމަށާއި ބަޣާވާތުގައި ބައިވެރިވި އެންމެން ޖުމުހޫރީ މައިދާނުން ނެރުމަށް އޮޕްރޭޝަން ލިބަޓީ ޝީލްޑަށް އޯޑަރ އައެވެ.

މިއޯޑަރާއެކު ސިފައިންގެ ޙާއްޞަ ޓީމް އިސްލާމީ މަރުކަޒުގެ ގޯޅިގަނޑާއި ސިފައިންގެ ކަންމަތީގައި ރުކުރުވާލި އެވެ. ޑިޕިއުޓީ ކޮމިޝަނަރ އޮފ ޕޮލިސް އަޠީފް ބުނާބަޔަކު ހައްޔަރު ކުރުމުގެ އަމުރު އައެވެ. ޕޮލިސް ޑެޕިއުޓީ ކޮމިޝަނަރުން ތިއްބެވީ ހާސްވެ ނިއްކުރިއަށް ރޫ ގިނަވެފައެވެ. ފުލުހުންގެ ލީޑަރ ޝިޕްގެ މައްސަލައެއް ހައްލުކުރުމަށް ސިފައިން ވަދެ، ފުލުހުން ހައްޔަރުކުރަން އުޅެފިނަމަ ނިކުންނާނެ ނަތީޖާ ގައުމުގެ ވެރިންނަށް ނުވިސްނުނަސް ބައެއް ސިފައިންގެ އޮފިސަރުންނަށް ވިސްނެއެވެ. އެއިރު އަޠީފް އާއި ޑެޕއިޓީ ކޮމިޝަނަރު މުނީރު ގެންދެވީ އެސްއޯފުލުހުންގެ ކޮމާންޑަރުންގެ ވަކިކޮށް ހުނިޖައްސަވަމުންނެވެ. ކަންތައް އޭގެ ނުބައި މަގަށް ބީއްސާލީ މިހިސާބުންނެވެ.

ފުލުހުންގެ ބަޔަކު ،ފުލުހުންގެ ވެރިންގެ އަމުރަށް ނުކިޔަމަންތެރިވެ، އެމްޑީޕީގެ ބަޔަކާ ދިމާކޮށް ، އެމްޑީޕީގެ ހަރުގެ ފުނޑާލުމަށްފަހު ޖުމުހޫރީ މައިދާނުގައި ދެފައި ވަށްކޮށްލުމާއެކު، ރާއްޖޭގެ ތާރީޚްގައި އޭގެ ކުރީން ދުވަހަކުވެސް ނުދެކޭވަރުގެ ހާސްކަމާއި ކަންބޮޑުވުން ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މެދުގައި އުފެދުނެވެ. ފުލުހުންގެ ބަޔަކު ހައްޔަރުކުރަން ސިފައިން ނުކުމެއްޖެ ކަމުގެ ޚަބަރު ޖަންގަލީގައި އަލިފާން ރޯވާ ފަދައިން މުޅި ރާއްޖޭގެގައި ފެތުރިއްޖެ އެވެ. މިޚަބަރު އެކިގޮތްގޮތަށް އެކިތަންތަނުގައި ތިބި ފުލުހުންނަށް އިވިއްޖެއެވެ. ދެންފެނުނީ އެތކިތަންތަނުގައި އެކިރަށްރަށުގައި ތިބި ފުލުން ، ހިކި ދަރުގަނޑަކުން ހިނި ނިކުމެގެން އަންނަ ބީދައިން ، ޖުމުހޫރީ މައިދާނަށް އަންނަތަނެވެ. މިމައިޒާނަށް ޖަމާވާތަނެވެ. އެއިރު ސިފައިން ވަނީ ޖުމުހޫރީ މައިދާން ބަންދުކޮށްފައެވެ. އެތަނުން އާމުން ދުރަށް ޖައްސާފައެވެ. މަގުތައް ބަންދުކޮށްފައެވެ.(ނުނިމޭ )

Comments