Skip to main content

އިސްލާމީ މަންހަޖުގައި ވަކިއަތަކަށް ބުރަނުވެ ވަޒަން ހިފަހައްޓާ

މުސްލިމުން ދިރިއުޅުމުގެ ހަޔާތުގެ މަންހަޖެއް ކަމުގައި ބަލަނީ އިސްލާމީ މަންހަޖެވެ. އިސްލާމް ދީނެވެ. ސަބަބަކީ އެއީ މުސްލިމުންގެ އުހުރަވީ ހަޔާތުގެ ކާމިޔާބަށް ވާސިލުވުމުގެ އިތުރުން ދިރިއުޅުމުގައި ވެސް އެންމެ ބާއްޖަވެރި ދިރިއުޅުމަކަށް މަގު ދައްކައިދޭ މަންހަޖެއް ކަމަށްވާތީ އެވެ. އިސްލާމީ މަންހަޖަށް ތަބާވުމުން މުސްލިމުންނަށް ހާސިލުކުރެވޭ ވަރަށް ގިނަ ފައިދާތަކެއްވެ އެވެ. އޭގެ ތެރެއިން އެއް ފައިދާ އަކީ ދިރިއުޅުމުގެ ހަޔާތުގައި ވަކިއަތަކަށް ބުރަނުވެ ވަޒަން ހިފެހެއްޓުމެވެ.

އިންސާނާ އާއި މިކައުނާއި ދިރިއުޅުމުގެ ހަޔާތުގެ ތަބީއަތަށް ބަލާއިރު ތަފާތު އެތައް ކަމެއް އެކުލެވެ އެވެ. މި ގޮތުން އިންސާނާއަކީ މާއްދިއްޔަތުގެ އިތުރުން ރޫހާނިއްޔަ މަޚްލޫގެކެވެ. ކައުނުގައި ޝަހާދަތުގެ އާލަމެއް ވާހިނދު ޣައިބުގެ އާލަމެއްވެސްވެ އެވެ. ދިރިއުޅުމުގެ ހަޔާތުގައި ކޮންމެ އިންސާނަކަށް ފަރުދީ ގޮތުން ބޭނުންވާ ކަންތައްތަކެއް ހުންނަ އިރު މުޅި ޖަމާއަތަށް ބޭނުންވާ ކަންތައްތަކެއް ވެސް ހުރެ އެވެ. އެހެންކަމުން އިންސާނާގެ ދިރިއުޅުމުގައި މި ހުރިހާ އަރިމަތިތަކަށް ޖާގަ ނުދެވިއްޖެ ނަމަ ކޮންމެވެސް އެއް ފަރާތަކަށް ޖެހި ވަޒަން ނުހިފެހެއްޓޭ ގޮތްވާނެ އެވެ.

އިސްލާމީ މަންހަޖަށް ތަބާވުމަކީ މި މައްސަލަ އަށް މެދުމިނުގެ އަދުލުވެރި ވަޒަން ހިފެހެއްޓެނިވި ހައްލެއް ލިބޭނެ ކަމެކެވެ. ސަބަބަކީ އިސްލާމް ދީނުގެ އެންމެހާ ހުކުމްތައް ބިނާވެފައި ވަނީ މިހުރިހާ އަރިމަތިތަކަށް ސަމާލުކަން ދެވޭ ގޮތުގަ އެވެ. އެހުކުމްތައް އައިސްފައިވަނީ އިންސާނުންގެ ހާލަތު އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތުންނެވެ.

އެހެންކަމުން އިންސާނުން އަމިއްލައަށް ހަދާ ނިޒާމުތަކުގައި ހުންނަ އެއް ފަރާތަށް ބުރަވުމުގެ ގޮތް އިސްލާމީ މަންހަޖުގައެއް ނޯންނާނެ އެވެ. މިސާލަކަށް ރައުސްމާލީ (ކެޕިޓަލިސްޓު) ނިޒާމަކީ ފަރުދީ މިނިވަންކަމަށްޓަކައި ބައެއް ފަހަރު މުޖުތަމައުގެ ހައްގަށް އަރައިގަންނަ ނިޒާމެކެވެ. އިޝްތިރާކީ (ސޯޝަލިސްޓު) ނިޒާމަކީ މުޖުތަމައުގެ މަސްލަހަތުގައި ބައެއް ފަހަރު ފަރުދުންގެ ހައްގަށް އަރައިގަންނަ ނިޒާމެކެވެ.
މި ދެ ނިޒާމަކީ ވެސް ރޫހާނިއްޔަތަށް މާ ބޮޑު އަހަންމިއްޔަތެއް ނުދީ ހަމައެކަނި މާއްދިއްޔަތަށް ބަރޯސާވާ ދެ ނިޒާމެވެ. ދުނިޔަވީ މަސްލަހަތުތަކަށްޓަކައި ދީނީ ހައްގުތައް ނިގުޅައިގަންނަ ދެ ނިޒާމެވެ. އެދުންތަކާއި ޝަހުވަތްތަކަށްޓަކައި އަޚުލާގު ފައިދަށަށްލާ ދެ ނިޒާމެވެ.

