މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅު
8 މާޗް 2012،
بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.
މިއަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލްފާޟިލް ޢަލީ ސަލީމް، އަތޮޅު ކައުންސިލްގެ ރައީސް އަދި ޙާޒިރުވެވަޑައިގެން ތިއްބެވި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ފުނަދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން.
السّــلام عليــكم ورحـمــة اللّـه وبـركاتـه،
އާދެ! މިއަދު މިރަށުން ފެނިގެން މިދިޔައީ، ވަރަށް މަދުން ނޫނީ ނުފެންނަފަދަ މަންޒަރުތަކެއް. މިހާރަކަށް އައިސް ރާއްޖޭގެ ގިނަ ރަށްރަށް ވަނީ ވަރަށް ބޮޑަށް ބައިބައިވެފައި. ރަށްރަށުން ފެނިގެންދަނީ، އެއްބައިވަންތަކަމަށްވުރެ ބޮޑަށް ބައިބައިވުން. ނަމަވެސް، މިރަށުން މިއަދު މި ފެނިގެންދިޔައީ، ވަރަށްވެސް ތަފާތު މަންޒަރެއް. މިރަށުގެ ރައްޔިތުންނަކީ، ވަރަށް އެކުވެރި، ވަރަށް އެއްބައިވަންތަ، އެކަކު އަނެކަކުދެކެ ލޯބިވާ، އިޙްތިރާމް ކުރާ ބައެއްގެ ގޮތުގައި. ތިޔަބޭފުޅުން މިއަދު ތިދެއްކެވީ، އަޅުގަނޑުމެންގެ މިޤައުމުގެ ހަމަ ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ރީތި، ރިވެތި މިސާލެއް.
އަޅުގަނޑާއި އަޅުގަނޑުގެ ޓީމް، މިރަށަށް އައުމުން، މިރަށުގެ ރައްޔިތުން ތިޔަދެއްވި ހޫނު މަރްޙަބާއަކީ، އަޅުގަނޑުގެ ހިތަށް ވަރަށްފުން އަސަރުތަކެއް ކުރުވި ކަމެއް. ކުދިބޮޑު އެންމެހާ ރައްޔިތުން، އަޅުގަނޑުމެންނަށް މަރްޙަބާ ދެންނެވުމުގެ ގޮތުން، އަތިރިމައްޗަށް ނުކުމެވަޑައިގަންނަވައި އަޅުގަނޑުމެންނާ ބައްދަލުކުރެއްވި. އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރު ދަންނަވަން.
އާދެ! ދެންމެ ތިޔަ އިވިވަޑައިގަތް ފަދައިން، ފުނަދުއަކީ މިވޭތުވެދިޔަ ތިންއަހަރުގެ ތެރޭގައި، ވަރަށް އިހާނެތިކޮށް ދައުލަތުގެ ފަރާތުން ކަންތައް ކުރެވިފައިވާ ރަށެއް. ޒަމާނުއްސުރެ މިއަތޮޅުގެ ވެރިކަން ކުރަމުން އައި ރަށަކީ ފުނަދޫ. ނަމަވެސް، ސިޔާސީ ސަބަބަށްޓަކައި މިރަށުގެ ރައްޔިތުން، ވަކި ޕާޓީއެއްގެ މެންބަރުން އިންތިޚާބު ނުކުރީތީ، އެކަމަށް ބަދަލުހިފުމުގެ ގޮތުން، މިރަށުގައި އޮތް މިއަތޮޅުގެ ވެރިކަން ނަގައިގަނެ، ގަދަކަމުން އަތޮޅުގެ އެހެން ރަށަކަށް ބަދަލުކުރި. އަދި އޭގެ ސަބަބުން، މިއަތޮޅުގެ ރައްޔިތުންގެ މެދުގައި ފިތުނަފަސާދައާއި ރުޅިވެރިކަން އުފެދިގެންދިޔަ. އެކަން މާތްﷲގެ ރަޙްމަތްފުޅުން މިވަނީ އަލުން ބަދަލުކުރައްވާފައި. އަދި މިރަށަށް މިއަތޮޅުގެ ވެރިކަން އިޢާދަ ކުރައްވާފައި. އާދެ! ތިޔަ ވިދާޅުވިފަދައިން، މިރަށުގެ ރައްޔިތުންނަށް އޭގެ ސަބަބުން ވަރަށް ފުން އަސަރުތަކެއް ކޮށްފައިވާކަން އަޅުގަނޑު ގަބޫލުކުރަން. އަދި ތިޔަބޭފުޅުންގެ ހިތްތަކުގައި، ދައުލަތާ ދޭތެރޭގައި މިހާރު ތިޔަ ދެއްކެވި ހިތްހެޔޮ ކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.
އަޅުގަނޑުގެވެސް ވާޖިބު، އާދެ! މިއަދަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް. އެހެންވީމާ، ދިވެހިރާއްޖޭގެ ހުރިހާ އަންހެން ބޭކަނބަލުންނަށް އަޅުގަނޑު މިއަދުގެ ތަހުނިޔާއާއި މުބާރަކްބާދު ދަންނަވަން.
ޤައުމުގެ ތަރައްޤީއަށްޓަކައި އަންހެނުންގެ އެއްބައިވަންތަކަމާއި، އެއްބާރުލުން، ބައިވެރިކަން ލިބުމަކީ، އެއީ ވަރަށް މުހިންމު ކަމެއް. މިޤައުމުގެ ރައްޔިތުންގެ ދެބައިކުޅަ އެއްބައި ރައްޔިތުންނަކީ އަންހެން ބޭފުޅުން. އެހެންވީމާ، ޤައުމު، އެއްވެސް ޤައުމެއް ކުރިއަށް ގެންދިޔުމަށްޓަކައި، އަންހެނުންގެ ޙިއްޞާ ފުރިހަމައަށްނެތި، ޤައުމަކަށް ކުރިއަކަށް ނުދެވޭނެ. ދެންމެ ތިޔަ އިވިވަޑައިގެންނެވި ފަދައިން، ދިވެހި އަންހެން ބޭކަނބަލުންނަކީ، ވަރަށް ހީވާގި، ވަރަށް ވިސްނުންތޫނު ބޭފުޅުންތަކެއް. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް އެބަ ފެނޭ. ތަޢުލީމީ ރޮނގުން ބެލިކަމުގައިވީ ނަމަވެސް. އަދި މަސައްކަތުގެ ރޮނގުން ބަލިކަމުގައިވީ ނަމަވެސް. އެހެންވީމާ، އަޅުގަނޑުމެންނަށް ޔަޤީން، އަންހެން ބޭކަނބަލުންނަށް ފުރިހަމަ ފުރްޞަތުތަކެއް ލިބޭކަމަށްވާނަމަ، މިޤައުމު ކުރިއެރުމުގައި، އެކަނބަލުން އަދާކުރައްވަންޖެހޭ މަގާމު ވަރަށް ފުރިހަމައަށް އަދާކުރެވިގެންދާނެ.
