Skip to main content

ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމަށް ސަރުކާރަށް ތާޢީދުކުރާ މެންބަރުން ގޮވައިލައްވައިފި


ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވުމަށް، މިހާރު ވެރިކަމުގައި ހުންނެވި މުޙައްމަދު ވަޙީދު ހަސަން މަނިކަށް ތާޢީދުކުރާ މަޖިލިސް މެންބަރުން އިއްޔެ 23/04/12 ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރަށް ގޮވައިލައްވައިފިއެވެ.


ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ގޮވާލުންތަކަށް އިޖާބަދިނުމަށް ސަރުކާރުން ދެކޮޅުހަދަމުންދާތީ އެކަން ކޮށްވެރިކޮށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިންނަވާ މަޖިލިސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ހުށަހެޅުއްވި ޤަރާރުގެ ބަޙުސްގައި ވާހަކަދައްކަވަމުން ދިވެހި ޤައުމީ ޕާޓީއަށް ނިސްބަތްވެވަޑައިންނަވާ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެފައިވަނީ “މިހާރަށް” ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވާންފެންނަކަމަށާއި، އެކަންކުރުމަކީ އެދޭކަމެއް ނޫންނަމަވެސް ޢަދުލްވެރިކަމާއެކު ވާހަކަދައްކާން ނުއެނގޭ ޖަމާޢަތަކާއެކު ބައިނަލްއަޤްވާމީ ގުޅުންތައް ބޭއްވުމަކީ އެއްވެސް ބޭނުމެއް އޮތްކަމެއްކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ.

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތާމެދުވެސް ނުހަނު ހަރުކަށިކޮށް ފާޑުވިދާޅުވަމުން ގެންދަވާ ރިޔާޒްވަނީ ދިވެހިރާއްޖޭގައި ފައްޅިއެޅުމަށް އިނގިރޭސި ރައްޔިތުން އެމްޑީޕީއަށް ފައިސާދީފައިވާކަމަށާއި، ދިވެހިރާއްޖެ އިނގިރޭސިންގެ އަތްދަށުން މިނިވަންވީކަމަށްޓަކައި، އިނގިރޭސިން ދިވެހިރާއްޖެދެކެ ނުހަނު ރުޅި އަންނަކަމަށް ދިޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މާޗްމަހުގެ ތެރޭގައި ވިދާޅުވެފައެވެ.

އަދި 05 އަހަރުވެގެން ދިޔައިރުގައިވެސް، ހިންގަވާ ނުއުޅުއްވޭވަރު ވުމުންވެސް، ރާނީ އެލިޒަބަތު އެއިންނެވީ ތަޚުތުގައިކަމަށާއި، އެކަމަނާއަށް ބޮޑު ވަޒީރުކަމުގައި ހުންނަވާ ބޭފުޅަކު މަޤާމުން ވަކިކުރުމުގެވެސް ބާރު ލިބިގެންވާއިރު، އެގޮތަށް ހަމަޖެހިފައި އޮތުމުގައި އޮތީ ކޮން އިންސާފެއް، ޑެމޮކްރަސީއެއްތޯ އެޕްރޮގްރާމްގައި ރިޔާޒްވަނީ ސުވާލުއުފައްދަވާ ނުރުހުން ފައުޅުކުރައްވާފައެވެ.

ކޮމަންވެލްތުގެ ރަމްޒީ ވެރިޔަކީ އިނގިރޭސި ރާނީ އެލިޒަބަތެވެ.

