ނަސީމާ މުހައްމަދު
ޢާއްމު ގޮތެއްގައި "ހަފްތާ" އަޅުގަނޑުމެން ކިޔަނީ ހަތް ދުވަހަށެވެ. މި ލަފްޒުގެ އަސްލަކީ ސާންސްކިރިތުގެ "ސަޕްޓާ"، ހަތް ދުވަހެވެ. ދިވެހި ބަހުން މި ލަފްޒު ބޭނުންކުރުމުގައި "ސ" ބަދަލުވެފައި މިވަނީ "ހ" އަކަށެވެ. "ޕ" ބަދަލުވެފައިވަނީ "ފ" އަކަށެވެ. މިއީ އިހުގެ ދިވެހިބަހަށް ވަރަށް ގިނައިން އައިސްފައިވާތީ ފެންނަ ބަދަލެކެވެ.
ދިވެހިރާއްޖޭގައި "ހަފްތާ" މި ލަފްޒު ބޭނުންކުރަން ފެށީ ކޮން ދުވަސްވަރެއްގައި ކަމެއް އަޅުގަނޑުމެންނަށް އަދި ހޯދިފައެއް ނެތެވެ. ނަމަވެސް މާ ކުރީ ޒަމާނެއްގައި، ދުނިޔޭގެ އެކި ހިސާބުތަކުގައި ހަތަރު ދުވަހާއި ދިހަ ދުވަހުގެ މުއްދަތު ވެސް ހަފްތާ ފަދައިން ބައިބައިކޮށް ދުވަސްތަކުގެ ގްރޫޕް، ނުވަތަ ބައިތަކަށް ހަދައިގެން އުޅުނެވެ. ކިޔައި އުޅުނީ ތަފާތު އެކި ނަންނަމެވެ. ތާރީޚުން އެނގޭ ގޮތުގައި، ހަތް ދުވަސް ހިމެނޭ ހަފްތާ ފުރަތަމަ ބޭނުންކޮށް އުޅުނީ މީލާދީގެ ކުރީގެ ހަ ވަނަ ޤަރުނުގައި މެދު އިރުމަތީގެ ބެބިލޯނިއާ ކިޔާ ހިސާބުގަ އެވެ. ބެބިލޯނިއާ އަކީ މިޒަމާނުގެ އިރާޤުގައި އެވޭލާ ޒަމާނުގައި، ޤަދީމީ ޙަޟާރަތެއް އޮތް ރަށެކެވެ. އެ ދުވަސްވަރުގައި އެހިސާބުގައި އޮތް އެކިއެކި ދީންތަކުގައި ގެންގުޅުނީ ހަތް ދުވަހުގެ ހަފްތާ އެވެ. އެހެނިހެން ޙަޟާރަތްތަކުގައި މިފަދައިން ހަތް ދުވަސް ހިމެނޭ ގޮތަށް ހަފްތާ ހަމަޖައްސާފައިވަނީ އޭގެ ފަހުގެ އެކި ޒަމާނުގަ އެވެ.
ރޫމީންގެ ރަސްކަން ހިންގި ޤައުމުތަކުގައި ކުރީން އޮތް އަށް ދުވަހުގެ ހަފްތާ، ހަތް ދުވަހުގެ ހަފްތާއަކަށް ބަދަލުކުރީ މީލާދީގެ އެއް ވަނަ ޤަރުނާއި ތިން ވަނަ ޤަރުނާ ދެމެދުގަ އެވެ. އަވައްޓެރި އިންޑިޔާގެ ހިންދޫ ދީން އޮތް ޙަޟާރަތްތަކުގައި، މި ގޮތަށް ހަތް ދުވަހުގެ ހަފްތާ ބޭނުންކުރަން ފެށުނީ ގާތްގަނޑަކަށް މީލާދީގެ 11 ޤަރުނު ކުރީގައި ކަމަށް ބުނެވެ އެވެ. އިންޑިޔާ އަށް މިފަދައިން ހަފްތާއާ ބެހޭ މަޢުލޫމާތު އައިސްފައިވަނީ، ބެބިލޯނިއާގެ ތަރިތަކުގެ އިލްމު މެދުވެރިވެގެން، މީލާދީން ފަސް ވަނަ ޤަރުނުގެ ތެރޭގަ އެވެ. ސީނު ކަރައިގައި، މި ބަދަލު އައީ މީލާދީގެ ހަތަރު ޤަރުނު ކުރިންނެވެ.
