Skip to main content

ބަޣާވާތްކުރުމަކީ ކޮބާ؟

ބަޣާވާތްކުރުމަކީ ކޮބާ؟
ބަހުގެ ގޮތުން ބަލާއިރު ބަޣާވާތް ކުރުމަކީ އަނިޔާވެރިވުމެވެ. އެހެންކަމުން އެމީހަކު އުޅުމަށް ކަނޑައެޅިފައިވާ ޙައްދު ނުވަތަ މިންގަނޑު ފަހަނައަޅާދާ ކޮންމެ މީހަކީ ބާޣީއެކެވެ.
ޝަރުއީ އިޞްޠިލާޙުގައި ބަޣާވާތްކުރުމަކީ މުސްލިމު ވެރިޔަކާ ދެކޮޅަށް ނުކިޔަމަންތެރިކަމާއެކު ނުކުތުމެވެ.
ބަޣާވާތްކުރުމުގެ ޙުކުމް
ބަޣާވާތްކުރުމަކީ އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާކަމެކެވެ.


ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ކައިވަތެއްގެ މިންވަރުނަމަވެސް ޖަމާޢަތުން ބޭރުވެއްޖެ މީހާއީ އިސްލާމްދީނުގެ ގޮށް (ޢަހުދު އުވާލާ) އޭނާގެ ކަރުން ނަގައި އެއްލައިލައިފި މީހެކެވެ. "

މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރެއްވިއެވެ. مَنْ أَطَاعَنِي فَقَدْ أَطَاعَ اللَّهَ وَمَنْ عَصَانِي فَقَدْ عَصَى اللَّهَ وَمَنْ يُطِعْ الْأَمِيرَ فَقَدْ أَطَاعَنِي وَمَنْ يَعْصِ الْأَمِيرَ فَقَدْ عَصَانِي وَإِنَّمَا الْإِمَامُ جُنَّةٌ يُقَاتَلُ مِنْ وَرَائِهِ وَيُتَّقَى بِهِ فَإِنْ أَمَرَ بِتَقْوَى اللَّهِ وَعَدَلَ فَإِنَّ لَهُ بِذَلِكَ أَجْرًا وَإِنْ قَالَ بِغَيْرِهِ فَإِنَّ عَلَيْهِ مِنْهُ (ރިވާކުރެއްވީ އިމާމު އަޙްމަދާއި ބުޚާރީއާއި މުސްލިމާއި ނަސާއީއާއި އިބްނު މާޖާއެވެ.) މާނައީ: ތިމަން ކަލޭގެފާނަށް ކިޔަމަންގެންފި މީހާ ﷲ އަށް ކިޔަމަންތެރި ވެއްޖެއެވެ. އަދި ތިމަން ކަލޭގެފާނަށް އުރެދިއްޖެ މީހާ ﷲ އަށް އުރެދިއްޖެއެވެ. ވެރިޔާއަށް ކިޔަމަންގެންފި މީހާ ތިމަން ކަލޭގެފާނަށް ކިޔަމަންތެރި ވެއްޖެއެވެ. އަދި ވެރިޔާއަށް އުރެދިއްމެ މީހާއީ ތިމަން ކަލޭގެފާނަށް އުރެދިއްޖެ މީހެކެވެ. ދަންނާށެވެ! ވެރިޔާއަކީ ދުޝްމަނުންގެ ކިބައިން ރައްޔިތުން ސަލާމަތްވާނެ ނިވާފަތްގަނޑެކެވެ. ޤައުމަށްޓަކައި ހަނގުރާމަ ކުރެވޭނީ އޭނާގެ ފަހަތުގައި ތިބެގެންނެވެ. އެހެންކަމުން އޭނާއާމެދު ރައްކައުތެރިވާންޖެހެއެވެ. ﷲ އަށް ބިރުވެރިވުމަށް އޭނާ އަންގައި ޢަދުލުވެރިވާނަމަ އެކަމުން އޭނާއަށް އަޖުރު ހުއްޓެވެ. އަދި އެނޫން ގޮތަކަށް އޭނާ ޢަމަލުކުރާނަމަ އޭގެ ސަޒާހުރީވެސް ހަމަ އޭނާއަށެވެ. 
ބާޣީންނާއި ދެކޮޅަށް ހަނގުރާމަކުރުން
ބާޣީންނާއި ދެކޮޅަށް ހަނގުރާމަކުރުމަކީވެސް އިސްލާމީ މުޖްތަމަޢު ފިތުނައިން ސަލާމަތް ކުރުމަށްޓަކައި ހުއްދަ ކުރައްވާފައިވާ ކަމެކެވެ. ބާޣީންނާއި ހަނގުރާމަކުރުން ވެރިޔަކަށް ހުއްދަވެގެންވަނީ ޝަރުޠުތަކަކާއި ލައިގެންނެވެ. އެއީ:
1.     ހަތިޔާރާއިއެކު ވެރިޔަކާދެކޮޅަށް ނުކުތުން
2.     އެބައިމީހުންނަށް ލިބިފައިވާ ބާރުގެ ސަބަބުން ސަރުކާރަށް ނުކިޔަމަންތެރިވުން
3.     ދިރާސާކޮށް އިޖްތިހާދުކުރުމުގެ ދާއިރާއޮތް ކަމެއްގައިކޮށްފައިވާ ތައުވީލެއްގެ މައްޗަށް އިޢްތިމާދުކޮށް ބަޣާވާތްކުރުން
4.     ބަޣާވާތް ކުރާމީހުން ތަބަޢަވާ ވެރިޔަކު އެމީހުންގެ ތެރޭގައި ހުރުން.

