Skip to main content

ދިވެއްސަކު އުނަގަނޑަށް ފިސްތޯލަ ޖަހައިގެން އާންމުންގެ ތެރޭގައި އާދައިގެ ދިރިއުޅުން ފުރިހަމަ ކުރިއޭ ބުނީމާ އެކަން ވާނީ ހައިރާންކުރުވާ ކަމަކަށެވެ. ބައިވަރު ސުވާލުތައް އުފެދޭނެ އެވެ. ސަބަބަކީ ރާއްޖޭގެ ސަލާމަތީ ބާރުތައް ފިޔަވައި އެބާވަތުގެ ހަތިޔާރު ގެންގުޅުމަކީ ރާއްޖެގެ ތާރީހުގައި އެއްވެސް އިރެއްގައި ހުއްދަވެފައި އޮތް ކަމަކަށް ނުވާތީ އެވެ.

ނަމަވެސް އައްޑު އަތޮޅު މީދޫ، ފަހުން ހުޅުދޫގައި ދިރިއުޅުއްވެވި އަލްފަގީހު އިބްރާހިމް ބަހާއުއްދީން ނުވަތަ ފަނޑިޔާރު ތައްހާނުގެ ދޮންމަނިކު ވަނީ އޭނާގެ ހަޔާތުގެ ވަކި ދުވަސްވަރެއްގައި އުނގަނޑުގެ ކަމަރަށް ފިސްތޯލަ ޖައްސަވައިގެން އާންމުންގެ ތެރޭގައި އެތަކެއް ދުވަސް ވަންދެން ދިރިއުޅުއްވާފަ އެވެ. ދިވެހި ސަރުކާރުގެ އެންމެ މަތީ ބާރުތަކުގެ ނުރުހުމާއެކު، އެކަމަކު "ރުހުން" ލިބިގެނެވެ.


ދޮންމަނިކަކީ ވަރަށް ބޮޑު އިލްމުވެރިއެކެވެ. ވަރަށް ބޮޑު މަހުޖަނެކެވެ. ވަރަށް ފަންނުވެރި ކުޅަދާނަ މަސައްކަތްތެރިއެއްވެސް މެއެވެ. އޭނާގެ ބާރު ވެރިކަމާއި ނުފޫޒު ގަދަކަމުގެ ކޮޅެއް ނުވެ އެވެ.

ރާއްޖޭން ބޭރުގައި އުޅުއްވާފައި ލައިވް ވަޒަނާއެކު ފާޅުގައި ފިސްތޯލައެއް ހިއްޕަވައިގެން ރާއްޖެ ވަޑައިގެންނެވި ފުރަތަމަ އާންމު ދިވެއްސަކީ ދޮންމަނިކެވެ. ދިވެހިންގެ ތެރެއިން އާންމުކޮށް ފިސްތޯލަ ހިއްޕަވައިގެން އުޅުއްވެވި ހަމައެކަނި ދިވެއްސަކީ ވެސް އޭނާ އެވެ.

ދޮންމަނިކު ފިސްތޯލައެއް ހިއްޕަވައިގެން ވަޑައިގެންނެވީ ވެރިކަމާ ނުރުހިގެން އަރިބަކަރައިގައި ހުންނެވުމަށް ފަހު ދިވެހި ވެރިކަން ފުރޮޅުމަކަށް ގޮސް އަތިރީގެ އާއިލާގެ މައްޗަށް ބާރުތައް ލިބުމުންނެވެ. ދޮންމަނިކާ އަތިރީގެއާ އޮންނަނީ ވަރަށް ބޮޑު ގުޅުމަކުން ގުޅިފަ އެވެ.