ދުނިޔޭގެ އެކި ހިސާބުގައި އެކި ދިގުމިނުގެ ހަފްތާ އެކި ޒަމާނުގައި ގެންގުޅުނުކަން ތާރީޚީ ދިރާސާތަކުން ދައްކަ އެވެ. ފަރަންސޭސި ވިލާތުގައި 1793 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން 1802 ވަނަ އަހަރުގެ އެޕްރީލް މަހާ ހަމައަށް، ހަފްތާއެއްގައި ދިހަ ދުވަސް ހިމަނާފައިވާ އުޞޫލެއް ގެންގުޅުނެވެ. މި ފަދައިން ދިހަ ދުވަސް ހިމެނޭ ހަފްތާ އަށް ކިޔައިއުޅުނީ "ޑިކޭޑް" އެކެވެ. ހުޅަނގު އެފްރިކާގެ ނައިޖީރިއާގައި އުޅޭ "އިގްބޯ" ޤަބީލާގެ މީހުން ގެންގުޅުނީ ހަތަރު ދުވަހުގެ ހަފްތާއެކެވެ. ހުޅަނގު އެފްރިކާގެ "އަކަން" ޤަބީލާގެ މީހުން، "ނަންސޮން" ކިޔާ ހަ ދުވަހުގެ ހަފްތާއެއް ގެންގުޅުނެވެ. އިންޑޮނީޝިއާގެ ޖާވާގެ ޖަވަނީޒް މީހުން ގެންގުޅުނީ "ޕަސަރަން" ކިޔާ ފަސް ދުވަހުގެ ހަފްތާއެކެވެ. އެ ރަށުގެ ބައެއް ހިސާބުގައި މި އުޞޫލު އަދިވެސް ގެންގުޅޭ ކަމަށް ބުނެވެ އެވެ.
ކައިރީގެ މާޒީ އަށް ބަލައިލާއިރު، ރޫސީ ވިލާތުގައި 1929 ވަނަ އަހަރާއި 1931 ވަނަ އަހަރާ ދެމެދުގައި، ކުރިން ދުވަސްތަކެއް ވަންދެން ގެންގުޅުނު ހަތް ދުވަހުގެ ހަފްތާ ފަސް ދުވަހުގެ ހަފްތާއަކަށް ވެސް ބަދަލުކުރި އެވެ. އަދި 1931 ވަނަ އަހަރު، ރޫސީވިލާތް، އޭރުގެ ސޯވިއެޓް ޔޫނިއަން، އިހުއޮތް ފަސް ދުވަހުގެ ހަފްތާ ބަދަލުކުރީ ހަ ދުވަހުގެ ހަފްތާއަކަށެވެ. އެ މީހުންގެ ކަލަންޑަރުގެ މި އުޞޫލު، އަނެއްކާވެސް ހަތް ދުވަހުގެ ހަފްތާއަކަށް ބަދަލުކުރީ ޖޫން ،27 1940 ގަ އެވެ.
