ގަސްކަރަ ފެހި، ފަސްގަނޑު ކަޅު އަދި ފެންމީރު
ފުރަމާލޭގެ ފެނުން އިރު ތޮޅިލިއިރު،
އަނދެގެން ހުރި މުންޑުން ބަޑިތަޅުވަމުން ގޭގެ ފުޅައްޔާ ދިމާލަށް އަލިހޮއްކޮ ހަރުކޮށް ހިނގާފައި އަ އެވެ.
ލަސްވެއްޖެއްޔާ ދެން އެ ދުވަހު ނުފެންނާނެ
ނަޔާ ޗާލު ޔާގޫތު ދުށުމަށެވެ. އިރުގެ ރަން އަލިން ބިމުގައި ދޫލަ ފެތުރުމުގެ ކުރިން، ކުނިކޮޅު ގޮނޑަށް
އުކާލާފައި ގެ އަށް އަންނަން ސިއްތި
ބޭނުންވެ އެވެ. މަންމަ ބުނެފައި އޮންނަ ގޮތަކީ އެއީ އެވެ. ވީމާ އަނދެގެން ހުންނަ ފޭއްޔަށް ނުކުޅަދާނަ ވާހާ ދުރުގައި
ފައި އަޅަމުން، ހަލުވިކަމާ އެކުގައި ސިއްތި ހިނގި
އެވެ. އަލިހޮއްކޮ އިންތިޒާރުކުރާ ދަނޑިވަޅަކީ
އެއީ އެވެ. އަލިހޮއްކޮގެ ގެ ހުރަސްކޮށްފައި ސިއްތި ދާ ވަގުތެވެ. ސިއްރުން ބަލާލުން ފިޔަވައި އިތުރު އެއްވެސް
ކަމެއް ކުރާކަށް އަލިހޮއްކޮއަކަށް ނުކެރެ އެވެ.
ސިއްތި ނުވެސް ދެނަހުއްޓެވެ.
ހެދިހުރި ހަށިގަނޑު ޒުވާން، އުމުރުން ސަތާރަ އަހަރުގެ އަލިހޮއްކޮގެ ލޮލުގައި، ސިއްތި އަޅައިގަތީ، އަލިހޮއްކޮގެ އުމުރުން އެންމެ އެގާރަ އަހަރުގަ އެވެ. އަލިހޮއްކޮގެ މަންމަ ދިން އޮޑިހަނެއް ހިފައިގެން ސިއްތިގެ ގެ އަށް ދިޔަ ދިޔުމެއްގަ އެވެ. އެ ގެ އަކީ، ރަށުގެ އެހެން ގެތަކާ ތަފާތު ގޮތަކަށް ފަރުމާކޮށްފައިވާ، ބޮޑު ގެއެކެވެ. ގޭގައި ހުރި ބިޔަ ދޮރުތަކާއި، ބޮޑެތި ތަނބުތައް ފެނިފައި އަލިހޮއްކޮގެ ތަލިން ކުޅު ހިކުނެވެ. އެ ދުވަހު އެ ގެ އަށް ދިޔަ ދިޔުމުގައި، އަންހެނުންތަކަކާ އެކުގައި ސިއްތި ވެސް، އެ ގޭގައި ހުރި ގާފޮޅެއް މަތީގައި ހުއްޓިލައިގެން ހުއްޓައި އަލިހޮއްކޮ ދުށްޓެވެ. އަދި އެ ދުވަހު ސިއްތި ކުއްލިއަކަށް އަލިހޮއްކޮ އަށް ފުރަގަސްދިނުމުގައި، ފުން މާނައެއް އޮތްހެން އަލިހޮއްކޮ އަށް އޮތީ ހީވެފަ އެވެ.