އަޅުގަނޑުވެސް މިއަދު އަދިވެސް އެއްފަހަރު ދަންނަވާލަން. ރާއްޖެ މިބަދަލުވަމުންދާ ބަދަލުވުމުގެ ތެރޭގައި، އެކިއެކި ރޮނގު ރޮނގުން އަންހެނުންނަށް ދެވިފައިވާ މަގާމު، އެބަ ކުރިއަށް ޖައްސާލަންޖެހޭ. އެގޮތުން ތަޢުލީމީ ރޮނގުންވެސް، މަތީ ތަޢުލީމަށްދާ އަންހެން ކުދިން ގިނަކުރަން އެބަޖެހޭ. އަދި ހަމައެހެން، ވަޒީފާގެ އެކިއެކި ފުރްޞަތުތައްވެސް، އަންހެން ބޭކަނބަލުންނަށް އެބަ ލިބެންޖެހޭ، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި. ވެރިކަމުގެ ދާއިރާގައިވެސް އަންހެން ބޭކަނބަލުންނަށް އިތުރު ފުރްޞަތުތަކެއް ލިބެން އެބަޖެހޭ. އެނގިވަޑައިގަންނަވާނެ ފަދައިން މިއަދު އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ ވަރަށްމަދު އަންހެން ބޭކަނބަލުން. އަދި ސަރުކާރުގައިވެސް މަތީ މަޤާމުތަކުގައި ތިއްބެވީ ވަރަށްމަދު އަންހެން ބޭކަނބަލުން. މިކަމަކީ އަޅުގަނޑުމެން ވިސްނައި، އެކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމެއް. މިހާރު ސިޔާސީ ގޮތުން ވެރިކަން މިއޮތީ އެކިއެކި ޕާޓީތައް ބައިވެރިވާ ގޮތަށް ބައްޓަން ކުރެވިފައި. އެހެންވީމާ، އަޅުގަނޑު ދަންނަވަން، ޕާޓީތަކުގެ ތެރެއިންވެސް އަންހެން ބޭކަނބަލުން މިހާރަށްވުރެ ބޮޑަށް ޙަރަކާތްތެރިވެވަޑައިގެން، އެކިއެކި މަގާމުތައް ނެންގެވުމަށް މަސައްކަތް ކުރެއްވުން އެއީ ވަރަށް މުހިންމު ކަމެއް. އެކިއެކި އިންތިޚާބުތަކުގައި އަންހެން ބޭކަނބަލުން ކުރިމަތިލެއްވުން އެއީ ވަރަށް މުހިންމު ކަމެއް. އަދި ހަމަ އެހެން، ޕާޓީގެ ތެރެއިން އެކިއެކި މަގާމުތަކަށް ހުށަހެޅޭ ބޭފުޅުންގެ ނަންތަކުގެ ތެރޭގައިވެސް އަންހެން ބޭކަނބަލުންގެ ނަންފުޅުތައް ހުރުމަކީ އެއީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދަންނަވަން. މިކަމުގައި ޚާއްޞަކޮށް، އަންހެން ބޭކަނބަލުން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކޮށްދެއްވުން އަޅުގަނޑު އެދެން. އަދި ހަމައެހެން، އެކަމުގައި ފިރިހެން ބޭކަލުންގެވެސް އެއްބާރުލުމާއި، އެހީތެރިކަން އޮތުމަކީ އެއީ ވަރަށް މުހިންމު ކަމެއް.
އަޅުގަނޑުމެންގެ ޤައުމަށް ކުރިއަށް ދެވޭނީ، އަޅުގަނޑުމެން ދެބައިމީހުން، އަންހެނުންނާއި ފިރިހެނުން އެކީގައި މަސައްކަތް ކޮށްގެން. ޢާއިލާއަކަށް ބެއްލެވިޔަސް، ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އުފާވެރި، ހަމަޖެހޭ، ފާގަތި، ޢާއިލާއަކަށް ދެމިއޮވެވޭނީ، އެ ޢާއިލާގެ އަންހެނުންނާއި ފިރިހެނުން އެކީގައި މަސައްކަތް ކޮށްގެން. އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެދީގެން. ހަމައެހެން، ޢާއިލާގެ ތެރޭގައި ކުދިން ބޮޑުކުރުންވެސް އެއީ ހަމައެކަނި އަންހެނުންގެ މަސްއޫލިއްޔަތެއް ނޫން. ފިރިހެން ބޭފުޅުންގެވެސް ވަރަށްބޮޑު މަސްއޫލިއްޔަތެއް. ޚާއްޞަކޮށް، ކުޑަކުދިންނަށް، ތުއްތު ކުދިންނަށް ބައްޕައިންގެ ލޯތްބާއި އެހީތެރިކަން ލިބުމަކީ އެއީ ވަރަށް މުހިންމު ކަމެއް. ކުޑައިރުއްސުރެ، އެންމެ ތުއްތުއިރުއްސުރެ، ކުދިންނަށް ބައްޕައިންގެ ލޯތްބާއި އެހީތެރިކަން އޮތުން ވަރަށް މުހިންމު.
އާދެ! އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތަކުގައި، މިހާރަށްވުރެ ބޮޑަށް މިދެންނެވި ކަންކަމަށް ސަމާލުކަން ދެވިގެން މަސައްކަތް ކުރެވޭނެ ކަމަށް. އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑުމެންގެ ސަރުކާރުގައި، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތަކަށް އަދި އިންސާނީ ޙައްޤުތަކަށް ޚާއްޞަ ކުރެވޭ ވަކި ވުޒާރާއެއް އެކުލެވިގެންދާނެ ކަމަށް.