ދެން "ދުވަސް" މި ލަފްޒަށް ބަލައިލަމާތޯ އެވެ. "ދުވަސް" އައިސްފައި މިވަނީ ސާންސްކިރިތުގައި އޮންނަ "ދިވަސް" މި ލަފްޒުންނެވެ. ދިވަސްގެ މާނައަކީ "ދުވަހެއް" އެވެ. ސިންގަޅައިގައި ދުވަހަށް ކިޔާ "ދަވަސަ" ވެސް އައިސްފައި ވަނީ މި ލަފްޒުން ކަމަށް އެނގިފައިވެ އެވެ. މުސްކުޅި ދިވެހި ބަހުގެ ބައެއް ލިޔުމުގައި "ދުވަސް" މިހެން ލިޔުމުގެ ބަދަލުގައި "ދާ" މިހެން ވެސް ލިޔެފައި ހުރެ އެވެ. ބައެއް ބޭފުޅުން ލަފާކުރައްވާފައިވާ ގޮތުގައި، ދިވެހިރާއްޖެ އަށް ހަފްތާގެ ދުވަސްތަކުގެ ނަންތައް އައިސްފައިވަނީ ސްރީ ލަންކާ އިންނެވެ. ނަމަވެސް އަޅުގަނޑަށް އަބަދުވެސް ފާހަގަކުރެވެނީ އިންޑިޔާ ކަނޑުގައި ދިވެހިރާއްޖެ އޮތް ހިސާބާއި، އެކަނޑުގައި އެކި ޒަމާނުގައި ދަތުރުފަތުރުކޮށް އުޅުނު ކަނޑުމަތީ އުޅަނދުފަހަރުގެ ގިނަކަމެވެ. މި ގޮތުން ރާއްޖެ އަށް ޒިޔާރަތްކުރި މީހުންގެ ސަބަބުން ދިވެހިބަހުގައި ބޭނުންކޮށް އުޅުނު ބަސްތަކަށް އައިސްފައިވާ މުއްސަނދިކަމެވެ. މެދުއިރުމަތިން ދެކުނު އިރުމައްޗަށާއި، ދުރުއިރުމައްޗަށް، ހަވާދުގެ ބޭނުމުގައި ދަތުރުކޮށް އުޅުނު މީހުން ދިވެހިރާއްޖެ އަށް ގެނެސްފައިވާ އައު ލަފްޒުތަކާއި ތަކެއްޗެވެ.
ދިވެހިރާއްޖެ އަށް ޒިޔާރަތްކޮށް އުޅުނު މީހުންގެ ތެރޭގައި އިރުމަތީ އޭޝިއާގެ މީހުން ހިމެނުނެވެ. އިންޑޮނީޝިއާގެ އަޗޭގެ (އަސޭގެ) މީހުންނާއި ޖާވާގެ މީހުން ވެސް ހިމެނުނެވެ. މި ބައިމީހުން އަހަރަކު މަދުވެގެން ދެ ފަހަރު ދިވެހިރާއްޖެ އަށް ވިޔަފާރި ދަތުރުކޮށް އުޅުނެވެ. ނަތީޖާއެއްގެ ގޮތުން، ދިވެހި ބަހަށް އެމީހުންގެ ބަހުގެ ބައެއް ލަފްޒުތައް ވަދެފައިވާ ކަން ފާހަގަކުރެވެ އެވެ. އަދި ދިވެހި ސަޤާފަތުގައި އިންޑޮނީޝިއާގެ ބައެއް އަސަރުތައް ހުންނަކަން ވެސް އެނގެ އެވެ. މިއާއެކުގައި ދިވެހިރާއްޖޭގެ ފާދިއްޕޮޅުގެ އިރުމަތީގައި އޮންނަ ފަޅަކަށް "ޖާވާ ކަރަ" ކިޔާކަން ވެސް ފާހަގަކުރެވެ އެވެ. މިފަޅު އޮންނަނީ އަތޮޅުގެ އިރުމަތީ ދުނީގެ އަލިގާ ކަނޑުއޮޅިން ގޮސް ފާދޫ ކަނޑުއޮޅިއަށެވެ. ޖާވާ ކަރައިގައި ހުރި ރަށްތަކަކީ، ފާދިއްޕޮޅު އަތޮޅުގައި އިހަށް މީހުން އުޅުނު ރަށްރަށް ކަމަށް ބުނެވެ އެވެ. މިހާރު މިތާނގައި މީހުން އުޅޭ ރަށަކަށް އޮތީ ހަމައެކަނި އޮޅުވެލިފުށްޓެވެ.
