Skip to main content
ޑިމޮކްރެޓިކް ސަރުކާރު
އަބްދުﷲ ވަޙީދު މަންދު

ތިރީގައި މިވަނީ މީގެ 40 އަހަރު ކުރިން ދިވެހި ލިޔުންތެރިއެއް ކަމުގައިބާ އަބްދުﷲ ވަހީދު މަންދު ލިޔުއްވާފައިވާ ލިޔުމެކެވެ. 

ސިޔާސީ ފިލޯސަފަރުން ދުލުގެކުރީގައި މިއަދު އޮންނަބަހަކީ ޑިމޮކްރެސީއެވެ. މިކަމަގެ ހެއްކެއްކަމަށް އަޅުގަޑަށް ދެއްކޭނީ، ޚުދުމުޚްތާރު މުސްތަބިއްދުން ވެސް ތިމަންމެންނަކީ، ޑިމޮކްރެޓުންނޭ އަމިއްލައަށް ބުނެ އުޅޭކަމެވެ. އަދި ޑިމޮކްރަސީގެ ހެދުން އަޅުވައިގެން ޤާނޫނު ހަދައިގެން އަމިއްލަ އެދުމާއި ޒާތީ ފައިދާތަކަށްޓަކައި ސަރުކާރުތައް ހިންގަމުން ގެންދާކަމެވެ. އާދެ، އަމިއްލަ ވެރިކަން ހިމާޔަތް ކުރުމަށްޓަކައި ނުރައްކާތެރިކަމާއި ބިރުވެރިކަމުން ފުރިފައިވި ޖަލުތަކާއި ކޭމްޕްތައް ހަދައިގެން ރައްޔިތުން ތަޅާ ހަނާކުރަމުން ދާމީހުން ވެސް ތިމަންނާމެން މިހިންގަނީ ޑިމޮކްރެސީއޭ ގޮވާ ހަޅޭއްލަވާކަމެވެ.


އެކަމަކު، ޑިމޮކްރެސީ އަކީ ފަހެ ކޮބައިތޯ؟ އާދެ މިބަހަކީ މިރާއްޖޭގައިވެސް، ކޮންމެ ގޮތަކަށް ވެރިކަން ކުރަމުން އައި ނަމަވެސް ލައްކަ ކުރީއްސުރެ ކިޔެމުން އަންނަ ބަހެކެވެ. އަދި އަމުދުން ޑިމޮކްރަސީގެ އަޑުފައްގަޑު މިހާރު ގަދައެވެ. އަކަމަކު މިބަހަކީ، ފަހަރެއްގައި، ޑިކްޝަނަރީގައި އޮތް ވަކި ކަޑައެޅިފައި މާނައެއް ހޮވާލަން އެންމެ އުދަގޫ ބަހޭވެސް ބުނެވިދާނެއެވެ. މިބަސް އެކި ލިޔުންތެރިން ތަރުޖަމާ ކުރަނީ އެކި މާނައަށެވެ. އެކަމަކު ޑިމޮކްރެޓިކް މުޖުތަމަޢު އެކޭ ބުނެވޭނީ އެބައެއްގެ ވެރިންނަށް ލިބިދޭ ބާރުތައް އާއްމު ރައްޔިތުންގެ ފަރާތުން ފެށެވިގެން އަންނަ ނަމައެވެ. ނަސްލީ ތަފާތުތަކާއި މާލީ ތަފާތުތައް އަދި މިނޫންވެސް މިފަދަ ތަފާތުތަކަށް މަގާމެއްދޭ ބަޔަކުނަމަ، އެއީ ކަޑައެޅިގެން ޑިމޮކްރެސީ ޤަބޫލްކުރާ ގޮތުގައި އެބައްގެ ތެރޭން ކޮންމެ ފަރުދަކަށް ވެސް ލިބިގެންވާންވީ މައިގަޑު އެއް ހައްޤުތަކެކެވެ. ދޮންމީހަކަށް ވީތީ ނުވަތަ ބޭފުޅަކަށް ވީތީ ނުވަތަ ވެރިމީހާގެ ޢާއިލާގެ މީހަކަށްވީތީ ވަކި ތަފާތެއް ވެގެން ނުވާނެއެވެ.

އިޤްތިޞާދީ ނަޒަރަކުން ބަލައިފިނަމަ، ޑިމޮކްރަސީގެ މާނައަކީ މުއްސަދިކަން އެންމެންނަށް ހަމަހަމަވެގެން ހިގާފަދަ އުސޫލަކަށް ހަމަޖެހިފައި އޮތުމެވެ. ރާއްޖޭގެ ހުރިހައި މުއްސަދިކަމެއް ވަކިބައްގެ ކޮންޓްރޯލްގައި އޮންނަ ނަމަ އެއީ ޑިމޮކްރެސީގެ ރޫޙު އާއި ޚިލާފުކަމެކެވެ. ވަކި ބައެއްގެ ޚާއްސަ ބޭނުންތަކެއް ފުއްދުމުގެ ކުރިން އެންމެންގެ މައިގަޑު ބޭނުންތައް ފުދެންޖެހޭނެ ކަމަށް ޑިމޮކްރެސީ އަބަދުވެސް އަޑުހަރުކޮށް ގޮވައެވެ.