ދޮންމަނިކު ރާއްޖެ ގެންނެވީ ހަމައެކަނި ފިސްތޯލައެއް ނޫނެވެ. ދިވެހިން ސިއްސައިގެންދިޔަ އާދާހިލާފު ވަރަށް ގިނަ އެއްޗެހި އޭނާ ރާއްޖެ ގެންނެވި އެވެ. ޗާޕް މެޝިނެއް ފުރަތަމަ ރާއްޖެއަށް ގެންނެވީ ވެސް ދޮންމަނިކެވެ. އެހެން މީހުން ނުގެންނަ ޒާތެއްގެ ކިރު ގެރިއެއް ވެސް ގެނެސްގެން ގެންގުޅުއްވެވި އެވެ. ފަށުއި ފަނި ރާއްޖެ ގެނެސް އާލާކުރައްވަން މަސައްކަތް ކުރެއްވެވި އެވެ. އެކި ޒާތުގެ ދޫނިސޫފާސޫތްޕާއި ގަސްގަހާގެހި ވެސް ގެންނެވި އެވެ. ދޮންމަނިކުގެ މިބާވަތުގެ ވާހަކަތަކަކީ ދައްކާ ކޮޅުންލާކަށް އޮތް ވާހަކަތަކެއް ނޫނެވެ. ހަގީގަތުގައި ޖުމްލަ 15 އަކުރުގެ މައްޗަށްވާ "ފަނޑިޔާރު ތައްހާނުގެ ދޮންމަނިކު" މި ނަމަށް ނިސްބަތްކޮށް އާދަޔާ ހިލާފު 1500 އަށް ވުރެ ގިނަ ވާހަކަ ލިޔެވޭހައި ވެސް ދިގު ސިޔަރަތެއް އޭނާގެ ވެއެވެ. ވަރަށް އާދަޔާ ހިލާފު ޝަހުސިއްޔެތެކެވެ. އޭގެ ތެރެއިން ހަމައެކަނި މި ބަލައިލަނީ އޭނާ ގެންގުޅުއްވެވި "ބޮރީޓާ ކާލިބޯ"ގެ މައްޗަށެވެ.

"ބޮރިޓާ ކާލިބޯ" އެއްގެ ވާހަކަ އަޅުގަނޑު ފުރަތަމަ އެހީ 1997 ވަނަ އަހަރު ސ. ހިތަދޫ މަދަރުސާދަށުގޭ މޫސާ އަލިދީދީ ދެއްވި އިންޓަވިއުއެއްގައި ފަނޑިޔާރު ތައްހާނުގެ ދޮންމަނިކު ގެންގުޅުއްވެވި ފިސްތޯލައެއްގެ ވާހަކަ ވިދާޅުވުމުންނެވެ. މާ ބޮޑު ތަފުސީލެއް ނުދެއްވައި ވިދާޅުވީ އެއީ "ކާލިބޯ" ބަޑިއެއް ކަމަށް ކަމަށެވެ.

ކޮންމެއަކަސް ފަނޑިޔާރު ތައްހާނުގެ ދޮންމަނިކު ބަޑިއެއް ނުވަތަ ފިސްތޯލައެއް ގެންގުޅުއްވިކަން އެނގެ އެވެ. އެ ފިސްތޯލައާބެހޭ ތަފާތު ރިވާތައް އުޅެ އެވެ. މި ފިސްތޯލައާބެހޭ ގޮތުން އަންނަ ރިވާތަކުގައި ހިމެނޭ ބޮރީޓާ ކޯލިބޯ" އާއި ކާލިބޯ" ބަޑިއާ ބެހޭ ގޮތުން ވިސްނައި ބެލުމުން އެއީ "ބެރީޓާ ކެލިބާ ޕިސްޓަލް" ކަމަށް ވުމަކީ ވަރަށް ގާތް ކަމެކެވެ.  ދޮންމަނިކު ފިސްތޯލަ ގެންގުޅުއްވަން ފެށި ދުވަސްވަރު އޭގެ މައުލޫމާތު ފޭދިގެން ދިޔަ ގޮތުން "ބެރީޓާ ކެލިބާ" މީހުންގެ ތެރޭގައި "ކާލިބޯ"އަކަށް ބަދަލުވެގެން ދިޔައީ ކަމަށް ވެދާނެ އެވެ.

ނަމަވެސް ދޮންމަނިކަށް ކާފަ ވިދާޅުވާ އިސްމާއީލް ރަޝީދު (2010) ވިދާޅުވި ގޮތުގައި ކާފާ ގެންގުޅުއްވާފައި ވަނީ ފިސްތޯލައެއް ނޫނެވެ. އެއީ މެދުން ބިންދާލާފައި ވަޒަން ލެއްވޭ ގޮތަށް އޮންނަ ޝޮޓްގަން އޭ ކިޔާ ޒާތުގެ މާ ބޮޑު ނޫން ބަޑިއެކެވެ. އޭނާ ވިދާޅުވީ ކާފައަކީ އަފްޣާނިސްތަނުގެ ތާލިބާނުން ހެދުން އަޅާ ގޮތަށް ހެދުން ތުރުކުރައްވާ ބޭފުޅަކަށްވެފައި އުނގަނޑުގައި ބަޑި އަޅުވާފައި ހުންނަވާއިރު އެ ނިވާވެފައި ހުންނަ ގޮތުން ފިސްތޯލައަކާ ވައްތަރީ އެވެ.