ސިއްތިގެ ބުރުސޫރަރިވެތި މޫނާއި، ކުލަފަތިކަން
ވެފައިވަނީ، ސިއްތިގެ މަންމަ ދަލޭކަ ނިދިން
މަޙްރޫމު ކުރުވި ކަމަކަށެވެ. ސިއްތިގެ އުމުރަށް އިތުރުވި ކޮންމެ އަހަރަކާ އެކު، ޝާއްބަކަމަށް އިތުރު
ފުރިހަމަކަމެއް އައި ސިއްތިއާ އިންނަން
މީހުން ތެޅިފޮޅެނީ އެވެ. ދަލޭކަ ކިތަންމެ ބޮޑު ބޮކުސާއަކަށް ސިއްތި ލައިގެން ބަނދެގެން ހުއްޓަސް،
ހަނދުވަރުކުރަފިތަކަށް އެކަން ސިއްރެއް
ނުކުރެވުނެވެ. ހަނދެއް ފަދަ ސިއްތީގެ ހަނދުވަރު ދުށުމަށްޓަކައި، ގިނަ އަދަދެއްގެ ލާނެތް ޒުވާނުން
ބިސްމަޅިދުއްވައިގެން ތިބެއެވެ. އެންބޭރުން
މަތިއަނގޮޅި އަށް، އަދި ގަލުއޮޅިން ފަންނާ ހަމަ އަށް ވެސް، ސިއްތިގެ ޖާދޫ އޮތީ ފެތުރިފަ އެވެ. ވަގުތު
ކުޑަތަންވަމުން އަންނަ ކަމާއި، ކަށިން
މަދުނަގައިގެން ނޫނީ ސިއްތިގެ ހިތް ފަތަހަ ނުކުރެވޭނެކަން، އަލިހޮއްކޮ އަށް ގައިމުވި އެވެ.
ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ވަރުގެކޮޅަށް
ނަލަހެދިގެން، ވަރުގަދަ އުންމީދަކާ އެކުގައި
އަލިހޮއްކޮ ގެއިން ނުކުތެވެ. ސިއްތި ދެކެ ލޯބިވާ ވާހަކަ ބުނުމަށްޓަކަ އެވެ. ގަސްތަކުގެ ސަބަބުން މަތި
ބެދިފައިވާ މަގުގެ ތެތްކަމާއި،
ހިތުވިންދު އަވަސްވެފައި ހުރުމުން، އަލިހޮއްކޮގެ އަތްފައި ހުރީ ފިނިވެފަ އެވެ. ނަސީބު ރަނގަޅުކަމުން، އުވަދޮންބެ
އަންނަތަން އަލިހޮއްކޮ އަށް ފެނުނެވެ.
އަލިހޮއްކޮގެ ނަޒަރު ހުރީ، އުވަދޮންބެގެ ބޯމަތީގައި ބަހައްޓާފައި ހުރި ފޮށިގަނޑަށެވެ. އަލިހޮއްކޮ ހުއްޓިފައި
އަންބޮނޑި ހާވަން ފެށުމުން، ވާން މި އުޅޭ ގޮތް
އުވަދޮންބެ އަށް ރޭކާލި އެވެ. ވުމާއެކު، އަލިހޮއްކޮ ކައިރި އަށް ހުއްޓިފައި، ބޯމަތިން ފޮށިގަނޑު ބޭލި އެވެ.
"ކިހާވަރެއް؟" އަލިހޮއްކޮ އެހި އެވެ.
"ހަމަ އެންމެ ފަންސަވީސް ލާރި އަށް ބައިލާހި،"
އުވަދޮންބެ ބުންޏެވެ.
އަލިހޮއްކޮ ފަންސަވީސް ލާރި ދިނުމުން، ރޯބަކަރި
ކިރު ފުޅިއެއް އުވަދޮންބެ ދިނެވެ. އެ ފޮށިގަނޑުގައި ގިނައީ ހުސް ފުޅި އެވެ.
"އައްދެއްޔޭ! އެންމެ ފުޅިއެއް މި އޮތީ ވެސް ދޯ؟"
އަލިހޮއްކޮ އެހި އެވެ. "ހާދަހާވާ ތަދު ދުވަހެކޭ."
"އާނ!" އުވަދޮންބެ ފުން ނޭވައެއް ބޭރުކޮށްލަމުން
ބުންޏެވެ. "މިއަދު ދަލޭކަ ހުރީ
އަތްއަނބުރާލާފަ. ހީވަނީ އެ ގޭގަ ބޮޑުކަމެއް އޮތް ދުވަހެއްހެން."
"އެއީ ކޮން ކަމެއްބާ؟" އަލިހޮއްކޮ އެހި އެވެ.