ވީމާ އިންސާނުން އަމިއްލަ އަށް އުފައްދާ މިފަދަ ނިޒާމަކަށް މުސްލިމުން އެކީއެކަށް ތަބާވުމަކީ ގެއްލުންހުރި ކަމަކަށް ވާނެކަން ޔަގީނެވެ. ދުނިޔަވީ މާއްދީ ހަޔާތުގައި އެހެން މީހުންނަށް އަނިޔާދީފައި ވިއަސް ތިމާ އަށް މަންފާތަކެއް މިފަދަ ނިޒާމުތަކުން ފަހަރެއްގައި ކޮށްފާނެ އެވެ. އެކަމަކު މުސްލިމަކު ވިސްނަން ޖެހޭނީ ހަމައެކަނި އޭނާގެ މިއަދަކަށް ނޫނެވެ. މާއްދީ ފައިދާއަކަށް ނޫނެވެ.

މީގެ މާނައަކީ އިންސާނީ ތަޖުރިބާތަކުން މުސްލިމުން މަންފާ ލިބިނުގަންނާށެއެކޭ ނޫނެވެ. ޒަމާން ތަރައްގީވެ މުޅި ދުނިޔެ ބަވަނަކުރެވެމުން ދާއިރު އެހެން މީހުން ގެންގުޅޭ އުސޫލުތަކުން މަންފާ ލިބިގަތުމަކީ މުސްލިމުންނަށް މަނާ ކަމެއް ނޫނެވެ. ކީރިތި ރަސޫލާ ހަދީސްކުރައްވަނީ ހިކުމަތަކީ މުސްލިމަކު އަބަދުވެސް އެ ނުފެނިގެން ހޯދަމުންދާ އެއްޗެއް ކަމަށެވެ.

އެހެންކަމުން އެ ފެނުނު ކޮންމެ ތާކުން ލިބިގަތުމަށެވެ. މިގޮތުން ބަލާއިރު ރައުސްމާލީ ނިޒާމުގައި ވެސް އަދި އިޝްތިރާކީ ނިޒާމުގައި ވެސް އިސްލާމީ މަންހަޖާ ފުށުނާރާ، އަދި މުސްލިމުންނަށް މަންފާ ހުރި ކަންކަން އެކުލެވޭ ނަމަ އެކަންކަމުގައި ހިފުމަކީ ބުއްދިވެރި ހިކުމަތްތެރި ގޮތެވެ.


މި ކަމުގައި މުސްލިމުން ފަރުވާތެރިވެ ދެނެގަންނަން ޖެހޭނެ ކަންކަމަކީ އިންސާނުން އުފައްދާ މިފަދަ ނިޒާމުތައް އުފެދެން މެދުވެރިވަނީ ކީއްވެގެންކަމާއި މިފަދަ ނިޒާމުތަކުގައި ހުންނަ މުސްލިމުންނަށް ބަލައިގަނެވޭނެ ކަންކަމާއި އިސްލާމީ މަންހަޖާ ފުށުއަރާ ކަންކަމަކީ ކޮބައިތޯ ބެލުމެވެ. ތާރީހަށް ނަޒަރު ހިންގާލާއިރު އެނގިގެންދާ ހަގީގަތަކީ މިފަދަ ކޮންމެ ނިޒާމެއްވެސް އަންނަނީ މީސްތަކުންގެ ދިރިއުޅުމުގައި ކޮންމެވެސް ޒަމާނެއްގައި ކޮންމެވެސް ތަނެއްގައި އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވުމާއި ގެއްލުންދިނުމާއި ހަމަނުޖެހުމާއި ތަޅާފޮޅުންތައް އުފެދުން ފަދަ ނޭއްގާނީ ކަންކަމަށް ފަހު އޭގެ ހައްލެއްގެ ގޮތުގައެވެ.