ރާއްޖޭގެ މިޒާމާނުގެ ތާރީހުގައި އެންމެ އިތުބާރު އިލްމުވެރިޔާ މަރުހޫމް އަބްދުﷲ ޒަމީރު ވިދާޅުވެފައިވަނީ ވެސް އެއީ ފިސްތޯލައެއް ކަމަށެވެ.  

"އަޅުގަނޑުމެނަށް އެނގިފައި އޮންނަނީ އެއީ ޝޮޓްގަން އެއް ކަމަށް، އެނޫން ގޮތަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެއް، މި ބަޑިއާ ބެހޭ ގޮތުން ނޫނީ މި ފިސްތޯލައާ ބެހޭ ގޮތުނަ ވަރަށް ގިނަ ވާހަކަތައް އުޅޭ، ކޮންމެއަކަސް އެ ގެންގުޅުއްވެވި ފިސްތޯލައެއް ގެންގުޅުއްވެވީ ސީދީ އަބަދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ހާއްސަ ހުއްދައަކާއެކު،" އިސްމާއީލް ރަޝީދު ވިދާޅުވި އެވެ.  

 ދޮންމަނިކުގެ ފިސްތޯލައާ ބެހޭ ގޮތުން ޖުމްލަކޮށް ދެކެވޭ ހުރިހާ ވާހަކަތަކަށް ބަލާއިރު ބޮޑަށް ބުރެވެވެނީ އެއީ ފިސްތޯލައެއް ކަމަށެވެ. ނަމަވެސް އޭނާ ގެންގުޅުއްވި އަރަބި ލިޔުންތައް ބަލައި ދިރާސާ ކުރެއްވިއްޖެނަމަ މި ނަތީޖާ ފުރޮޅިގެން ދިއުމަކީ ވަރަށް ގާތް ކަމެކެވެ.

ދޮންމަނިކު ފިސްތޯލަ ހިއްޕަވައިގެން މާލެ ވަޑައިގަތީ ވެސް އަދި އެ ފިސްތޯލަ އުނގަނޑަށް ޖައްސަވައިގެން  ރަށަށް ވަޑައިގަތީ ފިސްތޯލަ ގެންގުޅުމަށް ދިވެހި ސަރުކާރުން އޭނާއަށް ދެއްވެވި "ހާއްސަ ލައިސަންސް" އަކާއެކު އެވެ. ޒަމީރު ވިދާޅުވެފައިވާ ގޮތުގައި ދޮންމަނިކު ފުރަތަމަވެސް ފިސްތޯލައަކާއެކު ރަށަށް ވަޑައިގަތީ އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު "އޯކޭ" ދެއްވައިގެނެވެ.

"ދޮންމަނިކު މާލެ ވަޑައިގަތްއިރު، ފިސްތޯލައެއް ގެންނެވި އެވެ. އެއީ ގޭތެރޭގައި އަނިޔާކުރަން އުޅޭ މީދާ ފާޑުގެ އެއްޗެހި މެރުއްވުމަށެވެ. ނަމަވެސް އެޒަމާނުގައި ވެސް ސަރުކާރު ފިޔަވައި އާންމު ފަރާތްކަށް އެބާވަތުގެ ތަކެތި ހުއްދަ ކުރައްވާފައި ނުވުމާއެކު ދޮންމަނިކު ގެންވި ފިސްތޯލަ އޭނާއަށް ދޫކުރެއްވެވި އެވެ." (ސިއްކަގޭ ދޮންމަނިކުފާނު ލިޔުއްވުންތައް އެ ފޮތުގެ 40 ވަނަ ސޮފުހާ)

ދޮންމަނިކުފާނުގެ ނުވަތައް އަބްދުލް މަޖީދު ސަލީމްގެ ލިޔުއްވުމުގައި "އާންމު ފަރާތަކަށް އެބާވަތުގެ ތަކެތި ހުއްދަ ކުރައްވާފައި ނުވުމާއެކު ދޮންމަނިކު ގެންނެވި ފިސްތޯލަ އޭނާއަށް ދޫކުރެއްވެވިއެވެ،" މިހެން އޮތުމުންނާއި އެއްގޮތްވާ ރިވާތައް މިކަމުގައި ގިނަކަމުން ދޮންމަނިކު ފިސްތޯލަ ގެންގުޅުއްވީ ދިވެހި ސަރުކާރުގެ އެންމެ މަތީ ވެރިންގެ ރުހުން އޮވެގެން ކަން ސާބިތުވެ އެވެ.