އަދި މިއަދު ކުޑަކަމެއް ނަމަވެސް، ރާއްޖޭގެ ބައެއް ރަށްރަށުގެ އަންހެން ބޭކަނބަލުންނަށް ވަރަށް އުނދަގޫވެފައިވާ މައްސަލައެއް. އެއީ އެބޭކަނބަލުން ކުރައްވަމުން ގެންދެވި މަސައްކަތަކަށް ދޭންޖެހޭ އުޖޫރައެއް ނުދެވި އޮތުން ދައުލަތުގެ ފަރާތުން. އެހެންވީމާ، އަޅުގަނޑު މިރޭ ދަންނަވަން. އެފަދަ ރަށްރަށުގެ އަންހެން ބޭކަނބަލުންނަށް. އެބޭފުޅުން ރަށް ސާފުކުރުމުގެ ސަބަބުން، ނޫނީ އެހެންވެސް މަސައްކަތެއް ކުރެއްވުމުގެ ސަބަބުން، އެބޭކަނބަލުންނަށް ލިބިވަޑައިގަންނަވަންޖެހޭ އުޖޫރައެއް، ލިބިވަޑައިގަންނަވަންޖެހޭ ސަރުކާރުގެ މާލީ އެހީއެއް، އިރާދަކުރެއްވިއްޔާ މިއަހަރު އަޅުގަނޑުމެން އެބޭފުޅުންނަށް ރައްދުކޮށްދޭނަމޭ.
އާދެ! ދިވެހި ޤައުމަކީ އަޅުގަނޑުމެން އެންމެންގެ ޤައުމު. އަޅުގަނޑުމެން އެންމެން ލޯބިވާ ޤައުމު. އަޅުގަނޑުމެން އެންމެން އުފަންވެ ބޮޑުވިތަން. މިޤައުމުދެކެ ލޯބިވަނީ ވަކި ބައެއް ނޫން. ވަކި ކުލައެއްގެ ބައެއް ނޫން. ވަކި ޕާޓީއެއްގެ ބައެއްވެސް ނޫން. މި ޤައުމަކީ އަޅުގަނޑުމެން އެންމެން ލޯބިވާ ޤައުމު. ވީމާ، ޤައުމުގެ ޞުލްޙަމަސްލަޙަތުކަމާއި، ޤައުމުގެ ތަރައްޤީއާ، މިހުރިހާ ކަމަކީ، އޭގައި އަޅުގަނޑުމެންގެ ޙިއްޞާއެއްވާ، އުންމީދުތަކެއްވާ ކަންކަން. މިވޭތުވެދިޔަ ތާނގައިވެސް އަދި ކުރިއަށް އޮތް ތާނގައިވެސް، އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުންވެސް ހަމަ ބޭނުންވާނެ، މިކަމުގައި ޙިއްޞާއެއް އޮތުން.
ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމަށް އައި ބަދަލެއްގެ ސަބަބުން، ސިޔާސީ ޕާޓީތައް އުފެދުނު ކަމުގައިވީ ނަމަވެސް، ވެރިކަންކުރާ ބަޔަކު، އެއީ ކޮންމެ ޕާޓީއެއްގެ ބައެއް ކަމުގައިވީނަމަވެސް، އެބަޖެހޭ ހުރިހާ އެންމެންގެ މަޞްލަޙަތަށް، ހުރިހާ އެންމެންގެ ފައިދާއާއި ލާބައަށް މަސައްކަތް ކުރަން. މި ޤައުމަކީ ކުޑަކުޑަ ޤައުމެއް. މިޤައުމުގެ ތެރޭގައި، ބައިބައިވުން އުފެދުމުން، އޭގެ އަސަރު އެބަކުރޭ ޢާއިލާތަކަށްވެސް. މިއަދު މި ރާއްޖޭގެ ގިނަ ރަށްރަށުގެ ޢާއިލާތައްވަނީ ބައިބައިވެފައި. ބައްޕައިންނާއި ދަރިން، މަންމައިންނާއި ދަރިން، އަދި ދެމަފިރިންވެސް، ސިޔާސީ ކަންކަމުގައި ޖެހިގެންގޮސް، ޢާއިލާގެ ތެރޭގައި ހަމަނުޖެހުންވަނީ އުފެދިފައި. މިއީ މިކަން ވެގެންވާނެ ގޮތެއް ނޫން. މިއީ ޤައުމަށް ފައިދާހުރި ގޮތެއްވެސް ނޫން. އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ސިޔާސީ ފިނި ހޫނުމިން ތިރިކޮށްލަން، ފިނިކޮށްލަން. އަދި އަޅުގަނޑުމެން ކޮންމެ ޕާޓީއެއްގައި އުޅުނު ކަމުގައިވީނަމަވެސް، ދެން ތިބި މީހުންނަކީ އެއީވެސް ދިވެހި ރައްޔިތުންކަން، އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންކަން، އަޅުގަނޑުމެން ލޯބިވާ މީހުންކަން ދެނެގެން އުޅެން އެބަޖެހޭ. އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް މިކަމަކީ. ސަބަބަކީ މިހާރު އަޅުގަނޑުމެންނަށް މިފެންނަ މަންޒަރުތަކަކީ، ވަކި ޕާޓީއަކަށް ނިސްބަތްވާ މީހެއް ކަމަށްވާނަމަ، ދެން އޮތް ޕާޓީން އެމީހުންނާ ދޭތެރޭ ދެކެނީ ދުޝްމަނުންގެ ގޮތުގައި. އެ ވަރިހަމަ ތިމާގެ އަނބިމީހާ ކަމުގައިވީނަމަވެސް، ފިރިމީހާ ކަމުގައިވީނަމަވެސް، ތިމާގެ ދަރިފުޅު ކަމުގައިވީނަމަވެސް. މިއީކީ ކަންކަން ވެގެންވާނެ ގޮތެއް ނޫން. އަދި ޚާއްޞަކޮށް، އަޅުގަނޑުމެންފަދަ އިސްލާމީ ޤައުމެއްގައި، އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި، އިސްލާމީ ޤައުމެއްގެ ގޮތުގައި އޮންނައިރުގައި، މިފަދަ ކަންކަން މިހެން ވެގެން ނުވާނެ. މިކަމާ ދޭތެރޭގައި، ސިޔާސީ ޕާޓީތަކުގެ ވެރިން، ސިޔާސީ ޕާޓީތަކުގެ ކައުންސިލްތަކުން ވަރަށް ބޮޑަށް އެބަޖެހޭ ވިސްނަން. އަޅުގަނޑުމެންގެ ތެރޭގައި އެބަ އޮންނަންޖެހޭ، ސިޔާސީ އަޚްލާޤީ މިންގަނޑުތަކެއްވެސް. ސިޔާސީ ކުރެވޭނެ ކަންތައްތަކާއި، ކުރަންނުވާ ކަންތައްތަކާ އެބަޖެހޭ އަޅުގަނޑުމެން ދެނެގަންނަން. މީހަކާ ދެބަސްވާއިރަށް، އެމީހެއްގެ ފަހަތުން ދުވެ، ހަޅޭއްލަވައި، ގާއުކައި، ވެލިއުކައި، ކުޅުޖަހާ އަދި އެވަރުން ނުވެގެން، ރައްޔިތުންގެ ތަންތާނގައި ރޯކޮށް، ތަންތަން ސުންނާފަތި ކުރުން، މިއީކީ އަޚްލާޤީ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން. އަދި ދުނިޔޭގެ ތަރައްޤީވެފައިވާ ޑިމޮކްރެޓިކް ޤައުމުތަކުގައި ކަންހިނގާ ގޮތެއްވެސް ނޫން މިއީކީ. އަޅުގަނޑުމެންނަށް ވަރަށްގިނަ ޤައުމުތަކުގައި އުޅެވިއްޖެ. ތަރައްޤީވެފައިވާ އެއްވެސް ޤައުމެއްގައި މިގޮތަކަށް މީހުން ކަންތައްކޮށެއް ނޫޅޭ. އިޙްތިޖާޖް ކުރުމުގައިވެސް، މުޒާހަރާ ކުރުމުގައިވެސް މިންގަނޑުތަކެއް ހުރޭ. އެ މިންގަނޑުތަކުގެ ތެރޭގައި މީހުން މަސައްކަތް ކުރަމުން ގެންދަނީ. އެހެންވީމާ، އަޅުގަނޑުމެންވެސް ސިޔާސީ ގޮތުން ތަޞައްރުފް ފުދެން ބޭނުންވާ ކަމުގައިވާނަމަ، އަޅުގަނޑުމެން އެބަޖެހޭ ތަރައްޤީވެފައިވާ އެހެން ޤައުމުތަކުގައި، ސިޔާސީ ކަންކަންކުރާގޮތަށް، އަޅުގަނޑުމެންވެސް އެކަންކަން ކުރަން ދަސްކުރަން.