ޑިމޮކްރެސީ ސަރުކާރެއްނަމަ، ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ނަމަވެސް ޢާއްމު ރައްޔިތުންގެ އެދުންތަކަށް ބޯލަބަން ޖެހޭނެއެވެ. ޕޮލިޓިކަލް ފިލޯސަފަރ ސީލީ ބަޔާން ކުރައްވާ ގޮތުގައި “ޑިމޮކްރެޓިކް ސަރުކާރަކީ ކޮންމެ ރައްޔިތެއްގެ ހިއްސާއެއްއޭގައި އެކުލެވިފައިވާ ސަރުކާރެކެވެ.” ލޯރޑް ބްރައިސް ވިދާޅުވާ ގޮތުގައި “ޑިމޮކްރެސީ އަކީ ވަކިމީހެއް ނުވަތަ ވަކިބައެއްގެ އަތުގައި ބާރުތައްނެތި މުޅި ރައްޔިތުންނަށް ބާރު ލިބިފައިވާ ސަރުކާރެކެވެ.” އަދި މިޒަމާނުގެ އެންމެ ގިނަ ދައުލަތްތައް ޤަބޫލުކުރާ އެބްރެހެމް ލިންކަން ބަޔާން ކުރައްވަނީ، “ޑިމޮކްރެސީ އަކީ ރައްޔިތުންގެ ފަރާތުން، ރައްޔިތުންނަށްޓަކައި ހެދިފައިވާ ރައްޔިތުންގެ ސަރުކާރެކެވެ.” މިގޮތުން ވިސްނާއިރު ޑިމޮކްރެޓިކް ސަރުކާރެއްގެ ހުރިހާވެސް އަމުރުވެރިންނަކީ ރައްޔިތުންނެވެ. އަދި ހުރިހާ އަމުރެއް ހުންނާނީ އެންމެހާ ރައްޔިތުންގެ މައްޗަށް ހަމަހަމަ ގޮތެއްގައެވެ. ރައްޔިތުން ނަކީ އަމުރުކުރާ އަދި އަމުރުވެވޭވެސް މީހުނެވެ. ދައުލަތުގެ ޤާނޫނުތައް އެންމެންގެ މައްޗަށް ހިންގޭނީ ހަމައެކަނި ޑިމޮކްރެސީގައެވެ. އެހެން ފާޑުފާޑުގެ ސަރުކާރުގައި މިކަން މިހެނެއް ނުއޮންނާނެއެވެ. “ރައްޔިތުންގެ ސަރުކާރޭ” އެބުނެވެނީ މިހެންވީމައެވެ.

“ރައްޔިތުންނަށްޓަކައި ހެދިފައިވާ ސަރުކާރެކޭ” ބުނާބަހުގެ މާނައަކީ ސަރުކާރުން ކުރާ ހުރިހާ ކަމެއްވެސް ކުރަނީ އެންމެހާ ރައްޔިތުންގެ ލާބައަށްޓަކައެވެ. އެންމެ އަނިޔާވެރި ޑިކްޓޭޓަރުން ވެސް ތިމަންނާ މެން ކަންތައްތައް މިކުރަނީ އެންމެންނަށް ފައިދާހުރި ގޮތަށޭ ބުނެއެވެ. އަދި މިކަންއޮތީ މިހެން ނޫންކަން އެގޭއިރު ވެސް އަޅުގަޑުމެންނަކަށް ވަކިއެއްޗެއް ނުބުނެވޭނެއެވެ.

އެހެންނަމަވެސް “ރައްޔިތުންގެ ފަރާތުން ހޮވޭ ސަރުކާރެކޭ” ބުނެވޭނީ ހަމައެކަނި ޑިމޮކްރެސީގައެވެ. އެއީ އާއްމު ރައްޔިތުން އެންމެން ހަމަހަމަ ވާގޮތަށް ވޯޓުލައިގެން ހޮވޭ ސަރުކާރެއް ވީމައެވެ. އަދި ތަނުގެ ޤާނޫނުތައް ސީދާ ނަވަތަ ނުސީދާގޮތުގައި ނަމަވެސް ހަދާނީ ރައްޔިތުންނަށް ލާބަ އާއި މަންފާހުރި ގޮތެއްގެ މަތިން ރައްޔިތުންނެވެ.


ޑިމޮކްރެޓިކް ސަރުކާރުގެ ވައްތަކުރުތައް:
ޑިމޮކްރެޓިކް ސަރުކާރުގެ ދެވައްތަރެއް ވެއެވެ. އެއީ: 1 ސީދާ ޑިމޮކްރެސީ 2 ނުސީދާ ޑިމޮކްރެސީ މިއެވެ.
މީގެތެރެއިން ސީދާ ޑިމޮކްރެސީ ހިންގާ ސަރުކާރަކީ ދައުލަތައް ދިމާވާ ކޮންމެ ހާލަތެއްގައި ހުރިހާ ރައްޔިތުން އެއްތާކަށް އެއްވެ ވާހަކަ ދައްކައިގެން ފެންނަގޮތެއް ހޯދައިގެން ހިންގާ ސަރުކާރެވެ. ވަރަށް ކުރީގެ ގްރީސް ސިޓީ ސްޓޭޓްސްގައި ހިންގީ މިފަދަ ސަރުކާރެވެ. ނުސީދާ ޑިމޮކްރެސީ އަކީ، މިހާރު އަޅުގަޑުމެން މިދެކޭފަދަ ރައްޔިތުންނަށް ފެންނަބަޔަކު ހޮވާ ވަކިތާކަށް ފޮނުވައިގެން ދައުލަތައް ދިމާވާ މައްސަލަތައް ހައްލު ކުރަމުންދާ ތަންތަނެވެ. މިހާރު ސީދާ ޑިމޮކްރެސީ ހިންގާފަދަ ކުދިކުދި ތަންތަން ހުއްޓެކޭ އަޅުގަޑަކަށް ހިއެއް ނުވެއެވެ. ނުސީދާ ޑިމޮކްރެސީގައި ކޮންމެ ކަމަކާ ވާހަކަ ދައްކަން ރައްޔިތުން އެކެއް ނުކުރާނެއެވެ. ރައްޔިތުން އެކަމަށްޓަކައި އިންތިޙާބްކުރާ ބަޔަކު އެކަން ހަމަޖައްސާނެއެވެ. މި އިންތިޙާބްކުރާ މީހުނާމެދު ރައްޔިތުން އިތުބާރު ނެތިއްޖެނަމަ މީހުން ބަދަލުކުރުމުގެ ހައްޤު ރައްޔިތުންނަށް ލިބިގެންވާނެއެވެ.

