މަސްގަން އަގާމެދު ހިތްހަމަ ނުޖެހިގެން ރައްޔިތުން ނުކުމެ ރަށު އޮފީހާ ކޯޓް ހިސާރުކޮށްފި.
މަސްގަންނަ އަގާމެދު ހިތްހަމަ ނުޖެހިގެން ރައްޔިތުން ނުކުމެ ރަށު އޮފީހާއި ކޯޓް އިއްޔެ (3/8/2009 ) ހިސޯރުކޮށްފި އެވެ.
އިއްޔެ 7:30 އެހާއިރު ރައްޔިތުން ނިކުމެ އޮފީހާއި ކޯޓް ހިސޯރުކުރީ ހޮނިހިރު ދުވަހު މަސަގަންނަ އަގަށް ގެނައި ބަދަލާއި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ޚަރަދުތައް ދެކޮޅު ނުޖެއްސީތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ.
މަސަކިލޯއެއް 3.5 ރ އަށް ވިއްކައިގެން 80 ފޫޓާއި 85 ފޫޓްގެ ބޮޑެތި ދޯނިފަހަރުގައި ، ބޮޑެތި އިންޖީނު އަޅައިގެން މަހަށް ދިއުމަކީ ޚަރަދުތައް ދެކޮޅު ޖެއްނޭނެ ކަމެއް ނޫން ކަމަށެވެ.
އޮފީސް ގޭޓް ކުރިމަތީގައި ޖޯލިފަތިތައް ބަހައްޓައި، މަސްވެރިންގެ ޝުޢޫރުތައް ބެނާތަކުގައި ލިޔެފައި ވެއެވެ.
މަސްވެރިން ފާޅުކޮށްފައިވާ ޝުއޫރުތަކުގައި ވެއެވެ. "ތެޔޮ އަގުބޮޑުވި ފަދައިން މަހުގެ އަގުވެސް ބޮޑުކޮށް، ދިރި އުޅުމުގައި އެންމެނަށް ހަމަ ހަމަ ފުރުޞަތު ތަކެއް ދީ"
އިހަވަންދޫގެ ރައޔިތުންނަކީ މަސްވެރިކަމުގެ މައްޗަށް ދިރިއުޅުން ބަރޯސާވެފައިވާ ބައެކެވެ. މަސްވެރިކަން ހީނަރުވެ، އަތްމަތި ދަތިވެފައިވާތާ ގިނަ ދުވަސްތަކެއް ފަހުން މަސްވެރިކަން ރަގަޅުވަމުން އަންނަ މިދަނޑިވަޅުގައި ، މަހުގެ އަގުދަށްވެ ތެލުގެ އަގުބޮޑުވުމަކީ ތަހައްމަލް ކުރަން ދަތި ވޭނެއް ކަމަށް ރައްޔިތުން ސިފަކުރެއެވެ. އަދި އެއީ ރައްޔިތުންގެ ޖީބުތައް ހުސްވެފައިވާ ވަގުތެއްގައި ރިހޭފައިމައްޗަށް ފޮއި ވެއްޓުން ފަދަ ކަމެކެވެ.
އެވރެޖްކޮށް ދުވާލަކު 3 ފީފާ ތެޔޮ މަހަށް ފުރަން ބޭނުންވެއެވެ. އެއީ ދުވާލަކަށް ގާތްގަނޑަކަށް -/5000ރ އެވެ.
ރައްޔިތުންގެ ހިތް ހަމަ ނުޖެހުންތަކާއި އެކު އިއްޔެއާއި މިއަދުވެސް އެއްވެސް ދޯންޏެއް މަހަށް ނުފުރައެވެ.
އެސް.ޓީ.އޯ އިން ޑީސަލް ލިޓަރެއް ވިއްކާ އަގަކީ 8.05ރ އަށެވެ. ކުރިން ވިއްކަމުން އައީ 7.60ރ އަށެވެ.
ދުނިޔޭގެ ބާޒާރުގައި ސާފުކުރި ޑީސަލް ފީފާއެއްގެ އަގު 72 ޑޮލަރުން 76 ޑޮލަރަށްވަނީ އުފުލިފައެވެ.
Comments