Skip to main content

އިސްލާމީ މަންހަޖުގައި މައްސަލަތައް ހައްލުކުރަނީ އޭގެ މުލުން ފެށިގެން


ދިރިއުޅުމުގެ ހަޔާތުގެ މަންހަޖެއް ކަމުގައި މުސްލިމުން ބަލާ އިސްލާމީ މަންހަޖަށް ތަބާވުމުން ހާސިލުކުރެވޭ ވަރަށް ގިނަ ފައިދާތަކެއްވެ އެވެ. އޭގެ އެއް ފައިދާ އަކީ ދިރިއުޅުމުގައި ކުރިމަތިވާ އެންމެހާ މައްސަލަތައް ހައްލުކުރުމުގައި މަތިމަތިން ވަގުތީ ހައްލެއް ގެނައުމުގެ ބަދަލުގައި މައްސަލައިގެ އެންމެ ފުނުން އޭގެ މުލުން ފެށިގެން ހައްލު ގެނައުމެވެ.

އިސްލާމީ މަންހަޖުގައި މި ގޮތަށް މައްސަލަތަކަށް ހައްލު ލިބެނީ އިންސާނުންނާއި ކައުނާއި ދިރިއުޅުމުގެ ހުރިހާ އަރިމަތިތަކަށް އިސްލާމް ދީނުގައި ސަމާލުކަން ދޭތީ އެވެ. މި ގޮތުން އިގުތިސާދީ އަދި މާއްދީ ކަންކަމަށް އިސްލާމް ދީން އަހަންމިއްޔަތުކަން ދެ އެވެ. އެހެންވެ ދިރިއުޅުމުގެ މައީޝަތާ ގުޅުން ހުރި އެންމެހާ ކަންކަމަށާއި އުފެއްދުންތެރިކަން އިތުރުކުރުމަށާއި މުދަލަށް ރައްކާތެރިވުމަށާއި މުދާ އިންވެސްޓުކުރުމަށާއި އަދުލުވެރި ގޮތުގައި މުދާ މިލްކުކޮށް ރޯލުކުރުމަށާއި އިޖުތިމާއީ އަމާންކަން ލިބުމަށާއި އިންސާނާގެ ހަށިގަނޑުގެ ސިއްހަތާއި ސަލާމަތްތެރިކަމަށާއި މިހެން ގޮސް މާއްދީ އެންމެހާ ކަންކަމަށް އިސްލާމް ދީން ރިއާޔަތްކުރެ އެވެ.


މިފަދައިން މާއްދީ ކަންކަމަށް އިސްލާމް ދީން އަހަންމިއްޔަތުކަން ދިނަސް މިއީ އިންސާނެއްގެ ދިރިއުޅުމުގެ އަމާޒު ކަމުގައި ބަލާކަށް ނުވަތަ އިންސާނާ އެންމެ ކަންބޮޑުވާ ކަންކަން ކަމުގައި ވުމަކަށް އިސްލާމް ދީން ނުރުހެ އެވެ. ސަބަބަކީ ދިރިއުޅުމަކީ ހަމައެކަނި މާއްދިއްޔަތެއް ނޫނެވެ. ނުވަތަ އިގުތިސާދު އެކަންޏެއް ނޫނެވެ. އިންސާނެއްގެ ދިރިއުޅުމުގައި ދިމާވާ ހަމައެކަނި މައްސަލައަކީ މާލީ ނުވަތަ އިގުތިސާދީ މައްސަލަތައް އެކަންޏެއް ނޫނެވެ.