އާދެ! ދިވެހިރާއްޖެއަކީ އަދި އަޅުގަނޑުމެން ފެށި ޑިމޮކްރެޓިކް ދަތުރުގައި، ވަރަށް ޅަފަތުގައި އޮތް ޤައުމެއް. އަޅުގަނޑުމެންގެ ޑިމޮކްރަސީއަކީ ވަރަށް ޅަ ޑިމޮކްރަސީއެއް. އެހެންވީމާ، ބައެއްފަހަރަށް އަޅުގަނޑުމެންނަށް ހީވެދާނެ. އަޅުގަނޑުމެންގެ މިނިވަންކަމުން އެހެން މީހުންނަށް ކިތަންމެވަރަކަށް އުނދަގޫވިޔަސް އެއީ މައްސަލައެއް ނޫނޭ. އަޅުގަނޑުމެން އެބަޖެހޭ ޑިމޮކްރަސީވެސް ދަސްކުރަން. ޑިމޮކްރަސީ ހިންގާގޮތްވެސް އެނގެން. އެއްވެސް މީހެއްގެ ޙައްޤުތަކަށް އަރައިގަނެވޭ ހިސާބުން، ތިމަންނައަށް ލިބިފައިވާ މިނިވަންކަމުގެ ޙުދޫދުން ބޭރުވެވޭކަން އެއީ ކުރިއަރާފައިވާ ޤައުމުތަކުގައި ޤަބޫލުކުރާ ގޮތަކީ. އާދެ! އެގޮތުން އަޅުގަނޑުމެން ޑިމޮކްރަސީއަށްޓަކައި މަސައްކަތް ފެށިތާ ވަރަށްގިނަ ޒަމާންވެއްޖެ. މިއީކީ ހަމައެކަނި 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ފެށުނު ކަމެއް ނޫން. އަޅުގަނޑުމެން ރާއްޖޭގައި ޑިމޮކްރެޓިކް، އެންމެންނަށް އިންސާނީ ޙައްޤުތައް ލިބިދޭ، ޤާނޫނުއަސާސީއެއް އުފެއްދުމަށްޓަކައި މަސައްކަތް ކުރަން ފެށިތާ ވަރަށްގިނަ ދުވަސްވެއްޖެ. އެމަސައްކަތުގައި އަޅުގަނޑުމެން އެތަކެއް ޒަމާން ހޭދަކޮށްގެން، އަޅުގަނޑުމެންގެ އަތުގައި މިހާރު އޮތް ފެހި ޤާނޫނުއަސާސީ އަޅުގަނޑުމެންނަށް މިލިބުނީ. މި ޤާނޫނުއަސާސީގައި މިހާރު އެބަހުރި، ރައްޔިތުންގެ ޙައްޤުތައް ވަރަށް ރަނގަޅަށް ބަޔާންކުރެވިފައި. އަދި އެ ޙައްޤުތަކުން އެހެން މީހުންނަށް އުނދަގޫވީމާ، އެކަން ނިމޭ ހިސާބުވެސް، އޭގެ ޙުދޫދުވެސް ކަނޑައެޅިފައި އެބަހުރި. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، މި ޤާނޫނުއަސާސީ ދެމެހެއްޓޭތޯ މަސައްކަތް ކުރަން. މި ޤާނޫނުއަސާސީގެ ތެރެއިން މަސައްކަތް ކުރެވޭތޯ ބަލަން. އަދި ޤާނޫނުއަސާސީއަށް ބަދަލެއް ގެންނަންޖެހޭ ކަމަށްވާނަމަ، އެކަންވެސް ކުރެވޭނެގޮތްވެސް ޤާނޫނުއަސާސީގައި ކަނޑައެޅިފައި އެބައޮތް. އެގޮތަށް އެމަސައްކަތް ކުރަން. ނަމަވެސް، އަޅުގަނޑުމެންނަށް މިފެނިގެންދިޔައީ، ޤާނޫނުއަސާސީއާ ދޭތެރޭގައި ހިތްހަމަނުޖެހޭ ބައެއް ކަންތައް ހުރިކަމަށްވާނަމަ، ޤާނޫނުއަސާސީ އެކަހެރިކޮށްލައި އެއްފަރާތަށް ޖައްސާލާތަން. ޤާނޫނުއަސާސީގައި، ކަނޑައެޅިގެން ނުކުރެވޭ ކަމަށް ބުނެފައި ހުރި ކަންކަން ކުރަމުން ގެންދާތަން. އެހެންވީމާ، އަޅުގަނޑުމެން ފެށި ޑިމޮކްރަސީގެ ދަތުރަށް ވަރަށްބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު. ޅަފަތުގައި އޮތް ޑިމޮކްރަސީއެއްގައި، އަޅުގަނޑުމެން މިކުރާ ދަތުރު، ވާންވީވަރަށްވުރެ ބޮޑަށް އުނދަގޫވެ، އަޅުގަނޑުމެން ފެށި ދަތުރު، ބޮޑެތި ރާޅުތަކެއްގެ ތެރޭގައި ތާށިވެ، އޭގެ ސަބަބުން، މުޅި ޤައުމު ބޮޑު އުދާސްގަނޑެއްގެ ތެރެއަށް ގޮއްސަ މިއޮތީ. އޮއްވައި اللّـه سبحـانـه وتعـالى މިންވަރު ކުރެއްވި ބަދަލެއް މިއޮއްއައީ. އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާނަން. މި ޤައުމަށް މިއައި ބަދަލަކީ، މިއީކީ އެއްވެސް ބަޔަކު އަމިއްލައަށް ގެނެވޭވަރުގެ ބަދަލެއް ނޫން. ހިނގާދިޔަ ކަންތައްތަކަކީ، އެއްވެސް ބަޔަކަށް ރާވައިގެން ކުރެވޭވަރުގެ ކަމެއްވެސް ނޫން. މިކަންކަން ވެގެން މިދިޔައީ، ހަމަ اللّـه سبحـانـه وتعـالى މިކަން މިންވަރު ކުރެއްވި ގޮތަށް. އެއާ ވިދިގެން ކަންދިމާވި ގޮތުން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ދެއްވުމުން، ދެން ޤާނޫނުއަސާސީގައި ކަނޑައެޅިފައި އޮންނަ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެދިވަޑައިގަތުމުން، އޭރު ނައިބު ރައީސެއްގެ މަގާމުގައި ހުރި މީހަކީ، އަޅުގަނޑު ކަމަށްވާތީ، އުއްތަމަ ފަނޑިޔާރު އަޅުގަނޑަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާލައިދެއްވީ. އެއީ އެކަން ޤާނޫނުއަސާސީގައި އޮތްގޮތް. އަދި ޤާނޫނުއަސާސީ ލިޔުނު މީހުންވެސް، ފާސްކުރި މީހުންވެސް އެކަން ދުށްގޮތް. ދެން އެކަމާ ހިތްހަމަނުޖެހޭ ބަޔަކު، ކޮންމެ ވާހަކައެއް ދެއްކިޔަސް، މިއީ ޙަޤީޤަތަކީ.
ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށްޓަކައި، ގިނަގުނަ އުނދަގޫތައް މީހުންނަށް ކުރިމަތިކުރުމަށްޓަކައި މަދުބަޔަކު މިކުރާ މަސައްކަތް، އަޅުގަނޑު ދަންނަވާނީ، އެއީ ވަރަށްދެރަ ކަމެކޭ. އެކަން ހުއްޓާލުމަށް އަޅުގަނޑު އިލްތިމާސް ކުރަން. ޤައުމު ކުރިއަށް ގެންދެވޭނީކީ އެގޮތަކަށް ނޫން. ޤައުމު ކުރިއަށް ގެންދެވޭނީ، އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދައްކައިގެން. ގެންނަންޖެހޭ އިޞްލާޙުތައް، ވާހަކަ ދައްކައިގެން. ޤާނޫނީގޮތުން ގެންނަންޖެހޭ ކަންކަން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގެނެސްގެން. ނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މިހާތަނަށް އަދި ރައްޔިތުންގެ މަޖިލިސްވެސް ހުޅުވިޔަނުދޭން ބަޔަކު މަސައްކަތް ކުރަމުންދާތަން. ޤައުމެއް ހިންގާނެ ގޮތެއް ތިޔަބޭފުޅުން ވިދާޅުވޭ. ޤައުމުގެ ސިޔާސީ ކަންކަމުގައި އުޅޭ ވަކިބަޔަކު، އެޤައުމުގައި ޤަބޫލުކުރާ އެއްވެސް މުއައްސަސާއެއް ނެތީމާ، ޤާނޫނެއް ގަވާއިދެއް ނެތް ކަމަށް ގަބޫލުކޮށް، ޢަދުލު އިންޞާފް ޤާއިމްކުރާނެ ބަޔަކު ނެތް ކަމަށް ގަބޫލުކޮށް، އަމަން އަމާންކަން ޤާއިމްކުރާނެ ބަޔަކު ނެތް ކަމަށް ޤަބޫލުކޮށް، ވެރިން ނެތް ކަމަށް ގަބޫލުކޮށް، ޤާނޫނުހަދާ މަޖިލީހެއް ނުހުޅުވައި، ދެން ކޮންތާކަށްތޯ އަޅުގަނޑުމެންނަށް މިދެވެނީ. މިފަދަ އެއްވެސް ކަމެއް ނެތް ތަނެއްގައި އޮންނާނީ ޖަންގަލީގެ ޤާނޫނު. މިޤައުމުގައި އެދުވަސް އަންނާކަށް އަޅުގަނޑުމެންނަކަށް ތަނެއް ނުދެވޭނެ. މިޤައުމުގައި މިފަދަ އާބާދީތައް ހުރި ކިތަންމެ ރަށްރަށެއް އެބަހުރި. މިދެންނެވި ކަހަލަ ހަލަބޮލިކަން ގެންނަން ބޭނުންވާ، ޞުލްޙަވެރި، އެއްބައިވަންތަ، އުޚުއްވަތްތެރި އާބާދީތައް، މިޤައުމުގައި ގިނައިން މިތިބީ. އެހެންވީމާ، މިދެންނެވިފަދަ ފުރްޞަތު ދިނުމަކީ އެއީ ދައުލަތަކަށް ކުރެވޭނެ ކަމެއް ނޫން.
އިންސާނީ ޙައްޤުތަކަށް އަޅުގަނޑުމެން ޙުރްމަތްތެރިކޮށްހިތާނަން. އަދި ޤާނޫނުއަސާސީއާއި ޤާނޫނުތައް އަޅުގަނޑުމެން ދަމަހައްޓާނަން. ނަމަވެސް، ޤައުމުގެ އަމަންއަމާންކަމަށް ނުރައްކާތެރިވުމުން، ރައްޔިތުންގެ ސަލާމަތަށް ނުރައްކާތެރިވުމުން، އަޅަންޖެހޭ ފިޔަވަޅެއް އެޅުމުގައި، އަޅުގަނޑުމެން ހަމަ ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނަން. އަޅުގަނޑު އުންމީދު ކުރަން، ހުރިހާ ބޭފުޅުންވެސް، ދިވެހި ހުރިހާ ރައްޔިތުންވެސް، އެކަން ޤަބޫލު ކުރައްވާނެ ކަމަށް، އަޅުގަނޑު ޔަޤީން ކުރަން.