އިންޑޮނީޝިއާގެ ރަށްތަކުގެ ތެރޭގައި ހިމެނޭ ޖާވާ އާއި އަސޭކަރަ އާއި ދިވެހިރާއްޖެއާ އިހު ޒަމާނުގައި ގުޅުމެއް އޮތް ވާހަކަ ލިޔެލުމުގެ ބޭނުމަކީ، ހަފްތާގެ ދުވަސްތަކަށް ދިވެހިން ކިޔާ އުޅުނު ނަންތަކާއި ޖާވާގެ މީހުން، ކިޔައިއުޅުނު ނަންތަކާ ގުޅުން ހުރިކަން ވަރަށް ބޮޑަށް ފާހަގަކުރެވޭތީ އެވެ. ޖާވާ ނުވަތަ ޖަވަނީޒް ބަހުން، އާދީއްތަ ދުވަހުން ފެށިގެން، ތަރުތީބުން ހަފްތާގެ ދުވަސްތަކަކީ: ރާދީއްތިޔަ، ސޯމަ، އަންގާރަ، ބުދަ، ރެސްޕަތި، ސުކްރަ، ތުމްޕެކް އެވެ. ޖާވާ ކައިރީގައި އޮންނަ ބާލީގައި މި ނަންތައް ކިޔަނީ : ރެދީތެ، ޗޯމަ، އަންގާރަ، ބުދަ، ވްރާސްޕަތި، ސުކްރަ، ސަނިސްޗަރަ މި ފަދައިންނެވެ. ސްރީ ލަންކާގައި ހަފްތާގެ ހަތް ދުވަހަކީ : އިރިދާ، ސަނދުދާ، އަނގަހަރުވާދާ، ބަދާދާ، ބްރަހަސްޕަތިންދާ، ސިކުރާދާ، އަދި ސެނަސުރާދާ އެވެ. އާދެ! ނަންތަކުގައި ވަރަށް ތިމާގެކަން އެބަ ހުއްޓެވެ. ނަމަވެސް މި ނަންތައް ބޮޑަށް ގާތްވާ ކަމަށް ފެންނަނީ އިންޑޮނީޝިއާގެ ނަންތަކާ އެވެ. އެހެންކަމާ އެކު، ބަހުގެ ދިރާސާތައް އަޅުގަނޑުމެން ކުރާއިރު، އިންޑޮނީޝިއާއާ ދިމާއަށް ވެސް ބަލައިލުމަކީ ބޭނުންތެރި ކަމެއް ކަމަށް ފެނެ އެވެ.
ދެން ބަލައިލަން ޖެހެނީ މި ނަންތަކުގެ މާނައަށެވެ. ހަފްތާގެ ދުވަސްތަކަށް ދުނިޔޭގެ އެންމެ ގިނަ ޒަމާންވީ ޙަޟާރަތުތަކުގައި ވެސް ނަން ދީފައި ހުރިކަމަށް ފެންނަނީ ތަރިތަކުގެ ނަންތަކުންނެވެ. ކަލަންޑަރު ވެސް ބިނާވެފައި އޮންނަނީ ތަރިތައް އުޑުމަތީގައި ދައުރުވަމުންދާ ނިޒާމަށް އިހުގެ ޢިލްމު ވެރީން ބަލައިގެން ކަމަށް ވާތީ އެވެ. ބޭނުންކުރެވިފައިވާ ބަސްތަކަކީ ސާންސްކިރިތުގެ ބަސްތަކެވެ. ލަފުޒުތަކަށް ބަލާއިރު ފުރަތަމަ ބަލައިލަން ޖެހެނީ، އާދީއްތަ ދުވަހަށެވެ. އާދީއްތަ ނުވަތަ އާދީތިޔަ އަކީ މުސްކުޅި ދިވެހި ބަހުގައި އަދި ސާންސްކިރިތުގައި ވެސް އިރެވެ. މުސްކުޅި ބައެއް ދިވެހި ލިޔުމުގައި މި ބަސް އިރުގެ މާނައިގައްޔާއި، "އިހުން ގަދަމީހާ" ގެ މާނައިގައްޔާއި "ފަށައިގަތުމުގެ މަނައިގައި ވެސް ބޭނުންކޮށްފައި ހުރެ އެވެ.
"ހޯމަ" އަކީ އިހު ޒަމާނުގައި ކިޔާ "ސޯމަ" އެވެ. އާދެ! ލޯމާފާނުތަކުގައި ވެސް ބުނެފައިވާހެން މިއީ ހަނދެވެ. ސާންސްކިރިތާއި ޕާލީބަހުގައި ވެސް މިއީ ހަނދެވެ. އެހެންކަމާ އެކު، ހަފްތާގެ ދެވަނަ ދުވަސް ނިސްބަތްވެފައި މިވަނީ ހަނދަށެވެ. ދިވެހި ބަހުގައި "ހަނދުވަންހައިގެ" ދަރިކޮޅު ކަމަށް ބުނުމަށް ކިޔައިއުޅުނީ "ސޯމަވަންޝަ" ދަރިކޮޅު ކަމަށެވެ.