ހަގީގަގަތުގައި ދޮންމަނިކުގެ އިލްމުވެރިކަމާއި މުއްސަނދިކަމާއި ހައިބަތު ބޮޑު މިންވަރަކީ މިޒަމާނުގެ މިލިޔަނަރަކާ ވަރުން އެޅުވޭވަރުގެ ދަރަޖައެކެވެ. ވެރިންނާއި ވެރިންގެ ސިޔާސަތުގެ މައްޗަށް އޭނާގެ މުއްސަނދިކަމުގެ ނުފޫޒު ފެތުރިފައިވާލެއް ބޮޑު ކަމުން މުޅި ދިވެހި ދައުލަތް އޮތީ އޭނާގެ ބާރުގަ އެވެ. އެހެންކަމާއެކު ފިސްތޯލައެއް ކީއްކުރަން މެޝިނު ބަޑިއެއް ގެންނެވިއަސް  ދިވެހި ދައުލަތާއި ބޮޑުން ތިއްބެވީހީ ރުހުން ދެއްވާ ގޮތަށެވެ.

ދޮންމަނިކުގެ ފިސްތޯލަ ހިއްޕަވައިގެން އުޅުއްވެވި ވާހަކައަކީ ވަރަށް މަޝްހޫރު ވާހަކައެކެވެ. ރާއްޖޭން ބޭރުގައި ހުންނެވުމަށްފަހު އޭނާ ފިސްތޯލަ ހިއްޕަވައިގެން ވަޑައިގެން ދިރުއުޅުއްވަން ފެއްޓެވީ ޔާސިރު އަރަފާތު ފަދައިން އަބަދުވެސް އުނގަނޑަށް ފިސްތޯލަ ޖައްސަވައިގެނެވެ. ޖާނުގެ ދިފާއުގެ ގޮތުގައި ބޭނުން ކުރައްވާ އެއްޗެއްގެ ގޮތުގައި އެ ފިސްތޯލަ ފެނުނު ނަމަވެސް އޭނާ އެ ބޭނުން ކުރައްވައި "ގޮއްވަމުން" ގެންދެވީ ވާލާއި މީދާފަދަ އޭނާގެ އަމިއްލަ ދރިއުޅުއްވުމަށް ދުއްޕާން ކުރާ އެއްޗެއްސަށެވެ. ގިނައިން މެރުއްވީ ވާލެވެ. އެހާ ގިނައިން އެ ފިސތޯލައިން މީދާ ވެސް މެރުއްވެވި އެވެ.  

ދޮންމަނިކު ރަށަށް ވަޑައިގެން ފިސްތޯލަ ބޭނުން ކުރައްވަން ފެއްޓެވުމާއެކު ދެ ބާވަތެއްގެ މީހުން އުފެދުނެވެ. އެއްބަޔަކީ އެކަމާ "ޖޭ" ވެގެން އުޅުނު މީހުންނެވެ. އަނެއްބަޔަކީ ބޮޑުވެގެންވާ ހައިރާން ކަމުގެ ތެރޭގައި އުޅުނު މީހުނެވެ. ދެބައި މީހުން ވެސް ދަތުރު ކުރީ އެއް ދިމާއަކަށެވެ. ވީހާ އަވަހަކަށް މާލެއަށް ހަބަރު ގެންދިއުމަށެވެ. ސަރުކާރުގައި ދެންނެވުމަށެވެ.

އެންމެ ފަހުން މި ފިސތޯލައިގެ ހަބަރު މާލެއަށް އަތުވެއްޖެ އެވެ. ވެރިކަމުގެ ބާރުވެރިކަން އޮތީ އަތީރީގޭގަ އެވެ. ދޮންމަނިކަކީ ގާތްގަނޑަކަށް އަތިރީގޭގެ ބޭފުޅެކެވެ.  އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ވަނީ އަނގަ ބަހުން ފިސްތޯލަ ގެންގުޅުމުގެ ލައިންސަންސް ދެއްވާފަ އެވެ. އެހެން ކަމުން އެ ފިސްތޯލައިގެ ހަބަރުތަކަށް އޭނާ ހުންނެވީ "ބީރުކަންފަތް" ދެއްވައިގެނެވެ.

