އަޖަލުހަމަވެ ދެލޯމަރާލަން ވަގުތު އައިސްޖެހިދާނެތޭ
މަޖަލުގައި ކުރިހާ އުފާތައް ވަތަކުތޯ ޖެހިދާ ނެތޭ
ދުނިޔެދޫކޮށް މަރުވުމަށްފަހު ކުޅަ އެހުރިހާ އަމަލުތައް
އުނިއިތުރު ނެތި ބައްލަވާނޭ މިކަމުގައި ޝައްކެއް ނެތޭ
ހެޔޮއަމަލު އެގޮތުން ނުބައިހުރިހާ އަމަލަކަށްވެސް ޖަޒާ
ދެއްވަ ވާނޭ މާތް އިލާހީ ހަޟްރަތުން ބަހުސެއް ނެތޭ
ރަގަޅުގޮތުގައި ހޭދަކުރިނަމަ ދުނިޔަވީ ވަގުތީ ހަޔާތް
ފަޚުރުވެރި މާތް ސުވަރުގޭގައި ދާއިމަށް ލައްވާނެތޭ
ހަމަތެދެއް ދުނިޔޭގެ ދަޅަޔަށް ހެއްލި އެގޮތުންގެއްލިދާ
ނަފުސުތައް ނަރަކައިގެ ހޫނުން އަނދައަނދާ ހުންނާ ނެތޭ
މަރު ވުމަށްފަހު ދެވަނަ ފަހަރަށް ދެންމިވަގުތީ މަންޒިލަށް
ކަށަވަރޭ ނުފޮނުއްވަ ވާނޭ (އެކަކުވެސް) އޮޅުމެއް ނެތޭ
ބަދުނަސީބުވެރިން އެދުވަހުން ތިބެ އެދިލަގަދަ ހޫނުގައި
އަބަދު ވެސް ދެމި ދާއިމަށް ހިތި ކަރުނަތައް އޮއްސާނެތޭ
ހެޔޮލަފާ ތަޤުވާވެރިން އުފަލާ އަރާމުގެ ދާނުގައި
ދެމިތިބޭ މަންޒަރު ވަރަށް ހިތްގައިމު އެގޮތުން ވާނެތޭ
މިއަދު މިހަޤީގަތްޤަބޫލު ނުކޮށް އުޅޭހާ މީސްތަކުން
މިބުނިބަސްތައް އެދުވަހުން ތެދުކޮށް ޤަބޫލު ކުރާނެތޭ
މިހުރިހާ ޚަބަރެއް ކަލާމުﷲ މާތް ޤުރުއާނު ގައި
ކަނޑައަޅާ ތަފްސީލުކޮށް އެންގެވި! އެއީމަތިވެރިފޮތޭ
Comments