"އުވަދޮންބެއަކަށް ތިއެއް ނޭނގެ،" ހިނގައިގަންނަމުން
ދޮންބެ ބުންޏެވެ. "ހުސް ފުޅި ގެ އަށް ލައިދޭތި."
"އާނ! އެހެންވިއްޔާ މަޑުކުރޭ!" ފުޅީގައި ތުންޖަހަމުން
އަލިހޮއްކޮ ބުންޏެވެ.
ތުންޖެހިގޮތަށް ފުޅި ހުސްކޮށްލުމަށް ފަހު ހުސް ފުޅި
ދޮންބެ އަށް ދިނެވެ. އެ އަށް ފަހު،
ބޭނުންވި މިސްރާބަށް ދަތުރު ފެށި އެވެ. އާ ހިތްވަރަކާ ފޯރިއަކާ އެކުގަ އެވެ. އެ ގެއާ ހަމަ އަށް ދެވުނުއިރު،
އިރުއޮއްސިއްޖެ އެވެ. އަލިހޮއްކޮ
ސިއްރުސިއްރުން ގެ އަށް ވަނެވެ. މުޅި ގެ އަށް ފެތުރިފައިވަނީ، އާދަޔާ ޚިލާފު މީރު ވަހެކެވެ. އަލިހޮއްކޮ ލަފާކުރި
ގޮތުގައި، އެއީ ހުވަނދުމަލާއި ކަނީރުމަލުގެ
ތެރެއަށް ޗަންޕާޕޫލުމާ އެކުވުމުން ދުވާ ކަހަލަ ވަހެކެވެ. އޭގެ އިތުރަށް، ލަންސިމުލާއި، މޫނިމަލާއި،
އުނިމަލުގެ ވަސް ވެސް، ބައެއް ފަހަރު
އަލިހޮއްކޮ އަށް އިހުސާސްކުރެވުނެވެ. އެ ގެއާ ދޭތެރޭގައި އަލިހޮއްކޮ އަށް ވިސްނާލެވުނީ އެ ވަގުތު އެވެ.
ހައިވަކަރާއި، ބުރުދާ ވަކަރުގެ ބެރިތަކުން،
ކޮންމެވެސް ސިއްރެއް ކިޔައިދޭން އުޅޭ ކަހަލަ އެވެ. ސައްކެޔޮ ލަކުޑިން ހަދާފައިވާ ދޮރުފަތްތަކާއި،
އަލަމާރިތަކުގައި ލާފައިވާ ވަރުނީހުން،
ދަޅަގަދަ އޮފެއް އަރަމުންދިޔަ އެވެ. ހީވަނީ، ކުޑަ އިރުކޮޅެއް ކުރިން ގެ އަލުން ޒީނަތްތެރިކޮށްފައިވާހެންނެވެ. އެފަދަ
ކަމެއް އެ ގޭގައި ކުރާނީ ކާކު ބާއޭ އަލިހޮއްކޮ
ހިތަށްއެރި އެވެ. ފެށުނީއްސުރެ ވެސް އެ ގޭގައި ދިރިއުޅެނީ ދަލޭކަ އާއި ސިއްތި އެވެ. ގޭގެ މެދުގޭތެރޭގައި،
ހުރި ބޮޑު ހައިވަކަރު މޭޒުގެ ވަށައިގެން
ގޮނޑިޖަހާފައި ހުއްޓެވެ. މޭޒުމަތި އޮތީ ހުހަށެވެ. މީހެއްގެ ފިޔަވަޅުގެ އަޑަށް އަލިހޮއްކޮ ދޮރުފަތާ ނިވާވި އެވެ.
އެކަމަކު މީހަކު ނުފެނުނެވެ. ދޮރުގެ ނިވަލުން
ނުކުމެފައި ބަލައިލިއިރު ކަމަކުދާކަށް
ނެތެވެ. ކުރިން ހުހަށް ހުރި ބޮޑު މޭޒުގެ ސުފުރާމަތި އޮތީ ފުރިފަ އެވެ. އަލިހޮއްކޮއަކަށް ގަބޫލެއް ނުކުރެވުނެވެ.
އެންމެ ދެތިން މިނެޓު ތެރޭގައި އެހެނެއް ނުވާނެ
އެވެ.
