މުހަންމަދު ޖަވާދު ޔޫސުފު
ދުނިޔޭގެ ބޮޑުބާރުކަމަށްވާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޙަޤީޤީ ކުލައާއި ސޫރަ މިފަހަކަށް އައިސް ދުނިޔެއަށް ހާމަކޮށްދިން ޝަޚްސިއްޔަތަކީ ވިކިލީކްސް ވެބްސައިޓްގެ މުއައްސިސް ކަމަށްވާ އޮސްޓްރޭލިޔާގެ ޖޫލިޔާން އަސާންޖެވެ. އަސާންޖަކީ ކުޅަދާނަ ނޫސްވެރިއެކެވެ. އޭނާގެ ވެބްސައިޓް ކަމަށްވާ ވިކިލީކްސް އިން އެމެރިކާ ސަރުކާރުގެ ސިއްރު ލިޔުންތައް ފުރަތަމަ ދުނިޔެއަށް ބޭޒާރުކޮށްލީ މިއަހަރުގެ ފެބްރުއަރީ މަހުގެ އަށާވީސްވަނަ ދުވަހުއެވެ. އެދުވަހު އެމެރިކާ ސަރުކާރުގެ ސިއްރު ޑޮކިއުމަންޓްތަކެއް ވިކިލީކްސް ސައިޓްގައި ޝާއިޢުކުރުމާގުޅިގެން އެމެރިކާގެ ޤައުމީ މަސްލަޙަތަށް ކުރިމަތިވެދާނެ ނުރައްކާތަކެއް ހުރިތޯ ބެލުމަށް ކޮންގްރެސްއިން ނިންމިއެވެ. އަދި މިކަމުން ކުރިމަތިވެދާނެ ގެއްލުންތަކަކުން އެމެރިކާ ސަލާމަތްކުރުމުގެ ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް ޓެރަރިޒަމާބެހޭ ޚާއްސަ ތަޖްރިބާކާރެއް ކަމަށްވާ ރަސަލް ޓްރައިފަޒްއާ ރައީސް ބަރަކް އޮބާމާ ޙަވާލުކުރެއްވިއެވެ.
ވިކިލީކްސްގެ ޝާއިޢު ކުރުންތަކާގުޅިގެން އެމެރިކާގެ ސިޔާސީ ބައެއް ފަރާތްތަކުން ގޮވާލަމުން ދިޔައީ އެވެބްސައިޓްގެ މުއައްސިސް ޖޫލިޔާން އަސާންޖް ހައްޔަރުކުރުމަށެވެ. އަނެއްބައި ފަރާތްތަކުން ގޮވާލީ ޝަރީޢަތްވެސް ކުރުމަކާނުލާ އަސާންޖް ވަގުތުން މަރާލުމަށެވެ. ވިކިލީކްސްގައި ޝާއިޢުކުރި އެމެރިކާގެ ސިއްރު ލިޔުންތަކުން ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންދާ މިންވަރާއި ޑިމޮކްރަސީގެ އުސޫލުތަކަށް ތަބާނުވެ އެއުސޫލުތަކަށް އެމެރިކާ ގޮންޖަހަމުންގެންދާ މިންވަރު ދުނިޔެއަށް ހާމަވިއެވެ. ވިކިލީކްސްގައި އެންމެފަހުން ޝާއިޢުކުރި ސިއްރު ލިޔުންތަކުންވަނީ ޚުދު ރަޙްމަތްތެރި ޤައުމުތަކާމެދުވެސް އެމެރިކާ މުޢާމަލާތްކުރާ ހަޑިހުތުރުގޮތްތައް ބޭޒާރުވެފައެވެ. ރަޙްމަތްތެރިންގެ ގޮތުގައި އެމެރިކާ ފާހަގކުރާ ޢަރަބި ބައެއް ލީޑަރުންނާމެދު ފަރުދާގެ އަނެއްފަރާތުން އެމެރިކާ މަލާމާތްކުރާ ގޮތްތަކާއި އެފަރާތްތަކުގެ ނާޖާއިޒު ފައިދާ އެމެރިކާ ނަގަމުންދާ މިންވަރާއި އެމެރިކާއަކީ އަމިއްލައެދުމުން ފޯވެގެންވާ ޤައުމެއްކަން މިލިޔުންތަކުން ސާފުވެގެންދިޔައެވެ.