 ބަހުސްގައި ވާހަކަދައްކަވަމުން ޢަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިންނަވާ މެންބަރު އިބްރާހިމް މުއްތަލިބް ވިދާޅުވެފައވަނީ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ވާހަކަދައްކާއިރު، ޤައުމު ޤައުމުގެ ޤާނޫނު އަސާސީއަށާއި، އިސްލާމީ އުސޫލުތަކަށްވެސް ރިޢާޔަތްކޮށް، އިޙްތިރާމް ބަހައްޓަންޖެހޭނެކަމަށާއި، ސީމެގްއަކި ދިވެހިރާއްޖޭގައި އިސްލާމް ދީން ނައްތާލުމަށް ބޭނުންކުރެވޭ ހަތިޔާރަކަށް ހެދިޔަދީގެންނުވާނެކަމަށެވެ. އަދި އދއާއި އެމެރިކާފަދަ ބައިނަލްއަޤްވާމީ ދަނޑުގައި ނަންވިދާ ފަރާތްތަކުންވެސް އަދުގެ ސަރުކާރު ޤަބޫލުކޮށްފައިވާކަން ފާހަގަކޮށް، އަވަސް އިންތިޚާބެއް ބޭއްވުމަށް ދިވެހިރާއްޖޭގެ މައްޗަށް ޑިމާންޑުކުރުމުގެ ހައްޤު ސީމެގްއަށް ލިބިގެންވާކަމަށް ޤަބޫލުނުކުރައްވާކަމަށްވެސް މުއްތަލިބް ވިދާޅުވިއެވެ.

ޤައުމަށް އެންމެ މަސްލަހަތު ހުރިގޮތަކީ ކޮމަންވެލްތުން ވަކިވުންކަމަށް ޑރ. ވަޙީދަށް ފެނިވަޑައިގެންފިނަމަ، އެކަމަށް ފުރިހަމައަށް ތާޢީދުކުރައްވާކަމަށާއި، ކޮމަންވެލްތުން ކޮށްދެނީ ކޮންކޮން ކަންތައްތަކެއްތޯވެސް ވިސްނާންޖެހޭކަމަށް އިބްރާހިމް މުއްތަލިބް އިތުރަށް ވިދާޅުވިއެވެ.

ރައީސް މައުމޫން ފަހުން އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑީވްސް (ޕީޕީއެމް)ގެ ޕާލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އިލްހާމް މުޙައްމަދު ވިދާޅުވެފައިވަނީ މިހާރު މިއޮތް ޤާނޫނު އަސާސީގެ ދަށުން އަވަސް އިންތިޚާބެއް ބޭއްވޭނެގޮތެއް ނޯންނާނެކަމަށާއި، މިހާރުން މިހާރަށް ކޮމަންވެލްތުން ދިވެހިރާއްޖެ ވަކިވުމަށް ކުރާންޖެހޭ އެންމެހައި ކަމެއް ކުރުމަށް ޑރ. ވަޙީދަށް ގޮވައިލައްވާކަމަށެވެ. އަދި އެކަމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް ކަމަށާއި، ކޮމަންވެލްތުންނާއި، އެހެނިހެން ޤައުމުތަކުންވެސް އަވަސް އިންތިޚާބަށް ގޮވައިލަމުންދާ ދިއުމަށް އިޖާބަދީގެންނުވާނެކަމަށް ވިދާޅުވެ، އަވަސް އިންތިޚާބެއް ބޭއްވުމަށް އަދުގެ ސަރުކާރުން އެއްބަސްވެއްޖެނަމަ ޕީޕީއެމްއިން އަދުގެ ސަރުކާރަށް ކުރާ ތާޢީދު އަނބުރާ ގެންދާނެކަމަށްވެސް އިލްހާމް އިންޒާރުކުރެއްވިއެވެ.