ދިރިއުޅުމުގެ ހަޔާތުގެ އަމާޒަކީ އިންސާނާގެ މާއްދީ އެދުންތަކާއި ބޭނުންތައް ފުއްދުންކަމަށް ދެކޭ، މާއްދިއްޔަތުގައި ހައްދުފަހަނައަޅާފައި ތިބޭ މީހުން އިންސާނާއަކީ "އިގުތިސާދީ ހައިވާނެއް" ކަމަށް ދެކިފާނެ އެވެ! އަދި އުފެއްދުންތެރިކަން އިތުރުކޮށް މުދަލާއި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމު ރަނގަޅަށް ރާވާލެވިއްޖެ ނަމަ ދިރިއުޅުމުގައި އެއްވެސް ޝަކުވާއެއް މައްސަލައެއް ނޯންނާނެ ކަމަށް އަދި ބާއްޖަވެރި ދިރިއުޅުމެއް އިންސާނާ އަށް ލިބޭނެ ކަމަށް ބަލާފާނެ އެވެ!
ނަމަވެސް މި ފަދަ މީހުން ހަނދާން ނައްތާލާ އެންމެ މުހިންމު ކަމަކީ އިންސާނާގެ ނަފްސެވެ. ކައުނާއި ދިރިއުޅުމުގެ ހަޔާތާ މެދު އިންސާނާ އަށް ސައްހަ ތަސައްވުރެއް ލިބުމާއި އަހުލާގީ މިސާލީ މިންގަނޑުތަކެއް ގަބޫލުކުރުމާއި އެއާ އެއްގޮތަށް ނަފްސު ހޭނުން ފަދަ ނަފްސާނީ ކަންކަމަކީ ހަގީގަތުގައި އިންސާނުންނަށް ކުރިމަތިވާ މައްސަލަތަކަށް އެންމެ ފުރަތަމަ ބޭނުންވާ ހައްލެވެ. އެހެނީ މާއްދީ ހަޔާތަށް ބަދަލު އަންނަނީ ހަގީގަތުގައި ނަފްސުތަކަށް އެންމެ ފުރަތަމަ ބަދަލު އައިސްގެންނެވެ.

މާތްﷲ ކީރިތި ޤުރުއާނުގައި އަންގަވަނީ ބަޔަކު މީހުންގެ ނަފްސުތަކުގައިވާ ކަންކަން އެ ބަޔަކު އަމިއްލަ އަށް ބަދަލުކޮށްފުމަށް ދާންދެން ބައެއްގެ ހާލަތު އެކަލާނގެ ބަދަލު ނުކުރައްވާނެ ކަމުގަ އެވެ. (އައްރަޢުދު 11)

އެހެންވީމާ މިސާލަކަށް އިގުތިސާދީ ހާލަތު މިހާރަށް ވުރެ ރަނގަޅު ހާލަތަކަށް ބަދަލުކުރަން ބޭނުންވިއަސް އެންމެ ފުރަތަމަ ޖެހޭނީ ނަފްސުތައް ބަދަލުކުރާށެވެ. އެބަހީ ފިކުރުތަކާއި ސުލޫކުތަކާއި އަހުލާގު އެންމެ ފުރަތަމަ ރަނގަޅު ކުރާށެވެ.

މި ގޮތުން މުދަލުގެ ހަގީގީ މިލްކުވެރިއަކީ މާތްﷲ ކަމާއި އިންސާނުންނަށް އޭގެ މިލްކިއްޔަތު ލިބެނީ ވަކި މުއްދަތަކަށް ކަމާއި، އެމިލްކުކުރަން އެކަލާނގެ ހުއްދަ ކުރައްވާފައިވަނީ ވަކި ގޮތްތަކަކުން އެކަނި ކަމާއި، ތިމާ އަށް ލިބޭ މުދަލުގައި ތިމާގެ އިތުރުން އެހެން ބައެއްގެ ހައްގެއް ވާކަން ފަދަ ކަންކަން ގަބޫލުކުރަންޖެހެ އެވެ. އެއަށްފަހު މުދާ އުފެއްދުމާއި ރޯލުކުރުމާއި ބޭނުންކުރުމުގައި މާތްﷲ އާއި އެކަލާނގެ ރަސޫލާ އަންގަވާފައިވާ މިންގަނޑުތަކަށް ފެތޭ ސުލޫކަކަށް ނަފްސު ހާނުވަންޖެހެ އެވެ.

ދަހިވެތިކަމާއި ބޮޑާކަން ދޫކޮށްލައި، ރިބާކެއުމާއި އިހުތިކާރު ކުރުމާއި އިސްރާފު ކުރުމާއި މީސްތަކުންނަށް އަނިޔާވެރިވުމާއި އިންސާފުން އެއްކިބާވުމާއި މީސްތަކުންގެ ހާލަތުގެ ނާޖާއިޒު ފައިދާ ނެގުން ފަދަ ނުރަނގަޅު އަހުލާގުތަކުން ނަފްސު ތާހިރުކުރަންޖެހެ އެވެ. ހަގީގަތުގައި އިގުތިސާދީ ދަތިތައް ކުރިމަތިވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ މުދަލަށް ދެވިހިފާފައި ތިބޭ ދަހި ބައެއްގެ ނަފްސުތައް މިއިޝާރާތްކުރި ފަދައިން ބަދަލު ކުރަން ބޭނުން ނުވާތީ އެވެ.