މިހައްލު ހުށަހަޅަނީ ކޮންމެ ބައު ކަމަކީ ގޯސް ކަމެއްގެ ގޮތުގައެވެ. އަދި ކޮންމެ އައު ކަމަކީ ރަނގަޅު ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް ހަގީގަތަކީ އިންސާނުންގެ ދެނެގަތުމަކީ އޭގައި އުނިކަމެއް ހުންނަ އެއްޗެއް ކަމެވެ. އަދި ހެވާއި ނުބައި ވަކިކުރުމުގައި އައުވުމާއި ބައުވުމަކީ ސައްހަ މިންގަނޑެއް ނޫން ކަމެވެ.

މި ކަންކަން މިހެން އޮތް ނަމަވެސް ހުރިހާކަމެއް ދެނެވޮޑިގެންވާ މަތިވެރި އިލާހުގެ އިރުޝާދު ނުލިބޭ ބަޔަކަށް ކަންކަމާ މެދު ހުކުމް ކުރުމަށް އޮންނާނީ ހަމައެކަނި އެމީހުންގެ އަމިއްލަ ސިކުނޑި އާއި އަމިއްލަ އިހުސާސްތައް އެކަންޏެވެ. އެހެންކަމުން ހެވާއި ނުބައި ކަނޑައަޅަނީ ހަމައެކަނި ޒަމާން އެމީހުންނަށް ދައްކައިދޭ ގޮތެއްގެ މައްޗަށް ބަލައިގެންނެވެ. އެކަންކަމުގައި ފޮރުވިފައިވާ ހަގީގަތްތަކަށް ބަލައިގެނެއް ނޫނެވެ.

ނަތީޖާއެއްގެ ގޮތުން ސާބިތު އެއްވެސް އަގެއް، ދާއިމީ އެއްވެސް ހަގީގަތެއް އެ މީހުން ގާތަކު ނޯވެއެވެ. ހައްގާއި ބާތިލާއި، މާތްކަމާއި މުޑުދާރުކަމާއި، ހެވާއި ނުބަޔާއި މިއިން ކޮންމެ ކަމަކީ ވެސް އެ މީހުން ގާތުގައި ނިސްބީ ކަންކަމެވެ. އެބަހީ ސާބިތު ވަކި ހަމަތަކެއް ނެތި އެމީހަކަށް ފެންނަ ގޮތަކަށް އެމީހަކު މިންކުރުމެވެ. އެހެންކަމުން ކޮންމެ ބައު ގޮތަކީ ބާތިލު ގޮތް ކަމަށް އަދި ކޮންމެ އައު ގޮތަކީ ހައްގު ގޮތް ކަމަށް ބެލެވޭތަން ވަރަށް ގިނަ ފަހަރު އާދެ އެވެ.

އެހެންކަމުން މިފަދަ މީހުންގެ ދިރިއުޅުމުގެ މަންހަޖާއި މުސްލިމުންގެ މަންހަޖާ ދެމެދު ވަރަށް ބޮޑު ތަފާތުތަކެއް ހުރެ އެވެ. މިގޮތުން ބަލާއިރު މުސްލިމުން ތަބާވާ މަންހަޖަކީ އުޑުގައިވިއަސް އަދި ބިމުގައިވިއަސް އެއްވެސް ކަމެއް އެފަރާތަށް ވަންހަނާވެގެން ނުވާ ފަރާތުން އައިސްފައިވާ މަންހަޖެކެވެ. މިއާ ޚިލާފަށް އެހެން މަންހަޖުތަކަކީ އެންމެ ކައިރީގައި އޮންނަ މާދަމާ ވެސް ވާނީ ކޮން ކަމެއްކަން ނުދަންނަ އިންސާނުން އެކުލަވާލާފައިވާ މަންހަޖެކެވެ. އަދި މުސްލިމުން ތަބާވާ މަންހަޖަކީ ހިކުމަތްވަންތަ އަދުލުވެރި ރަސްކަލާނގެ ހަޒްރަތުން އައިސްފައިވާ މަންހަޖެކެވެ.