ކަންމިހެން ހުރިއިރު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވިދާޅުވެފައިވަނީ 2102ގެ ތެރޭގައި އަވަސް އިންތިޚާބެއް ބާއްވައި، ސީމެގްގެ ގޮވާލުންތަކަށް ދިވެހި ސަރުކާރުން އިޖާބަދޭންޖެހޭނެކަމަށެވެ.
އެގޮތުން ދާދިފަހުން އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ އަންހެން ޕާލިމެންޓޭރިއަނުންނާބެހޭ ކޮމިޓީގެ މެންބަރުކަމަށް ހޮވިވަޑައިގެންނެވި، އެމްޑީޕީއަށް ނިސްބަތްވެވަޑައިންނަވާ މަޖިލިސް މެންބަރު އީވާ ޢަބްދުﷲ މިއަދުގެ ޖަލްސަގައި ވިދާޅުވެފައިވަނީ ސީމެގްއިން ރަމްޒުކޮށްދެނީ އެންމެ 9 ޤައުމުގެ ފޮރިން މިނިސްޓަރުން ނޫންކަމަށާއި، އެގްރޫޕުން ރަމްޒުކޮށްދެނީ 45 ޤައުމުގެ ފޮރިން މިނިސްޓަރުންކަމަށާއި، ސީމެގްގެ މެންބަރުންނަށް ދިވެހިންގެ ހަމުގެ ކުލަވެސް ނޭނގޭކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވާއިރު، އެފަދަ ބަސްތައް އެއަމާޒުކުރެއްވެނީ ބަންގްލަދޭޝްފަދަ ޤައުމުތަކުގެ ފޮރިން މިނިސްޓަރުންނަށްވެސްމެ ކަމަށެވެ. އަދި އެބާވަތުގެ ވާހަކަތަކުން އެހަޖޫޖެހެނީ ފޮރިން މިނިސްޓަރުންނަށް ނޫންކަމަށާއި، އަވަށްޓެރި ޤައުމުތަކާއެކު އޮތް ރަޙްމަތްތެރި ގުޅުމަށްކަމަށް ޢިޝާރާތްކުރައްވާ އީވާ ޢަބްދުﷲ ވިދާޅުފައިވަނީ ކޮމަންވެލްތުން ދިވެހިރާއްޖެ ސަސްޕެންޑުކޮށްފިނަމަ އެކަމުގެ އަސަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނުހަނު ބޮޑަށް ފޯރާނެކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވެވަޑައިންނަވާ ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވެފައިވަނީ އާސިއާންއާއި، ސަރކްއާއި، ކޮމަންވެލްތުފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ދެކޮޅަށް ތެދުވުމުގެ ބާރާއި ފަންވަރު ދިވެހިރާއްޖެއަށް ލިބިގެންނުވާކަމަށާއި، ބާރާއި ވެރިކަމުގެ ދަހިވެތިކަމުގައި، ގޮތްދޫނުކޮށް ޣާފިލުވެތިބުމުގެ ސަބަބުން ބުރަ ތަހައްމަލުކުރާންޖެހޭނީ ދިވެހިރާއްޖޭގެ ރައްޔިތުންކަމަށެވެ.

މިމޭރުމުން ވާހަކަދައްކަވަމުން މިއަދުގެ ޖަލްސާގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ މަޖިލިސް މެންބަރު މުޙައްމަދު ރިޔާޒްވަނީ ކޮމަންވެލްތުން ދިވެހިރާއްޖޭގައި އިސްލާމްދީން ފޮހެލުމަށް މަސައްކަތްކުރާކަމަށް ބައެއް މަޖިލިސް މެންބަރުން ވިދާޅުވަމުންގެންދަވާތީއާއި، ކޮމަންވެލްތުން ރާއްޖެއާމެދު އަޅާނެ ފިޔަވަޅެއްގެ މައްޗަށް ކަންބޮޑުވުން ފައުޅުކުރައްވާފައެވެ.

ކަންމިހެން އޮތްއިރު ސަރުކާރުގެ ތަރުޖަމާނު ޢައްބާސް ޢާދިލް ރިޒާ މީގެކުރިން ވިދާޅުވެފައިވަނީ ސީމެގްގެ ބަޔާންތަކުގައި ބޭނުންކޮށްފައިވާ ބަސްމަގާމެދު ހިތްހަމަނުޖެހުނުނަމަވެސް، ކޮމަންވެލްތުން ވަކިވުމަށް ނުވިސްނާކަމަށެވެ. އެހެންނަމަވެސް ކޮމަންވެލްތުގެ ބަސްމަގު ބަދަލުނުކުރާކަމަށްވާނަމަ، ކޮމަންވެލްތުގައި ބައިވެރިވެ އޮތުމާމެދު ވިސްނާންޖެހޭނެކަމަށްވެސް ޢައްބާސް ޢާދިލް ރިޒާ އިތުރަށް ވިދާޅުވިއެވެ.

Comments