އިމާމުގެ މައްޗަށް ބާޣީންނާއި ހަނގުރާމަކުރުން ވާޖިބުކަމުގައިވިޔަސް އެބައިމީހުންނަކީ ކާފިރުންކަމުގައި ނުވަތަ ފާސިޤުން ކަމުގައި ކަނޑަނޭޅޭނެއެވެ. އެއީ އެބައިމީހުން އިޢުތިމާދުކުރި ތައުވީލަކީ ނުވަތަ ދެއްކި ޙުއްޖަތަކީ ޝަރުޢީގޮތުން އެބައިމީހުންގެ ޢުޒުރު ޤަބޫލުކުރާފަދަ އެއްޗަކަށް ވެގެން ދާތީއެވެ.

ބާޣީންނާ ކުރާ ހަނގުރާމައާއި އެހެނިހެން ހަނގުރާމައިގެ ތަފާތު
ބާޣީންނަކީ ފާސިޤުންނެއްނޫނެވެ. އަދި އެބައިމީހުންނަކީ ކާފިރުންނެއްވެސް ނޫނެވެ. އެހެންކަމުން އެބައިމީހުންނާކުރާ ހަނގުރާމަތަކާއި ، އުންމަތުގެ ދުޝްމިނުންނާ ކުރާ ހަނގުރާމަތަކާއިވެސް ތަފާތުވެގެންވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ތަފާތުތަކަކީ
1.
ހަނގުރާމަކުރުމުގެ ކުރީގައި ވާހަކަ ދައްކައިގެން މައްސަލަ ޙައްލުކުރުން
2.
ބާޣީންނާ ކުރެވޭ ހަނގުރާމައިގައި ހައްޔަރުކުރެވޭ އަސީރުން މެރުން ހުއްދަވެގެން ނުވުން
3.
ބާޣީންނާ ހަނގުރާމަ ކުރަން ޖެހިގެން ހަނގުރާމަ ކުރާއިރު ހަމައެކަނި ހަނގުރާމައިގައި ކުރިމަތިލާ މީހުންނާ ހަނގުރާމަ ކުރުމަށާއި، ބާޣީންގެ ތެރެއިން ފިލަންދުވާ މީހުންގެ ފަހަތުން ހަނގުރާމަ ކުރަމުން ނުދިޔުމާއި، އަދި ޒަޚަމްވެފައިވާ މީހުން ނުމެރުމަށް އަމުރުކުރައްވާފައިވުން.
4.
ޣަނީމާގެ ގޮތުގައި އެބައިމީހުންގެ އެއްވެސް މުދަލެއް މިލްކުނުވުން
5.
ހަނގުރާމައިގެ ތެރޭގައި ހައްޔަރު ކުރެވޭ މީހުން ޤަޠުލުކުރުން ނަހީވެގެންވުން

މައުލޫމާތު: ގްރޭޑް 12 ގެ އިސްލާމް ފޮތުން

Comments