ނުސީދާ ޑިމޮކްރެސީގެ މުހިއްމު ސިފަތައް:
1- ޤާނޫނު ހެދުމަށްޓަކައި ކަޑައަޅާބަޔަކު ހޮވުމުގައި ކޮންމެ ރައްޔިތަކަށް ވެސް ވޯޓް ދިނިމުގެ ހައްޤު ލިބިގެންވާކަން.
2- ވަކި ފަރާތަކަށް ޖެހުމެއްނެތި މިނިވަންކަމާއެކު އެއްވެސް ޚަރަދަކާ ނުލާ ވޯޓްލެވޭކަން. ސަރުކާރުގެ ނުވަތަ އެހެންވެސް ފަރާތަކުން މިވޯޓްދޭ މީހާ ވޯޓްދޭގޮތް ބަލައިގެން ނުވާނެއެވެ.
3- އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ސަރުކާރު ބަދަލުވެ އެހެން ސަރުކާރެއް އަދި އެހެން މަޖްލިސް އެއް ހޮވޭފަދަ ގޮތެއް ހަމަޖެހިފައި ވާކަން.
4- ސަރުކާރު ހެދެނީ އަޣްލިބިއްޔަތައް ފެންނަ ގޮތަކަށް ކަން. އާދެ، ޤާނޫނު ހަދާ މަޖްލިސް އާއި ސަރުކާރަކީ ރައްޔިތުންނަށް ފެނިގެން އިސްކުރާ ބަޔަކަށް ވުމަކީ، ޑިމޮކްރެސީގެ އެންމެ މޮޅު ސިފައެވެ.
5- ޤާނޫނީގޮތުން ހަމަޖެހިފައިވާ އިދިކޮޅު ޕާޓީއެއް، ސަރުކާރުން ކުރާ ކަންކަމާ ފާޑު ކިޔުމަށްޓަކައި އުފެދިފައިވާ ކަން. މި ސިފައަކީ ޚުދުމުޚްތާރު ވެރިކަމާ ޑިމޮކްރެސީ އާ ތަފާތުކޮށްދޭ އެންމެ މުހިއްމު ސިފައެވެ. ޑިކްޓޭޓަރޝިޕް (ޚުދުމުޚްތާރު ވެރިކަން) ގައި ކިތަންމެ ވޯޓެއްލިއަސް އަދި ކިތަންމެ ގޮތަކަށް ވާހަކަ ދެކެވުނަސް އިދިކޮޅު ޕާޓީއެއް އޮތަކަ ނުދޭނެއެވެ. ސަރުކާރުން ކުރާ ކަމަކާ ފާޑެއްކިޔާ އެއްޗެއް ބުނެފިނަމަ، އެމީހެއްގެ ދުވަސް ދިޔައީއެވެ.
6- ރައްޔިތުންގެ މައިގަޑު ހައްޤުތައް ލިބިގެންވާކަން. ރައްޔިތުންގެ މައިގަޑު ހައްޤުތައް ކަމުގައި ބެލެވެނީ،
ހ- ހިތަށްއެރިހާ ކަމަކާ ހިތަށްއެރިހާ ފަހަރަކު ބަންދު ނުކުރެވުން.
ށ- ލިޔުންތެރި ކަމާއި، ނޫސްވެރިކަން، އަދި ދުލާއި ޚިޔާލު ކުރުމުގެ މިނިވަންކަން އޮތުން.
ނ- ޖަމާއަތް، ޕާޓީ ފަދަ ތަންތަން ހަދާ ހިންގުމުގެ މިނިވަންކަން އޮތުން.
މިދެންނެވީ ޑިމޮކްރެޓިކް ސަރުކާރަކުން އެތަނެއްގެ ރައްޔިތުންނަށް ލިބިދޭ މައިގަޑު ހައްޤުތަކެވެ. މި ހައްޤުތައް ލިބިނުދެނީނަމަ، އެ ސަރުކާރަކީ ފުރިހަމަ މާނައިގާ ޑިމޮކްރެޓިކް ސަރުކާރެކޭ ނުބުނެވޭނެއެވެ.

ޑިމޮކްރެސީގެ މޮޅުކަން
ޑިމޮކްރެޓިކް ސަރުކާރެއްގެ ދިފާޢުގައި ނުވަތަ އެއާއި އެއްކޮޅަށް ދެއްކޭނެ، އަދި އާއްމުކޮށް ދައްކާ ވާހަކަތައް ވަރަށްވެސް ގިނައެވެ. އަޅުގަޑު މިބަޔާން ކުރަނީ މިވާހަކަ ތަކުގެ މައިގަޑު ނުކުތާތަކެވެ.

އާއްމުންގެ ޙާލުދުށުން:
އެހެން ހުރިހާ ވައްތަރެއްގެ ސަރުކާރަކަށް ވުރެވެސް ބޮޑަށް ޑިމޮކްރެޓިކް ސަރުކާރުން އާއްމު ރައްޔިތުންގެ ޙާލުދެކި އެކަމާ އަޅާލާހަދައެވެ. މިހެންވާން ޖެހެނީ ސަރުކާރަކީ ރައްޔިތުން ހޮވާ ބަޔަކަށްވާކަމެވެ. ކޮންމެ ވަގުތަކުވެސް ރައްޔިތުންނަށް ނުފެނިއްޖެނަމަ، ސަރުކާރަށް ޖެހޭނީ ކަމުން ދުރުވާށެވެ. ވީމާ ސަރުކާރަށް ރައްޔިތުންގެ ޙާލު އަޙުވާލު ދެކެން ބަޖްބޫރު ވަނީއެވެ. ރައްޔިތުންގެ ދަތިތަކާއި އަދި މިނޫންވެސް މިބާވަތުގެ ހުރިހާ ކަމަކަށް ޑިމޮކްރެޓިކް ސަރުކާރު އަބަދުވެސް ވަރަށް ފަރުވާތެރި ކަމާއެކު ބަލާނެއެވެ. އާދެ، މިފަދަ ސަރުކާރަކުން ބަލާ ވިސްނާ ޙާލުދެކޭނީ، ވަކި މީހެއްގެ، ވަކި ޢާއިލާއެއްގެ، ނުވަތަ ވަކި ނަސްލެއްގެ ބައެއްގެނޫނެވެ. ޑިމޮކްރެސީ އަކީ ވީހާގިނަ ބަޔަކަށް ވީހާބޮޑު ފައިދާކޮށްދެވޭތޯ މަސައްކަތްކުރާ އުޞޫލެވެ.