އޭގެ ބަދަލުގައި (ކިތަންމެ މުއްސަނދި ކަމަކާއި ތަނަވަސްކަމެއް ލިބިފައި އޮތަސް) ދައުލަތްތައް ހިންގުމުގެ ބާރުތަކުގެ ތެރެއަށް ސީދާކޮށް ވަދެގެން ވިއަސް ނުވަތަ އެބާރުތަކުގައި ތިބޭ މީހުން މި މީހުންގެ އަތްދަށަށް ލައިގެން ވިއަސް މި މީހުންގެ މަސްލަހަތުތައް (ނާޖާއިޒު ގޮތުގައި ނުވަތަ ރައްޔިތުންނަށް އޮޅުވާލައިގެން ވިއަސް) ދެމެހެއްޓުމަށް މަސައްކަތް ކުރާތީ އެވެ.

އިގުތިސާދީ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކަށް ވެސް އެންމެ ރަނގަޅު ފަރުވާއެއް ލިބޭނީ އެ މައްސަލަތައް ހައްލުކުރުމުގައި އޭގެ މާއްދީ ބައިގެ އިތުރުން މައުނަވީ ބައިތަކަށް ވެސް ފަރުވާ ދެވިގެންނެވެ. މީހުންގެ ނަފްސުތައް އިސްލާހުނުކޮށް މައްސަލަތައް ހައްލުކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ވައިރެހަކުން ނުވަތަ ބެކްޓީރިއާއަކުން ހަށިގަނޑަށް ލިބޭ ގެއްލުމުގައި ވައިރަސް ނުވަތަ ބެކްޓީރިއާ ފިލުވަން ބޭހެއް ނުދީ ހަމައެކަނި ތަދުކަނޑުވަން ބޭހެއް ދިނުން ފަދަ ކަމެކެވެ. މިސާލަކަށް އިގުތިސާދީ މައްސަލަ ދިމާވުމުން އެކަން ހައްލު ކުރުމަށްޓަކައި ބޭރު ގައުމުތަކުން ދަރަނި ނެގުމަކީ އަސްލު ހައްލެއް ނޫނެވެ. އަސްލު ހައްލަކަށްވާނީ މީސްތަކުންގެ ނަފްސުތައް އިސްލާހުކުރުމެވެ. އޭރުން އުފެއްދުންތެރިކަން އިތުރުވެ އަދުލުވެރިކަން ގާއިމުކުރެވޭނެ އެވެ.

މި ކަންކަން މިހެން އޮތް ނަމަވެސް މިއަދު މުސްލިމުންގެ ހާލަކީ، ކޮންމެ މައްސަލައެއް ހައްލުކުރަން ވެސް އިންސާނުން އަމިއްލަ އަށް އުފައްދާފައިވާ ނިޒާމުތަކަށް ރުޖޫއަވުމެވެ. އިންސާނާ އަކީ އިލާހީ އިރުޝާދެއް ނެތި އެއްވެސް ކަމެއްގައި ޝާމިލު ނަޒަރަކުން ބެލުމުގެ ކުޅަދާނަކަން ލިބިފައިވާ މަހުލޫގެއް ނޫނެވެ. ކަންކަމުގެ އެންމެ ފުންމިނަށް އަދި އެކަންކަމުގެ ހުރިހާ އަރިއަރިމަތިން ނަޒަރު ހިންގޭނެ މީހެއް ނޫނެވެ.