ވިކިލީކްސްގެ ލީކުކޮށްލުންތަކާއެކު އެމެރިކާއަށް ބަރޯސާވާ ކުޑަ ޤައުމެއް ކަމަށްވާ ސްވިޑްން އިން އެމެރިކާއަށް ހަމްދަރްދީވެ ވިކިލީކްސްގެ މުއައްސިސް ޖޫލިޔާން އަސާންޖް ހިފައި ހައްޔަރު ކުރުމުގެ އަމުރެއް އެންޓަރޕޯލް މެދުވެރިކޮށް ނެރުނެވެ. އަސާންޖް ހައްޔަރުކުރުމުގެ އަމުރު ނެރުނީ އޭނާ ޖިންސީ ޖަރީމާއެއް ހިންގިކަމަށްބުނެ ތުހުމަތުތަކެއް ކުރުމަށްފަހުގައެވެ. ސުވާލަކީ މިއީ އެމެރިކާގެ ރޭވުމެއް ނޫން ބާވައެވެ؟ އަސާންޖްގެ ފަރާތުން ޖިންސި ގޯނާތަކެއް ލިބުނުކަމަށްބުނާ ދެއަންހެނުންގެ ފަހަތުގައާ އަދި ޚުދު ސްވިޑްންގެ ސަރުކާރުގެ ފަހަތުގައި އެމެރިކާ ވެދާނެކަމަށް ޝައްކު ކުރާނެ ޖާގައެބައޮތްކަމަށް ގިނަބަޔަކު ދެކެއެވެ. ނޫސްވެރިކަމުގެ ޕްރޮފެޝަންގައި ޤައުމެއްގެ ޤާނޫނާ ޚިލާފް ނުވިނަމަވެސް މިނިވަން ނޫސްވެރިޔާ އަސާންޖްގެ ޖާނާއި ފުރާނައަށް މިހާރުވަނީ ނުރައްކާވެފައެވެ. ސްވިޑްންގެ އެދުމުގެ މަަތިން އިނގިރޭސި ފުލުހުން އަސާންޖްވަނީ ހައްޔަރުކޮށްފައެވެ
.
އެމެރިކާގެ ބާރުގަދަ އެންޕެއަރ ލަދުގަންނަވާލައި އެމެރިކާގެ ޙަޤީޤީ ސޫރަ ދުނިޔެއަށް ހާމަކޮށްދިން އޮސްޓްރޭލިޔާގެ ނޫސްވެރިޔާ ޖޫލިޔާން އަސާންޖަކީ ކޮންކަހަލަ ޝަޚްސިއްޔަތެއް ހެއްޔެވެ؟ އަސާންޖަކީ އިންވެސްޓިގޭޝަން ޖާނަލިޒަމަށް ލޯބިކުރާ އަދި އިންޓަރނެޓަށް ދެވިހިފާފައިވާ ނޫސްވެރިއެކެވެ. ސްކޫލް ދައުރުގައި އަސާންޖް އެންމެ ކިޔަވާހިތްވީ ފިޒިކްސްއާއި މެތަމެޓިކްސްއެވެ. 1971 ގައި އޮސްޓްރޭލިޔާގެ ކްވިޒްލޭންޑަށް އުފަންވި އަސާންޖް ޢަމަލީ ޙަޔާތަށް ނުކުތީ 1990 އިގެ އަހަރުތަކުގައި އިންޓަރނެޓާއި އިލެކްޓްރޯނިކްސްގެ ދުނިޔޭގައި ހެކްކުރުންފަދަ ކަންކަމަށް ލޯބިކުރާ ޕްރޮގްރާމަރެއްގެ ގޮތުގައެވެ. މިފަދަ ފަރާތްތަކާއެކު އަސާންޖް މަސައްކަތްކޮށް ތަޖްރިބާހޯދިއެވެ. އަދި މިކަމާބެހޭ ރީސާޗްތަކުގައި އޭނާ ވަގުތު ހޭދަކޮށްފައިވެއެވެ. 1999 ގައި "ލީކްސް ޑޮޓް އޮގް" ގެ ނަމުގައި އާސާންޖް ވެބްސައިޓެއް އުފެއްދިއެވެ. ނަމަވެސް މިވެބްސައިޓުން އާއެއްޗެއް ނެރެވިފައެއް ނުވެއެވެ. އެއަށްފަހު 2003 އާއި 2006 އާ ދެމެދު އޮސްޓްރޭލިޔާގެ ބައެއް ޔުނިވަރސިޓީތަކުގައި ފަލްސަފާއާއި ނާވް ސައެންސްގެ ރޮނގުން އޭނާ މަތީ ތަޢްލީމް ޙާސިލްކުރިއެވެ. އަސާންޖް ވިކިލީކްސް ވެބްސައިޓް އިފްތިތާޙްކުރީ 2006 ގައެވެ. އޭގައި އިންޓަރނެޓާއި އިލެކްޓްރޯނިކްސްގެ ދުނިޔެއިން ސިއްރު މަޢްލޫމާތުތައް ހޯދައިގަތުމުގައި އޭނާ ގެންގުޅޭ ފަލްސަފާ ޝަރަޙަ ކޮށްދީފައިވެއެވެ
.