އަޚްލާޤީ އަދި ތަޢްލީމީ ފެންވަރު:
ޑިމޮކްރެޓިކް ސަރުކާރު ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ ސަރުކާރެއްގައި އާއްމު ފަރުދުންނަށް، އަމިއްލައަށް އެމީހާ ބޭނުން ރޮގަކުން ތަޢްލީމު އުގެނި ކުރިއަށްދިއުމުގެ މިނިވަންކަން ވާނީ މަނާ ކުރެވިފައެވެ. ޑިކްޓޭޓަރޝިޕް އެއްގައި އެންމެނަށް އާއްމުކޮށް ކާޑާއި ފޭރާން އަދި ގެދޮރުވެސް ދީފާނެއެވެ. ހަމަ އެއާއެކު ތަޢްލީމުވެސް ސަރުކާރަށް ފެންނަ ގޮތަކުން ދޭނެއެވެ. އެއީ އެވެރިއަކު އެހިންގާ ސަރުކާރުގެ “މެޝިނަރީ” ކަމުގައި ކޮންމެވެސް ބަޔަކު ތަމްރީން ކުރަން ޖެހޭނެތީއެވެ. އެކިއެކި ކަންކަމަށް ޓްރޭނިންގްދީ އެކިއެކި ކޯސްތަކަށް މީހުން ފޮނުވާ ހަދާނެއެވެ. ނަމަވެސް އެމީހަކު ބޭނުން ރޮގަކުން އެމީހަކު ކުރިއަރާ ދިޔުމުގެ މިނިވަންކަން މިފަދަ ޚުދުމުޚްތާރު ވެރިންނެއް ނުދޭނެއެވެ. އުފެދުމުގެ ގޮތުން ކުރެހުންތެރި އަކަށްވާ މީހަކަށްވެސް ސަރުކާރުގެ ފަރާތުން އޮޑިޓަރެއްގެ ޓްރޭނިންގް ދީފާނެއެވެ. ހަމަ އެފަދައިން އިންޖީނާ ކުޅެއުޅޭ ހިތްވާ މީހަކަށް ޤާޟީކަމުގެ ޓްރޭނިންގް ދީފާނެއެވެ.
މިގޮތުން ބަލާއިރު ޑިމޮކްރެސީއަށް އަޅުގަޑުމެން ތަޢުރީފު ކުރަންޖެހެނީ ވަރަށްވެސް މަތިވެރި ދަރަޖައަކަށެވެ.

ހަގުރާމައާއި އިދިކޮޅުކަން:
ޑިމޮކްރަސީގެ އަނެއް މާތް ސިފައަކީ އެއުޞޫލުގައި ހަގުރާމަ ކުރުމާއި އިދިކޮޅުހެދުން ބޮޑުކަމެވެ. އަޅުގަޑުމެން އާއްމުން އަބަދުވެސް ދަންނަ ފަދައިން އަޅުގަޑުމެންގެ ޤައުމު ހަގުރާމައެއްގައި ބައިވެރި ވެއްޖެނަމަ އެކަމުގެ ނަތީޖާއެއްގެ ގޮތުން އަންނަ ދަތިތަކާ ކުރިމަތިލާން ޖެހޭނީ އާއްމު ރައްޔިތުންނެވެ. އެހެންވީމާ އާއްމު ރައްޔިތުންގެ ބާރުން ހެދިފައިވާ ސަރުކާރެއް ހަގުރާމައަކަށް ދުއްވައި ގަތުމުގެ ފުރުޞަތު ވަރަށްވެސް ކުޑަވާނެއެވެ. މިއާ ޚިލަފަށް ވެރިކަމުގެ ބާރުގައި އަމަލުވެފައިވާ ޚުދުމުޚްތާރު ވެރިޔަކު އޭނާގެ ބާރާއި ސަރަޙައްދު ބޮޑުކުރުމަށް އަދި އިދިކޮޅު މީހުން މައިތިރި ކުރުމަށް އަބަދުވެސް ބޭނުން ކުރާނީ ބަޑިއާއި ކަނޑިއެވެ. މިކަމުގެ ނަތީޖާއަކީ އަބަދުވެސް ހަގުރާމައެވެ. މިކަމުގެ ނަތީޖާއަކީ އަބަދުވެސް އާއްމު ރައްޔިތުން ބަނޑަށްޖެހި ޙާލު ބޮޑުވެފައި ތިބުމެވެ.