ނަމަވެސް ފިސްތޯލާއިގެ ޕްރެޝަރު ބޮޑުވެގެން އެންމެ ފަހަށް ޖެހިވަޑައިގަތީ ދޮންމަނިކުގެ އަތްޕުޅުން ފިސްތޯލަ އަތުއްލާވާފައި މާލެއް ފޮނުއްވުމަށް އައްޑު އަތޮޅުގެ އަތޮޅުވެރިޔާއަށް އަންގާށެވެ.

އެ އަމުރުފުޅު ނެރުއްވެވި އިރު އައްޑު އަތޮޅުގެ އަތޮޅުވެރި ކަމުގައި ހުންނެވީ ދިދީބެއްޔާގެ އަބްދުﷲ ދީދީ އެވެ. އޭނާއަކީ މަޝްހޫރު ޑިމްސް ސޯލިހުގެ ބައްޕަ އެވެ.  

"ކޮންމެއަކަސް މި ބެއްޔާ ގޮސް ދަންނަވަނީ ދޮންމަނިކު ތިޔަ ގެންގުޅުއްވާ ފިސްތޯލަ ފޮނުއްވައި ދެއްވުމަށް މާލޭން އެބަ އަންގަވައޭ. ތިޔަ ދެއްވަން ޖެހިއްޖޭ،" މަޝްހޫރު ތާރީހު އިލްމުވެރިޔާ ސިއްކަގޭ މުހައްމަދު ނަސީމް ވިދާޅުވި އެވެ. " އަތޮޅުވެރިޔާ އެހެން ވިދާޅުވުމާއެކު ދަންނަވަނީ ސަރުކާރުގައި ދަންނަވައި ދެއްވާށޭ ދޮންމަނިކު ބުންޏޭ، ސަރުކާރުގެ އެއްޗެއް ދޮންމަނިކު އަތަކު ނޯވެއެވެ. މި ފިސްތޯލައަކީ އަހަރެންގެ އެއްޗެކެވެ. މިއެއް ނުލިބޭނެ އެވެ،"

އޭރުގެ ދަތުރުފަތުރު ހުންނަ ގޮތާއި މުއާސަލަތުގެ މަގު ދިގުކަމުން ދޮންމަނިކު ޖަވާބު މާލެއަށް ފޯރީ އޭގެ އަނެއް އަހަރު އެވެ. އެ އަހަރު ތެރޭގައި ދޮންމަނިކު އުޅުއްވެވީ އާދައިގެ މަތިން ފިސްތޯލަ ހިއްޕަވައިގެނެވެ. ޖައްސަވަން ބޭނުންފުޅު ދިމާއަކަށް ޖައްސަވަ އެވެ. ސަރުކާރަކުން އެކަމާ އަޅައެއް ނުލަ އެވެ. އެހެންނަމަވެސް ފިސްތޯލައިގެ ވާހަކަ ރިޕޯޓް ކުރާ މިންވަރު ގިނަވެގެން އަނެއްކާވެސް ފިސްތޯލަ ހޯދަން ސަރުކާރުން ބޭނުން ވެއްޖެ އެވެ. މިފަހަރު ދޮންމަނިކަށް އެންގެވީ ފިސްތޯލަ ހިއްޕަވައިގެން މާލެ ވަޑައިގަތުމަށެވެ. ސަރުކާރަށް ފިސްތޯލަ ނަގާ ގޮތަށެވެ.

"ދެވަނަ ފަހަރަށް އެންގެވުމުން  އަމިއްލަފުޅަށް ފިސްތޯލަ ޖައްސަވައިގެން މާލެ ވަޑައިގަތީ. އައި ގޮތަށް ވަޑައިގަތީ ސީދާ އަތިރީގެއަށް،" ނަސީމް ވިދާޅުވި އެވެ.