ތިންވަނަ ދުވަހަކީ "އަންގާރަ" އެވެ. ދިވެހިބަހާއި، ޖަވަނީޒްބަހާއި ބާލީ ބަހުގައި ވެސް ބުނާ އަންގާރަ ދުވަހެވެ. މިހާރުގެ ސިންގަޅައިން ނަމަ "އަނގަހަރުވާދާ" އެވެ. މާނައަކީ، މާޒް ތަރީގެ ދުވަހެވެ. މާޒް ތަރިއަކީ އިހު ޒަމާނުގެ ރޫމީންގެ ހަނގުރާމައިގެ ކަލާނގެ އެވެ. މަރުޙޫމް ޙަސަން އަޙްމަދު މަނިކު ވިދާޅުވެފައިވާ ގޮތުގައި، މިއީ މުސްކުޅި ސިންގަޅަ ބަހުން ނަމަ "ކުޖަދިނަ" އެވެ. މުސްކުޅި ސިންގަޅައިން ނަމަ "އަގި" އެވެ. މިއީ "އަލިފަނުގެ ކަލާނގެގެ މާނައިގައި ބޭނުންކުރެވޭ ނަމެކެވެ. ސާންސްކިރިތުގައި މިއީ "މަންގަލަ" އެވެ.
ދެން އޮތީ ދިވެހި ބަހުން ނަމަ "ބުދަ" ދުވަހެވެ. ޖަވަނީޒް ބަހުންނާއި ބާލީގެ ބަހުން ވެސް މި ދުވަހަށް ކިޔަނީ "ބުދަ" ދުވަހެވެ. ސިންގަޅައިން ކިޔަނީ "ބަދާދާ" އެވެ. ސާންސްކިރިތު ބަހުން "ބުދަ" މި ލަފްޒުގެ މާނަތަކަކީ ވިސްނުން ގަދަ، ބުއްދިވެރި، ހޭލާހުރި، މި އެވެ. ދިވެހިބަހުގެ "ބުއްދި" މި ލަފްޒު ވެސް އަންނަނީ މި ބަހުންނެވެ. މި ސަބަބަށްޓަކައި ބުދަދުވަހަކީ މި ހުރިހާ މޮޅު ސިފަތައް ހިމެނިފައިވާ ދުވަސް ކަމަށް ބުނެވެ އެވެ. މިހާރު މި ނަން ނިސްބަތްވަނީ މާކަރީ އަށެވެ. މިއީ ވިސްނުން ތޫނުކަމާއި، ކުޅަދާނަކަމާއި ޙިކްމަތްތެރިކަން ނިސްބަތް ވެފައިވަ "ތަރި" އެވެ.
ހަފްތާގެ ދުވަސްތަކުގެ ތެރެއިން ފަސް ވަނަ ދުވަހަކީ އަޅުގަނޑުމެން ދިވެހީން ކިޔާ ގޮތުން ނަމަ "ބުރާސްފަތި" ދުވަހެވެ. މިއީ އިހުގެ ސިންގަޅަ ބަހުން ނަމަ "ގުރުދިނަ" އެވެ. މިހާރުގެ ބަހުން ނަމަ، "ބްރަހަސްޕަތިންދާ" އެވެ. މަރުޙޫމް ޙަސަން އަޙްމަދު މަނިކު ލިޔުއްވާފައިވަ ގޮތުގައި، މީގެ މާނައަކީ "މާތް ދަރަޖަ ޙައްޤުވާ އެދުރުމީހާ" އެވެ. ސާންސްކިރިތު ބަހުން ނަމަ "ބްރިހާސްޕަތި" މި ލަފްޒުގެ މުސްކުޅި މާނަތަކުގެ ތެރޭގައި، ރަނގަޅު މީހުންގެ ހެޔޮ ޢަމަލުތަކާއި، މީސްތަކުންނާއި އެމީހުންގެ ކަލާނގެތަކާ ދެމެދު ޝަފާޢަތްތެރިވާ ބާރަށް ވެސް މި ނަން ކިޔަ އެވެ. ފަހަކަށް އައިސް ހިންދޫ ދީނުގައި ބަލާޣަތްތެރިކަމާއި ވިސްނުމުގެ ކަލާނގެ އަށް ވެސް މިނަން ކިޔާފައި ހުރެ އެވެ. ބާލިނީޒް ބަހުގައި މި ދުވަހަށް ކިޔަނީ "ވްރަސްޕަތީ" އެވެ.