އަނިޔާވެރިކަން ކުޑަކަން:
އަނިޔާވެރި ޚުދުމުޚްތާރު ޑިކްޓޭޓަރުން އޭނާގެ ސަރުކާރުން ކުރާކަމަކާ މީހަކު ކިރިޔާވެސް އިދިކޮޅު ހަދައިފިނަމަ، އެމީހަކަށް ހިތަށްވެސް ނުގެނެވޭފަދަ އަނިޔާތައް ދެނީ، އޭނާ ވެރިކަމަށް ދަހިވެތި ވެފައިވާލެއް ބޮޑު ކަމުންނެވެ. މިފަދަ ސަރުކާރުތަކުގެ ބަޖެޓްގެ ބޮޑުބައި އޮންނާނީ ސިފައިންނަށާއި ޖަލުތަކަށް ކަޑައެޅިފައެވެ. މިސާލަކަށް، ހެޓިލަރ ބައްލަވާށެވެ. އޭނާގެ ކޮންސަންޓްރޭޝަން ކޭމްޕް ތަކުގައި ބަނޑަށް ނުވަތަ އަނިޔާ ލިބިގެން ޔަހޫދީން ނުލާ ހަމައެކަނި 5,00,000ޖަރމަނުން (އާދެ، އޭނާގެ ޤައުމުގެ ރައްޔިތުން) މަރުވެ ގޮސްފައިވެއެވެ. ނަމަވެސް ޑިމޮކްރެސީ އެއްގައި އާއްމު ރައްޔިތުންނަށް މިވަރު އަނިޔާތައް ދެވޭނެ އެއްވެސް މަގެއް ނުއޮންނާނެއެވެ. އެއީ އާއްމު ރައްޔިތުން އެކަން މަނާ ކުރާނެތީއެވެ.

މިނިވަންކަމާއި ސަރުކާރުގެ އަމުރުތަކާއި ގުޅޭކަން:
ސަރުކާރުން ނެރޭ އަމުރުތައް ހެދެވި ޤާނޫނަށް ވެގެން ނުކުންނާނީ، ރައްޔިތުން އެކަމަށް އިސްކުރާ ބައެއްގެ ކިބައިންނެވެ. ވީމާ އެއަމުރުތަކަށް ކިޔަމަންވާން ޖެހުމަކުން ރައްޔިތުން ތުންފިއްތާ ދެކޮޅުވާކަށް ނުޖެހެއެވެ. އަދި މިއަމުރުތަކަށް ތަބަޢަވުމަކުން އާއްމުންގެ މިނިވަންކަމަށް ކުޑަވެސް ބުރުލެއް ނާރައެވެ.

ޞުލްޙަވެރި ކަމާއިއެކު ވެރިކަން ބަދަލުވާކަން:
ޑިމޮކްރެޓިކް ސަރުކާރަކުން ވެރިކަން ހިންގަނީ އަނިޔާވެރިކޮށް ކަމަށް ފެނިއްޖެނަމަ، އަބަދުވެސް ރައްޔިތުން އެބައިމީހުންގެ ސަރުކާރު ބަދަލުކޮށްލުމުގެ މިނިވަންކަން ލިބިގެންވެއެވެ. އެކަމަކު ޚުދުމުޚްތާރު ވެރިކަމެއްގައި ލިބޭ އަނިޔާތަކާ ޤާނޫނީ ހަމަތަކުގެ މަތީން ދެކޮޅެއް ނުހެދެއެވެ. އެންމެފަހުން ސަރުކާރު ބަދަލު ކުރަންޖެހެނީ ގަދަބާރުގެ ބޭނުންކޮށްގެން ބަޑީގެ ކުރިމައްޗަށް ނުކުމެ ތަޅާފޮޅައި ލޭއޮހޮރުވައި ގެންނެވެ.

ޤައުމީ ރޫޙް އާލާވާކަން:
ޑިމޮކްރެސީގައި ސަރުކާރުން ހިންގަނީ ރައްޔިތުންގެ ލަފާގެ މަތިންކަމަށް ވާތީ، ސަރުކާރުގެ ފަރާތުން ކުރަން ހަމަޖައްސާ ބޮޑެތި ކަންތަކުގައި ވެސް ރައްޔިތުން ހިތުންރުހުމުން ބައިވެރިވެ، އެއްބަޔަކު އަނެއްބަޔަކާ ގުޅި ޤައުމުގެ ލާބަ އާއި މަންފާއަށްޓަކައި ކުރަންޖެހޭ ކޮންމެކަމެއް ލޯތްބާއެކު ކޮށްދޭނެއެވެ.

ޑިމޮކްރެސީގެ ދެރަކަން

ޑިމޮކްރެސީ އަކީ ސަރުކާރެއް ހިންގަން އެންމެ މޮޅުގޮތްކަމަށް އަދުގެ މުޅި ދުނިޔެހެން އެއްބަސްވެއެވެ. އެކަމަކު މިއުޞޫލްއާ ވެސް ދެކޮޅުހަދާ، އޭގެ ކުށް ދައްކާ ބަޔަކު އެބައުޅެއެވެ. ހަޤީޤަތުގައި މިމީސްމީހުން މިދައްކާ ވާހަކަވެސް އަޅުގަޑުމެން އަހާ ގަބޫލުކުރަން ޖެހެއެވެ. އެއްބަޔަކު ބުނަނީ ޑިމޮކްރެޓިކް ސަރުކާރަކީ، އަވަސް އަވަހަށް ސަރުކާރާއި ސަރުކާރުގެ ޕޮލިސީ ބަދަލު ކުރަންޖެހޭ ސަރުކާރެކޭއެވެ. އަނެއްބަޔަކު ބަނަނީ އެއީ ޚަރަދު ބޮޑު އުޞޫލެކޭ އެވެ. އަދި އަނެއްބަޔަކު ބުނަނީ އެއުޞޫލުގައި ކަންތައްތައް ކުރެވޭލެއް ލަސްވެފައި އަމުރުތައް ދޯދިޔާވާނެ ކަމަށެވެ. ކުރުކޮށް ބުނާނަމަ ޑިމޮކްރަޓިކް ސަރުކާރެއް ހިންގަން އުޅުމަކީ ފޫނެއް ފަޔަކަށް ފެންފުރަން އުޅުންފަދަ ކަމެކޭ ބުނާ މީހުން ވަރަށްވެސް ގިނައެވެ. މިދަންނަވަނީ ޑިމޮކްރެސީއާ އިދިކޮޅަށް ތިބޭ މީހުންގެ މައިގަޑު ވާހަކަތަކެވެ.