ފިސްތޯލަ ހިއްޕަވައިގެން ވަޑައިގަތުމަށް އެންގެވުމުން އުނަގަނޑަށް ފިސްތޯލަ ޖައްސަވައިގެން ވަޑައިގެން ފުރަތަމަ ބައްދަލު ކުރެއްވެވީ ފިސްތޯލަ ހޯއްދަވަން އަމުރު ނެރުއްވެވި އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނާ އެވެ. ދެބޭފުޅުން އެކުގައި ވާހަކަފުޅު ދައްކަވާ ސަމާސާ ކުރައްވާ ހެއްދެވުމަށް ފަހު ދޮންމަނިކު އެނބުރި ވަޑައިގަތީ އަނެއްކާވެސް ފިސްތޯލަ ހިއްޕަވައިގެނެވެ.

އެ ބައްދަލު ކުރެއްވުމުގައި ވެސް އަބްދުލް މަޖީދު ރަންނަބަނަޑޭރި ކިލެގެފާނަކަށް ފިސްތޯލަ ވާހަކަ އައްސަވާކަށެއް ކެރިވަޑައެއް ނުގަތެވެ. ފިސްތޯލަ ބާއްވާފައި ވަޑައިގަންނަވާށޭ ވިދާޅުވާކަށް ބޭނުންފުޅެއް ނުވި އެވެ.

ހަގީގަތަކީ އޭނާގެ މުއްސަނދި ކަމުގެ ނުފޫޒު ގަދަކަމުން "ތިޔައީ މަނާ ކަމެކޭ ފިސްތޯލައެއް  ނުގެންގުޅެވޭނޭ" ވިދާޅުވުމުގެ ބަދަލުގައި އެއްވެސް އެއްޗެއް ވިދާޅު ނުވެ ހުންނެވުމެވެ. ރިޕޯޓްތައް އަންނަން ފެށުމުން  ކޮންމެ ފަހަރަކު ވެސް "ފިސްތޯލަ އަތުލައިދޭށޭ" އަތޮޅުވެރިންނަށް އަންގަވަނީ އެވެ.

ފިސްތޯލައެއް ހިއްޕަވައިގެން ދޮންމަނިކު އުޅުއްވާތާ ތިން އަހަރު ފަހުން އަނެއްކާވެސް ސަރުކާރުން "ބަޑިއެއް" ޖަހައިފި އެވެ. ތިން ވަނަ ފަހަރު ނެރެނީ މާ ގަދަ އަމުރެކެވެ. ގަދަކަމުން ނަމަވެސް، ވެވުނު ގޮތަކުން ފިސްތޯލަ އަތުލާފައި މާލެ ފޮނުވައި ދިނުމަށެވެ.

ސަރުކާރުގެ މި ގަދަ އަމުރާއެކު ދޮންމަނިކުގެ އަރިހަށް ފިސްތޯލަ ބަލައި އޭނާގެ ގެ، އެޅަހެށިގެއަށް ބައި ހައްދަވައިގެން ވަޑައިގަތީ އަތޮޅުގެ ހުރިހާ ވެރިން އެކީގަ އަވެ.

އެބޭފުޅުން ވަޑައިގެން އެވާހަކަ ދެންނެވުމުން ދޮންމަނިކު ވަކި ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް ފިސްތޯލަ ހިއްޕަވައިގެން ނުކުމެ ވަޑައިގަތެވެ.

"އެ ބޭފުޅުންގެ ކުރިފުޅުމަތީ ފިސްތޯލަ ހިއްޕަވައިގެން ނުކުންނަވައި އޭނާގެ ކަނބުރުގެއަށް ވެދެވަޑައިގެން ދަގަނޑުތަޅާ މީހާ އަތަށް ދެއްވާފައިވާ ވިދާޅުވީ މި އަލިފާނަށްލައި ރަނގަޅަށް ދޮން ކޮށް ދިޔައި ކުރުމަށް ފަހު ތަޅައި ހަތަރެސް ކަން ދަގަނޑު ކޮޅަކަށް ހަދާލައިދޭށޭ!،" ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމީހާ އަތަށް ފިސްތޯލަ ދެއްވައިގެން އަތޮޅުގެ ބޮޑުންގެ ހާޒިރުގައި ފިސްތޯލަ، ކުޑަކުޑަ ދަގަނޑު ކިއުބަކަށް ހެދުމަށް ފަހު ކަފަޔަށްލާ ރީތިކޮށް ހަތަރެސްކަނަށްވާ ގޮތަށް ޕާރްޝަލް ކުރެއްވުމަށް ފަހު އެ ދެއްވެވީ އަތޮޅުވެރިންގެ އަތްޕުޅަށް ކަމަށެވެ.