"ދަރިފުޅާ؟" ދަލޭކަގެ އަޑު އިވުނެވެ.
"މި ނުކުންނަނީ." ސިއްތި ޖަވާބުދިން އަޑު އިވުނެވެ.
ސިއްތިގެ އަޑު އިވުނު ދިމާލަށް އަލިހޮއްކޮ ދިޔަ
އެވެ. އަދި ފެންނަން ހުރި ބާކޮޅަކުން
ކޮޓަރި އަށް ނަޒަރު ހިންގާލި އެވެ. ސިއްތި އިނީ އެނދުގައި އިށީނދެލައިގެންނެވެ. އެނދުމަތީގައި، ލާޖެހި ކުރަނޑި އާއި
ދަޅުތައް ހުއްޓެވެ. އޭގެ ތެރޭގައި، ރަން
އުޅާބަޔާއި، ރަން ތަކަހޮޅި އާއި ކަންފަތުލާ މުދިބަޔާއި އަދި ރަން ފައްޓަރުބައި ހުއްޓެވެ. ހަމަ
އެހެންމެ، ރަން ކެވެއްޔާއި، ތަނޑި ވެސް ހުއްޓެވެ.
ސިއްތި ލައިގެން ހުރީ ޕޫލްރަސަމް ނުވަތަ އަދާރަސަމް ފޮތީގެ ލިބާހެކެވެ. ފޭލީގައި، ރަނާއި ރިހިން ކަސަބުޖަހާފައިވެ އެވެ. ބޮލުގައި، ރަން ކިނާރީ އެޅި، މަޑު ނޫ ކުލައިގެ ތުނި
ބުރުގާއެއް އޮތެވެ. ކުރިން ސިއްތި އަކީ
ބުރުގާއަޅާ ކުއްޖެއް ނޫނެވެ.
"މަގޭ ޔާގޫތު!" މަޑުމަޑުން އަލިހޮއްކޮ އަށް ބުނެވުނެވެ.
ދިއްލާފައިވާ ބައްތީގެ އަލީގައި، ސިއްތިގެ މަޑު
ފިޔާތޮށި ކުލައިގެ މޫނު، ޔާގޫތެއް
ފަދައިން ވިދަމުންދިޔަ އެވެ. އެކަމަކު، ހިތުގައި އުތުރިއަރަމުންދިޔަ ސުވާލުތަކުގެ ސަބަބުން، އަލިހޮއްކޮގެ
ހިތް އަވަސް ވާން ފެށި އެވެ. ވާން އުޅެނީ
ކީއްހެއްޔެވެ؟ ގޭގައި ތައްޔާރުކުރެވިފައިވަނީ ކޮން ޖާފަތެއް ހެއްޔެވެ؟ ސިއްތި ޒީނަތްތެރިވަނީ ކީއްކުރަން
ހެއްޔެވެ؟ ކުއްލިއަކަށް، މުޅި ގޭތެރެ އަށް
އަލިގަނޑެއް އެރި އެވެ. ވަރަށް ވަރުގަދަ މީރު ވަހެއް ދުވި އެވެ. އެއާއެކު، ދަލޭކަ އައިސް، ސިއްތިގެ ކޮޓަރީގެ ދޮރުމައްޗަށް އެރި އެވެ. ސިއްތި ބަލައިލި އެވެ. އުންމީދުން
ފުރިގެންވާ ބެލުމަކުންނެވެ.
"އަތުވެއްޖެ!" ދަލޭކަ ހިނިތުންވެފައި ބުންޏެވެ.
ދަލޭކަ އެއް ފަރާތަކަށް ޖެހިލުމާ އެކު، ހުދު
ހެދުމެއްގައި ހުރި ބޮޑު މީހަކު ދޮރުމައްޗަށް
ހުއްޓުނެވެ. އެ މީހާގެ ގައިގައި ހުރި ގަދަ އަލިކަމެއްގެ ސަބަބުން، އެއީ ޖިންނިއެއްކަން އަލިހޮއްކަ އަށް ގައިމުވި އެވެ. އެ ޖިންނި ފެނުމުން، އުފަލުން ފޮޅިފައި ސިއްތި
ތެދުވި އެވެ. ޖިންނި އެތެރެ އަށް ވަނެވެ.