އާއްމުން ހައްލާލެވޭކަން:
ޑިމޮކްރެސީ ދެކޭގޮތުގައި ކޮންމެ މީހަކީވެސް ކިޔަވާ މޮޅުވެފައި ހުރި އަނެއްމީހާއާ އެއް ހައްޤުތައް ލިބޭމީހެކެވެ.
އެހެނަސް ކަންވާގޮތަކީ، ވޯޓްލުން ކައިރިވާއިރު އިވެމުން ދަނީ ވާހަކަ ދައްކާލެވޭ އަދި އެކިއެކި ގޮތް ގޮތުން މަޝްހޫރުވެލާފައި ތިބޭ މީސްމީހުންގެ އަޑެވެ. އެއީ ފަހަރެއްގައި ކުރީގެ ސަރުކާރާ އިދިކޮޅު ހެދުމުގެ ސަބަބުން އަދަބުތަކެއް ލިބި އާއްމު ރައްޔިތުންގެ ރުހުމާއި ހަމްދަރުދީ ލިބިފައި ހުރި މާމޮޅު ނޫން މީހަކަށްވެސް ވެދާނެއެވެ. ވޯޓަކީ ކިރާ އެއްޗެއް ނޫނެވެ. ވޯޓަކީ ގުނާ އެއްޗެކެވެ. މަގުމަތީގައި ސަލާމް ދޭން އުޅޭ މައްޖާހިލަކަށް ވެސް އެއްވޯޓު ދެވޭއިރު ބޮޑެތި ފިލޯސަފަރުނާއި އެކިއެކި މާހިރުންނަށް ވެސް ދެވޭނީ ހަމަ އެއް ވޯޓެވެ. ވީމާ ވެރިކަމަށް ކުރިމަތިލާ މީހާއަކީ، ދޫހަލުވާލެވޭ މީހެއްނަމަ، ވަރަށް އަވަހަށް އާއްމުންގެ ސިކުޑިތަކާ ކުޅެލަފާނެއެވެ. އާއްމުންގެ ތެރޭގައި ގިނަވާނީ އެކަށީގެންވާ ތަޢުލީމެއް ލިބިފައިނުވާ މީހުންނެވެ. ވީމާ ހަޤީޤަތުގައި ވެރިކަން ލިބޭނީ ޖާހިލުންގެ ވޯޓްގެ ނަތީޖާއަށް ބުރަވެގެންނެވެ. ވީމާ ބައެއް މީހުން ބުނަނީ، “ފުރިހަމަ ތަޢުލީމެއް ދެވިފައިނުވާ އާއްމުންތަކެއްގެ ތެރޭގައި ޑިމޮކްރެސީ އަކީ ގެރި ބަކަރީގެ ފަރާތުން ގެރި ބަކަރިއަށްޓަކައި ހެދޭ ގެރި ބަކަރީގެ ސަރުކާރެކޭ” އެވެ.

މިގޮތުށް ބުނެގޮވާ މީހުނާ އިދިކޮޅުހަދާ ޑިމޮކްރޭޓުން ބުނަނީ، އާއްމުން ނުކިޔަވާ ތިބި ނަމަވެސް އެމީހުންގައި ވެސް ހެޔޮނުބައި ވަކިކޮށްގަތުމުގެ ވަރުގަދަ ބާރުހުރި ސިކުޑިވެއެވެ. އާއްމުން ވެސް ނުބައިމީހަކަށް ވެރިކަން ލިބޭކަށް ނޭދޭނެއެވެ. އެބްރެހަމް ލިންކަން އާއްމުންގެ ސިކުޑިތަކާއި ނުކުޅެ ވާނެކަން ސާބިތުކޮށް ދެއްވަން ވިދާޅުވަނީ، “ކޮންމެވެސް މުއްދަތަކަށް އެންމެނަށް ވެސް އޮޅުވާލައިގެން އުޅެވިދާނެއެވެ. އަދި މަދު މީސްކޮޅަކަށް އޮޅުވާލައިގެން އަބަދުވެސް އުޅެވިދާނެއެވެ. އަކަމަކު އަބަދަކު އެންމެނަށް އޮޅުވާލައިގެނެއް ނޫޅެވޭނެއެވެ.”

ދެން ޑިމޮކްރެސީ އާއި އެއްކޮޅަށް ވާހަކަ ދައްކާ މީހުން ބުނާ އެއްޗަކީ، ޑިމޮކްރެސީއަކީ އާއްމުންގެ ފަރާތުން ހެދޭ ސަރުކާރަކަށް ވާއިރު އަދި އެހެންނޫނަސް އާއްމުންގެ ރުހުން ހޯދަން މަސައްކަތް ކުރާ ސަރުކާރެއް ވީމާ އެހެން ބާވަތް ބާވަތުގެ ސަރުކާރަށް ވުރެ ބޮޑަށް އާއްމުންނަށް ތަޢުލީމު ދެވޭތޯވެސް ޑިމޮކްރެޓިކް ސަރުކާރުން މަސައްކަތް ކުރާނެއެވެ. އަދި ކަން އޮތީވެސް ހަމަ މިހެނެވެ. އަދި މިއީ ގެރި ބަކަރީގެ ސަރުކާރެއްނަމަ ދުނިޔޭގެ އެންމެ ޚުދުމުޚްތާރު ވެރިންވެސް “ޑިމޮކްރެޓިކް ތޮށިގަޑަށް ވަދެ ނިވާވެގެން” މިއުޅެނީ ކީއްވެ ބާވައެވެ؟ އަދި ޔޫ.އެސް.އޭ، އިގިރޭސި ވިލާތް، ކެނެޑާ، ސްވިޒަރލޭންޑް ފަދަ ތަންތަނަކީވެސް ގެރި ބަކަރީގެ ސަރުކާރު ހިންގާ ތަންތަންބާވައެވެ؟