އާދެ! މިއަދު ސަރުކާރަށް އައިސްފައިވާ ބަދަލަކީ، އަޅުގަނޑު ދަންނަވާނީ އެއީ ﷲ އިރާދަކުރެއްވިއްޔާ، ހެޔޮ ބަދަލެކޭ. ދިވެހިރާއްޖޭގައި މިހާތަނަށް އެންމެގިނަ ޢަދަދެއްގެ ރައްޔިތުން ތަމްސީލުކުރާ، އެންމެގިނަ ޢަދަދެއްގެ ސިޔާސީ ޕާޓީ ބައިވެރިވާ ސަރުކާރަކީ މި ސަރުކާރު. ހަމައެހެން، އެންމެގިނަ ޢަދަދެއްގެ ޓެކްނިކަލް، ޤާބިލް ބޭފުޅުން ހިމެނިވަޑައިގަންނަވާ ކެބިނެޓެއް އޮތީވެސް ހަމަ މި ސަރުކާރުގައި. އަދި މި ސަރުކާރަކީ މިއީ އަޅުގަނޑުމެން ފެށި ޑިމޮކްރަސީގެ ދަތުރުގައި ދިމާވި ގޮންޖެހުންތަކުން ސަލާމަތްވާނެ ސަރުކާރު. މި ސަރުކާރަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ދަމަހައްޓައި، ފުރިހަމައަށް ޤާނޫނުތަކަށް ބޯލަނބާނެ ސަރުކާރެއް. އެއްވެސް ބަޔަކަށް ޣައިރު ޤާނޫނީ އަމުރެއް ނުކޮށް، ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރާނެ ސަރުކާރެއް. އަދި ހަމައެހެން، ރާއްޖޭގައި އިސްލާމްދީން ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ސަރުކާރެއް.
އާދެ! އަޅުގަނޑުމެން ޤައުމު ހިންގުމުގައި އިސްވެ ތިބޭ މީހުން، މި ސަރުކާރުގައި މަސައްކަތް ކުރަމުން ގެންދާނީ، ހުރިހާ ރައްޔިތުންގެ ފައިދާއާއި ލާބައަށްޓަކައި. ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ނުބަލާ. ވީމާ، ހުރިހާ ޕާޓީތަކުގައި ތިބި ދިވެހި ރައްޔިތުންނަކީވެސް، މި ސަރުކާރުން ހަމަ އެއްގޮތަކަށް ޢަމަލުކުރާނެ މީހުން. މި ސަރުކާރާ ދޭތެރޭގައި ހިތްހަމަނުޖެހޭ ބަޔަކު ތިބި ކަމުގައިވީނަމަވެސް، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރާނީ، ހަމަ ހަމަހަމަކަމާ އެކީގައި. އެއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ، ވެރިންގެ ކިބައިން ލާޒިމްކުރާ ކަމެއް.
ވީމާ، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޤައުމުގައި، މިވޭތުވެދިޔަ ސަރުކާރަށް ނިސްބަތްވާ ގޮތުން، އެމް.ޑީ.ޕީ.ގައި ތިއްބެވި ބައެއް ޒުވާނުންނާ މުޚާޠަބުކޮށް، އަޅުގަނޑު މިރޭ އެއްޗެއް ދަންނަވާލާނަން. އެބޭފުޅުންގެ ހިތްޕުޅަށް އަރާވަޑައިގަންނަވާކަހަލަ، ޑިމޮކްރަސީ ފަހަތަށޭ މިދަނީ. އެބޭފުޅުންވެސް ކުރެއްވި މަސައްކަތް، މިހާރު މިއޮތީ ގެއްލިފައޭ. ޙަޤީޤަތަކީ އެއީއެއް ނޫން. ޑިމޮކްރަސީއަކީ ވަރަށްގިނަ ބަޔަކު، އެ ގެނައުމަށްޓަކައި މަސައްކަތް ކުރަމުން އައި ކަމެއް. ކުރިން ދެންނެވިހެން އެއީ 2008 ވަނަ އަހަރު ފެށުނު މަސައްކަތެއް ނޫން. ވަރަށް ގިނަ ބަޔަކު، ވަރަށްގިނަ ދުވަސް ވަންދެން ކުރި މަސައްކަތުގެ ނަތީޖާ. މިވޭތުވެދިޔަ 30 އަހަރުވެސް، 40 އަހަރުވެސް ކުރި މަސައްކަތުގެ ނަތީޖާގެ ސަބަބުން އަޅުގަނޑުމެންނަށް ޑިމޮކްރެޓިކް ވެރިކަމެއް މި ޤާއިމް ކުރެވިގެން މިއުޅެނީ. ނަމަވެސް، އެ ވެރިކަމުގައި ތިބި ބަޔަކު އެމީހުންގެ އަމިއްލަ ވިސްނުމުގައި، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ކަންތައް ކުރުމުން، އެއިން އެ ނުކުންނަކީ ޑިމޮކްރަސީއަށް ކުރިމަތިވާ ވަރަށް އުނދަގޫ މައްސަލަތަކެއް. ޑިމޮކްރަސީއަށްޖެހޭ ގޮންޖެހުންތަކެއް. އެކަންކަން އެބަ ރަނގަޅު ކުރަންޖެހޭ. މިއަދު މިއޮތީ އަޅުގަނޑުމެންނަށް، އެ ފުރްޞަތު ލިބިފައި. އެކަންކަން ރަނގަޅު ކުރުމުގެ ފުރްޞަތު ލިބިފައި. އަޅުގަނޑުމެން މިއަދު ދެކެންވާނީ، އަޅުގަނޑުމެން މި ޤައުމަށް މިއައި ހެޔޮ ބަދަލަކީ، މިއީ އޭގެ ސަބަބުން ޑިމޮކްރަސީ ކުރިއަށް ގެންދިޔުމަށްޓަކައި ލިބުނު އަނެއްކާވެސް ރަނުގެ ފުރްޞަތެއް ކަމަށް. އެހެންވެގެން އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެން މަސައްކަތް ކުރަމާ ހިންގަވާށޭ، ޤާނޫނާއި ގަވާއިދުގެ ތެރޭގައި، ކަންކަން އިޞްލާޙު ކުރުމަށް. އެކަން ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތަށް، އެކަން ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްކުރަމާ ހިނގާށޭ، ހުރިހާ ބޭފުޅުން މިކަމުގައި ވާހަކަފުޅު ދައްކަވައިގެން. އަޅުގަނޑު ވާނީ މި ސަރުކާރާ ޙަވާލުވުމާ އެކުގައި، ޞުލްޙަވެރި ވާހަކަތައް ދެއްކުމަށްޓަކައި މަޖިލީހެއް ޤާއިމްކޮށްފައި. އެގޮތުން، ހުރިހާ ޕާޓީތަކަށް ގަބޫލުކުރެވޭ ބޭފުޅަކު އިސްކޮށްގެން، ހުރިހާ ޕާޓީތަކުގެ ވާހަކަ ދެއްކުން، ކުރިއަށް ދަމުން ދިޔައީ. މިވަގުތުވަނީ އެވާހަކަތަކަށް ހުއްޓުމެއް އައިސްފައި. އެއީ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ހުރަސްއެޅުމުގެ ސަބަބުން. އަޅުގަނޑު އުންމީދު ކުރަން، ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލިސް ހުޅުވި، ވާހަކަތައްވެސް ކުރިއަށްދާނެ ކަމަށް.