އަސާންޖްގެ މިފަލްސަފާގެ ދަށުން އޭނާގެ ވެބްސައިޓުން ފުރަތަމަ ބޭޒާރުކޮށްލީ ކެންޔާގައި ފަނޑިޔާރުންތަކެއް މަރާލި މައްސަލައެއްގެ ސިއްރު ލިޔުންތަކަކާއި ހުޅަނގުގެ ބައެއް ޤައުމުތަކުން އެފްރިކާގެ ބައެއް ޤައުމުތަކުގައި ކެމިކަލް ދަގުއިތަކެއް ވަޅުލި ކަމުގެ ސިއްރު ލިޔުންތަކެކެވެ. މި ސިއްރު ލިޔުންތައް ހޯދައިގަތުމަށްފަހު މިޖަރީމާތަކުގެ މަޢްލޫމާތު ބޭޒާރުކޮށްލުުމުން ބައިނަލްއަޤްވާމީ ފެންވަރުގެ ދެ އިނާމެއް އަސާންޖަށް ލިބުނެވެ. އެއީ އިކޮނޮމިސްޓް މަޖައްލާއިން ނާއި އެމްނަސްޓީ އިންޓަރނޭޝަނަލްގެ ފަރާތުންނެވެ. އަސާންޖަކީ އަނިޔާވެރިކަމާއި ނުބައި ކަންތައްތައް ބޭޒާރުކުރާހިތްވާ ނޫސްވެރިއެއް ކަމުން މިދެއިނާމުން އިތުރު ހިއްވަރެއް ލިބިގެން ދުނިޔޭގެ އަނިޔާވެރި ޤައުމުތަކުގެ ޢަމަލުތައް ބޭޒާރުކުރުމުގެ އިތުރު މަސައްކަތްތަކެއް އޭނާ ފެށިއެވެ. މިގޮތުން މިދިޔަ އެޕްރީލްމަހު އެެމެރިކާގެ އަބާޗޭ ހެލިކޮޕްޓަރަކުން ޢިރާޤުގެ ނޫސްވެރިންތަކަކަށް ގަސްދުގައި ޙަމަލާދޭ ވީޑިޔޯއެއް ހޯދައި ގަތުމަށްފަހު އެވީޑިޔޯ ވިކިލީކްސްގައި ޝާއިޢުކުރިއެވެ. އެއަށްފަހު ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ ހިންގަމުންގެންދާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތަކުގެ ސިއްރު ވީޑިޔޯތަކާއި ސިއްރު ޑޮކިއުމެންޓްތައް އިލެކްޓްރޯނިކްސް ވަސީލަތްތައް ބޭނުންކޮށްގެން ހޯދައިގަތުމުގެ މަސައްކަތް މެކުހަށްޖަހައިގެން ކުރިޔަށް ގެންދިޔައެވެ. އަދި ޢިރާޤުގައި އެމެރިކާ ހިންގާ އަނިޔާވެރި ޢަމަލުތަކާއި ލާއިންސާނީ ޖަރީމާތަކުގެ އެތަށް ހާސް ސިއްރު ލިޔުންތަކަކާއި ޔައުމިއްޔާ ނުވަތަ ޑައިރީތައް ހޯދައި އެތަކެތި އޭނާގެ ވިކިލީކްސް ވެބްސައިޓްގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޝާއިޢު ކުރަމުން ގެންދަންފެށިއެވެ. އަސާންޖް އެމެރިކާ ސިފަކުރަނީ އަނިޔާވެރި އެންޕެއަރއެއްގެ ގޮތުގައެވެ. މިނިވަން ނޫސްވެރިޔާ އަސާންޖާއި އޭނާ ސިފަކުރާ އެމެރިކާގެ އަނިޔާވެރި އެންޕެއަރ އާ ދެމެދު ހިނގަމުންދާ ހަނގުރާމައަކީ މިނިވަންކަމާއި އަޅުވެތިކަމުގެ ހަނގުރާމައެއް ކަމަށް އޭނާގެ ސަޕޯޓަރުން ދެކެއެވެ. އަސާންޖް ހައްޔަރުކުރިނަމަވެސް އޭނާގެ ވަކީލުން ބުނަމުން ގެންދަނީ އެމެރިކާއާއި އެމެރިކާގެ ގޮނޑިކޮއްކޮއިންދެކެ އޭނާ ބިރު ނުގަންނަކަމަށާއި ދެން ޝާއިޢުކުރާނީ ދުނިޔޭގެ މާލީ ބާޒާރާއި ވިޔަފާރީގައި އެމެރިކާ ހިންގާ ސިއްރު ކަންތައްތަކާއި ބޮޑެތި ކުންފުނިތަކާއި އެމެރިކާއާ ދެމެދު ހިންގާ ސިއްރު މުޢާމަލާތްތަކާބެހޭ ލިޔުންތައް ކަމުގައެވެ. އަސާންޖްގެ މިއިންޒާރުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކާއި މާލީ އިދާރާތައްވަނީ ކަންބޮޑުވެފައެވެ.
Comments