"އެ ގޮތަށް ހައްދަވާފައި އަތްޕުޅުގައި ހުރިއްޔާ ހުރި ވަޒަނާއެކު އަތޮޅުވެރިންގެ އަތްޕުޅަށް ދެއްވީ. ދެން ވިދާޅުވީ

މި ހިއްޕަވައިގެން ވަޑައިގެން އަބްދުލް މަޖީދު އަތްޕުޅަށް އަރުވާށެވެ! އަދި އަރިހުގައި ދަންނަވާށެވެ، އަބްދުލް މަޖީދުގެ އެއްޗެއް ފަނޑިޔާރު ތައްހާނުގެ ދޮންމަނިކު އަތަކު ނޯންނާނެ އެވެ،!"

Comments

Popular posts from this blog

Dhivehi Bas

ދިވެހިބަސް ދިވެހިންގެ ބަހަކީ ދިވެހި ގައުމިްޔަތުގެ އެއްބަޔެވެ. އެއާ މެދު ދިވެހިން ފަޚްރުވެރިވުން ހައްގު އެއްބައިވެސް މެއެވެ. އެހެންކަމުން ދިވެހިބަސް އުފެދިފައިވަނީ ކިހިނެއްކަމާއި އެބަހުގައި އެކުލެވިގެންވާ ބައިތައް އޮޅުންފިލުވުމަކީ ނުހަނު މަތީ  ދަރަޖައަކަށް ދިވެހިން ބޭނުންވެފައިވާ ކަމެކެވެ. އެހެންކަމުން ތިރީގައި އެވަނީ ދިވެހިބަހާބެހޭގޮތުން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ނެރެފައިވާ ލީފްލެޓެކެވެ. 

Mohamed Ameen's services to the nation

When Mohamed Ameen returned to Male' after studying abroad there was a committee drafting a constitution and king Shamsudeen appointed him, by royal letter, to that group. He was its youngest and most intelligent member. After numerous difficulties, the constitution was completed and it was formally approved on Thursday 23 Shauban 1351 (22 December 1932). Acting under the constitution, the king gave the Minister for Trade portfolio to Mohamed Ameen, and he performed well in accordance with the practices of the time. Shortly after the adoption of the constitution, a serious dispute began between the Borah traders and the government. The Borahs ceased trading, locked up their shops and occupied their mosque and their three shop-houses. The government declared martial law. The person in charge was chief minister Mohamed Fareed Didi, who was also minister of the askariya (militia). On the second day of martial law, a small protest was organised. Fifty people from Galolhu ward gathered

ރާއްޖޭގެ ފުރަތަމަ ވަޒަންވެރިން

ލިޔުނީ: ނަސީމާ މުހައްމަދު ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ މީހުން އައީ ދުނިޔޭގެ ކޮން ހިސާބަކުންކަން ޔަޤީންކަމާއެކު ހޯދުމަކީ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ހުރި މިންވަރަށް ބަލާއިރު އަދި ދަތިކަމެކެވެ. ފެންނަންހުރި އާސާރީ ހެކިތަކުން މިކަން ކަށަވަރުކުރެވޭކަށް ނެތެވެ. ރާއްޖެއަށް ފުރަތަމަ އައި މީހުން އުފެއްދި ތަކެއްޗަކީ، ދުނިޔޭގެ އެހެން ހިސާބުގެ އެވޭލާގައި އުޅެފައިވާ މީހުން، ޒަމާނަށް ދޫކޮށްފައިވާ ތަކެތި ފަދައިން، ގިނަ ދުވަހު ދެމިހުންނަ ތަކެއްޗެއް ނޫނެވެ. ފެންނަން ހުރި އާސާރުތަކަކީ މާފަހުގެ ތަކެތި ކަމަށް ދެންނެވިދާނެއެވެ. އެވޭލާގެ ދިވެހީންނާމެދު ދެކެވޭ ގިނަ ވާހަކަތައް ބިނާކުރެވިފައި ވަނީ، އަޅުގަނޑުމެންގެ ބަހާއި، އަކުރާއި، ބިމުން ނެގިފައިވާ އާސާރުތަކައި، އެކި ޒަމާނުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ޔަޤީންވެފައި ވަނީ، މިރާއްޖޭގެ ރަށްރަށުގައި މީހުން އުޅޭތާ، މަދުވެގެން 2،500 އަހަރު ވެދާނެ ކަމަށެވެ.