އިންސާނާ އަށް ކަންކަމަށް ބެލެވޭނީ ބައެއް އަރިމަތިތަކުން އެކަންޏެވެ. އެހެނީ އިންސާނާއަކީ ތަނާއި ޒަމާނަށް ފެތޭ މަހުލޫގަކަށްވުމެވެ. ވަކި ފަރުދަކަށް ވިއަސް ޖީލެއް ކަމަށް ވިއަސް ޖަމާއަތެއް ކަމަށް ވިއަސް ވަކި ތަނަކަށް މެނުވީ ނިސްބަތް ނުވާނެ އެވެ. ވަކި ޒަމާނެއްގައި ނޫނީ ނޫޅެވޭނެ އެވެ.

އެހެންކަމުން ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހުގެ އިރުޝާދެއް ނެތި އިންސާނާ ނިންމާ ކަންކަން އޮންނާނީ ވަކި ތަނަކާއި ވަކި ޒަމާނަކަށް ފެތޭ ގޮތަށް އެކަންޏެވެ. މީގެ ނަތީޖާ އަކީ ދިރިއުޅުމުގެ މަންހަޖެއް ކަމުގައި ބެލުމަށް އިންސާނުން މިހާތަނަށް އުފެއްދި އެއްވެސް މަންހަޖެއް އެއީ ހައްލު ކަމުގައި ވެގެން ނުދިއުމެވެ.

މިއާ ހިލާފަށް ރައްބާނީ މަސްދަރުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ މަންހަޖަކީ ދިރިއުޅުމުގެ ހުރިހާ އަރިމަތިތަކަށް ޝާމިލު ގޮތެއްގައި ފުންކޮށް ބަލާ މަންހަޖެކެވެ. އަދި އިންސާނާގެ ވެސް ހުރިހާ ސިފަތަކަށް ރިއާޔަތް ކުރާ މަންހަޖެކެވެ. އެހެންކަމުން ދިރިއުޅުމުގެ މައްސަލަތައް އިސްލާމީ މަންހަޖުގައި ހައްލު ކުރަނީ ހަމައެކަނި މާއްދީ ގޮތުން އެކަންޏެއް ނޫނެވެ. ނަފްސާނީ އަދި މައުނަވީ އެންމެހާ އަރިމަތިތަކުން ވެސް މެ އެވެ.

ކީރިތި ރަސޫލާ ބަޔާންކުރައްވާ ގޮތުގައި އެ ގުނަވަނެއް އިސްލާހުވެއްޖެ ނަމަ މުޅި ހަށިގަނޑު އިސްލާހުވާ އަދި އެގުނަވަން ފަސާދަވެއްޖެ ނަމަ މުޅި ހަށިގަނޑު ފަސާދަވާ ގުނަވަނެއް އިންސާނައިގައި ވެއެވެ. އެއީ ހިތެވެ. ހިތުގެ މަސައްކަތަކީ ނަފްސާނީ ރޫހާނީ މަސައްކަތެކެވެ. ދޭހަވުމާއި، ވިސްނުމާއި، އިހުސާސްތަކާއި ޝުއޫރުތަކަކީ ހިތުގެ މަސައްކަތެވެ.

މި ކަންކަން އިސްލާހުވެއްޖެ ނަމަ އިންސާނީ ދިރިއުޅުމުގައި ދިމާވާ މައްސަލަތައް އޭގެ މުލުން ފެށިގެން ހައްލު ވެގެންދާނެ އެވެ. ނަފްސާނީ ދުޅަހެޔޮކަމެއް ލިބިގެންދާނެ އެވެ. މާއްދިއްޔަތުން އެކަނި ނުގެނެވޭ އެތައް ހައްލެއް އިންސާނާ އަށް ލިބިގެންދާނެ އެވެ. ވަކިން ހާއްސަކޮށް ނަފްސަށް އަމާންކަމާއި ހަމަޖެހުން ލިބިގެންދާނެ އެވެ.
ވީއިރު މައްސަލަތައް އޭގެ މަތިމަތިން ހައްލު ކުރާ މަންހަޖު ތަކުގެ ބަދަލުގައި މައްސަލަތައް އޭގެ މުލުން ފެށިގެން ހައްލު ކުރާ މަންހަޖަކީ އިންސާނުންނަށް އެންމެ ފައިދާ ހުރި މަންހަޖު ކަމުގައިވާނެކަން ކަށަވަރެވެ. މިފަދަ މަންހަޖަކީ ހަމައެކަނި އިސްލާމްދީނެވެ

Comments