ސަރުކާރުގެ ކަންތައްތައް ލަސްކަން:
ސަރުކާރަށް ކުރިމަތިވާ އެކިއެކި މުހިއްމު އަދި އެހާމެ ނުރައްކާތެރި ކުއްލި މައްސަލަތަކުގައި ވެސް ކުއްލިއަކަށް ފިޔަވަޅު ނޭޅޭކަމާއި، ރައްޔިތުންގެ މަޖްލިސް އާއި ކޮމެޓީތަކުގައި އެއްވެތިބެ ގޮތެއްރާވަމުން ގެންދަނިކޮށް ކަންތައްތައް ހިގައި ނިމިދާނެއޭ ބުނާ މީހުންވެސް އުޅެއެވެ. އާދެ، އަޅުގަޑުމެންގެ ތެރޭގައި މަޝްހޫރު މާވެވަށް ވެއްޓުނު ގެރީގެ ކަންތައްވީ ގޮތަށެވެ.

ނަމަވެސް މިނުކުތާއަށް ޑިމޮކްރޭޓުން ދޭޖަވާބުވެސް އަޑު އަހާލަން ޖެހެއެވެ. އެމީހުންގެ ވާހަކަ އަދި ޚާއްސަ ގޮތެއްގައި ޤައުމަށްދިމާވާ ކުއްލި ބޮޑެތި ކަންތައްތައް ވެރިއަކަށް ހުންނަ މީހަކު އެހެން ބަޔަކާއި މަޝްވަރާނުކޮށް ނިންމާލުމުން ގިނަފަހަރަށް އަވަސްވީ ނަމަވެސް ނަތީޖާ ނުބައެވެ. ވީމާ މިފަދަ ކަންކަމުގައި ވެސް އެންމެންގެ މަޝްވަރާ ކޮންމެހެން ބޭނުމެވެ. އަދި ގިނަމީހުނަށް ފެނިގެން ކުރާކަމެއް ބަދަލު ނުވެވެސް ގިނަ ދުވަހު އޮވެއެވެ.

ޚަރަދު ބޮޑުކަން:
ޑިމޮކްރެސީއާ ދެކޮޅަށް ކުރެވޭ ބަހުޘްތަކުގައި އެންމެ އަޑުގަދަކޮށް ދައްކާ އެއްވާހަކަ އަކީ މިވައްތަރު ސަރުކާރުގައި ޚަރަދު ބޮޑުކަމެވެ. ގިނައިން ވޯޓުލުން ބޭއްވުމާއި ގިނަ މަޝްވަރާތައް އަދި ޕްރޮޕަގެންޑާ ކުރުމާއި މިބާވަތުގެ ކަންކަމަށް ހިގާ ޚަރަދު ވަރަށްވެސް ބޮޑެވެ.
އެކަމަކު ޚުދުމުޚްތާރު ވެރިއަކު އަމިއްލައަށް ހިންގާ ސަރުކާރެއްގައި ގިނަފަހަރަށް މީހާއަކީ އިޙްލާސްތެރިއަކަށް ނުވުމުން އަމިއްލައަށް ނަގާބައި މާބޮޑުވާނެ ކަމަށް ޑިމޮކްރޭޓުން ބުނެއެވެ. އިޙްލާސްތެރިންނަކީ މިހާރު މަދު ބައެކެވެ.

ބަލިކަށިކަން:
ޑިމޮކްރެޓިކް ސަރުކާރެއް ހިންގާ ބަޔަކީ ރައްޔިތުންގެ މަޖްލިސް އާއި ކެބިނެޓްކަމަށް ވާއިރު މިމީހުންނަކީ ވަރަށް ބަލި ބަޔަކަށްވެއެވެ. ސަބަބަކީ އަބަދުވެސް އާއްމުން ނުރުހިދާނެތީ ބިރުން ތިބޭކަމެވެ. ބައެއް ކަންކަމުގައި ޤާނޫންތައް ހަދާ ފާސްކުރަން ނުކެރިފައި ތިބެނީ ދެންއަންނަ ވޯޓްލުމެއްގައި ނުހޮވިދާނެއޭ ހީވެފައެވެ.

ދާއިމީ ޕޮލިސީއެއް ނެތްކަން:
ދާޚިލީ އަދި ޙާރިޖީގޮތުން ވިއަސް ސަރުކާރުން ހިންގާ ޕޮލިސީއާއި މެދު އަބަދުވެސް އިދިކޮޅު ޕާޓީތަކުން ދެކޮޅުހަދައި، ޕޮލިސީގެ ބަލިކަށި ކަމާމެދު ފާޑުކިޔާ ހެދުމުގެ ސަބަބުން އޮންނަނީ ޕޮލިސީ ބަދަލުކުރަން ޖެހިފައެވެ. ވީމާ، ވާގޮތަކީ އެއްވެސް ކަމެއް އެއްގޮތަކަށް މާގިނަ ދުވަހު ނުބޭއްވެނީއެވެ.

ދޮގުހެދުމާއި ޚިޔާނާތަށް ބާރުއަޅާކަން؛
ޑިމޮކްރެސީ އާއި އިދިކޮޅަށް ވާހަކަދައްކާ މީހުން ބުނާ އަނެއް ވާހަކައަކީ، ޑިމޮކްރެސީ އުޞޫލުން ސަރުކާރު އަތުލަން އިންތިޚާބު ތަކުގައި މަސައްކަތްކުރާ މީހުން އަބަދުވެސް ރައްޔިތުންނަށް، މިވެނި ކަމެއް ކޮށްދޭނަމޭ، އެވެނި އެއްޗެއް ލިބިދޭނަމޭ ކިޔާ އޮޅުވައިގެން ވޯޓް ހޯދަންޖެހެއެވެ. ވީމާ އަބަދުވެސް މިނުބައި ޚިޔާނާތްތެރި ސިފަ އޮންނަނީ ޕޮލިސީއެއްގެ ގޮތުން ބޭނުންކުރަން ޖެހިފައެވެ.