އާދެ! ދެން ބައެއް ބޭފުޅުން އެބަ ސުވާލުކުރައްވާ ކޮބައިހޭ ތިމަންނަގެ ވޯޓް. ތިޔަބޭފުޅުން ދެއްވި ވޯޓް ދެއްވީކީ ހަމައެކަނި ވަކި މީހަކަށް ނޫން. ތިޔަ ބޭފުޅުން ދެއްވި ވޯޓް ދެއްވީ، އާ ސަރުކާރަކަށް. އެ ސަރުކާރުގައި ވަރަށްގިނަ ޕާޓީތައް އެކުލެވޭ ސަރުކާރަކަށް. ރިޔާސީ އިންތިޚާބުގައ، ތިޔަބޭފުޅުން ވޯޓް ދެއްވީ މިދެންނެވި ގޮތަށް. ދެމީހެއްގެ ނަން ވޯޓް ކަރުދާސްކޮޅުގައި ޖަހައިގެން. އެދެމީހުންގެ ނަމަކީ، ކުރީގެ ރައީސް ނަޝީދާއި އަޅުގަނޑާ. އަޅުގަނޑުމެން ދެމީހުންނަށް ތިޔަބޭފުޅުން ވޯޓް ދެއްވީ. އެހެންވީމާ، ރިޔާސަތަށް އިންތިޚާބުވީ އެންމެ މީހެއް ނޫން. އެކަން އެމް.ޑީ.ޕީ.ގެ ބައެއް ބޭފުޅުންނަށް އޮޅިވަޑައިގަންނަވައިފި. ނަމަވެސް، އޭގެތެރޭގައި ތިއްބެވި ތަޢުލީމީ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިކަން އޮތީ މިހެންކަން. ދިވެހި ރައްޔިތުން ވޯޓް ދެއްވާފައިވަނީ ދެމީހަކަށް ރިޔާސަތުގައި ތިބުމަށް. އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި މީހަކާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި މީހަކާ. ދެން ޤާނޫނުއަސާސީގައި ކަނޑައެޅިފައި މިއޮންނަނީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު، ކޮންމެ ސަބަބަކާހުރެ ނަމަވެސް، ކޮންމެ ސަބަބަކާހުރެ ނަމަވެސް، އޭނާގެ ވަޒީފާ އަދާކުރައްވަން ޢުޒުރުވެރިވެއްޖެނަމަ، އަދާނުކުރެވިއްޖެނަމަ، ނޫނީ އިސްތިޢުފާ ދެއްވައިފިނަމަ، އެ މަގާމަށް މި އަންނަންޖެހެނީ، ނައިބު ރައީސް. މިއީ މި ޤައުމުގެ އާ ޤާނޫނުއަސާސީ ބައްޓަން ކުރެވިފައި އޮތްގޮތަކީ. އެހެންވީމާ، ތިޔަބޭފުޅުން ދެއްވި ވޯޓް އަދިވެސް ހަމަ އޮތީ ޞައްޙަކޮށް، އަދިވެސް އޮތީ ހަމަ ރަނގަޅަށް. އެ ވޯޓް އަދިވެސް މިހިނގަނީ.
އާދެ! ދެން ބޭރު ޤައުމުތަކުގައި ވަރަށްބޮޑަށް އެބަދެކެވޭ، މި ސަރުކާރަކީ މިއީ ޙައްދުފަހަނަޅާފައިވާ މީހުންނަށް ފުރްޞަތުދޭނެ ސަރުކާރެކޭ. އަދި އަޅުގަނޑު މިދަންނަވަނީ ބައްލަވާށޭ، މި ސަރުކާރުގައި ތިއްބެވި ބޭފުޅުން. މި ސަރުކާރުގައި އެބަތިބިތޯއޭ، ޙައްދުފަހަނަޅާފައި ހުރި އެކަކުވެސް. ހަމަ ތިޔަބޭފުޅުންނެކޭ އެއްފަދަ، ހަމަ ދުނިޔޭގެ ބޮޑެތި ޔުނިވަރސިޓީތަކަށްގޮސް، މަތީ ތަޢުލީމް ޙާޞިލްކޮށްގެން އައިސް ތިބި ދިވެހި ރައްޔިތުން މިތާނގައިވެސް މިތިބީ. ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމެއް. ދިވެހިރާއްޖޭގައި ހުންނާނެ، އިސްލާމްދީން ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ ސިޔާސީ ޕާޓީ. އެމެރިކާގައިވެސް ހުރޭ، އެމެރިކާގެ ދީންތައް ކުރިއަރުވާ ޕާޓީ. އިނގިރޭސިވިލާތުގައިވެސް ހުރޭ އަދި އެހެން ޤައުމުތަކުގައިވެސް ހުރޭ. އެހެންވީމާ، ކޮންމެހެން ދިވެހިރާއްޖޭގައި އިސްލާމްދީން ކުރިއެރުވުމަށްޓަކައި، ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރުމަކީ އެއީ މީހުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން. އެހެންވީމާ، ދިވެހި ޤައުމުގެ ވަކިބަޔަކު، ދިވެހިންގެ ތެރޭގައި ޙައްދުފަހަނަޅާފައި ހުރި ކަންތައްތަކެއް ކުރިއަރުވަން ބަޔަކު މަސައްކަތް ކުރަނީއޭ، ސަރުކާރަކީ މިކަހަލަ ސަރުކާރެކޭ ކިޔައިގެން ވާހަކަ ދެއްކުމަކީ، އެއީވެސް ފިތުނަފަސާދަ އުފެއްދުން. އަދި ރާއްޖޭގެ އިޤްތިޞާދު ހަލާކުކޮށްލުމަށްޓަކައި މަސައްކަތް ކުރުން. އެނގިވަޑައިގަންނަވާނެ، ހަމަ އެމީހުން އެބަ މަސައްކަތްކުރޭ، މި ޤައުމުގެ އިޤްތިޞާދު ހަލާކުކޮށްލުމަށްޓަކައި. ދިވެހިރާއްޖެއަށް އަންނަ ޓުއަރިސްޓުން އަޔަނުދޭން މަސައްކަތްކުރާ ބަޔަކު އެބައުޅޭ. އެކަމުގެ އަޑީގައި ތިބީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ނަޝީދުގެ ރަޙްމަތްތެރި ބަޔަކު. ދިވެހި ޤައުމުގެ އިޤްތިޞާދު ހަލާކުކޮށްލަން މަސައްކަތް ކުރުމަކީ އެއީ އެ އޮންނަ ސަރުކާރަކަށް ލިބޭ ގެއްލުމެއް ނޫން. އެއީ ދިވެހި ރައްޔިތުންނަށް ލިބޭ ގެއްލުމެއް. ދިވެހި ރައްޔިތުންގެ ގިނަ ބަޔަކަށް ލިބޭ ގެއްލުމެއް. އެފަދަ ކަމެއް ކުރަން، ދިވެހި އެއްވެސް ބަޔަކު މަސައްކަތް ކުރުމަކީ، އެއީ ޤައުމާ ދެކޮޅަށް ކުރެވޭ ވަރަށްބޮޑު ދެރަކަމެއް. އަޅުގަނޑުމެންނަށް މިޖެހެނީ، އެކަން ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަން މިހާރު. އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަމުން ގެންދާނަން. އަޅުގަނޑުމެންގެ ޓީމްގައި، އަޅުގަނޑުމެންގެ ކެބިނެޓްގައި، އެކަމަށް ޤާބިލް ބޭފުޅުން އެބަތިއްބެވި. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަކަށް ދެރަގޮތެއް މިންވަރެއް ނުކުރައްވާނެ.