އެހެންނަމަވެސް، ފިޔަވަޅެއް ނާޅަ އެވެ. ހީވީ، ފުރޮޅުލާފައި ހުރި އެއްޗެއްގެ މަތީގައި ހުރެފައި، އެ އެތި
ދުއްވާފައި ވަތްހެނެވެ.
"ބައްޕާ!" ސިއްތި ބުންޏެވެ.
އެ ޖިންނި، އޯގާތެރިކަމާ އެކުގައި ސިއްތިގެ
ބޮލުގައި ފިރުމާލި އެވެ. އަދި ސީދާ
އަލިހޮއްކޮގެ ލޮލަށް ބަލައިލި އެވެ. އަލިހޮއްކޮގެ މޭގަނޑު އަތަށް ނައީ ކިރިޔާ އެވެ. އެހެންނަމަވެސް، އަލިހޮއްކޮއަކަށް އެ ޖިންނި
އެއްވެސް ގޯނާއެއް ނުކުރެ އެވެ.
"އިންސާނެއްގެ އަތުގައި ދަރިފުޅު ޖެހުނަ ނުދީ މަންމަ ނިކަން
ރަނގަޅަށް ބަލަހައްޓައިފި،" ޖިންނި
ހަމަޖެހިލާފައި ބުންޏެވެ. "ބައްޕަ ބުނެފަ އޮންނާނީ، ދަރިފުޅު ހަކާވެ، މީހަކާ ދެވަން މަންމަ
ބޭނުންވީމަ ބައްޕަ އަށް އަންގާށޭ. ދަރިފުޅަށް
އެންމެ އެކަށީގެންވާ މީހުން އުޅެނީ އަހަރުމެންގެ ތެރޭގަ."
އިސާހިތަކު ގޭތެރެ ފުރުނެވެ. ސިއްތިގެ ކައިވެނި
ޖިންނިއަކާ ކުރެވުނީ އަލިހޮއްކޮގެ
ލޯކުރިމަތީގަ އެވެ. އަލިހޮއްކޮ އަށް ސިއްތި ނުލިބުނު ނަމަވެސް، ސިއްތި ލިބުނު މަޚުލޫގަކީ، އިންސާނަކާ އެއްވެސް
ތަފާތެއް ނެތް، ކިތަންމެހާ ވެސް ރީތި، ހަރޮށި
ފިރިހެނެއްކަމުގައި އަލިހޮއްކޮ ގަބޫލުކުރި އެވެ. އޭގެ ކުރިން ވެސް އަދި ފަހުން ވެސް، އެ ފަދަ ހައިރާންކުރަނިވި ހާދިސާއެއް އަލިހޮއްކޮ ނުދެކެ އެވެ.
ކައިވެންޏަށް ފަހު ސިއްތި ގެއްލުނީ އެވެ. ސިއްތި
ގެއްލުނު ގޮތާ މެދު، ރަށުތެރޭގައި އެކި
ގޮތްގޮތަށް ވާހަކަދެކެވުނެވެ. އެންމެން ހައިރާންވި އެއް ކަމަކީ، ސިއްތިގެ މަންމަ ހަމަޖެހިފައި ހުރީމަ އެވެ.
ކިތަންމެ ބަޔަކަށް އަލިހޮއްކޮ އެ ވާހަކަ
ކިޔައިދިނެވެ. އެކަކު ވެސް ގަބޫލެއްނުކުރި އެވެ. މީހުން ބުނި ގޮތުގައި، ސިއްތިގެ ޖާދޫގައި ޖެހިފައި
އަލިހޮއްކޮގެ ހޭބުއްދި ފިލައިދިޔައީ އެވެ.
ސިއްތި ކުއްލިއަކަށް ގެއްލުމުން، އިތުރު ތިން މީހުން އެކި ކަހަލަ މޮޔަ ވާހަކަދައްކަމުން ރަށުތެރޭގައި ހިނގި
އެވެ.
"މަގޭ ޔާގޫތަކީ ޖިންނިއެއްގެ ދަރިއެއް!" އެކަނި
އިނދެގެން އަލިހޮއްކޮ ކިޔަ އެވެ. "މަގޭ ޔާގޫތު އިނީ ޖިންނިއަކާ!"
ނިމުނީ
Comments