މިއާ ޚިލާފަށް އެހެން މަންހަޖުތަކަކީ އަމިއްލަ ނަފްސަށް ވެސް އަނިޔާވެރިވާ، ކަންކަމުގައި އަވަސް އަރުވާލައިގެން އުޅޭ އިންސާނުން އެކުލަވާލާފައިވާ މަންހަޖެކެވެ. މާތްﷲގެ ވަހީބަސްފުޅުގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން މި ޤުރުއާން އެންމެ ސީދާ މަގަށް މަގު ދައްކަ އެވެ. އަދި ހަމަކަށަވަރުން ޞާލިޙު ޢަމަލުތައް ކުރާ މުއުމިނުންނަށް ބޮޑުވެގެންވާ ދަރުމައެއް ހުރިކަމުގެ އުފާވެރި ޚަބަރު ދެ އެވެ. އަދި ހަމަކަށަވަރުން އާޚިރަތަށް އީމާންނުވާ މީހުންނަށް ވޭންދެނިވި އަޒާބެއް، ތިމަން ﷲ ތައްޔާރުކުރެއްވި ކަމުގެ ޚަބަރުވެސް މެއެވެ. އިންސާނާ، ހެޔޮކަމަށް އެދި ދުއާކުރާ ފަދައިން ނުބައި ކަމަށްވެސް އެދި ދުއާ ކުރެތެވެ. އަދި އިންސާނާއީ އަވަސްވެގަންނަ މީހަކު ކަމުގައި ވިއެވެ." (އަލްއިސްރާއު 9- 11)

މި އާޔަތްތަކުން ދޭހަވާ ގޮތުގައި އެންމެ ފުރިހަމަ އަދި އެންމެ އަދުލުވެރި އެންމެ ސީދާ މަންހަޖަކީ ހިކުމަތްވަންތަ ﷲގެ ފޮތް އޭގެ މަސްދަރު ކަމުގައިވާ އިސްލާމީ މަންހަޖެވެ. މިއާ ޚިލާފަށް ރުޅިގަދަވެ ރުންކުރުވެ އަވަސްއަރުވާލައިގެން ނުބައިކަންކަމަށް ވެސް އެދި ދުއާކުރާ އިންސާނާ އޭގެ މަސްދަރު ކަމުގައިވާ މަންހަޖުތަކަކީ ފުރިހަމަ މަންހަޖުތަކެއް ނޫނެވެ. އެފަދަ މަންހަޖުތަކުގައި ވަޒަން ހިފެހެއްޓިފައެއް ނުވާނެ އެވެ.

އެހެންކަމުން، މަގުން ކައްސާލުމެއް ނެތި ހައްދުފަހަނައެޅުމެއް ނެތި އަދި ވަކި އަތަކަށް ބުރަވުމެއް ނެތި ސީދާވެގެންވާ މަގުން ދަތުރުކުރަން ބޭނުންވާ މީހާއަށް އޮތީ އިސްލާމީ މަންހަޖެވެ. ގެއްލުމާއި ހަލާކުގެ ތެރެއަށް ނުވަދެ އިންސާނުން އެ މަގުސަދަކަށްޓަކައި ހެއްދެވުނު މަގުސަދު ފުރިހަމަ ކުރެވޭނީ އިސްލާމީ މަންހަޖަށް ތަބާވެގެންނެވެ. ރޫހާނިއްޔަތާއި މާއްދިއްޔަތާއި، ފަރުދީވަންތަކަމާއި ޖަމާއަތްވަންތަކަމާއި، ސާބިތުކަމާއި ތަރައްގީކުރުމާއި، މިފަދަ ހުރިހާ ކަމަކަށް އެންމެ އެކަށީގެންވާ ގޮތުގައި ސަމާލުކަންދީ ވަޒަން ހިފެހެއްޓޭނީ އިސްލާމީ މަންހަޖަށް ތަބާވެގެންނެވެ. އެބަހީ ދިރިއުޅުމުގެ ހަޔާތުގެ ކޮންމެ މައިދާނެއްގައިވެސް އިސްލާމްދީން އަންގާ ގޮތަށް ނުވަތަ އެދީނާ ޚިލާފު ނުވާ ގޮތަށް ތަބާވެގެންނެވެ.

Comments