އާދެ! އަޅުގަނޑު ނިންމާލުމުގެ ކުރިން، ތިޔަބޭފުޅުންގެ އުންމީދުތަކާ ބެހޭގޮތުންވެސް އެއްޗެއް ދަންނަވާލާނަން. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންގެ އުންމީދަކީ، މިރަށުގައި އެއަރޕޯޓެއް ޤާއިމް ކުރެއްވުންކަން. އަދި އެކަމަކީ ވަރަށްގިނަ ދުވަސް ވަންދެން، ތިޔަބޭފުޅުން އުންމީދު ކުރައްވަމުން ގެންދަވާ ކަމެއް. އެހެންވީމާ، ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރެވޭނެ ގޮތެއް ހޯދާނަން. އަދި ހަމައެހެން، އަޅުގަނޑުމެން ދެކެމުން އަންނަނީ، ފުނަދުއަކީ ދިރުންހުރި، ރީތި، ވަރަށް ކުރިމަގު އޮތް ރަށެއްގެ ގޮތުގައި. އެހެންވީމާ، މިރަށް، މިރަށުގެ އާބާދީ އިތުރުވެ، ރަށަށް ތަރައްޤީ އައިސް، މިރަށަކީ މިހިސާބުގައި އޮތް ބޮޑު ރަށެއްގެ ގޮތުގައި، ހުރިހާ ޚިދްމަތްތަކެއް ލިބޭ ތަނެއްގެ ގޮތުގައި ހޮސްޕިޓަލާއި، މަތީ ތަޢުލީމު ލިބޭނެ ތަންތަނާ، މިހުރިހާ ޚިދްމަތްތައް ފަހިވެފައިވާ ތަނެއްގެ ގޮތުގައި އަޅުގަނޑުމެން މިރަށް ދެކެމުން ދަނީ. އެހެންވީމާ، ކުރިންވެސް އަޅުގަނޑުމެން ގެންގުޅުނު އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން، އަޅުގަނޑު އުންމީދު ކުރަން، މިރަށަކީ މިއީ ތަރައްޤީވެފައި އޮންނާނެ، ރާއްޖޭގެ ކުރިއަރާފައިވާ، އެންމެ ކުރިއަރާފައިވާ އެއް ރަށް ކަމުގައި ވެގެންދާނެ ކަމަށް. އެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގައި، މި ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް މިހާރުއްސުރެ އަޅުގަނޑުމެން ފަށާނަން.
އާދެ! ތިޔަބޭފުޅުން މިއަދު އަޅުގަނޑުމެންނަށް ތިޔަ ދެއްކެވި ރިވެތި ނަމޫނާ އެއީ އަޅުގަނޑުމެން އުފަލާއެކީ ބަލައިގަންނަ ކަމެއް. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގެ، ހުރިހާ ރައްޔިތުންނަށް ޓީ.ވީ.ގެ ޒަރީޢާއިން ފެނިވަޑައިގަންނަވާނެ، މިރަށް އޮތްގޮތް. މިރަށުގައި އަޅުގަނޑުމެންނަށް މިހާރު މިފެންނަނީ، ވަކި ޕާޓީގެ ކުލައެއް ނޫން. މިފެންނީ ޤައުމީ ދިދަ، ބަލައިލި ކޮންމެ ދިމާއަކުން. އަޅުގަނޑުމެންގެ ޤައުމީ ރޫޙު ރަމްޒުކޮށްދޭ، އެންމެ މުހިންމު އެކައްޗަކީ، އަޅުގަނޑުމެންގެ ފަޚްރުވެރި ދިވެހި ދިދަ. އެ ދިދަ މިރަށުގެ ހުރިހާ ތަނެއްގައި ވިހުރުވެމުން މިދަނީ. އެކަމަށްޓަކައި އަޅުގަނޑު ނިހާޔަތަށް އުފާކުރަން. އަޅުގަނޑު އުންމީދު ކުރަން، މުސްތަޤްބަލުގައި ހުރިހާ ރަށެއްގައިވެސް، ޚާއްޞަކޮށް، ދިވެހި ޤައުމިއްޔަތު އާލާކޮށް، ދިވެހި ދިދައަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވާނެ ކަމަށް. މިރަށުގެ ނަމޫނާ ގަބޫލުކުރައްވައި، އެގޮތަށް ދިވެހި ދިދައަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ދިވެހި ދިދައާ ދޭތެރޭގައި، ހުރިހާ އެންމެންގެ ހިތުގައި، އިތުރު އިޙްތިރާމަކާއި ޤަދަރެއް އުފައްދަވައިދެއްވާނެ ކަމަށް.
އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، އަޅުގަނޑުމެންނަށް ތިޔަ ދެއްވި ހޫނު މަރްޙަބާއަށް. އަދި އަޅުގަނޑުގެ ހުރިހާވެސް ދުޢާއަކީ، ފުނަދުއަށް އަދަށްވުރެ ފެހި މާދަމައެއް ދެއްކެވުން. ތިޔަބޭފުޅުންގެ އުންމީދުތައް ޙަޤީޤަތަކަށްވުން.
والســّلام عليــكم ورحـمــة اللّـه وبـركاتـه
Comments