ހުކުރު ދުވަހަކީ މިހާރު އަޅުގަނޑުމެންގެ ތެރޭގައި މާތްކަން ބޮޑު ދުވަހެކެވެ. އެއީ 1153 ވަނަ އަހަރު ރާއްޖެ އިސްލާމްވުމަށް ފަހުގަ އެވެ. މިއީ ސިންގަޅަ ބަހުން ނަމަ "ސިކުރާދާ" އެވެ. ޖަވަނީޒް ބަހުންނާއި ބާލިނީޒް ބަހުން މިއީ "ސުކްރާ" ދުވަހެވެ. މި ދުވަސް ނިސްބަތްވެފައިވަނީ ވީނަސް ތަރިއަށެވެ.
އެންމެ ފަހަށް އޮތީ "ހޮނިހިރު" ދުވަހެވެ. ސިންގަޅަ ބަހުން އެދުވަހަށް އިހަށް ކިޔައި އުޅުނީ "ޝަނިދިނަ" އެވެ. މިހަރު "ސެނަސުރާދާ" އެވެ. ބާލިނީޒް ބަހުން ކިޔަނީ "ޝަނިސްޗާރާ" އެވެ. ސާންސްކިރިތުން މިއީ ޝަނި، ސެޓަން ތަރި އެވެ. މުސްކުޅި ދިވެހި ބަހުގައި "ހޮނިހިރު"ގެ އިތުރު މާނައެއް އޮވެ އެވެ. އެ މާނައަކީ "ނިމުން" ނުވަތަ "ނިންމާލުން" މިއެވެ. އެހެން ކަމާ އެކު، ދޭހަވަނީ އަޅުގަނޑުމެންގެ ކާބަފައިން "ހޮނިހިރު" ގެ ނަން ދީފައިވަނީ ހަފްތާގެ ދުވަސްތައް ހުސްވާ ދުވަހަށް ކަމަށެވެ. އާދެ! އާދީއްތަ ދުވަހުން ފަށައިގެން ގޮސް ހޮނިހިރު ދުވަހަށް ދުވަސްތައް ހުސްކޮށްލުމުގެ، ނުވަތަ ނިންމާލުމުގެ މާނައިގަ އެވެ. މި ހުރިހާ ނަންތަކަށް ބަލައިލުމުން އެނގެނީ، މިއީ ދުނިޔޭގައި ދިވެހިރާއްޖެ ވެސް ގުޅި ލާމެހިފައިވާ ޙަޟާރަތެއްގެ ތެރެއިން އައިސްފައިވާ ނަންތަކެއް ކަމެވެ. އާދެ! ދުނިޔޭގެ އެންމެންނަކީ ވެސް ކޮންމެވެސް ހިސާބަކުން ކޮންމެވެސް ޒަމާނެއްގައި ގުޅިފައިވާ ބައެއް ކަމެވެ.
ނޯޓް: މި ލިޔުމުގައި ހުރި ބައެއް މަޢުލޫމާތު ނަގާފައިވަނީ އަލް މަރުޙޫމު ޙަސަން އަޙްމަދު މަނިކު "ފަތްތޫރަ"އަށް ލިޔުއްވާފައިވާ "ހަފްތާގެ ދުވަސްތައް" މި ލިޔުމުންނެވެ. އަދި ބައެއް އިތުރު މަޢުލޫމާތު ހޯދާފައިވަނީ މި މަޢުޟޫޢާ ބެހޭ ބައެއް ވެބްސައިޓުންނެވެ.

Comments