ފައިސާގެ ބާރުގައި ހޮވޭ ސަރުކާރެއްކަން:
އާއްމު ރައްޔިތުންގެ ވޯޓުން ސަރުކާރު ހޮވޭކަމަށް ވާއިރު އާއްމުންގެ ސިކުޑިތަކާ ކުޅޭ އެއްޗަކީ ނޫސްތަކާއި ރޭޑިޔޯ އަދި ސްޓޭޖް އާއި ތަނުގައި ދެވޭ ތަޢުލީމެވެ. މިކަންކަން ކޮންޓްރޯލް ކުރެވިފައި ވަނީ މުއްސަދިންގެ ފަރާތުންނެވެ. އާއްމުންނަށް މިދެންނެވި ޒަރީއާތަކުން އަންގާދޭ އެއްޗަކުން ވިސްނޭ އެއްޗެއްގެ މައްޗަށް ބިނާކޮށް ސަރުކާރެއް ހޮވާއިރު އެހޮވެނީ ފައިސާވެރިންގެ ސަރުކާރެކޭ، ޑިމޮކްރެސީއާ ދެކޮޅު ހަދާ މީހުން ބުނެއެވެ. މިމީހުންގެ ވާހަކައަކީ އެތަނެއްގައި ޑިމޮކްރެޓިކް އިޤްތިޞާދިއްޔަތެއް ފުރިހަމައަށް ގާއިމުވެފައި ނެތްތާކު ޑިމޮކްރެޓިކް ސަރުކާރެއް ހިންގަން އުޅުމަކީ މުއްސަދިންނަށް ސަރުކާރު ވިއްކާލުމާ ހަމަކަމެކޭއެވެ.

ޑިމޮކްރެސީއެއް ކާމިޔާބު ކުރުމަށްޓަކައި ބޭނުން ކަންކަން


އަޅުގަޑުމެންވެސް ޤަބޫލު ކުރަންޖެހޭނެއެވެ. ޑިމޮކްރަސީ އަކީ އުޞޫލެއް ރަގަޅަށް ހިންގަން ވަރަށް އުދަގޫ އަދި އެހާމެ ނާޒުކް ވައްތަރެއްގެ ސިޔާސަތެކެވެ. ޑިމޮކްރެސީ ކަމިޔާބު ކުރަންވެއްޖެނަމަ، ރައްޔިތުންނާއި ވެރިންވެސް އެއުޞޫލް ހިންގުމުގައި ވަރަށް ފަރުވާތެރިވާން ޖެހޭނެއެވެ. އަދި ހަމައެފަދައިން ޑިމޮކްރެސީ ކާމިޔާބު ކުރުމަށްޓަކައި ކޮންމެހެން ބޭނުން ޝަރުތުތަކެއް ވެސް ވެއެވެ.
ފުރަތަމަ، އެވްރެޖް ގޮތެއްގައި އެންމެނަށްވެސް ފުދޭވަރެއްގެ ތަޢުލީމެއް ދެވެން ޖެހޭނެއެވެ. އަދި ހަމަ އެފަދައިން، އެންމެނަށް ވެސް ދުނިޔޭގެ ކަންތައްތައް އޮޅުންފިލާ އަދި އަމިއްލަ ސިކުޑިން ރަގަޅާއި ނުބައި ވަކިކުރަން އެގޭވަރުވާން ޖެހޭނެއެވެ. ޖާހިލު ކަމަކީ ޑިމޮކްރެސީގެ އެންމެ ބޮޑު ދުޝްމަންއެވެ. ވޯޓްދޭން ތިބޭ މީހުންނަކީ ވިސްނުންތެރި އަދި މަޢުލޫމާތް ހުރި ބަޔަކަށް ނުވެއްޖެނަމަ، އެމީހުންގެ އަތުން ވާއްޓާލާނީ އެހެން ބަޔަކަށް ވައްޓާދޭ ވޯޓްތަކެވެ.


ދެވަނަ ޝަރުތަކީ، ޑިމޮކްރެސީއެއްގައި މާބޮޑެތި މުއްސަދިންނާއި މާބޮޑެތި ފަޤީރުން ތިބެގެން ނުވާނެއެވެ. މާނައަކީ މުއްސަދިކަމުގެ ގޮތުން އެންމެންނަކީ ވެސް ދާދި ހަމަހަމަ ބަޔަކަށް ވޭތޯބެލުމެވެ. ޑިމޮކްރެސީ އެންމެ މޮޅަށް ހިންގޭނީ އިޤްތިޞާދީ ތަފާތުކަން މީސްތަކުންގެ މެދުގައި އެންމެ ކުޑަތާކުއެވެ. ބަނޑުހައިވެފައި ހުންނަ މީހަކަށް ވޯޓަކީ ފާރޮށި ޖޯޑަކަށް ވުރެވެސް އަގުނެތް އެއްޗެކެވެ. އޭނާގެ ވޯޓް ލާރިހުރި މީހަކު ގަނެލުމަކީ ވަރަށް ފަސޭހަ ކަމަކަށް ވާނެއެވެ.


ތިންވަނަ ޝަރުތަކީ، ޕާޓީތަކުގެ މެދުގައި އެކުވެރިކަމާއި ގާތްތިމާގެކަން އޮތުމެވެ. އަޣްލިބިއްޔަތު ލިބިގެން ސަރުކާރު ހިންގާ ބަޔަކު އަނެއް ޕާޓީތަކުގެ އެންގުންތައް ފައިދަށު ލައިގެން ނުވާނެއެވެ.

Comments

Popular posts from this blog

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered...

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ.